ޗާގޯސިއަން ވޮއިސަސްގެ މެމްބަރުން. (ފޮޓޯ/ ފޭސްބުކް)

އަހަރެމެންނަކީ މޮރިޝަސް ބައެއް ނޫން؛ މައްސަލަ ނިންމަނީ ބަހެއް ނެތި: ޗާގޯސީން

އައިސީޖޭގެ ހުކުމް ގަބޫލުނުކުރާއިރު އިޓްލޮސްގައި ކުރިއަށްގެންދިޔަ އަޑުއެހުންތަކުގެ ސައްހަކަމާ މެދު ވެސް ޗާގޯސީން ވަނީ ސުވާލު އުފައްދާފައި
29 އޮކްޓޯބަރު 2022
1

ޗާގޯސްގެ އަސްލު ވަޒަންވެރިންނަކީ މޮރިޝަސް ބައެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި، ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށް އެ ރަށްރަށުގެ ރަށްވެހިން ބުނެފި އެވެ.

މައްސަލައިގެ ފެށުން - ޗާގޯސް މައްސަލައިގައި އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އދ.ގެ އާއްމު މަޖިލީހުން 2017ގައި އެދުނެވެ. އެ މައްސަލައިގައި އައިސީޖޭން 2019ގައި ނިންމީ، ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ކަމަށެވެ. އެ ދެ އަހަރު ވެސް ދިވެހި ސަރުކާރުން އާއްމު މަޖިލީހުގައި ވޯޓު ދީފައި ވަނީ މޮރިޝަސްއާ ދެކޮޅަށެވެ.

  • އެކަމަކު، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ހޯދަން، މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް މިހާރު ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ އަޑުއެހުމުގައި ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ހާމަކޮށްފައި 

  • އެ ނިންމުމާ ވިދިގެން ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ 

  • ނަމަވެސް، ބައެއް ފަރާތްތަކުން އަންނަނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން

  • ސަރުކާރުން އެކަން ދޮގުކުރޭ؛ ސަރުކާރުން ބުނެފައިވަނީ މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް އޮތް ކަމަށް ގަބޫލުކުރިޔަސް، އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރާ ކަމަށް

ބުނީ ކީކޭ؟ - ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް އައިސީޖޭން ނިންމި ނިންމުން ބަލައިނުގަންނަކަން ހާމަކޮށް ޗާގޯސްގެ އަސްލު ވަޒަންވެރިން ތަމްސީލުކުރާ 'ޗާގޯސިއަން ވޮއިސަސް'ގެ ފަރާތުން މިދިޔަ ހަފްތާގައި އިޓްްލޮސްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އައިސީޖޭން މޮރިޝަސްއާ އެއްކޮޅަށް ހުކުމްކުރި ނަމަވެސް ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް އެ މީހުން ގަބޫލުނުކުރާ ކަމަށެވެ.

"އެހެންކަމުން، އިޓްލޮސްގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގެ ސައްހަކަމަށް އިންކާރުކުރަން،" އެ ސިޓީގައި ބުނެފައިވެ އެވެ.

ސަބަބެއްގެ ގޮތުގައި ޗާގޯސީން ފާހަގަކޮށްފައިވަނީ، މޮރިޝަސް އާއި އެ މީހުންނާ އޮންނަނީ ހަމައެކަނި އިސްތިއުމާރީ ތާރީހުގެ ތެރެއިން އުފެދިފައިވާ ގުޅުމަކަށްވާތީ، އެ އިހްތިޔާރު މޮރިޝަސްއަށް އޮންނާނެ ކަމަށް ގަބޫލުނުކުރުމެވެ.

ރާއްޖެ، މޮރިޝަސް އަދި ޗާގޯސް އައިލެންޑްސް (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) ފެންނަ ޗާޓެއް.

އޭގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ، އައިސީޖޭއަށް ހުށަހެޅި މައްސަލައިގައި ކުރި ހަމައެކަނި ސުވާލަކީ މޮރިޝަސްގެ އަމިއްލަ އިހްތިޔާރުގެ ހައްގާ ބެހޭ ގޮތުން ކުރި ސުވާލެއް ކަމަށެވެ. އަދި ޗާގޯސީންގެ އަމިއްލަވަންތަކަން ކޯޓުގައި ގެއްލުވާލީ، އެ މީހުން ބުނި ގޮތުގައި، ޗާގޯސީންނަކީ އެ ރަށްރަށުން އައި މޮރިޝަސް މީހުން ކަމަށް ބުނެގެންނެވެ.

"ޗަގޯސީންނަކީ މޮރިޝަސް ބައެއް ކަމަށް އަހަރެމެން ގަބޫލެއް ނުކުރަމެވެ. ޗާގޯސް އަކީ، އެ މީހުންގެ އަމިއްލަ ބަހާއި ސަގާފަތެއް އޮންނަ އަދި އެ މީހުންގެ ވަށައިގެންވާ ރަށްރަށާއި ކަނޑުތަކާ 200 އަހަރަށް ވުރެ ގިނަ ދުވަސްވީ ގުޅުމެއް އޮތް ބައެއް،" ސިޓީގައިވެ އެވެ.

ކޯޓުގައި ޗަގޯސީން ތަމްސީލުކޮށްފައި ނުވާއިރު އެ މީހުންގެ ފަރާތުން އެއްވެސް އެހެން ގައުމަކަށް ނުވަތަ ސަރުކާރަކަށް ބަސް ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ސިޓީގައިވެ އެވެ. އަދި އައިސީޖޭގެ ހުކުމް ޗާގޯސީން ގަބޫލުނުކުރާއިރު އިޓްލޮސްގައި ކުރިއަށްގެންދިޔަ އަޑުއެހުންތަކުގެ ސައްހަކަމާ މެދު ވެސް ޗާގޯސީން ވަނީ ސުވާލު އުފައްދާފަ އެވެ.

"ޗާގޯސީން ތަމްސީލުވާ ގޮތަށް އައިސީޖޭގައި މި މައްސަލަ އަލުން ބަލައިދިނުމަށް އެދެން،" އެ ސިޓީގައި އެދިފައިވެ އެވެ.

އެނގުން މުހިއްމު - ޗާގޯސީން މި ފޮނުވި ސިޓީ އިޓްލޮސް އިން ވަނީ ބަލައިގަނެފަ އެވެ. އަދި އިޓްލޮސްގެ ސްޕެޝަލް ޗެމްބާސް އޮފް ޓްރައިބިއުނަލްގެ މެމްބަރުން އެ ސިޓީއާ މެދު ގޮތެއް ނިންމަވާނެ ކަމަށް އިޓްލޮސް އިން ވަނީ އަންގާފަ އެވެ.

ކޮމެންޓް (1)

ސިޔާދަތ

29 އޮކްޓޯބަރު 2022
ކޮބާ ހިިވޭ. ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތު އޮތްކަމަށް ގަބޫލުކުރި އެންމެން މިތިބި އިސްތިއުމާރި އަޅުވެތިކަމަށް ތާއިދުކޮށްގެން. އެތަނުގެ ހައްގުވެރިންގެ ބަސް. ދިވެހި ސަރުކާރުން މިއޮތި އެމިހުންގެވެސް ދިވެިންގެވެސް މަސްލހަތު ގެއްލުވާލަފަ. މޮރިޝަސް ބެހޭތަނެއް ނޫން. އެއް އިރެއްގަވެސް.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް