ކުރީގެ ޑެޕިއުޓީ ޕީޖީ މަރްޔަމް ނިހާޔަތު (ފޮޓޯ/ ޕީޖީ އޮފީސް)

ހައި ކޯޓު

އާޒިމާގެ ދިފާއުގައި ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ކަނޑައަޅައިފި

މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ނިހާޔަތުގެ ބައިވެރިވުމެއް އޮތް ކަމެއް ދައުލަތަކަށް ސާފުކޮށް ބުނެ ނުދެވުނު
14 އޭޕްރީލު 2022

ކުރީގެ ބަންޑާރަނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މައްސަލައިގައި އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު މަސައްކަތް ކުރައްވަން ގާނޫނީ ހުރަހެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. 

ހައި ކޯޓުގައި އޭނާ ތަމްސީލުކުރައްވަނީ ނިހާޔަތުގެ އިތުރުން، ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ފަޒްނާ އެވެ. އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ، ނިހާޔަތަށް އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ނަގައިފަ އެވެ.

ދައުލަތުން ބުނީ:

  • އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅައި ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށް ދިޔައިރު ނިހާޔަތު ހުންނެވީ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ކަމަށް ވުމުން މަސްލަހަތު ފުށުއަރާ ކަމަށް

ނިހާޔަތު ވިދާޅުވީ، އެކަން އެހެން އޮތް ނަމަވެސް އެ މައްސަލައާ ގުޅޭ މައުލޫމާތު އޭނާއަށް އޭރު ލިބިވަޑައިގެންފައި ނުވާ ކަމަށާއި، މައްސަލައާ ގުޅޭ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ތަފްސީލް - ދައުލަތުން ނެގި އިޖުރާއީ އިއުތިރާޒާ ގުޅިގެން ގޮތް ނިންމީ މިއަދު އެވެ. މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފާތިމަތު ފަރުހީޒާ ވަނީ ދައުލަތަށާއި ނިހާޔަތަށް ވެސް ސުވާލު ކުރިމަތިކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - ދައުލަތުން މިއަދު ވެސް ބުނީ، މައްސަލައިގައި ދައުވާ ކުރުމުގެ އެއްވެސް ކަމެއްގައި ނިހާޔަތު އުޅެފައި ނެތަސް، މައްސަލައިގެ މައުލޫމާތު ލިބިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ވެއްޖެ ނަމަ މަސްލަހަތު ފުށުއަރާނެ ކަމަށެވެ.

ނިހާޔަތު ވިދާޅުވީ ދައުލަތުން އެގޮތަށް ދެކޭ ނަމަ އެކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދައުލަތަށް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރުމުގެ މަރުހަލާގައި އޭނާގެ ބައިވެރިވުން އޮތް ކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، އާޒިމާގެ ވަކީލުކަމުން ނިހާޔަތު ތަނާޒުލް ވާނެ ތަނެއް ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް