ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެ؛ އޮތީ ބަނަ ދުވަސްތަކެއް: މައުސޫމް

ޔޫކުރެއިން އާއި ރަޝިޔާއަކީ ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ %20؛ މި އަހަރު އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާއިން
24 ފެބްރުއަރީ 2022

ރަޝިޔާ އާއި ޔޫކުރޭންގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަަމަށާއި ކޮވިޑުގެ އަސަރުތަކުން ސަލާމަތް ނުވެ އުޅެނިކޮށް ރާއްޖޭގެ ޓޫރިޒަމަށް މި ކުރިމަތިވަނީ އަނެއްކާ ވެސް ބޮޑު ނުތަނަވަސްކަމެއް ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެނގުން މުހިންމު - ރަޝިޔާ އާއި ޔޫކުރެއިނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 މާކެޓުގެ ތެރޭގައި ހިމެނޭ މުހިންމު ދެ މާކެޓެވެ. އެގޮތުން:

  • މި އަހަރުގެ މިހާތަނަށް އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާއިން

  • ޔޫކްރެއިން އަކީ އަށް ވަނައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން މިހާރު އަންނަ ގައުމު

ބުނީ ކީކޭ؟ - ޓޫރިޒަމް މިނިސްޓަރު މައުސޫމް މިއަދު 'ދައުރު'އަށް ވިދާޅުވީ ޔޫކުރެއިން އާއި ރަޝިޔާއަކީ ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ %20 ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ ޓޫރިޒަމްގެ ރިކަވަރީގައި އެ ދެ ގައުމުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

... މި މާކެޓުތަކުގެ ހިއްސާ މި ދުވަސްވަރު އެހާ ބޮޑުވުމުން ވަރަށް ބަނަ ދުވަސްތަކެއް އަޅުގަނޑުމެންގެ ކުރިމަތީ މި އޮތީ.

ޑރ. އަބްދުﷲ މައުސޫމް / ޓޫރިޒަމް މިނިސްޓަރު

އެ ދެ ގައުމުގެ ދެމެދު ހަނގުރާމައެއް ފެށުމުގެ ސަބަބުން އެ ގައުމުތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން ދަށަށް ދާން ފެށުމުން އޭގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ބޮޑުވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ރަޝިޔާ އާއި ޔޫކުރެއިން (2022):

  • ރަޝިޔާ: 38،809 މީހުން (%15.7)

  • ޔޫކުރެއިން: 7663 މީހުން (%3.1)

ކޮވިޑަށް ފަހު ޗައިނާ މާކެޓް ގެއްލުނުތަން ފޫބެދުނީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ޓޫރިސްޓުން ރާއްޖެ އަންނަން ފެށުމުންކަން ފާހަގަ ކުރައްވާ މައުސޫމް ވިދާޅުވީ ކޮވިޑަށް ފަހު ޓޫރިޒަމް އަދި މުޅިން ރަނގަޅު ނުވެ އުޅެނިކޮށް މި ދިމާވި ހަމަނުޖެހުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބިފައިވާ ކުރިއެރުން ފަހަތަށް ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އެންމެ މުހިންމު ދެ މާކެޓުގެ ދެމެދުގައި މި ފެށުނު ހަމަނުޖެހުން މި ގޮތަށް ދިގުލައިގެންދާ ކަމަށް ވަންޏާ ވަރަށް ބޮޑު ލޮޅުމެއް ރާއްޖޭގެ ޓޫރިޒަމަށް، އެރައިވަލް ނަމްބަރުތަކަށް އަންނާނެ. މިއީ ހަމައެކަނި ރަޝިޔާ ޔޫކުރެއިން ޓޫރިސްޓުން އައުން މަދުވުމާ ވެސް ގުޅޭ ކަމެއް ނޫން. އިރުމަތީ މުޅި ޔޫރަޕްގެ އެރައިވަލްތަކަށް އަސަރުކުރާނެ ކަމެއް މިއީ. މި މާކެޓުތަކުގެ ހިއްސާ މި ދުވަސްވަރު އެހާ ބޮޑުވުމުން ވަރަށް ބަނަ ދުވަސްތަކެއް އަޅުގަނޑުމެންގެ ކުރިމަތީ މި އޮތީ،" މައުސޫމް ވިދާޅުވި އެވެ.

ރަޝިއާގެ ސިފައިން ޔުކްރެއިންގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަނީ: ދެ ގައުމުގެ ދެމެދު ހަނގުރާމަ ވަނީ ފެށިފައި. (ފޮޓޯ/އޭއެފްޕީ)

މިނިސްޓަރުގެ ބައެއް ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:

  • ހަނގުރާމަ އާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް ބޮޑު ހީނަރު ކަމެއް އައުމުގެ ސަބަބުން ރަޝިޔާގެ ފައިސާގެ އަގު ވެއްޓި ރާއްޖެއަކީ ރަޝިޔާގެ ޓޫރިސްޓުންނަށް އަގުބޮޑު މަންޒިލަކަށް ވުން 

  • ރަޝިޔާއިން އަންނަ އެންމެ މަތީ ފެންވަރުގެ ޓޫރިސްޓުންނަށް ވެސް، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުކުރަން އުނދަގޫ ވުން 

  • އެއީ ރާއްޖޭގެ މުޅި ޓޫރިޒަމް ސިނާއަތަށް ލިބޭނެ ހީނަރުކަމެއް

"މީގައި ހައި އެންޑް މާކެޓަށް ވެސް އަސަރުތައް ކުރާނެ. އެއީ ރަޝިޔާގެ މުއްސަނދިންނަށް ދަތުރުކުުރުން ފަދަ ކަންކަން އުނދަގޫވާނެ މުސްތަގުބަލުގައި. އެހެންވީމާ މީގައި މިއީ ޓޫރިޒަމްގެ ހުރިހާ ސެގްމަންޓަކަށް ވެސް އަސަރު ކުރާނެ ކަމެއް މި އަންނަނީ. މިކަން ދިގުލައިގެން ދާ ވަރަކަށް އަސަރު އަދި ބޮޑުވާނެ،" މައުސޫމް ވިދާޅުވި އެވެ.

ކޮވިޑުން އަދި އަރައި ނުގަނެވި އުޅެނިކޮށް މި ކުރުމަތިވަނީ އަނެއް ޗެލެންޖު. އެކަމަކު މިކަމުން ވެސް، ޓުއާ އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގެ އެންމެން ގުޅިގެން އަޅުގަނޑުމެންނަށް އަރައި ގަނެވޭނެ.

ޑރ. އަބްދުﷲ މައުސޫމް / ޓޫރިޒަމް މިނިސްޓަރު

'ގެއްލުން ފޫބައްދަން އުނދަގޫވާނެ'

މިފަހަރު ޓޫރިޒަމަށް ކުރިމަތިވާ ހީނަރުކަމުގެ ގެއްލުން ފޫބެއްދުމަށް އުނދަގޫވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މިވަގުތަށް ކުރެވެން އޮތް ކަމަކީ އެހެން މާކެޓުތައް ހޯދުން ކަމަށެވެ. ނަމަވެސް، އެހެން މާކެޓުތައް ހޯދުމަކީ މިވަގުތަށް ފަސޭހަކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސަބަބަކަށް ވަނީ ކޮވިޑަށް ފަހު އަދިވެސް ޗައިނާގެ މާކެޓު ނުހުޅުވޭތީ އެވެ.

ރާއްޖެ އައި ޓޫރިސްޓަކު އިމިގްރޭޝަން ކައުންޓަރު ކައިރީގައި. (ފޮޓޯ/އިމިގްރޭޝަން)

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަޝިޔާ-ޔޫކުރެއިން ހަނގުރާމައިގެ އަސަރު ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ވެސް ކުރާނެ އެވެ. ހާއްސަކޮށް ތެލުގެ އަގު ބޮޑުވުމާއި ވައިގެ ދަތުރުފަތުރަށް ބުރޫއެރުމާއި އިގްތިސާދުތަކަށް އަންނަ ލޮޅުންތަކުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން މީހުން ޓޫރިޒަމްގެ ބޭނުމަށް ދަތުރުކުރުމަށް ފަސްޖެހޭނެ ކަމަށެވެ.

"ކޮވިޑުން އަދި އަރައި ނުގަނެވި އުޅެނިކޮށް މި ކުރުމަތިވަނީ އަނެއް ޗެލެންޖު. އެކަމަކު މިކަމުން ވެސް، ޓުއާ އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގެ އެންމެން ގުޅިގެން އަޅުގަނޑުމެންނަށް އަރައި ގަނެވޭނެ،" މައުސޫމް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް