ޗާގޯސް އައިލެންޑްސްގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ: އަސްކަރީ މަރުކަޒު ހަދާފައި ވަނީ މި ރަށުގައި.

ޗާގޯސް ހަވާލުކުރަން މޮރިޝަސްއާ ވާހަކަދައްކަން އިނގިރޭސިވިލާތުން ނިންމައިފި

އަންނަ އަހަރުގެ ކުރީކޮޅު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އިނގިރޭސި ހާރިޖީ ވަޒީރު ވިދާޅުވި؛ އަސްކަރީ މަރުކަޒު އިނގިރޭސިންގެ އަތްދަށުގައި ބާއްވަން މޮރިޝަސް އިން ވެސް ދެކޮޅު ނުހަދާ އިނގިރޭސިން ބުނޭ
4 ނޮވެމްބަރު 2022

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ގޮތުން އެ ގައުމާ އެކު މަޝްވަރާތައް ފެށުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެ އެވެ. ޗާގޯސް މޮރިޝަސްއާ ހަވާލުކުރިޔަސް، އެ ޖަޒީރާގެ ރަށެއްގައި އިނގިރޭސިވިލާތާއި އެމެރިކާ އިން ހިންގާ އަސްކަރީ މަރުކަޒު އިނގިރޭސިންގެ އަތްދަށުގައި ބާއްވަން މޮރިޝަސް އިން ވެސް ދެކޮޅު ނުހަދާ ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.

ވީ ކިހިނެއް؟ - އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސިންގެ އަތްދަށުގައި ޗާގޯސް ބޭއްވުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އިސްތިޝާރީ ލަފައެއް ދީފަ އެވެ.

ނަމަވެސް، މިހާތަނަށް އިނގިރޭސިވިލާތުން ވަނީ އެ ރަށްތައް ހަވާލުކުރުމާ ގުޅޭ ވާހަކަތައް ފެށުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން އައި ޕްރެޝަރުތަކާ ދެކޮޅު ހަދާފަ އެވެ.

ތަފްސީލް - އިނގިރޭސިވިލާތުން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކުރިކަން ހާމަކުރައްވަމުން އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އިއްޔެ ވިދާޅުވީ، ޗާގޯސްއާ ގުޅޭ ގޮތުން ނުނިމި ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކުރަން އިނގިރޭސިވިލާތުން ބޭނުންވާ ކަމަށެވެ.

ޗާގޯސް އައިލެންޑްސް. (ފޮޓޯ/ ގެޓީ)

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރިޔަސް، ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގަމުން އަންނަ އަސްކަރީ މަރުކަޒު ކުރިއަށް އޮތް ތަނުގައި ވެސް ހިންގޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް ނިންމާފައި މި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެއްބަސްވުމަކަށް އައުމުގެ މަގުސަދުގައި،" އިނގިރޭސި ގާނޫނު ހަދާ މަޖިލީހަށް ކްލެވާލީ ލިޔުމުން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

"ކަމާބެހޭ ގާނޫނީ މަރުހަލާތަކަށް ރިއާޔަތްކޮށް، ޗާގޯސް އާކިޕެލަގޯގެ ކުރީގެ ރަށްވެހިންނާ ގުޅުންހުރި މައްސަލަތައް ހިމެނޭ ގޮތަށް ނުނިމި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ގާއިމުކުރުމަކީ އަޅުގަނޑުމެންގެ ވިސްނުން."

ކްލެވާލީ ވިދާޅުވި ގޮތުގައި:

  • މި މަޝްވަރާތަކުގައި ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭ ގޮތުން ވާހަކަދައްކާނެ

  • އިންޑިއާ ކަނޑުގައި އެމެރިކާ އާއި އިންޑިއާގެ މަސްލަހަތު އޮތްކަން އިނގިރޭސިވިލާތުން ގަބޫލުކުރޭ

  • އެހެންވެ، މޮރިޝަސްއާ އެކު ކުރާ މަޝްވަރާތަކުގެ މައުލޫމާތު އެމެރިކާ އަދި އިންޑިއާއާ ހިއްސާކުރަމުން ގެންދާނެ

އެނގުން މުހިންމު - ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް ޗާގޯސްގެ އަސްލު ވަޒަންވެރިން ތަމްސީލުކުރާ ޖަމިއްޔާއަކުން ވަނީ މި ފަހުން ބުނެފަ އެވެ. އެ ޖަމިއްޔާ އިން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށް އދ.ގެ އިދާރާތަކަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

ޗާގޯސްގެ އަސްލު ވަޒަންވެރިން ތަމްސީލުކުރާ ޖަމިއްޔާއެއްގެ މެމްބަރުން. (ފޮޓޯ/ ފޭސްބުކް)

މައްސަލައިގެ ފެށުން -

  • ޑިއޭގޯ ގާސިއާ އަކީ ޗާގޯސް އާކިޕެލަގޯގެ ކުދި 60 ރަށުގެ ތެރެއިން އެންމެ ބޮޑު ރަށް؛ އަސްކަރީ މަރުކަޒު 1966 ވަނަ އަހަރު ގާއިމުކުރުމަށް ފަހު އެ ރަށުގެ ރައްޔިތުން ބޭރުކުރި

  • 1960 އާއި 1970ގެ އަހަރުތަކުގައި 1،000އަށް ވުރެ ގިނަ މީހުން ޗާގޯސް އިން ދާން މަޖުބޫރުވި 

  • އެ މީހުންގެ ވަޒަނަށް އެނބުރި ދިއުމަށް ޗާގޯސިއަން މީހުން އަންނަނީ އަދިވެސް ކެމްޕޭނުކުރަމުން

  • އިނގިރޭސިވިލާތުން 1968 ވަނަ އަހަރު މިނިވަންކަން ހޯދި މޮރިޝަސް އިން ބުނަނީ ޗާގޯސް އަކީ އެ ގައުމުގެ އަމިއްލަ ރަށްތަކެއް ކަމަށާއި އެ ރަށްތައް އަނބުރާ ހޯދުމަށް ޗާގާސިއަން މީހުން އިނގިރޭސި ކޯޓުތަކުގައި ދައުވާ ވެސް ކޮށްފައިވާ ކަމަށް

ގުޅުން ހުރި ކަމެއް - ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އެ ގައުމުން ކުރާ ދައުވާއާ ދެކޮޅަށް ރާއްޖެއިން މީގެ ކުރިން ދެ ފަހަރު އދ.ގައި ވޯޓު ދިނުމަށް ފަހު އެ ނިންމުން ސަރުކާރުން މި އަހަރު ވަނީ ބަދަލުކޮށްފަ އެވެ.

ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީ ފޮނުއްވީ އޮގަސްޓް މަހު އެވެ. އެކަމަކު އެކަން ފުރަތަމަ އެނގުނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހަޅާފައިވާ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި މިދިޔަ މަހު ފަހުކޮޅު ބޭއްވި އަޑުއެހުމެއްގަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސްގައި ކުރިއަށް ދަނީ. (ފޮޓޯ/އިޓޮލްސް)

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖެއިން ބަލައިގަތަސް ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އެކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.

ނަމަވެސް، ބައެއް ފަރާތްތަކުން ގެންދަނީ ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް