ދިވެހި މަސްވެރިން މަސްވެރިކަމުގައި: އެންސިސް އިން މިދިއަ 20 އަހަރު ވަނީ ދިވެހި މަސް ދުނިޔޭގެ ބާޒާރުތަކަށް ފޮނުވަން ބޮޑެތި މަސައްކަތްތަކެއްކޮށްފައި

އެންސިސްއަށް 20: އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި މަހަށް ދުނިޔޭގެ ބާޒާރު ފުޅާކޮށްދިނުން

ބޭރު ކުންފުންޏެއްގެ އެޖެންޓެއްގެ ގޮތުން މަސައްކަތް ފެށި އެންސިސްއަކީ މިއަދު ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު މަސް ކުންފުނި
19 ފެބްރުއަރީ 2022
2

މީގެ 20 އަހަރު ކުރިން 2002 ގައި، އެންސިސް ފިޝަރީޒް ކިޔާ ކުޑަކުޑަ ކުންފުންޏެއް އުފެއްދީ މާ ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވުމުގެ އުއްމީދަކު ނޫނެވެ. އެއީ އޭރު ރާއްޖޭގައި ލޯންގް ލައިން މަސްވެރިކަން ކުރަން އުޅުނު ޖަޕާން ކުންފުންޏެއްގެ ދިވެހި އެޖެންޓެވެ. އެއް ހިއްސާދާރު އަބްދުލް ވާހިދުގެ ބަހުން ނަމަ "އެމީހުންގެ ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމާއި ނަގަން ޖެހޭ ހުއްދަތައް ނެގުން ކަހަލަ ކަންކަމެ"ވެ.

ނަމަވެސް ދިވެހި އެޖެންޓެއްގެ ހައިސިއްޔަތުން އަދި އެހާމެ ކުދިކުދި މަސައްކަތްކުރަމުން އައި އެންސިސް މިއަދު، އޭގެ 20 އަހަރު ފަހުން، މި ވަނީ މަސްވެރިކަމުގެ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ކުންފުންޏަށް ބަދަލުވެފަ އެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. އަދި މިއީ އާދައިގެ މަސައްކަތެއްގެ ވާހަކައެއް ވެސް ނޫނެވެ. އެއަށް ވުރެ އެންސިސްގެ ސަބަބުން ދިވެހި މަސްވެރިކަމަށް ހުޅުވުނު ދޮރުތައް ގިނަވެފައި، ދުނިޔޭގެ މުއްސަނދި ބައެއް ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ރެސްޓޯރެންޓްތަކަށް، ދިވެހި މީރު މަސް، ތާޒާކަމާ އެކު ގެންގޮސްދިނުމަކީ، ގައުމީ ގޮތުން ވެސް ފާހަގަކުރެވޭނެ ހިދުމަތެކެވެ.

އެންސިސްގައި ހިމެނެނީ ތިން ހިއްސާދާރުންނެވެ. މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ ވާހިދެވެ. އޭނާގެ އަނެއް ދެ ބައިވެރިންނަކީ މުހައްމަދު ވަސީމާއި އަބްދުﷲ ސައީދެވެ. އިއްޔެ ފާހަގަކުރި 20 ވަނަ އަހަރީ ދުވަހު، އެންސިސްއިން ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖްގައި، ތިން ޑައިރެކްޓަރުންގެ ހިނިތުންވުމުގެ ފޮޓޯއަކާ އެކު، ކުންފުނީގެ ކާމިޔާބު ސިފަކުރީ، "ގަބޫލުކުރަން ވެސް ދަތި، އެކުވެރި ގުޅޫމެއްގެ"ގެ ގޮތުގަ އެވެ.

އެންސިސްއަށް އިއްޔެ 20 އަހަރު ފުރުމުން އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓްގައި، ތިން ހިއްސާދާރުން ކަމަށްވާ (ކަނާތުން ވާތަށް)، އަބްދުﷲ ސައީދު، މުހައްމަދު ވަސީމް އަދި އަބްދުލް ވާހިދު

ހުޅުމާލޭގެ ހިތްގައިމު ސެންޓްރަލް ޕާކް ތެރޭގައި ނެގި ފޮޓޯއާ ހިސާބަށް ތިން ބޭފުޅުންނަށް ވަޑައިގެންނެވުނީ، އެންސިސްގެ ކުރިއެރުމަށް ބަލާ އިރު، ކުޑަކުޑަ މަސައްކަތަކުންނެއް ނޫނެވެ. ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުން އޭރު ރާއްޖޭގައި ލޯންގް ލައިން މަސްވެރިކަން ކުރި ހަތަރު ވަރަކަށް ކުންފުނީގެ ތެރެއިން ޖަޕާން ކުންފުނި، ހަތަރު އަހަރަށް ފަހު، ރާއްޖޭގައި އެ މަސައްކަތް ހުއްޓާލި އެވެ.

"އޭރު އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް މިކަން ކުރަންވާ ގޮތް އޮތީ އެނގިފައި،" އެޖެންޓް ކަމުން އަމިއްލަ މަސައްކަތެއްގެ ގޮތުން މަސްވެރިކަމުގެ ތެރެއަށް ވަންނަން ނިންމި ގޮތް ކިޔައިދެއްވަމުން، ވާހިދު ވިދާޅުވި އެވެ.

"މިކަން ހިނގާ ގޮތާއި މަސް އެކްސްޕޯޓްކުރުމާއި މި ކަހަލަ ކަންކަމުގެ ކޮންމެވެސް ވަރެއްގެ ނޮލެޖެއް އަޅުގަނޑުމެންނަށް [އެ ހަތަރު އަހަރު ތެރޭގައި] ލިބުނު. ދެން އަޅުގަނޑުމެން ނިންމީ ކޮންމެވެސް ވަރަކަށް އެކަން ކުރިއަށް ގެންދަން."

އެންސިސް ފެށިއިރު، 2006 ހިސާބުގައި

  • 3: ފުލްޓައިމް މުވައްޒަފުން

  • 10: އާންމުކޮށް މަސް ކިރުވި ދޯނިފަހަރުގެ އަދަދު

  • 10-20 މެޓްރިކް ޓަން: މަހަކު އެކްސްޕޯޓްކުރި މަހުގެ މިންވަރު

އެންސިސް މިހާރު

  • 750: މުވައްޒަފުންގެ އަދަދު

  • 300: މަސްކިރާ ދޯނިފަހަރު

  • 700-800 މެޓްރިކް ޓަން: މަހަކު އެކްސްޕޯޓްކުރާ

އެކަމަކު އެ 'ކޮންމެވެސް ވަރަކީ' މިހާރު ވާސިލްވެވިފައި ތިބި ހިސާބު ކަމަކަށް އޭރު ހިއެއް ވެސް ނުކުރެ އެވެ. އެކަހަލަ އުއްމީދެއް ވެސް އެންސިސްގެ ނެތެވެ. ހަމައެކަނި ބެލީ ބޮޑުކަންނެލީގެ މަސްވެރިކަމުގެ ތެރެއަށް ދިވެހި މަސްވެރިން ވެސް ވަދެފައި ތިބުމާ އެކު، 'ކޮންމެވެސް ވަރަކަށް' މަސްކޮޅެއް އެކްސްޕޯޓްކުރެވިދާނެ ކަމަށެވެ.

އެންސިސްއިން އަމިއްލައަށް މަސް ގަނެ، އެކްސްޕޯޓްކުރަން 2006 ހިސާބުގައި ފެށިއިރު ތިބީ އެންމެ ތިން މުވައްޒަފުންނެވެ. މަސް ކިރުވަނީ އެންމެ 10 ދޯންޏަކުންނެވެ. ބޮޑުކަންނެލީގެ މަސްވެރިކަން ކޮންޓްރޯލްކުރީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިންނެވެ.

ރަނގަޅު ފެންވަރެއްގައި ކަންނެލި ބަންދުކޮށް، ބޭރަށް އެކްސްޕޯޓްކުރާނެ އިންތިޒާމް ހަމަޖައްސަން ވެސް ފައިސާ ބޭނުންވެ އެވެ. އެއީ ވެސް އިންވެސްޓްމަންޓެކެވެ. އެންސިސްގެ ހިއްސާދާރުން އެ ފައިސާ ލިބޭތޯ ގައުމީ ބޭންކް، ބީއެމްއެލްއަށް ވެސް ދިޔަ އެވެ. ބީއެމްއެލް އިން އޭރު ޖަވާބު ދިން ގޮތް މިހާރު ވެސް ވާހިދުމެންގެ ހިތުން ފިލައިގެންނެއް ނުދެ އެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މަސްވެރިކަމަކީ ވަރަށް ގެއްލުން ބޮޑު ވިޔަފާރިއެކޭ، އެހެންވެ ލޯން ދޭކަށް ހުއްދައެއް ނުލިބޭނޭ،" ވާހިދު ވިދާޅުވި އެވެ.

ދިވެހި މަސްވެރިކަމުގެ ތަރައްގީއަށް އެންސިސްއިން ކޮށްދޭ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިދިއަ އަހަރުގެ މަސްވެރިންގެ ދުވަހު ސަރުކާރުން ދިން ހަނދާނީ ފިލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން، އެންސިސްގެ ޗެއާމަން މުހައްމަދު ވަސީމް ލިބިގަންނަނީ

އެންސިސްއަށް މަގެއް ހޯދައިދިނީ އޭރު ހިންގަމުން އައި އެޗުއެސްބީސީންނެވެ. ކަންނެލި ބަންދުކުރާ ފެކްޓަރީއެއް ހަދަން ހުޅުމާލެއިން ނެގި ބިމުގައި ފެކްޓަރީ ހެދުމަށް ފަހު އެތަން މޯގޭޖްކުރަން ޝަރުތުކޮށް، އެޗުއެސްބީސީން އެންސިސްއަށް ލޯނެއް ދިނެވެ.

"އަސްލު އެއީ އިތުބާރުގެ މައްޗަށް އެޗްއެސްބީސީން ކޮންދިން ކަމެއް. މޯގޭޖްކުރާނެ އެއްޗެއް ނެތީމާ އަޅުގަނޑުމެން ބުނިން ފެކްޓަރީ ހަދާފައި އެތަން މޯގޭޖްކުރާނިއްޔޭ. އެގޮތަށް އެއްބަސްވެ އެ ފައިސާ ލިބުނީ،" ވާހިދު ވިދާޅުވި އެވެ.

ވާހިދުގެ ނަޒަރުގައި 2007 އިން 2010 އަށް އެންސިސް ކުރިއަރަމުން ދިޔައީ "ވަރަށް އާދައިގެ ގޮތެއްގަ" އެވެ. އޭގެ އެއް ސަބަބަކީ ބޭނުންވާ ވަރަށް ފުޅާކުރަން ފައިސާގެ ދަތިތައް ހުރުމެވެ. އެކަމަކު ދެން ފެނުނީ، އޭނާ ވިދާޅުވި ގޮތުގައި، ކުންފުނީގެ ވަރަށް ކާމިޔާބު އަހަރުތަކެކެވެ.

"އަޅުގަނޑުމެންނަށް 2011 އިން 2016 އެއީ ކުންފުނި ވަރަށް ރަނގަޅަށް ދިޔަ ފަސް އަހަރު. ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު،" ވާހިދު ވިދާޅުވި އެވެ.

މިއަދު އެންސިސްއަކީ ދުނިޔޭގައި އެންމެ ގިނަ ކަސްޓަމަރުންނަށް މަސް ފޯރުކޮށްދޭ ދިވެހި ކުންފުންޏެވެ. އެގޮތުން ގާތްގަނޑަކަށް 50 ފަރާތަށް ދިވެހި މަހުގެ އެކި އުފެއްދުންތައް އެންސިސްއިން އެކްސްޕޯޓްކޮށްދެ އެވެ. މިއަދު އެންސިސްގައި 750 މުވައްޒަފުން މަސައްކަތްކުރެ އެވެ. ބޮޑުކަންނެލި ބަންދުކުރާ ފެކްޓަރީގެ އިތުރުން ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީއެއް ވެސް ވަނީ ހަދައިފަ އެވެ.

ދިވެހި މަހަށް މާކެޓް ހޯދައިދިނުން، އެންމެ ބޮޑު ހިތްހަމަޖެހުން

އެންސިސް އިން ގަބޫލުކުރާ ގޮތުގައި މިދިއަ 20 އަހަރުގެ ތެރޭގައި ކުންފުންޏަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ރެސްޓޯރެންޓްތަކަށް ވެސް ދިވެހި މަސް، އެ ތާޒާކަމާ އެކު  ގެންގޮސްދިނުމެވެ. ދުނިޔޭގެ އެތައް ބަޔަކަށް ދިވެހި މަހުގެ ރަހަ އަބަދުވެސް ލިބޭނެ ގޮތަށް، މަހުގެ އެކި އުފެއްދުންތައް ފޯރުކޮށްދިނުމެވެ.

"ނިއު ޔޯކްގައި ހުންނަ އެންމެ މަތީ ފެންވަރުގެ ރެސްޓޯރެންޓްގެ ކަސްޓަމަރުންނަށް ދިވެހި މަސް ކާން ލިބުމަކީ، އަޅުގަނޑަށް ހީވަނީ އެންސިސްގެ ވަރަށް ބޮޑު ކާމިޔާބީއެއްހެން، އެއީ އަޅުގަނޑުމެންނަށް އެކަންޏެއް ނޫން، ރާއްޖެއަށް ވެސް،" ވާހިދު ވިދާޅުވި އެވެ.

"އެ ކަސްޓަމަރުން އެހާ ހިތްހަމަޖެހޭ ރާއްޖޭގެ މަސް ކާން ލިބޭތީ. އެއީ ރާއްޖޭގައި މަސްވެރިކަން މި ކުރަނީ ވަރށް ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް. އެއީ ވަރަށް ބޮޑު އަގެއް."

އެންސިސްގެ ދަޅުމަސް ބަންދުކުރާ ފެކްޓަރީ 9 ޑިސެމްބަރު 2021 ގައި ހުޅުއްވައިދެއްވުމަށް ފަހު ރައީސް ސޯލިހު އެތަން ބައްލަވާލައްވަނީ

ވާހިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދަން އަދި ދިވެހި މަހުގެ އަގު ހިފަހައްޓަން އެންސިސް އިން ކުރި އަދި ކުރަމުން އަންނަ މަސައްކަތް ހިމަނަން ޖެހޭނީ ކުންފުނީގެ ކާމިޔާބީގެ ތެރޭގަ އެވެ. އެންސިސް ނެތް ނަމަ ދިވެހި މަހަށް އެ ވަރުގެ ބާޒާރެއް ނުލިބުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔޫރަޕާއި އެމެރިކާއިން ދިވެހި މަހަށް މާކެޓް ހޯދައިދިނުމުގައި އަޅުގަނޑުމެން [އެންސިސް]ގެ ރޯލު އެންމެ ބޮޑު ރޯލަކީ. އެންސިސްއިން އެއްވެސް ކަމެއް ނުކުރާ ނަމަ ދުނިޔޭގައި އެގޮތަށް ރާއްޖޭގެ މަހަށް ޖާގަ ހޯދަން މަސައްކަތްކުރާނެ ބަޔަކު ނޯންނާނެ،" ވާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ މަސައްކަތްކުރެވޭތީ އަސްލު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިއަދު."

އެ ކާމިޔާބީގެ ފަހަތުގައި އޮތީ ކޮންމެ ދުވަހަކު ވެސް އޮފީހަށް ނުކުމެ، ކޮންމެ ދުވަހަކު ވެސް އެދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމެވެ. މި ޖުމްލަ ފުރިހަމަކޮށްދެއްވަމުން ވާހިދު ވިދާޅުވީ އެއީ "ކޮންމެ ދުވަހަކު ވެސް ހިތްވަރާ އެކު ކުރާ މަސައްކަތް" ކަމަށެވެ.

ކޮމެންޓް (2)

ޖުމާނާ

19 ފެބްރުއަރީ 2022
ބެންކުން ތިދިން ޖަވާބު މިހާރުވެސް ބައިވަރު މީހުންނަށް ދޭ< ވާޙިދުމެން ބެންކެއްހަދަން މަށަށް ފެންނަނީ. އޭރުން ބޭންކިންގ ސެކްޓަރ ވެސް ކުރިއަރާނީ. މިހާރު ބޭންކިން ސެކްޓަރ އޮތީ ވަކި ބައެއްގެ އަތް ދަށުވެސް. ޓޮޕް ލެވެލްގައި ތިބި މީޙުން ރިޓަޔާރ ކުރާކަށް ބޭނުމެއްނުވޭ. ހިހޫ ތަނުން ކާލައިގެން ތިބެން ބޭނުންވަނީ.
3 0

މުޙައްމަދު

24 ފެބްރުއަރީ 2022
@ޖުމާނާ ރަނގަޅު ވާހަކައެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް