ސީ. ފިނިފެންމާ: އަލަށް ރާއްޖެ އިން ފެނި، ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ނަން ދީފައިވާ އާ ބާވަތެއްގެ މަހެއް. (ފޮޓޯ/ޔީ-ކައި ޓީ)
ސީ. ފިނިފެންމާ: ދިވެހި ލަފުޒަކުން ދިވެއްސަކު ނަންކީ ފުރަތަމަ މަސް
ރާއްޖެ އިން 90ގެ އަހަރުތަކުގައި އެ މަސް ފުރަތަމަ ފެނުނު އިރު ނިންމާފައި އޮތީ ނުބައިކޮށެވެ. އެއީ ހިކާގެ މުޅިން އާ ވައްތަރެކެވެ. އަށްޑިހައިގެ އަހަރުތަކުގައި ޗާގޯސް އިން ފެނުނު މަހެއް ނޫނެވެ.
އޮސްޓްރޭލިއާ އާއި އެމެރިކާގެ ތިން ސައިންސްވެރިޔަކާއި ދިވެހި ސައިންސްވެރިޔެއްގެ ދިރާސާ އަކުން، އެތައް އަހަރެއްގެ އެ ކުށް ހީ ފިލުވާލައި، އާ ބާވަތެއްގެ ގޮތުގައި ކަނޑައެޅި ހިކާއަށް ނަން ކީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށެވެ. ފިޔާތޮށިކުލައިގެ އެ މަހުގެ ސައިންޓިފިކް ނަމަކީ 'ސިރިލަބްރަސް ފިނިފެންމާ' އެވެ.
'ޒޫކީސް' ޖާނަލްގައި އަންގާރަދުވަހު ޝާއިއުކޮށްފައިވާ ދިރާސާ އިތުރަށް ހާއްސަވާ ސަބަބަކީ އަލަށް ރާއްޖެ އިން ފެނުނު ކަނޑުގެ ދިރުމެއް އާ ސްޕީޝީސްއެއްގެ ގޮތުގައި ކަނޑައަޅައި ނަން ދިނުމުގެ ސައިންޓިފިކް މަސައްކަތުގައި ދިވެހި ދިރާސާވެރިއަކު ވެސް ރަސްމީކޮށް ބައިވެރިވުމެވެ. ރާއްޖެ އިން ފެނުނު މަހެއް އާ ބާވަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ދިރާސާއެއް ލިޔުމުގައި ބައިވެރިވި ފުރަތަމަ ދިވެއްސަކީ މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި)ގެ ބަޔޮލޮޖިސްޓް އަހުމަދު ނަޖީބެވެ.
"ރާއްޖޭގެ ގައުމީ މަލަކީ ފިޔާތޮށި ފިނިފެންމާ ކަމަށް ވާތީ އެއާ ގުޅުވާފައި މި މަހުގެ ކުލަވަރަށާއި ހުޅުނބު ހުންނަ ގޮތަށް ބިނާކޮށް ފިނިފެންމާ ކީ. މުޅި ޓީމުން ވެސް ބޭނުންވި ގޮތަށް ދިވެހި ބަހުން ނަމެއް ކިޔުމުގެ ގޮތުން އެ ނަން ކީ،" ނަޖީބު ރޭ 'ދައުރު'އަށް ވިދާޅުވި އެވެ.
ނަޖީބު ފާހަގަކުރެއްވިގޮތުގައި މިއީ ދިވެހި ބަހުގެ ލަފުޒަކުން ނަން ކީ ފުރަތަމަ މަސް ވެސް މެ އެވެ. އޭނާ ވިދާޅުވިގޮތުގައި ރާއްޖެއާ ގުޅުވައިގެން މީގެ ކުރިން ދެ މަހަކަށް ނަން ދީފައިވެ އެވެ. އެއީ އެމްއެމްއާރުއައިގެ ކުރީގެ ޑިރެކްޓަރު އަހުމަދު ހާފިޒަށް ނިސްބަތްކޮށް 'ހާފިޒީ'ގެ ނަމާއި މިފަހުން ލ. އަތޮޅުން ފެނުނު މަހަކަށް 'ލާމު' އަކުރު ހިމަނައިގެން ދިން ނަމެވެ.
ސީ. ފިނިފެންމާ ހޯދި ސައިންސްވެރިން އެ މަހުގެ އާއްމު ނަމެއްގެ ގޮތުގައި ކަނޑައެޅީ 'ރޯޒް ވެއިލްޑް ފެއަރީ ރަސް' އެވެ.
މި ކޮލަބޮރޭޝަންގެ ދަށުން ރާއްޖެއަށް ވަރަށް ބޮޑު ފަހުރެއް މި ލިބެނީ. ދެން ފެނުނު އަށް ސްޕީޝީސްގެ ދިރާސާތަކުގައި ވެސް ދިވެހި ސައިންޓިސްޓުން ބައިވެރިކޮށްގެން ދިވެހިވަންތަ ދިވެހި ނަންތަކެއް ދީގެން ކުރިއަށް ގެންދާ ގޮތަށް ރޭވިފައި އޮތީ،"
ރާއްޖެ އިން ހިފައިގެން ބޭރަށް ވިއްކާ، ނޭނގެނީ އާ މަހެއްކަން
ސީ. ފިނިފެންމާއަކީ ރާއްޖޭގައި އުޅޭކަން އެނގޭ އަދި ހިފަމުން ވެސް ދާ މަހެކެވެ. ނަޖީބު ވިދާޅުވިގޮތުގައި ބޭރުގެ އެކުއޭރިއަމްތަކަށް މަސް އެކްސްޕޯޓްކުރާ ފަރާތްތަކުން މި ބާވަތުގެ މަސް ގިނަ އަދަދަކަށް ހިފައި ވިއްކަ އެވެ. އެކަމަކު އޭނާ ވިދާޅުވީ 40-70 މީޓަރު އަޑީގައި އުޅޭ ކުޑަ މި މަސް 40 މީޓަރަށް ވުރެ ތިލައިން މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
ރާއްޖޭގައި އާއްމުކޮށް ފީނާ އުޅެވެނީ 30 މީޓަރަށެވެ. އެހެންކަމުން އާއްމު ދިވެހި ޑައިވަރުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް މި މަސް ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. މަސް ފެންނާނީ އެކުއޭރިއަމް ވިޔަފާރިއަށް އެކްސްޕޯޓްކުރަން މަސް ހިފާ ފަރާތްތަކަށާއި އެ ނޫން ވެސް ހާއްސަ ކަންކަމުގައި ފުނަށް ފީނާ މީހުންނަށެވެ. އޭގެ އިތުރުން، ނަޖީބު ވިދާޅުވިގޮތުގައި، ޓޭންކުތަކުގައި ކުދި މަސް ގެންގުޅޭ މީހުންގެ މެދުގައި ވެސް މި މަސް މަޝްހޫރެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް އުޅޭ އިރު ވެސް، ސީ. ފިނިފެންމާއަކީ ސައިންސަށް މުޅިން އާ މަހެއްކަން ނޭނގި އޮތީ، ޗާގޯސް އިން ފެނިގެން 1983ގައި 'ސިރިލަބްރަސް ރުބްރިސްކުއާމިސް'ގެ ނަން ދިން މަހާއި މި މަހަކީ އެކައްޗެއް ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ. އެއީ ކުށް ހީއެއް ކަމަށް ޝައްކުވާން ފެށީ ކަނޑުއަޑީގެ ވީޑިއޯއަކަށް އަރާފައި ހުރި މަހެއް ތަފާތުކަން ފާހަގަކުރެވިގެންނެވެ. އެއާއެކު ރާއްޖޭގައި މި އުޅެނީ މުޅިން އާ ބާވަތެއް ކަމަށް ބެލެވި، ކުރިން ދެނެގަނެވިފައިވާ ބާވަތްތަކުގެ ސްޕެސިމެން އެކި ދާރުލްއާސާރުތަކުން ހޯދައި ދިރާސާކުރި އެވެ. އަދި ރާއްޖެ އިން އާ މަސް ހިފައި އޮސްޓްރޭލިއާއަށް ފޮނުވައިގެން ޑީއެންއޭ އެނަލިސިސް ހެދި އެވެ.
ޗާގޯސް އިން ފެނުނު މަހަކީ ސީ. ރުބްރިސްކުއާމިސް ކަމަށް ކަނޑައަޅާފައި އޮތީ ޅަ އެންމެ އެއްޗަކަށް ބިނާކޮށެވެ. ސީ. ފިނިފެންމާގެ ދިރާސާގައި ސައިންސްވެރިން ވަނީ ޅަ މަހާއި ބޮޑެތި މަސް ވެސް ތަފްސީލްކޮށް ބަލައިފަ އެވެ. ބޮޑެތި ފިރިހެން މަހުގެ ކުލަ އާއި މައިބަދައިގެ ދިގުމިނާއި މަހުގެ އެކި ހިސާބުތަކުގައި ހުޅުނބު ހުންނަ އަދަދު ފަދަ ކަންކަން ދެނެގަތެވެ. ސީ. ފިނިފެންމާއަކީ މުޅިން އާ ސްޕީޝީސްއެއް ކަމަށް ނިންމީ އެ މައުލޫމާތުތަކާއި ޖެނެޓިކް ހޯދުންތައް ސީ. ރުބްރިސްކުއާމިސްގެ ސްޕެސިމެންއާ އަޅާކިޔުމަށް ފަހުގަ އެވެ.
ދިރާސާ ނިމުނު އިރު ކަށަވަރުވީ، ނަޖީބު ވިދާޅުވިގޮތުގައި، މިއީ މިހާތަނަށް ރާއްޖެ އާއި ސްރީ ލަންކާ ފިޔަވައި އެހެން ތަނަކުން ފެނިފައި ނުވާ މަހެއް ކަމެވެ. ކުރީގެ ކުށް ހީއަށް ބިނާކޮށް ބެލެވިފައި އޮތީ ފުޅާ ސަރަހައްދަކަށް މި މަސް ފެތުރިފައި އޮތް ކަމަށެވެ.
"މި ހޯދުމަށް ބަލާ އިރު ޗާގޯސްގައި މި މަސް އުޅޭ ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނެތް. މި ދިރާސާ އިން ދައްކާގޮތުން ރާއްޖެ އާއި ލަންކާގެ ފުން ހިސާބުތަކުން އެކަނި މީތި މި ފެންނަނީ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އަންޑަސްޓޭންޑިންއެއް މި ލިބުނީ އޭތި އުޅޭ ސަރަހައްދާ ބެހޭގޮތުން،" ނަޖީބު ވިދާޅުވި އެވެ.
އާ ބާވަތެއް ކަމަށް އަދި ކިރިޔާ ކަނޑައެޅި ނަމަވެސް މިހާރު ވެސް މި މަސް މާ ގިނައިން ހިފަމުންދާ ކަމުގެ އިންޒާރު ދިރާސާވެރިން ދެއްވަ އެވެ. ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވާސިޓީ އޮފް ސިޑްނީގެ ޕީއެޗުޑީ ދަރިވަރު ޔީ-ކައި ޓީ ބަޔާނެއްގައި ވިދާޅުވިގޮތުގައި ސީ. ފިނިފެންމާ ހިފާ މިންވަރު އެންމެ ނުރައްކާތެރި ދަރަޖައަށް އަދި ގޮސްފައި ނުވިޔަސް، މަހަކަށް ސައިންޓިފިކް ނަމެއް ދިނުމުގެ ވެސް ކުރިން އެ މަސް ވިޔަފާރިއަކަށް ވެފައި ވުމަކީ ކަންބޮޑުވުމެކެވެ.
ސީ. ފިނިފެންމާ ފާހަގަވުމުގެ މުހިއްމުކަމާ މެދު ކައި ވިދާޅުވީ، އާ ސްޕީޝީސްތައް ދެނެގަތުމަކީ ދިރޭތަކެތި ހިމާޔަތްކުރުމާއި ބަޔޯޑައިވާސިޓީ މެނޭޖުކުރުމަށް ކިހާ މުހިއްމު ކަމެއްކަން މި ހޯދުމުން ވެސް އެނގިގެންދާ ކަމަށެވެ.
ރާއްޖޭގެ ފުން ހިސާބުތަކުން އިތުުރު 8 ސްޕީޝީސް
ސީ. ފިނިފެންމާ ދެނެގަތީ ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސްގެ 'ހޯޕް ފޯ ރީފްސް' ޕްރޮގްރާމުން އެމްއެމްއާރުއައިއާ ގުޅިގެން ކުރަމުން އަންނަ ދިރާސާތަކެއްގެ ތެރެއިންނެވެ. އެ ދިރާސާގެ ފުރަތަމަ ޑައިވްތަކުގައި މިފަހުން ވަނީ މީގެ ކުރިން ރާއްޖޭގައި ބަލާފައި ނުވާހާ ފުން ހިސާބުތައް ސާވޭކޮށްފަ އެވެ. އެއީ 50-150 މީޓަރު އަޑީގެ ތަންތަނެވެ.
އެ ޑައިވްތަކުން ފެނުނީ ސީ. ފިނިފެންމާ އެކަންޏެއް ނޫނެވެ. ސައިންސަށް މުޅިން އާ ކަމަށް ބެލެވޭ އިތުރު އަށް ސްޕީޝީސްއެއް ވެސް ފެނުނެވެ.
"ރާއްޖޭގެ މިކަހަލަ ސައިންޓިފިކް މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް މިއީ. މިކަހަލަ ގްރޫޕްތަކާ އެކީގައި މަސައްކަތްކުރީމަ ކެޕޭސިޓީ ބިލްޑިން އާއި މި ލިބޭ ނޮލެޖާއި އަންޑަސްޓޭންޑިން ބޮޑަށް ވަރުގަދަވެގެންދާކަން ފާހަގަކުރެވޭ،" ނަޖީބު ވިދާޅުވި އެވެ.
"މި ކޮލަބޮރޭޝަންގެ ދަށުން ރާއްޖެއަށް ވަރަށް ބޮޑު ފަހުރެއް މި ލިބެނީ. ދެން ފެނުނު އަށް ސްޕީޝީސްގެ ދިރާސާތަކުގައި ވެސް ދިވެހި ސައިންޓިސްޓުން ބައިވެރިކޮށްގެން ދިވެހިވަންތަ ދިވެހި ނަންތަކެއް ދީގެން ކުރިއަށް ގެންދާ ގޮތަށް ރޭވިފައި އޮތީ."
ކޮމެންޓް (1)
މުޙައްމަދު