ބްރިޖުގެ މަސައްކަތަށް ސިނާއީ ސަރަހައްދު އެއްކޮށް އަތުލުން ގަބޫލެއް ނުކުރަން: މުއިއްޒު

ސަރުކާރުން ބުނަނީ އެ ސަރަހައްދަކީ އެއްވެސް އިރެއްގައި ކައުންސިލުގެ ތަނެއް ނޫން ކަމަށާއި އެތަން އަތުލީއޭ ނުބުނެވޭނެ ކަމަށް
2 ނޮވެމްބަރު 2022

މީހުން ދިރިއުޅޭ ހިސާބުގައި ހުރުން އެކަށީގެން ނުވާ ތަންތަން ބަދަލު ކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހަދާފައިވާ ސިނާއީ ސަރަހައްދު ސަރުކާރުން "އަތުލީ" ތިލަމާލެ ބްރިޖުގެ މަސައްކަތަށް ކަމަށް ބުނި ނަމަވެސް އެ ތަން އެއްކޮށް ބްރިޖުގެ މަސައްކަތަށް ބޭނުން ނުކުރާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'ދައުރު'ގެ '7 ސުވާލު' ޝޯއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި:

  • ގާނޫނުގައި އޮންނަ ގޮތުން ސަރުކާރުން މުހިއްމު ކަމަކަށް ބޭނުން ވެއްޖެ ނަމަ އެ ބިން ނެގޭނެ 

  • ސަރުކާރުން މުޅި ސަރަހައްދު ނަގާފައިވަނީ އެ އުސޫލުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް އެތަން ބޭނުންވާ ކަމަށް ބުނެ

ނަމަވެސް މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ އަތުން މުޅި ސަރަހައްދު ނެގީ އެ މަޝްރޫއުއަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސައިޓަށް ބިން ނަގާފައި ވެސް އެ ސަރަހައްދުގެ ބޮޑު ބައެއް ބާކީވުމެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުން އެ ބިން ނަގާފައިވަނީ އިންޑަސްޓްރިއަލް ޒޯނަށް ތަންތަން ބަދަލުކުރަން ތައްޔާރުވެ އެ ތަނުން ޖާގަ ހަދަމުން ދަނިކޮށެވެ. 

26 ޖެނުއަރީ 2022، ބުދަ: ތިލަމާލެ ބުރިޖުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން މާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ސައިޓު ހެދުމުގެ މަސައްކަތް ފަށަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ރައީސް އޮފީހަށް ވެސް ދެންނެވިން، އަދި ޕްލޭނިން މިނިސްޓްރީގައި ވެސް ދެންނެވިން ވަރަށް މުހިއްމޭ އެ ތަނުން ޖާގަ ފޯރުކޮށްދިނުން. މާލެތެރޭގައި މީހުންގެ ތެރޭގައި ހުންނަން ނުޖެހޭ ކަހަލަ ވަރަށް ގިނަ ވޯކްޝޮޕްތަކާއި ގުދަންތައް އެބަހުރި، ނުރައްކާތެރި އެއްޗެހި ބަހައްޓާ ތަންތަން އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.

އެފަދަ ތަންތަން ގުޅިފަޅާއި ތިލަފުއްޓަށް ބަދަލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް، މީހުން އުޅޭ ހިސާބުގައި ހުންނަން ނުޖެހޭ ފަދަ ތަންތަން އިންޑަސްޓްރިއަލް ޒޯނަށް ބަދަލު ކުރެވޭނެ ގޮތެއް ހަދަން ޖެހޭ ކަމަށް މުއިއްޒު ގަބޫލު ކުރައްވަ އެވެ.

އެ ސަރަހައްދަށް ތަންތަން ބަދަލު ކުރުމުން މާލެ ތެރެއިން ހުސްވާ ބިންތަކުގައި އުޅަނދުފަހަރު ޕާކު ކުރާނެ ތަންތަނާއި ހިތްފަސޭހަ ޕާކުތައް ހެދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެޕްރީލް 12، 2022، އަންގާރަ: މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސަރުކާރުގެ ބަސް - މިކަމާ ބެހޭގޮތުން ސުވާލު ކުރުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 'ދައުރު' އަށް ވިދާޅުވީ މާލޭގެ ހުޅަނގު ދެކުނުގައި ހިއްކާފައި އޮތް ހިސާބު "ސިނާއީ ސަރަހައްދަކަށް ނުހަދާނެ" ކަމަށެވެ.

އެއީ ކުރީ ސަރުކާރުގައި އެތަން ތަރައްގީ ކުރަން ނިންމި ގޮތް ކަމަށާއި ރާޅު ޖަހާ ސަރަހައްދެއްގައި ތޮއްޖެހޭނެ ފަދަ ގޮތަކަށް އެތަނަށް ގަރާޖުތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަން ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަކްރަމް ވިދާޅުވީ އެފަދަ ހުރިހާ ތަނެއް ބަދަލު ކުރާނީ ތިލަފުއްޓަށް ނުވަތަ ގުޅިފަޅަށް ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވި ގޮތުގައި:

  • އެ ސަރަހައްދަކީ ދުވަހަކު ވެސް ކައުންސިލުގެ ތަނެއް ނޫން؛ ސަރުކާރުން އެތަން އަތުލި ކަމަކަށް ނުބުނެވޭނެ

  • އެތަނުގެ ބޮޑު ބައެއް ތިލަމާލެ ބްރިޖުގެ މަޝްރޫއުއަށް މިހާރު ވެސް ދަނީ ބޭނުން ކުރަމުން

  • އެތަނުން އެއްވެސް ބިމެއް ކައުންސިލަށް ލިބޭނީ ލޭންޑް ޔޫޒް ޕްލޭން ފާސް ކުރީމަ

26 ޖަނުއަރީ 2022، ބުދަ: ތިލަމާލެ ބުރިޖުގެ ކޮންޓްރެކްޓަރު އެފްކޮންސްއިން މާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ސައިޓު ހެދުމުގެ މަސައްކަތްތައް ފަށަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިއްމު - މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖް އެޅުމަށް ހަވާލު ކުރި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއަށް ބޭނުންވާ މަސައްކަތު ސައިޓް ހެދުމަށް އިންޑަސްޓްރިއަލް ޒޯނުގެ ގިނަ ބިންތަކެއް ދީފައިވަނީ މި އަހަރުގެ ޖެނުއަރީގަ އެވެ. އެކަމަށް ހުސްކޮށްފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ:

  • މާލޭ ފަޔާ ސްޓޭޝަން ކުރިމަތީގައި އޮންނަ ބިން އަދި އެ ބިމާ އިންވެގެން ފަހަތަށް އޮންނަ ބިން

  • ވެމްކޯ ހެޑް އޮފީސް ކުރިމައްޗަށްވާ ގޮތަށް އޮންނަ ބިން (ކުރިން ހަތަރު ފުރޮޅުލީ ބަރު އުޅަނދުތައް ޕާކް ކުރުމަށް ބޭނުން ކުރި ބިން)

  • ވެމްކޯ ސައިޓްގެ އިރުމައްޗަށްވާ ގޮތަށް އޮންނަ ބިން

އިތުރު އާޓިކަލް

އިތުރު އާޓިކަލް