ރާއްޖޭގެ ކަނޑުގެ 945 މީޓަރު އަޑިން މަޑު މިޔަރެއް ވެނެއް ކާލަން މަސައްކަތްކުރަނީ (ކ) އަދި 490 ފުނުގައި ބޮއްމަހެއް ގުޑާ ވެސް ނުލައި (ވީޑިއޯ/ނެކްޓަން އަދި އެމްއެމްއާރުއައި)
ދިވެހި ފުން ކަނޑުގެ މި ސިއްރުތައް ބަލައިފޫހިނުވާނެ
މުހައްމަދު ޝިމާލް ޓްވީޓްކުރި ދެ ފޮޓޯ އިން ފެންނަނީ ހުވަދު އަތޮޅުގެ 500 މީޓަރު އަޑި އެވެ. އެއީ މީގެ ކުރިން ރާއްޖެއިން ފެނި، ރެކޯޑްކުރެވިފައި އޮތް ފަދަ މަންޒަރަކަށް ނުވާނެ އެވެ.
ފުން ކަނޑުގައި ހޭދަކުރި ހަތަރު ގަޑިއެއްހާ އިރު ތެރޭ ޝިމާލް ހަމަ ލޮލުން ދުށް މަންޒަރުތަކުގެ ތެރެއިން އާއްމުންނަށް ދައްކާލީ ރާއްޖޭގެ ކަނޑުއަޑީގެ ބިންގަނޑުގެ "ޗާލު ސިފަތަކުގެ" ތެރެއިން ތަންކޮޅެކެވެ.
މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެއާރުއައި)ގެ މެރިން ބަޔޮލޮޖިސްޓް ޝިމާލްއަކީ ރާއްޖޭގެ ކަނޑުއަޑި ފުރަތަމަ ފަހަރަށް 1،000 މީޓަރާ ހަމައަށް ބެލުމަށް ކުރިއަށް ގެންދާ ދިރާސާގެ ބައިވެރިއެކެވެ. އޭނާ ހިމެނެނީ، މީހުން ގޮވައިގެން ފުން ކަނޑަށް ދިޔުމަށް އުފައްދާފައިވާ ހާއްސަ އުޅަނދެއްގައި ތިބެގެން ކަނޑުއަޑި ހޯދާބަލައި މައުލޫމާތު އެއްކުރާ އެ މިޝަންގައި ފީނާ 10 ދިވެހިންގެ ތެރޭގަ އެވެ.
ރާއްޖޭގެ ކަނޑުގެ 30 މީޓަރަށް ވުރެ އަޑި މާ ބޮޑަކަށް ބެލިފައެއް ނެތެވެ. އާއްމުކޮށް ފީނުމުގެ ހުއްދަ ނެތް ނުވަތަ ފުޅި އަޅައިގެން ފީނާފައި ނުދެވޭހާ ފުން ހިސާބުތަކުގެ މާ ގިނަ މަންޒަރުތަކެއް ނެގިފައެއް ވެސް ނެތެވެ. އެކަމަކު އިނގިރޭސިވިލާތުގެ ޖަމްއިއްޔާ ނެކްޓަންގެ މި ދިރާސާއާ އެކު އެކަން ބަދަލުވަމުން އަންނަ އިރު، އޭގެ ކުޑަކުޑަ މިންވަރެއް ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ވެސް ފެނި، ސިފަވާން ވަނީ ފަށައިފަ އެވެ. ނެކްޓަންއިންނާއި އެމްއެއާރުއައިއިން އަދި މި މިޝަންގައި ބައިވެރިވާ އެކުއަނޯޓުން ސޯޝަލް މީޑިއާއަށް ލަމުން ގެންދާ ފޮޓޯ އާއި ވީޑިއޯ އާއި ތަޖުރިބާތަކުންނެވެ.
އެއީ ރާއްޖޭގެ ކަނޑުއަޑީގެ 200-1،000 މީޓަރު ސަރަހައްދު ނުވަތަ ޓްވައިލައިޓް ޒޯނުގެ ފުރަތަމަ މަންޒަރުތަކެވެ. ފުރަތަމަ ވާހަކަތަކެވެ.
-
ވީޑިއޯ - ކަނޑުއަޑީގެ ދިރާސާ ފެށުން
945 މީޓަރު: މަޑު މިޔަރާއި ބުއްދިވެރި ވެން
މިޔަރު ވަގުވަގަށް އައީ ވެން ބައިގަނޑަށް ކަޅި އަޅަމުންނެވެ. ކިސަޑުގަނޑުމަތިން ބޮނދަމުން ގޮސް ނޭފަތް މައްޗަށް ހެޔޮވަރުކޮށްލި ވެން، އަނގަ ހުޅުވާލި ގޮތަށް އެތެރެއަށް ވައްދާލީ ކާލާނަމޭ ހިތަ އެވެ. އެކަމަކު ހިމަ ދިގު ވެން އެއަށް ވުރެ މާ ހުޝިޔާރެވެ. މިޔަރުގެ ކަރުތާފަތުގެ ތެރެއިން ބޭރަށް ދެމިގަތީ އެވެ.
ނެކްޓަންގެ އޮމެގާ ސީމާސްޓާ II އުޅަނދުގެ އެކުއަނޯޓުން ކަނޑުގެ 945 މީޓަރު އަޑިން (ބެލެވޭގޮތުގައި ލ. އަތޮޅުގެ ބޭރު) ނަގާފައިވާ އެ ވީޑިއޯ އިން ފެންނަ ގަދަ އަޅިކުލައިގެ ޝިކާރަވެރިޔަކީ މަޑު މިޔަރެކެވެ.
ފިޝަރީޒް މިނިސްޓްރީގެ ދަށުން ކުރިން ހިންގި މެރިން ރިސާޗު ސެންޓަރުން (މިހާރު އެމްއެމްއާރުއައި) 1997ގައި ނެރެފައިވާ 'ދިވެހިރާއްޖޭގައި އުޅޭ މަހުގެ މައުލޫމާތު' ފޮތުގައި މަޑު މިޔަރު ސިފަކޮށްފައި ވަނީ "ދިވެހިން އޭގެ މައްޗަށް ހާއްސަ މަސްވެރިކަމެއް ކޮށްގެން" ބާނާ އުޅުނު، "ރާއްޖޭގެ މަސްވެރިން ދަންނަ މަޝްހޫރު" ބާވަތެއްގެ ގޮތުގަ އެވެ. ސަބަބަކީ ދިވެހިން އޮޑިދޯނިފަހަރަށް އެޅުމަށް މަޑު މިޔަރުގެ މޭގަނޑުގެ ތެޔޮ ބޭނުންކުރަމުން ގެންދިޔުމެވެ.
ޓްވިޓާއިން ނެކްޓަންގެ ވީޑިއޯ ބެލި އެކަކުގެ ވާހަކައަކަށްވީ ވެސް، "އޮޑި ދޯނިފަހަރަަށް އަޅާ ތެޔޮ ހާނަން މި މަޑު މިޔަރުގެ މޭގަނޑު ވަރަށް ފައްކާވާނެ" ކަމެވެ. ނަމަވެސް ރާއްޖޭގައި މިޔަރު ބޭނުމަކީ މިހާރު މަނާ ކަމެކެވެ.
ފޮތުގައި ބުނެފައިވާ ގޮތުގައި ބުރަކަށި މަތީގައި އެންމެ އުރަހައެއް ހުންނަ މަޑު މިޔަރު އާއްމުކޮށް އުޅެނީ 91 މީޓަރަށް ވުރެ ފުނުގަ އެވެ. ނަމަވެސް 1،875 މީޓަރު ފުނުގައި ވެސް މަޑު މިޔަރު އުޅެދާނެ އެވެ. އަދި އެ ބާވަތުގެ ޅަ މިޔަރު އަތޮޅާ ގާތުގައި އުޅެ އެވެ.
"މަޑު މިޔަރަކީ ބިޔަ ބަރުހެލި ހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. މިޔަރުގެ ލޯ ކުޑަ އެވެ. ބޯ ފަތިވެފައި އަނގަމަތި ވަށްވާނެ އެވެ،" ގާތްގަނޑަކަށް 4.8 މީޓަރަށް ބޮޑުވާ ކަމަށް ބެލެވޭ މަޑު މިޔަރާ ބެހޭގޮތުން ފޮތުގައި ލިޔެފައިވެ އެވެ.
މަޑު "މިޔަރުގެ ތިރީ ހިރުގަނޑުގައި ހަ ބަރިއަށް އެތުރިފައިވާ ދަތްތަކެއް ހުރެ އެވެ."
490 މީޓަރު: ބޮއްމަހުގެ އާދަޔާހިލާފު ބެލުން
ގާތަކެއްގެ މަތީގައި 'މޮއްގަނޑު ޖަހައިގެން' އޮތީ ބޮއްމަހެކެވެ. އޭތީގެ އުރަހަތައް، ފައިތަކެއް ފަދަ އެވެ.
އޮރެންޖު ކުލައަކަށް ދާ ލައްތަކެއް ހުރި އާދަޔާހިލާފު މި މަސް އަކުއަނޯޓުންނަށް ފެނުނީ 490 މީޓަރު އަޑިންނެވެ.
'ދިވެހިރާއްޖޭގައި އުޅޭ މަހުގެ މައުލޫމާތު' ފޮތުގައި، ބޮއްމަސް އާއިލާގެ ތިން ވައްތަރެއް ހިމަނާފައިވެ އެވެ. ކުލަ ބޮއްމަސް، މާ ބޮއްމަސް އަދި ހުއިފަތު ބޮއްމަހެވެ. ނެކްޓަންގެ މިޝަންގައި މި ފެނުނު ބޮއްމަސް ކުލަ ބޮއްމަހަކާ ވައްތަރެވެ. އެއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ.
ކަޅިޖަހާ ނުލައި ކެމެރާއާ ދިމާލަށް ބަލަހައްޓައިގެން ގަބުވެފައި އެ އިން ގޮތަށް ބޮއްމަސް އިނީ އެވެ. ވިހި ސިކުންތުގެ ވީޑިއޯ ފެށިގެން ނިމެންދެން ހިރި ވެސް ނުލަ އެވެ.
ހަގީގަތުގައި އެއީ އޭތީގެ ތޮބީއަތެވެ. މަހުގެ މައުލޫމާތު ފޮތުގައި ބުނެފައިވާ ގޮތުގައި ކުލަ ބޮއްމަހަކީ "ކަނޑުގެ އަޑީބައިގައި އުޅޭ ވަރަށް ހަރަކާތް މަދު ފޮއްމަހެކެވެ."
ފަހަރުގައި ބޮއްމަސް އެ އިނީ ކަމަކަށް ހުޝިޔާރުވެގެންނެވެ. ފޮތުގައި ކުލަ ބޮއްމަހާ ބެހޭގޮތުން އިތުރަށް ލިޔެފައިވެ އެވެ: "މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ހުންނަ ތިން ހަރުކަށި ހުރެ އެވެ. ފުރަތަމަ ކަށި އެހެނިހެން މަސްމަހާ ހިލާފަށް ވަދެއްގެ ގޮތަށް އުފެދިފައި ހުރެ އެވެ. މި ވަދުން އެހެން ކުދި މަސްމަހާމެހި އޭގެ ކައިރިއަށް ގެނުވާ ފަދަ ކުދި ލުއްކިތަކެއް ޖަހާ މަސް ގާތްވުމުން މަހުގެ މައްޗަށް ވާގޮތަށް ހުންނަ ބޮޑު އަނގައިން ކާނާ އެކުގައި ޝިކާރަކޮށްލަ އެވެ."
"މިއީ އާދަޔާ ހިލާފަށް މޮޅަށް އެސޮރު އުޅެމުންދާ މާހައުލާ އެއްގޮތަށް މަހުގެ ކުލަ ބަދަލުކުރާ މަހެއްކަމުން އަޑިއަށް ފީނާއުޅޭ މީހުންނަށް ވެސް މިބާވަތުގެ މަސް އަޑީގައި އުޅެނިކޮށް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ،" ފޮތުގައިވެ އެވެ.
600 މީޓަރު: މިޔަރަށް ކަމުނުދިޔަ ކެއުން
ދިހަ މީޓަރުގައި ވީޑިއޯ ކެމެރާ ކައިރިއަށް އައި ނިދަން މިޔަރު ކެމެރާގެ އާލާތުން އެންކޮޅެއް ކާލި އެވެ. އެކަމަކު 600 މީޓަރު އަޑިން ކާން އައި މިޔަރަށް، ލިބެންހުރި ކެއުން ކަމުދިޔަހެނެއް ހިއެއް ނުވެ އެވެ. ދެ ފަހަރަކު އާލާތާ ގާތްވެލުމަށް ފަހު ކިސަޑުގަނޑު ބުރުވާލާފައި ބާރުބާރަށް ނައްޓާލީ އެވެ.
ނުހަނު ޝައުގުވެރި، ތާރީހީ މި މަންޒަރުތަކަކީ މި ދިރާސާގައި އެއްކުރާނެ ކަމަށް ބެލެވޭ އެތަކެއް ބައިވަރު މައުލޫމާތުތަކުގެ ކުޑަ މިންވަރެކެވެ. ނެކްޓަން އިން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ފުން ކަނޑު ޗާޓުކޮށް، އެ ހިސާބުތަކުގެ ދިރުންތައް ހޯދާބަލައިގެން ކަނޑުގެ ސިއްހަތު ދެނެގަތުމަށް ކުރާ މަސައްކަތެކެވެ. އަދި މަގްސަދަކީ ރާއްޖެ އާއި އެހެން ތަންތަނުގައި ވެސް ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންތެރި މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ. ދިރާސާގެ ފުރަތަމަ ނަތީޖާތައް އަންނަ އަހަރުގެ ކުރީކޮޅު ނެރެން ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ފީނުމުގެ ހުއްދަ އޮންނަ 30 މީޓަރަށް ވުރެ ފުން ހިސާބުތަކެއް އާއްމު ޑައިވަރުންނަކަށް ނުފެންނާނެ އެވެ. އަދި އަލިކަން ފަނޑު، ފިނި ޓްވައިލައިޓް ޒޯނަކީ ދުނިޔޭގައި ވެސް އަދި އެހާ ބޮޑަށް ބަލައިހޯދިފައިވާ ފުންމިނެއް ނޫނެވެ. ނަމަވެސް އެކަން ހާސިލްކޮށްފައިވާ ނިސްބަތުން މަދު ސައިންސްވެރިންގެ ތެރޭގައި ދިވެހިން ވެސް މިހާރު މިވަނީ ހިމެނިފަ އެވެ.
ފުން ކަނޑުގެ މަސްތަކާއި އެހެނިހެން ދިރުންތަކުގެ ގިނަަގުނަކަމާއި ތަފާތުކަން ބަަލައިލުމުގެ ފުރުސަތު ޝިމާލްގެ ޓްވީޓްގައި ސިފަކުރީ "ހާއްސަ ޑައިވްއެއް"ގެ ގޮތުގަ އެވެ. އޭނާއަށް ހުވަދޫގެ ހިކިފަސްތަނެއްގައި ދުވަހަކު ވެސް ފައި ޖައްސާލެވިފައި ނެތަސް، އެ އަތޮޅުގެ 500 މީޓަރު އަޑިއަށް ފީނާލެވުމުގެ ހާއްސަކަމެވެ. ޝިމާލް ދެކޭގޮތުގައި މި މިޝަންގެ ހޯދުންތަކަކީ ރާއްޖޭގެ ފުން ކަނޑުގެ ދިރުންތަކާއި ބިންގަނޑުގެ ސިފަތައް އިތުރަށް ދިރާސާކުރުމުގެ ޝައުގުވެރިކަން އުފައްދައި، ދިވެހި ދިރާސާވެރިންނަށް މުޅިން އާ ދާއިރާއެއް ހުޅުވައިދޭނެ މައުލޫމާތުތަކަކަށް ވާނެ އެވެ.
ކޮމެންޓް (3)
މުހައްމަދު
ބަރޭ މަސްވެރި
މޫސާ