މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައި (ފޮޓޯ/ބީއެމްއެލް)

ބޭންކުތަކަށް ޑޮލަރު ދޫކުރާ ވަރު މަދުވެ ދަރިވަރުންނަށް ފައިސާ ފޮނުވަން ބަދަލެއް

ބޭރުގައި ކިޔަވާ ފަރާތްތަކަށް ފައިސާ ފޮނުވަން ރުފިޔާއިން މީގެ ކުރިން ޓީޓީ ހެދުނު ނަމަވެސް އެ އުސޫލު މިހާރު ވަނީ އާ އަހަރާ އެކު ބަދަލުވެފައި
6 ޖެނުއަރީ 2023

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު މަދުކުރުމާ ވިދިގެން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ ހެދުމުގެ އުސޫލު ބޭންކުތަކުން ހަރުކަށިކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެމްއެމްއޭއިން ބޭންކްތަކަށް ފޮނުވި އީމެއިލްއެއްގެ ޒަރިއްޔާއިން އަންގާފައި ވަނީ: 

  • ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވަން ނުވަތަ ޓީޓީ ހެދުމަށް ދެން ޑޮލަރު ދޫކުރާނީ، އޭލެވެލްއިން ފެށިގެން މަތީ ފެންވަރުގެ ކޯސްތަކުގައި ކިޔަވާ ފަރާތްތަކަށް އެކަނި ކަމަށް

  • މީގެ ކުރިން ބޭރުގައި ކިޔަވާ ހުރިހާ ފަރާތްތަކަށް ވެސް ރުފިޔާއިން ޓީޓީ ހެދޭ؛ އެހެން ވަނީ އެމްއެމްއޭއިން އެ ޑޮލަރު ބޭންކުތަކަށް ފޯރުކޮށްދޭތީ

  • އެކަމާ ގުޅިގެން ގައުމީ ބޭންކް، ބީއެމްއެލްއިން މިހާރު ކަސްޓަމަރުންނަށް ވެސް ވަނީ އެ އެންގުން އަންގާފައި 

  • އޭލެވަލްއިން ފެށިގެން ދަށުގެ ކޯސްތައް ހަދާ ދަރިވަރުންނަށް ފައިސާ ފޮނުވާ ނަމަ، ދެން ޖެހޭނީ ފޮނުވަން ބޭނުން ފައިސާ ޑޮލަރުން ބޭންކުތަކަށް ދައްކަން 

މިކަމާ ގުޅިގެން ބޭންކުތަކަށް ގުޅި ނަމަވެސް އެ ފަރާތްތަކުން ޖަވާބެއް ނުލިބުނެވެ.

އެމްއެމްއޭގެ ބަސް - އެމްއެމްއޭއިން ބުނީ ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް އެމްއެމްއޭ އިން ބޭންކްތައް މެދުވެރިކޮށް ޑޮލަރު ފޯރުކޮށްދެމުން ދާނޭ ކަމަށާއި އެ އުސޫލު ދަމަހައްޓާނޭ ކަމަށެވެ.

"ވަކިވަކި ބޭންކްތަކުން ބޭނުންވާނަމަ އެ ބޭންކްތަކުގެ ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ ފުރުސަތު އެ ބޭންކްތަކަށް އަބަދުވެސް އޮންނާނެ،" އެމްއެމްއޭއިން ބުންޏެވެ.

އެނގުން މުހިންމު - މިއަހަރުގެ ބަޖެޓަށް އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ލަފާގައި ބުނެފައިވާ ގޮތުގައި ތަކެތީގެ އަގު ބާޒާރުގައި ބޮޑުވެ އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ބޭރު ފައިސާއިން ހުންނަ ރިޒާވަށް އެކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން މިއަހަރުގެ ތެރޭގައި ސަރުކާރުގެ ބޭނުންތަކަށް ދޫކުރާ ޑޮލަރު ދޫކުރުން މަދުކުރަން ޖެހިދާނޭ ކަމަށް އެ ލަފާގައި ބުނެފައިވެ އެވެ.

ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކި ޓީބިލަކާ އެކު ބޭނުން ކުރެވޭ ރިޒާވަށް ވަނީ 114 މިލިއަން ޑޮލަރު އިތުރުވެ 219 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް