ބީއެމްއެލްއަށް 40 އަހަރު ފުރުމަށް މިރޭ ބޭއްވި ހަފްލާގައި ރައީސް ވާހަކަ ދައްކަވަނީ: އާންމުންގެ އިތުބާރު ދަމަހައްޓަން ބޭންކުން އިތުރަށް މަސައްކަތް ކުރަން ގޮވާލެއްވި (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ރައީސް ބޭންކަށް:'އެކައުންޓްތަކުގައި ހުންނަ ފައިސާއަށް ބޮޑަށް ރައްކާތެރިވޭ'

ރައީސް އެގޮތަށް އިލްތިމާސްކުރެއްވީއިރު ސްކޭމްތައް ގިނަވެ ބީއެމްއެލްގެ ބައެއް އެކައުންޓްތަކުން އެތައް މިލިއަން ރުފިޔާއެއްގެއްލިފައިވާ ވާކަމުގެ ޝަކުވާތައް ބޮޑުވެފައިވޭ
12 ޖެނުއަރީ 2023

ގައުމީ ބޭންކް، ބީއެމްއެލްގައި އާންމުން ފައިސާ ރައްކާކުރަނީ ނުވަތަ ޑިޕޮސިޓް ކުރަނީ ބޭންކަށް ވަރަށް ބޮޑު އިތުބާރެއް ކޮށްފައި ކަމަށާއި އާންމުންގެ އެކައުންޓްތަކުގައި ހުންނަ ފައިސާ މިހާރަށް ވުރެ ބޮޑަށް ރައްކާތެރި ކަމާ އެކު ބެލެހެއްޓޭނޭ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބީއެމްއެލްގެ މެނޭޖްމަންޓަށް މިރޭ ގޮވާލައްވައިފި އެވެ.

އެނގުން މުހިންމު - އާންމުން ރައްކާކޮށްފައި ހުންނަ ފައިސާ ބެލެހެއްޓުން ހަރުދަނާ ކުރަން ރައީސް މި ގޮވާލެއްވީ ސްކޭމްތައް ގިނަވެ ބީއެމްއެލްގައި ހުރި ބައެއް މީހުންގެ އެކައުންޓްތަކުން އެތައް މިލިއަން ރުފިޔާއެއް މިދިޔަ އަހަރުގެ ތެރޭގައި ގެއްލިފައިވާ ވާކަމުގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބުނީ ކީކޭ؟ - ބީއެމްއެލްއަށް 40 އަހަރު ފުރުމާ ގުޅިގެން މިރޭ ކްރޮސް ރޯޑްސްގައި ބޭއްވި ހަފްލާގައި ރައީސް ސޯލިހު ވިދާޅުވީ އެ ބޭންކުގެ އެންމެ ބޮޑު ވާޖިބަކަށް ވާން ޖެހޭނީ ބޭންކް އެކައުންޓްތަކުގައި އާންމުންނާއި ވިޔަފާރިވެރިން ބަހައްޓާފައި ހުންނަ ފައިސާ އަމާނާތްތެރިކަމާ އެކު ބަލަހައްޓައި އެ ފައިސާއަށް ރައްކާތެރިވުމަށް ކަމަށެވެ. އަދި ބީއެމްއެލްއަކީ ރައްޔިތުންގެ ފޮނި އުންމީދުތަކާ ގުޅިފައިވާ ބޭންކެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އާންމުންނާއި ވިޔަފާރިތަކުން ބޭންކަށް ކުރާ އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށެވެ. އެކަން ހާސިލްކުރުމަށް ރައީސް ގޮވާލެއްވީ ވިޔަފާރިތަކާއި އާންމުން ބޭންކުގައި ބަހައްޓާ ފައިސާ ރައްކާތެރި ކުރަން އިތުރު ފިޔަވަޅު އެޅުމަށެވެ.

"ވިޔަފާރިވެރިން ވެސް އަދި އާންމު ރައްޔިތުން ވެސް އެ މީހުންގެ ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ހަވާލުކުރަނީ ބޭންކާ މެދު ބޮޑު އިތުބާރެއް ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާ އެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ވާޖިބު، އެންމެ ބޮޑު ޒިންމާ. އެ އަމާނާތްތައް ރައްކާތެރި ކަމާ އެކު ބެލެހެއްޓުމަށް މިހާރަށް ވުރެ ވެސް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސާވާނޭ ކަމަށް އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

ބީއެމްއެލްއަށް 40 އަހަރު ފުރުމަށް މިރޭ ކްރޮސް ރޯޑްސްގައި ބޭއްވި ހަފްލާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ބީއެމްއެލް)

އިތުރަށް ބުނީ - އެމަނިކުފާނު ބީއެމްއެލްއަށް ދެން ކުރެއްވި އިލްތިމާސް އަކީ ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ބޮޑަށް ފަސޭހަވާނޭ ލުއި އިންތިޒާމްތަކެއް ހަމަޖެއްސުމަށެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ ހެދުމުގެ އުސޫލު މިފަހުން ހަރުކަށިކޮށްފައި އޮތް އޮތުން ލުއިކޮށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބީއެމްއެލް އާއި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އާންމުންނާއި ވިޔަފާރިވެރިން ބޭންކުގައި ބަހައްޓާ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާ އެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ވާޖިބު، އެންމެ ބޮޑު ޒިންމާ. އެ އަމާނާތްތައް ރައްކާތެރި ކަމާއެކު ބެލެހެއްޓުމަށް މިހާރަށް ވުރެ ވެސް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސަވާ

އިބްރާހިމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ

"ދާދި ފަހުން ތިބޭފުޅުން އިއުލާން ކުރެއްވި ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑަންޓުންގެ ޓީޓީ ލިމިޓްކުރުުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް. އެހެން ވީމާ، ސެންޓްރަލް ބޭންކް އެމްއެމްއޭ އާއި އަދި ބީއެމްއެލްއިން މިކަމާ ވިސްނަވާ މިދެންނެވި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަކީ ބޭންކުގެ ހިއްސާދާރުންނާއި ބޭންކުން ހިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް،" ވާހަކަ ނިންމާ ލައްވަމުން ރައީސް ވިދާޅުވި އެވެ. 

އާ އަހަރާ އެކު ބޭންކުތަކަށް އެމްއެމްއޭއިން އަންގާފައި ވަނީ ބޭރުގައި ކިޔަވާ ފަރާތްތަކަށް ހަދާ ޓީޓީތަކުގެ ތެރެއިން ރުފިޔާއިން ދެން ހެދޭނީ އޭލެވެލްއިން ފެށިގެން މަތީގެ ކޯސްތަކަށް ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށެވެ. 

'ދިވެހި އިގްތިސާދަށް ދިރުން ގެނައީ ބީއެމްއެލް'

ރައީސްގެ ވާހަކައިގައި އެމަނިކުފާނު ވަނީ ބީއެމްއެލްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ބަދަލުތައް ތަފްސީލްކޮށްދެއްވައިފަ އެވެ. ރައީސް ވިދާޅުވީ ބީއެމްއެލް އުފެއްދި ހިސާބުން ދިވެހިންނަށް މާލީ އެހީތެރިކަން ލިބޭނޭ މުޅިން އާ ދޮރުތަކެއް ހުޅުވިގެން އައި ކަމަށެވެ. ރައީސް ވިދާޅުވީ ޓޫރިޒަމާއި މަސްވެރިކަމަށް ބޮޑު ދިރުމެއް ލިބިގެން އައީ ބީއެމްއެލްގެ ލޯނުތަކުގެ ސަބަބުން ކަމަށެވެ. އަދި އުމްރާނީ ތަރައްގީގައި ވެސް ބޭންކުގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ:

  • މަސްވެރިކަމަށް ދޫކުރި ލޯނުތަކާ އެކު މަސްއޮޑި ފަހަރުގެ ފަށަންތައް 20 އިން 40 ރިޔަނަށް ބަދަލުވެގެން ދިޔަ. ރިޔަން ދޯނި ފަހަރު ދޫކޮށް ފައިބަރު އޮޑިތަކުގައި ރާއްޖެ އޮބައި މަސްވެރިން ކަންނެއްޔަށް ނުކުންނަން ފެށީ އެކަމުގެ ސަބަބުން

  • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސޯޓްތައް ހުޅުވުނީ ބީއެމްއެލްއިން އެ ރިސޯޓްތައް ތަރައްގީ ކުރަން ދިން ލޯނުތަކާ ގުޅިިގެން

  • މާލޭގެ ގޯތިތަކުގައި ބުރިބުރިއަށް އިމާރާތްތައް ހަދަން ފަށައި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެން އައީ ބޭންކުން ދިން ލޯނުތަކުގެ ސަބަބުން

"ބީއެމްއެލްގެ ކުރިން ވެސް ތިން ބޭންކެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އައި... ނަމަވެސް މުޖުތަމައަށް ލިބޭން ޖެހޭ ހަގީގީ މަންފާ ލިބެން ފެށީ ބީއެމްއެލްގެ ސަބަބުން. ބީއެމްއެލްގެ ހިދުމަތްތައް ފުޅާވުމާ އެކު އުމްރާނީ ތަރައްގީގެ ރޮގުން ކުއްލި ބަދަލު އަންނަން ފެށި،" ރައީސް ވިދާޅުވި އެވެ.

ބީއެމްއެލްއަށް 40 އަހަރު ފުރުމަށް މިރޭ ކްރޮސް ރޯޑްސްގައި ބޭއްވި ހަފްލާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވަނީ(ފޮޓޯ/ބީއެމްއެލް)

ކޮވިޑް-19ގައި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުގައި އިގްތިސާދު ހިފެހެއްޓުނީ ބޭންކުން ވެދިން އެހީތެރިކަމުގެ ސަބަބުންކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ ވިޔަފާރިތަކަށް އެހީތެރިވުމަށް ދޫކުރި ލޯނުތަކާއި ލޯނުދެއްކުމަށް އާންމުންނަށް ދިން ލުއިތަކުން އިގްތިސާދު ހިފަހައްޓައި ދިން ކަމަށެވެ. އެވަގުތު އިގްތިސާދަށް ބޭނުންވި މާލީ އެހީތައް ހޯދުމަށް ބީއެމްއެލްގެ ބޮޑު އެހީތެރިކަމެއް ލިބުނުކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލްއަކީ 1000 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުން ތިބި ބޭންކެއްކަން ފާހަގަ ކުރައްވައި ރައީސް ވަނީ ބޭންކުގެ ދިގު ތާރީހުގައި މުވައްޒަފުން ކުރެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެެފައިވާ ފަރާތްތަކާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ވެދޭ އެހީތައް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެއީ މުހިންމު އެހީތަކެއް ކަމުގައި ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް