އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު. އެ ބޯޓު އޮޕަރޭޓްކުރަން ދިވެހި ސިފައިންގެ ޕައިލެޓުން ތަމްރީނުކޮށްފައިވާ ކަމަށް އިންޑިއާ ސަފީރު މިއަދު ވަނީ ވިދާޅުވެފައި. (ފައިލް ފޮޓޯ/ އެމްއެންޑީއެފް)

އެމްއެންޑީއެފް

އިންޑިއާ އިން ދިން ޑޯނިއާ ބޯޓު ދުއްވަން ސިފައިންގެ ތިން ޕައިލެޓުން ތަމްރީނުކޮށްފި

އިންޑިއާ ސަފީރު ވިދާޅުވީ ޕައިލެޓުންގެ އިތުރުން، ޑޯނިއާއަށް ބޭނުންވާ ފަންނީ މީހުން ވެސް ތަމްރީނުކުރަމުން އަންނަ ކަމަށް
20 ސެޕްޓެމްބަރު 2021

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި ޑޯނިއާ މަތިންދާބޯޓު ދުއްވަން އެމްއެންޑީއެފްގެ ތިން ޕައިލެޓުން ތަމްރީނުކޮށްފައިވާ ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާ އިން ރާއްޖެ އަށް ޑޯނިއާ މަތިންދާބޯޓެއް ހަދިޔާކުރީ މިދިޔަ އަހަރު އެވެ. އެ ބޯޓު ދުއްވާނީ އިންޑިއާ ސިފައިންތޯ ނުވަތަ ދިވެހި ސިފައިންތޯ އެމްއެންޑީއެފް އިން ސާފުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް ބޯޓު ހަދިޔާކުރި ދުވަހު އިންޑިއާ އެމްބަސީން ބުނީ، އެ ބޯޓު އޮޕަރޭޓުކުރާނެ ދިވެހި ޕައިލެޓުންނާއި ޓެކްނިކަލް މީހުން އިންޑިއާ އިން ތަމްރީނު ހޯދަމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - ސަފީރު ސަންޖޭ ސުދީރު މިއަދު 'ދައުރު' ނޫހަށް ވިދާޅުވީ، އިންޑިއާގެ އެހީގައި ޑޯނިއާ ބޯޓު އޮޕަރޭޓްކުރަން ދިވެހި ސިފައިންގެ ތިން ޕައިލެޓުން މިހާރު ތަމްރީނުކޮށްފައިވާ ކަމަށެވެ.

"ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް، އެ ޕައިލެޓުން މިހާރު ވަނީ ރާއްޖެ އައިސްފައި،" އޭނާ ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ޕައިލެޓުންގެ އިތުރުން، ޑޯނިއާއަށް ބޭނުންވާ ފަންނީ މީހުން ވެސް ތަމްރީނުކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ ބަސް - މިކަމާ ގުޅޭ ގޮތުން 'ދައުރު' އިން ސުވާލުކުރުމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ، އެމްއެންޑީއެފްގެ ވަރަށް ގިނަ އޮފިސަރުން ވަރަށް ގިނަ ތަމްރީނުތައް ފުރިހަމަކުރަމުން އަންނަ ކަމަށާއި ޕައިލެޓުންގެ ތަމްރީނާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރަން އަދި ބޭނުން ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެނގުން މުހިންމު - އިންޑިއާ އެމްބަސީން މީގެ ކުރިން ބުނީ، ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި އެ ބޯޓު ބާއްވާފައި އޮންނާނީ ހދ. ހަނިމާދޫ އެއާޕޯޓުގައި ކަމަށެވެ. އެ ބޯޓު ދިވެހި ސިފައިންގެ އޮޕަރޭޝަންތަކުގައި އަންނަނީ ބޭނުންކުރަމުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ ބޯޓު ބޭނުންކުރަނީ:

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް

  • ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާކުރުމަށް

  • އިވެކުއޭޝަން އޮޕަރޭޝަންތަކުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް