މިދިޔަ އޮގަސްޓް މަހު ދިރާސީ އާ އަހަރު ފެށި ދުވަހު ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަށް ހާޒިރުވަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތައުލީމު

ބަލިމަޑުކަމުގެ ތެރެއިން އަނެއްކާ ވެސް ކިޔަވައިދޭން ފެށުން: އިންތިޒާމްތައް އޮތީ ކިހިނެއް؟

ދެ ވަނަ ޓާމްގެ ކިޔެވުން އާދިއްތަ ދުވަހު ފަށާއިރު، ކޮވިޑްގެ އާ ރާޅެއް މިވަނީ ކުރިމަތިވެފައި؛ އެއާ އެކު ސްކޫލު މާހައުލުގެ ރައްކާތެރިކަމާ މެދު ބައެއް ބެލެނިވެރިން ދަނީ ސުވާލު އުފައްދަމުން.

ނިމިގެން ދިޔަ ދޮޅު އަހަރަކީ، މި ޖީލުގައި ތައުލީމީ ދާއިރާ ދުށް އެންމެ އުނދަގޫ، ގޮންޖެހުންތައް ބޮޑު ދުވަސްވަރެވެ. އޮންލައިންކޮށް ކިިޔެވުމުގެ ފުރުސަތު ލިބުނު ނަމަވެސް، ސްކޫލަށް ނުދެވި، ގޭގައި ތިބެން ޖެހުމުން އޭގެ އަސަރު އެތައް ގޮތަކުން ދަރިވަރުންނަށް ކުރި އެވެ.

ވީ ކިހިނެއް؟ - އަހަރު ނިމުމަކާ ގާތަށް ދިޔައިރު، ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްވެ، ދަރިވަރުން އަލުން ސްކޫލަށް ދާން ފުރުސަތު ލިބުމުން، އެކަމުގެ އުފާ ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުން ވެސް ކުރި އެވެ. އެކަމަކު އާ އަހަރު ފެށި، ދެ ވަނަ ޓާމްގެ ޗުއްޓީއަށް ފަހު އަލުން ދަރިވަރުން ސްކޫލަށް ދާން ތައްޔާރުވަމުން އަންނައިރު، އަނެއްކާ ވެސް މި ވަނީ ބަލިމަޑުކަން ގޯސްވާން ފަށައިފަ އެވެ. އެއާ އެކު، ބެލެނިވެރިންނާއި ޓީޗަރުން ވެސް މިހާރު އެންމެ ބޮޑަށް ކަންބޮޑުވަނީ އޭގެ އަސަރު ދަރިވަރުންނަށް ކޮށްފާނެތީ އެވެ.

ބުނީ ކީކޭ؟ - އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ނަސީރު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފައާ އެއްގޮތަށް، މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ. އަނެއްކާ ވެސް ދޮޅު އަހަރު ދަރިވަރުން ގޭގައި ބޭތިއްބުމަކީ، އޭނާ ވިދާޅުވި ގޮތުގައި، މިނިސްޓްރީން އެންމެ ދެކެން ބޭނުން ނުވާ ކަންތަކެވެ.

ސްކޫލުގެ މާހައުލަކީ އެންމެ ސޭފް ތަން. ކޮވިޑުން ރައްކާތެރިވާން ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އެބަ އަޅަން. އެހެންވެ، ސްކޫލަށް ކުދިން ފޮނުވާއިރު، އެއްވެސް ކުއްޖަކު ބަލީގެ އަލާމާތެއް ހުރި ނަމަވެސް، އެކަން ވާނީ އެހެން ކުދިންނަށް ނުރައްކަލަކަށް.

ފާތުމަތު ނަސީރު / އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

އޭނާ ވިދާޅުވި ގޮތުގައި، ދެ ވަނަ ޓާމްގެ ކިޔެވުން ފަށަން ސްކޫލުތައް ތައްޔާރު ވާއިރު، ކޮވިޑުގެ ބަލިމަޑުކަން ފެށުނު އިރު ހުރި އިންތިޒާމްތައް ގާއިމްކޮށް، އެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ސްކޫލުތަކަށް އަންނަނީ ހަނދާންކޮށްދެމުންނެވެ. އެގޮތުން:

  • ސްކޫލަށް ވަންނައިރު ދަރިވަރުންނާއި ޓީޗަރުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުން

  • އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން އަދި އަތް ދޮންނަން ހަނދާންކޮށްދިނުން

  • ސްކޫލު މާހައުލާއި ކްލާސްތެރޭގައި ގައިދުރުކަން ބެހެއްޓުން

ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން އެ ކުދިންގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފާތުމަތު ނަސީރު ވިދާޅުވި ގޮތުގައި، ކޮވިޑްގެ އާ ރާޅެއް މިހާރު ކުރިމަތިވެފައި ވާއިރު، ބެލެނިވެރިންނަށް އެންމެ ބޮޑަށް ހަނދާންކޮށްދޭން ބޭނުން ވަނީ، އެއްވެސް ވަރަކަށް ބަލީގެ އަލާމާތެއް ހުރި ނަމަ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށެވެ. އެއީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، އެހެން ދަރިވަރުންގެ ރައްކަލަކަށެވެ.

"ސްކޫލުގެ މާހައުލަކީ އެންމެ ސޭފް ތަން. ކޮވިޑުން ރައްކާތެރިވާން ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އެބަ އަޅަން. އެހެންވެ، ސްކޫލަށް ކުދިން ފޮނުވާއިރު، އެއްވެސް ކުއްޖަކު ބަލީގެ އަލާމާތެއް ހުރި ނަމަވެސް، އެކަން ވާނީ އެހެން ކުދިންނަށް ނުރައްކަލަކަށް،" މިދިޔަ ދޮޅު އަހަރުގެ ތެރޭގައި، ސްކޫލުގެ މާހައުލުން ބަލި ނުފެތުރޭކަން ފާހަގަކުރައްވައި ފާތުމަތު ނަސީރު ވިދާޅުވި އެވެ.

އުމުރުން 12-17 އަހަރުގެ ތިން ކުއްޖަކު ފައިޒާ ވެކްސިން ޖެހުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ/ޓްވިޓާ/އެޑިއުކޭޝަން މިނިސްޓްރީ)
އުމުރުން 12-17 އަހަރުގެ ތިން ކުއްޖަކު ފައިޒާ ވެކްސިން ޖެހުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ/ޓްވިޓާ/އެޑިއުކޭޝަން މިނިސްޓްރީ)

ކުރިއާ ހިލާފަށް، މާލެއާ އެކު ރާއްޖޭގެ އެހެން ގިނަ ރަށްތަކުގައި ވެސް ކޮވިޑްގެ ހާލަތު މި ފަހަރު ދަނީ ގޯސްވަމުންނެވެ. ހަލުއިކަމާ އެކު ފެތުރޭ ކޮވިޑުގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޮން، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެތުރިދާނެކަމުގެ އިންޒާރު އެޗްޕީއޭ އިން ވެސް ވަނީ ދީފަ އެވެ. ރަށެއްގައި ބަލި ފެތުރި، ސްކޫލު ބަންދުކުރަން ޖެހިއްޖެ ނަމަ، ދެން ވެސް އިހްތިޔާރެއްގެ ގޮތުގައި އޮތީ، އޮންލައިންކޮށް ކިޔަވައިދިނުމެވެ.

ފާތުމަތު ނަސީރު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަނުން ތައްޔާރުވެފައި ވާއިރު، އެކަން ކުރާނީ ދަރިވަރުންނަށް ހަމައަށް ޑޭޓާ ދީގެން ކަމަށެވެ. އެހެންވެ، ބަލީގެ ހާލަތު ގޯސްވެ، ސްކޫލުތައް ބަންދުކުރަން ޖެހުނު ނަމަވެސް، ތައުލީމު ފޯރުކޮށްދިނުމަށް ހުރަހެއް ނެތެވެ.

ކޮވިޑުން ރައްކާތެރިވުމަށް، މިދިޔަ އަހަރު ވަނީ ގިނަ އަދަދެއްގެ ދަރިވަރުންނަށް ވެކްސިން ދީފަ އެވެ. އެގޮތުން، މި މަހުގެ 6އާ ހަމައަށް:

  • 32،358 ދަރިވަރުން، ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި

  • 11،225 ދަރިވަރުން، މާލޭގެ ސްކޫލުތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި

  • 21،133 ދަރިވަރުން ރަށްރަށުން ވެކްސިން ފުރިހަމަކުރި

  • މިއީ ދަރިވަރުންގެ އާބާދީގެ %90

  • 218 ސްކޫލެއްގެ ދަރިވަރުން ވެކްސިން ޖެހި

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް