ވިލިމާލޭގައި ދުއްވަން ގެނައި ބަހެއް އަދި މީގެ ކުރިން ވިލިމާލޭގައި ބޭނުންކުރި ބަގީއެއް

ވިލިމާލެ

ބަސްތަ؟ ބަގީތަ؟ ވިލިމާލެ ރައްޔިތުންގެ ހިޔާލު ތަފާތު

މިކަމުގައި އެންމެވެސް އެއްބަސްވާ އެއް ކަމެއް އެބަ އޮތް، ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުން

މާލޭގެ ހަލަބޮލިކަމުން ދުރުވެލަން، ފަސް މިނެޓްގެ ފެރީ ދަތުރަކަށް ފަހު މި އާދެވުނީ ކައިރީގައި އޮތް ހިތް ފަސޭހަ ވިލިމާލެއަށެވެ.

"ބޮލަށް ފަސޭހަވެއްޖޭ. ހީވީ ބޮލުން ބޮޑު އެއްޗެއް ނެއްޓިގެން ދިޔަހެން،" އަހަންނާ އެކު ދަތުރުކުރި 'ދައުރު'ގެ ވީޑިއޯގްރާފަރު ކައިރީގައި ބުނެވުނެވެ.

އަހަރެމެން ވިލިމާލެއަށް މިއައީ މި ހިތްހަމަޖެހުމާއި ހިތްފަސޭހަކަމަށް ބަދަލެއް އަންނަވަރުގެ ކަމެއް ދެ އިދާރާއަކުން ނިންމާފައިވާތީވެ އެކަމުގައި މި ރަރު ރައްޔިތުންގެ ހިޔާލު ހުރި ނެތް ގޮތް ބެލުމުގެ ބޭނުމުގަ އެވެ.

ސަރުކާރު ހިއްސާވާ އެމްޓީސީސީން މިދިޔަ ބުދަދުވަހު ކުއްލި ގޮތަކަށް އިއުލާންކުރީ މިތަނުގައި ބެޓެރީ ބަހުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނިން ތައްޔާރުވަމުން އަންނަނީ މިއަދު އެ ހިދުމަތް ފެށުމަށެވެ. އޭގެ ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ބަގީ ހިދުމަތް ވިލިމާލޭގައި ދޭން ނިންމައިފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިިދިޔަ ސެޕްޓެމްބަރު މަހު ދިން ހުއްދައާ އެކު ބަގީގެ ހިދުމަތަށް ކައުންސިލް އަންނަނީ ތައްޔާރުވަމުންނެވެ. ކައުންސިލުން ބުނާ ގޮތުން އަންނަ މަހު ކުރީކޮޅު ބަގީ ދުއްވަން ފަށާނެ އެވެ.

ވިލިމާލޭގައި ދުއްވަން އެމްޓީސީސީން ބޭނުންކުރާ ބެޓްރި ބަސްތައް
މިއިން ބަހެއްގައި10 މީހުންގެ ޖާގަ އޮވޭ

މި މައްސަލަގަނޑުގެ ތެރޭގައި ދެ އިދާރާ ކޯޅުމެއްގައި އޮތް އިރު، ވިލިމާލެ ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއް ހެއްޔެވެ؟ އެ ރައްޔިތުންނަށް އެންމެ ފަސޭހަ ގޮތަކީ ކޮބާ ހެއްޔެވެ؟

މި އަވަށުގެ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން ލިބުނީ މަސްހުނި ހިޔާލުތަކެކެވެ؛ ބައެއް މީހުންނަށް ބެޓެރި ބަސް ރަނގަޅެވެ. އެކަމަކު ދިމާވި ގިނަ މީހުން ބޭނުންވަނީ ބަގީގެ ހިދުމަތް ދިނުމަށެވެ.

"ބަސް މި ހުންނަނީ ބެދިފައި. ބަގީގައި އިންނާނީ ދެ ފަރާތުން ވެސް ވައި ލިބޭ ގޮަތަށް. ވައި ބޭނުން ވާނެ ދައްތަމެން ކަހަަލަ މުސްކުޅިން،" ފެރީން ފޭބި އުމުރުން 55 އަހަރުގެ އައިމިނަތު ދީދީ ބުންޏެވެ.

ވިލިމާލެއަކީ ކުޑަކުޑަ ރަށަކަށް ވުމުން، އޭނާ ގަބޫލުކުރާ ގޮތުގައި  މިތަނަށް އެހާ ގިނަ ބަގީއެއް ވެސް ބޭނުމެއް ނުވާނެ އެވެ. 

މާލޭ ސިޓީ ކައުންސިލުން ބޭނުން ކުރާނެ ބަގީތަކުގެ ތެރެއިން ބަގީއެއް: އަންނަ މަހު ކުރީކޮޅު މި ހިދުމަތް ފެށުމަށް ކައުންސިލުން ދަނީ މަސައްކަރް ކުރަމުން

"ބަސް ދުއްވަން ފަށައިފިއްޔާ ކުޑަކުދިންނަށް ވެސް އުނދަގޫވާނެ. އެކަމަކު ބަގީ ނުވާނެ އެހެންނެއް،" ބައިސްކަލެއްގައި އިން މުހައްމަދު އަރީފް ބުންޏެވެ.

ވިލިމާލޭގައި މޫދު ބުޅާ ނަމުގައި ހިންގަމުން އަންނަ މަޝްހޫރު ޑައިވް ސެންޓަރުގެ ވެރިޔާ ޒޫނާ ނަސީމަކީ ތިމާވެއްޓަށް ވަރަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން ސުވާލެއް ކުރުމުގެ ކުރިން ވެސް އޭނާޢަށް ރަނގަޅުވާނީ ބަގީކަން ލަފާކުރެވުނެވެ. 

"ބަސް ތަންކޮޅެއް ބޮޑުވެފައި، އެއީ ސިޓީ ތަންތަނުގައި ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި ފެންނަނީ،" ޒޫނާ ބުންޏެވެ.

"ބަގީއަކީ ވިލިމާލެ ފަދަ ތިމާވެއްޓާ ރަށްޓެހި މާހައުލުތަކުގައި ބޭނުންކުރަން ރަނގަޅު އެއްޗެއް."

ޒޫނާ 'ދައުރު'އާ ވާހަކަ ދައްކަނީ

އެކަމަކު ޖެޓީ ސަރަހައްދުގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާގައި ހުރި މުހައްމަދު ވަހީދު އާދަމް ބޭނުންވަނީ ބަހުގެ ހިދުމަތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ބަގީގެ ހިދުމަތަށް ވިލިމާލޭގައި ރަނގަޅަކަށް ނުދެވޭނެ އެވެ.

"ބްރިޖުގެ މަސައްކަތް ވެސް ކުރިއަށް ދާތީވެ، އަޅުގަނޑުމެންނަށް އެންމެ ރަނގަޅީ ބަހުގެ ހިދުމަތް. އެއީ ސީދާ ޑައިރެކްޓްކޮށް މާލެ ދެވޭނެ،" މުހައްމަދު ބުންޏެވެ.

މި ދެ ހިދުމަތަށް ވެސް ކޮންމެވެސް އަގެއް ނަގާނެ އެވެ. އެހެންކަމުން ބައެއް މީހުން ބުނީ ބޭނުންވަނީ އޭގެތެރެއިން އެންމެ އަގުހެޔޮކަށް ހިދުމަތް ދެވޭނެ ބައެއް ކަމަށެވެ. 

މުހިންމީ ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް

ވިލިމާލޭގައި ކުރިން ބަގީ ދުއްވި އިރުގެ ފޮޓޯއެއް (ފޮޓޯ/ ޑެސްޓިނޭޝަން ގައިޑްސް)

ބައެއް މީހުން ބުނާ ގޮތުގައި ކުރިން ވެސް ބަގީގެ ހިދުމަތް ވިލިމާލޭގައި ފެށި އެވެ. ނަމަވެސް އެކަން ރަނގަޅަށް ކުރިއަކަށް ނުގެންދެވުނެވެ. އެހެންކަމުން ބަގީ ކަމުދާ މީހުންގެ ވެސް ޝަކުވާއަކީ، ދެމެހެއްޓެނިވި ގޮތެއްގައި ވިލިމާލޭގައި އެއްގަމު ދަތުރު ފަތުރުުގެ ނިޒާމެއް ނެތުމެވެ. ޓެކްސީއަށް މަދު އުޅަނދުތަކަކަށް ހުއްދަ އޮވެ އެވެ. އެކަމަކު އެއީ އާންމު ދަތުރުތަކުގައި ބޭނުންކުރާ އެއްޗިއްސެއް ނޫނެވެ.

ވިލިމާލޭ ރައްޔިތުންގެ މައިގަނޑު ޝަކުވާއަކީ ނުހުއްޓި އެއްވެސް ހިދުމަތެއް ކުރިއަށް ގެންދެވިފައި ނެތުމެވެ.

"[އެއްގަމު ދަތުރުފަތުރުގެ] އެއްވެސް ހިދުމަތެއް މި ތަނުގައި ނުދެވޭ. ބަގީގެ ހިދުމަތް ފެށި އެކަމަކު ކުރިއަކަށް ނުދިޔަ. ބަގީ ވެސް، ބަސް ވިޔަސް ދުއްވާ އެއްޗެއް ވަރަށް މުހިންމު. ބަލި މީހަކު ގެންދަން ވިޔަސް ވަރަށް އުނދަގޫ،" ވިލިމާލޭގައި ދިރިއުޅެމުން އަންނަ އަގްލީމާ އިބްރާހިމް ،44، ބުންޏެވެ.

ބަގީގެ ހިދުމަތް ނުހުއްޓި ދެވޭނެ ކަމަކަށް ބައެއް މީހުން ގަބޫލެއްނުކުރެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ބަހުގެ ހިދުމަތް ދޭ ނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ކަމަށް އެމީހުން ދެކެ އެވެ.

"ބަގީއަކީ ހިދުމަތް މިހާތަނަށް ދެވިފައެއް ނެތް. އެއީ މާ ރަނގަޅު ކަމަށް ނުވާނެ. އެ ހިންގާ މީހުންނަށް ވެސް މާ ބޮޑު އިންކަމްއެއް ނުލިބޭ، މެއިންޓެނެންސް ބޮޑު އެއްޗެއް ބަގީއަކީ،" ކުރިން ވާހަކަދެއްކި މުހައްމަދު ވަހީދު ބުންޏެވެ.

ބައެއް މީހުންގެ ކަންބޮޑުވުމަކީ، މިފަދަ ނިންމުންތައް ނިންމާއިރު ރައްޔިތުންގެ މަޝްވަރާ ނުހޯދުމެވެ.

"މި ވެސް ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. އަޅުގަނޑުމެންނާ އެއްވެސް ކޮންސަލްޓޭޝަނެއް ނެތި މިކަހަލަ ކަންތައް މި ކުރަނީ،" ވިލިމާލޭގައި ދިރިއުޅެމުން އަންނަ އައިމިނަތު ޝޫޒާ ބުންޏެވެ.

"ކިހިނެއްތޯ ރައްޔިތުންނަށް ފެންނަނީ، އެންމެ ފަސޭހަ ގޮތަކީ ކޮބައިތޯ ނުބަލާ [ނިންމުން ނިންމާފައި] އިއުލާންކުރާތަން މި ފެންނަނީ."

އޭނާ ބުނީ ހުކުރުދުވަހު [މިއަދު] ބަހުގެ ހިދުމަތް ފަށާކަން ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.

ދެ ހިދުމަތް އެކީގައި ފަށައިފި ނަމަ ވާނީ ކިހިނެއް؟

ވިލިމާލެ: މިއީ ތިމާވެއްޓާ އެންމެ ރަހުމަތްތެރި އަވަށް (ފޮޓޯ/ މޯލްޑިވްސް ވާޗުއަލް ޓުއާ)

ސިޓީ ކައުންސިލުން ބުނާ ގޮތުން ބަހުގެ ހިދުމަތް ދޭން ސަރުކާރުން ނިންމީ ކައުންސިލްގެ ބަހެއް ނެތި އެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އުފަންކުރި ކަމަށް ބުނާ ލާމަރުކަޒީ ނިޒާމާ ވެސް ހިލާފު ކަމެއް ކަމަށް ކައުންސިލުން ދެކެ އެވެ. 

މި ކޯޅުމުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ބަހާއި ބަގީގެ ހިދުމަތް އެކުއެކީގައި ދިނުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ވިލިމާލެއިން ދިމާވި ގިނަ މީހުން ބުނާ ގޮތުގައި ދެ ވައްތަރުގެ ދެ އުޅަނދެއް ވިލިމާލޭގައި ދުއްވާކަށް ބޭނުމެއް ނުވެ އެވެ. 

"ދެ ހިދުމަތް އެއްފަހަރާ ގެންދަން ދަތިވާނެ. މިއީ މާ ބޮޑު އާބާދީއެއް އޮތް ތަނެއް ނޫން،" މުހައްމަދު ވަހީދު ބުންޏެވެ.

"ވަރަށް ބޮޑު އުނދަގުލަކަށް ވާނީ އޭރަށް. ކޮންމެވެސް އެއް ހިދުމަތެއް ދޭން ވާނީ. މިއީ، ތިޔަ ބުނާހާ ބޮޑު ތަނެއް ނޫން،" އަގްލީމާ ބުންޏެވެ.

ފާތުމަތު ޝިއުނާ ،35،ގެ ހިޔާލު ވެސް ހުރީ ހަމަ އެކަހަލަ ގޮތަކަށެވެ. ނަމަވެސް ދެ ހިދުމަތް އެކީގައި ފަށާއިރު "ޑިމާންޑް އޮތް ވަރެއް" ބެލިދާނެ ކަމަށް އޭނާ ބުންޏެވެ. އެތަނުން ރަނގަޅަކީ ކޮން ހިދުމަތެއްކަން އެނގޭ ހިސާބުން ދެން ދުއްވަން ވާނީ ގިނަ މީހުން ބޭނުންކުރާ އެއްޗެއް ކަމަށް އޭނާ ދެކެ އެވެ.

ވިލިމާލެއަކީ ހިނގާބިނގާވެ އުޅޭ އަވަށެއްގެ ގޮތުގައި ހަދާފައި އޮތް ތަނެކެވެ. އެހެންކަމުން މިތަނުގައި ބަހާއި ބަގީ އުޅަނދުތަކުން މަގުތައް ފުރޭކަށް ރައްޔިތުން ބޭނުމެއް ނުވެ އެވެ. ޒޫނާގެ ކަންބޮޑުވުން އޮތީ އެ ހިސާބުގަ އެވެ.

"[މާލެ ކައިރިން] ވިލިނގިލި ހަމައެކަނި ރަށްފުށުގެ މާހައުލު އޮތް ރަށަކީ. އެހެންވީމާ މި ރަށް މި ގޮތުގައި އޮތަދެމާއޭ" އޭނާ ބުންޏެވެ.

ކޮމެންޓް (2)

ހަސަން

23 ޖެނުއަރީ 2023
ބަސް ވިޔަސް ބަގީ ވިޔަސް ދެމެހެއްޓެނިވި ގޮތަކަށް ކުރުން މުހިއްމީ.އަހަރެން ވިލިމާލޭގަ 7 އަހަރު އުޅުނިން.އެންމެ ބޭނުންވާ ވަގުތު މިސާލަކަށް ވާރޭ ވެހޭ ވަގުތު ނޫނީ ރަށުން މާލެ އައިސް ވިލިމާލެއަށް އައިސް ދުއްވާ އެއްޗެއް ނުލިބިގެން އެބަޖެހޭ ކޮނޑަށް ފޮށިގަނޑު ތަކާއި ކާށިބަސްތާ ޖަހައިގެން ދާން.ވާގޮތަކީ އޭރު ބަގީ ހިދުމަތް ދެނީ އެދުއްވާ މީހުން އެމީހުންގެ ފްރީ ޓައިމްގަ ކުރާ ކަމެއްގެ ގޮތުގަ.ކޮފީ ބްރޭކް ނެގިޔަސް ދެން އުޅޭނީ އެންނެ ބަގީއެއް. އެހެނަސް ސިޓީ ކައުންސިލުން ނޫނީ އެމްޓީސީސީން މިކަން ކުރީމަ ހީވަނީ ދެމެހެއްޓެނިވި ގޮތަކަށް މިކަން ވާނެހެން. އެކަމަކު ބުނެލަން އޮތީ ސިޓީ ކައުންސިލުން މިކަން އެބަ ފަށަމޭ ބުނާއިރަށް އޭގެ އަނެއް ދުވަހު އެމްޓީސީސީން ސަރުކާރުން މިކަން ފެށީމަ މަށަށް ގޯސް.ސަބަބަކީ ސިޓީކައުންސިލުން ވެސް މިކަން ކުރަނީ ދައުލަތުގެ ފައިސާއިން.މިގޮތަށް ޖެއްސުމަށް ކުރީމަ ވޭސްޓްވެގެން އެދަނީ ރިސޯސަސް.ނޫސްތަކުންވެސް ފެނުނު ގޮތުގަ އެބަސް ތަކަކީ މާލޭގަ ދުއްވަން ގެނައި ބަސްތަކެއް.ވިލިމާލޭގަ ބަހުގެ ހިދުމަތް ދޭ ވާހަކަ ސަރުކާރުން ނުވެސް ދައްކާ.އެހެން ނޫނަސް ކައުންސިލް އާ މަޝްވަރާ ކޮށްލުންވެސް ރަގަޅު ދޯ.މިހާރު މިވީ ގޮތުން ޔާމީން ސަރުކާރެކޭ އިބޫގެ ސަރުކާރެކޭ ނެތް ތަފާތެއް ކައުންސިލް ގެ ބާރުތައް ހަނިކުރުމުގަ.ޔާމީން ދިމާ އަށް ބުނެފަ ކަންކުރީ.އިބޫ މިކުރަނީ ނުބުނެ ސިޓީ ކައުންސިލްގެ ބާރު ދަމާގަންނަނީ
0 1

ގުއިއްޒު

21 ޖެނުއަރީ 2023
ރަނގަޅީ ހުރިހާ އެއްޗެއް ހުރިހާ މީހުންނަށްވެސް ދުއްވޭ ގޮތަށް އޮތުމެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް