ދިރާސީ އާ އަހަރު ފެށި އިރު ހުރިހާ ކުދިންނަށް ސްކޫލްތައް ހުޅުވާލުމުން މިދިޔަ އޮގަސްޓް 10ގައި މާލޭގެ ސްކޫލަކަށް ދަރިވަރުން ހާޒިރުވެ: ކޮވިޑްގެ ސަބަބުން ސްކޫލް ބަންދުވުމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގައި 91،000 އަށް ވުރެ ގިނަ ކުދިން މިދިޔަ އަހަރު ތަހައްމަލްކުރި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑްގެ ބަންދުތަކުން ސުންނާފަތިވި ކުޑަކުދިން

އެކި ފަހަރު މަތިން ކޮވިޑް ކޮންޓްރޯލުން ނައްޓާލައި ތަކުރާރުކޮށް ބޮޑެތި ބަންދުތަކެއް ދިގު މުއްދަތުތަކަކަށް ގެންނަން ޖެހުމުން ކުޑަކުދިންނަށް، ހެދިބޮޑުވުމާއި ހުނަރު ދަސްކުރުމާއި އުނގެނުމުގެ ގިނަ ފުރުސަތުތަކެއް ގެއްލުނު އަދި ނަފްސާނީ ބޮޑެތި ގެއްލުންތައް ލިބުނު
23 ނޮވެމްބަރު 2021
1

ޝަފްނާ ހުސައިން، އާމިނަތު ޝިފްލީން އަދި އާސިޔަތު މުހައްމަދު ސައީދު

އަންހެން ދަރިފުޅު ސްކޫލަށް ނުގޮސް ގޭގައި ހުންނަން ޖެހޭ ސަބަބު އޭނާއަށް ފުރަތަމަ އޮޅުންފިލުވައިދިން އިރު، އޭގެ އަސަރު ފޯރާނެ މިންވަރެއް މަރިޔަމް އަލީއަށް (އަސްލު ނަމެއް ނޫން) ނަގައިގަނެވިފައެއް ނެތެވެ. ކޮވިޑް-19ގެ ބަންދުގެ ހާސްކަން 12 އަހަރުގެ ދަރިފުޅު ވަށާލައި އަނދިރިގަނޑެއްގެ ތެރެއަށް ގަންބާލީ ހީ ވެސް ނުކުރާ ފަދަ ގޮތަކަށެވެ. އޮންލައިން ކްލާހުގައި ކިޔަވައިދޭ އެއްޗެހި ނޭނގޭތީ މަރިޔަމްގެ ދަރިފުޅު ކިތަންމެ ދުވަހަކު ރޮއެ ހަޅޭއްލެވި އެވެ. ބޮލުގައި އަތް އަޅައިގެން އިނދެ ލޮލުން ކަރުނަ އޮހޮރަމުން "ނުވާނެ"އޭ ކިޔަމުން ގެންދިޔަ އެވެ. ކުރީގެ މޮޅު ދަރިވަރުގެ ފެންވަރު ދަށްވެ، ކިޔެވުން މަތިން ފޫހިވި އެވެ. ރޭގަނޑުގެ ވަގުތުތައް ބިރުވެރިކަމެއްގެ ތެރޭ ހޭދަކުރި އެވެ.

"[ދަރިފުޅު] ނިދީގައި އޮވެ، ސިއްސައިގެން ގޮސްފައި ތެދުވެ ބިރުން ހުރެ ދުއްވައިގަންނަނީ. ދުވެފައި ހަޅޭއްލަވަނީ. ދޮރު ހުޅުވާފައި ދުއްވައިގަނެގެން ދާން އުޅެނީ،" އައްޑޫގައި ދިރިއުޅޭ މަރިޔަމް މިދިޔަ ޖުލައި މަހު ބުންޏެވެ.

އައިޝަތު ލީނާ (އަސްލު ނަމެއް ނޫން) ގިނަ ބަޔަކާ އެކު މާލޭގެ ކުޑަ ކޮޓަރިއެއްގައި ތާށިވެ، ނުކިޔެވިގެން އެންމެ ފަހުން ސްކޫލުން ކެނޑުނީ އެވެ. ކޮވިޑާ އެކު ސްކޫލް ބަންދުކުރީ ލީނާ އޯލެވެލް/އެސްއެސްސީ އިމްތިހާނުން ހަތަރު 'އޭ' އާއި ހަތަރު 'ބީ' ހޯދައިގެން އޭލެވެލްއަށް ކިޔަވަން ފެށި ތަނާ އެވެ. އެކަމަކު ގޭގައި މީހުން ގިނަކަމުން އިވޭ އަޑުއަޑާ ހެދި، އޮންލައިން ކްލާހަށް ސަމާލުކަމެއް ނުދެވުނެވެ. ވާހަކަދައްކާ އަޑެވެ. ބަދިގޭގައި މިކްސަރު ޖައްސާ އަޑެވެ. ތުއްތު ކުއްޖަކު ރޮއެގަންނަ އަޑެވެ. ލީނާއާ އެއް ކޮޓަރިއެއްގައި އުޅޭ އެހެން ދަރިވަރަކު ވެސް އޭނާއާ އެއް ގަޑިއެއްގައި އޮންލައިން ކްލާސް ނަގަން ޖެހެ އެވެ.

އެ އަޑުތައް އަރާތީ ކްލާސް ގަޑީގައި މައިކް ޖެއްސުން ހުއްޓާލަން ލީނާއަށް މަޖުބޫރުވި އެވެ. ފިލާވަޅުތަކާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު އެތައް ބައިވަރު ސުވާލެއް ހުއްޓަސް، ޓީޗަރާއި އެހެން ދަރިވަރުންނަށް ވެދާނެ އުނދަގުލަކާ ދޭތެރޭ ވިސްނައި، އޭނާ ނިންމީ ހަނުހުންނާށެވެ. އިންޓަނެޓު ލަސްކަމުން، ވީޑިއޯ ޖައްސައިފި ނަމަ މުޅި ކްލާސް ހުއްޓެ އެވެ. ޓީޗަރު ކިޔާ އެއްޗެއް ގިނަ ދުވަސްދުވަހު ސާފެއް ނުވެ އެވެ.

"ހަމަ އެއްވެސް އެއްޗެއް ނުވިސްނޭ. ކްލާހަށް ވުރެ ބޮޑަށް ވިސްނެނީ ގޭ ތެރޭގައި ވާ ކަންތައްތަކާ ދޭތެރޭ. އެއްވެސް އެއްޗެއް ދަހެއް ނުވޭ. ސުވާލެއް ނުކުރެވޭ. ދެން އެހެން ގޮސް ހަމަ އެއްކޮށް ކިޔެވުން މަތިން ފޫހިވީ،" ލީނާ ބުންޏެވެ.

އެ ތުރާލުގައި ނުކިޔެވޭނެކަން ލީނާއަށް ޔަގީންވީ ހެދި ޓެސްޓުތަކެއްގެ ނަތީޖާ ދަށްކަމުންނެވެ. ކުރިން 'އޭ' ހޯދި ބައެއް މާއްދާތަކުން ވެއްޓުނީ 'އީ' އަށެވެ. އޭނާ ނިންމީ އެ ގޮތުގައި ދެ އަހަރު ބޭކާރު ނުކޮށް، ސްކޫލުން ވަކިވާށެވެ. މިހާރު 18 އަހަރު ފުރިފައިވާ ލީނާ އުޅެނީ ވަޒީފާއެއްގަ އެވެ. އޮގަސްޓް މަހު ސްކޫލަށް ދާން އޭނާ ފެއްސި ޔުނިފޯމާއި ގަތް ދަބަހާއި ބޫޓު ޖުލައި މަހު ވިއްކާލީ އެވެ.

އެކި ފަހަރުމަތިން ކޮވިޑް ކޮންޓްރޯލުން ނައްޓާލައި ތަކުރާރުކޮށް ބޮޑެތި ބަންދުތަކެއް ދިގު މުއްދަތުތަކަކަށް ގެންނަން ޖެހުމުގެ ގެއްލުން އެންމެ ފުޅާކޮށް ތަހައްމަލްކޮށްފައި ވަނީ ކުޑަކުދިންނެވެ. އެ ހާލަތު އަދިވެސް ނިމުމަކަށް އައީއެއް ނޫނެވެ. ކޮވިޑާ ގުޅިގެން މިހާރު ވެސް އެތައް ރަށެއް އެކި ފަހަރު މަތިން މޮނިޓަރިން ހާލަތަށް ގެންދާ އިރު، ދަށް ގްރޭޑުތަކުގެ ކުދިންނަށް ސްކޫލު ބަންދުކުރެ އެވެ.

ރާއްޖޭގައި، ސްކޫލް ބަންދުވުމުގެ ނޭދެވޭ އަސަރުތައް 91،000 އަށް ވުރެ ގިނަ ކުދިން މިދިޔަ އަހަރު ތަހައްމަލްކުރި އެވެ. މާލެ ސަރަހައްދުގެ ދަރިވަރުން، ކޮވިޑްގެ ހާލަތުގެ ދިރާސީ ދޮޅު އަހަރުގެ ބޮޑު ބައި ހޭދަކުރީ ސްކޫލަށް ނުދެވި އެވެ. ބޭރަށް ނުކުމެލާ، ކުޅެލާ ހަދަން ލިބުނީ ވެސް މަދު ފުރުސަތެކެވެ. މާލެ އާއި އެހެން ބައެއް ރަށްރަށުގައި ވެސް، އެތައް މަހެއް ނުވަތަ ހަފްތާތަކެއް ވަންދެން ގެއިން ނުނުކުމެވި ހަތަރު ފާރު ތެރޭ ތިބެން ޖެހުނެވެ. އޭގެ ސަބަބުން ކުޑަކުދިންނަށް، ހެދިބޮޑުވުމާއި ހުނަރު ދަސްކުރުމާއި އުނގެނުމުގެ ގިނަ ފުރުސަތުތަކެއް ގެއްލުނީ އެކަންޏެއް ނޫނެވެ؛ ނަފްސާނީ ބޮޑެތި ގެއްލުންތައް ވެސް ވަނީ ލިބިފަ އެވެ. 

މި ކަންކަން ރަނގަޅުކުރުމަށް ވަރަށް، ވަރަށް ގިނަ ދުވަސް ވެސް ނަގާފާނެ.

ލީލާ އަހުމަދު / އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ތަޖުރިބާކާރެއް

ފިރާޝާ މޫސާ (އަސްލު ނަމެއް ނޫން) އަށް އެ ހާލަތު ގާތުން ފެނުނެވެ. މާލޭގެ ސަރުކާރު ސްކޫލެއްގައި 350 އެއްހާ ދަރިވަރުންނަށް ކިޔަވައިދޭ ސަބްޖެކްޓް ޓީޗަރު ބުނިގޮތުގައި މިދިޔަ ދިރާސީ އަހަރު ނިމުނީ ބައެއް ކުދިންގެ ތައުލީމީ ފެންވަރު ތިން-ހަތަރު އަހަރު ފަހަތަށް ސޮއްސާލައިގެންނެވެ؛ އަދި ކައުންސެލިން ދޭން ޖެހޭ ވަރަށް ބައެއް ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވެގެންނެވެ. ކްލާހުގައި ކުރިން އަބަދު ސުވާލުކުރާ ބައެއް ދަރިވަރުން ފަހުން ތިބީ އަނގައިން ނުބުނެ ހުއްޓުން އަރައިފަ އެވެ.

ކޮވިޑްގެ ފުރަތަމަ ލޮކްޑައުންއަށް ފަހު ސްކޫލް ހުޅުވި ދުވަސްކޮޅު، ކުދިން ރަނގަޅުވާން ފެށި ތަން ފިރާޝާއަށް ފެނުނެވެ. އެކަމަކު އަނެއްކާވެސް އެކި ފަހަރު މަތިން ބަލި މާ ބޮޑަށް ފެތުރި، ތަކުރާރުކޮށް ސްކޫލް ބަންދުކުރަން ޖެހުމަކީ ކުދިންނަށް ލިބުނު ގެއްލުން ބޮޑުކުރި ސަބަބެވެ.

ފިރާޝާ ދެކޭގޮތުގައި އެއީ ސިޔާސީ މީހުން މެދުވެރިކުރި ހާލަތެކެވެ.

"ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ސިޔާސީ މީހުން ކުރި ކަންތައްތަކެއްގެ ސަބަބުން އަސްލުގައި މި ކަންތައްތައް މިހާ ބޮޑަށް ބޮއްސުންލައިގެން މި ދިޔައީ. އެހެން ނޫން ނަމަ އަޅުގަނޑުމެންގެ ދަރިން ގޭގައި ތިބޭކަށް ނުޖެހޭނެ. ބަރާބަރަށް އެ ކުދިން ސްކޫލަށް ދާނެ،" ޓީޗަރެއްގެ ހައިސިއްޔަތުން މީޑިއާއާ ވާހަކަދެއްކުމުގެ ހުއްދަ ނޯންނާތީ އަސްލު ނަން ނުޖަހަން ޝަރުތުކޮށް އޭނާ ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި 2020ގެ ދިރާސީ އަހަރު ދަރިވަރުންނަށް އެންމެ އެކަށީގެންވާ ތައުލީމު ނުލިބުމުގެ އިތުރުން، ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ގިނަ އަދަދެއްގެ ކުދިން ވެފައިވާ ކަމުގެ ރިޕޯޓްތައް އެ ތަނަށް ލިބުނެވެ. މިދިޔަ އޮގަސްޓް 10ގައި ދިރާސީ އާ އަހަރު ފަށަން ތައްޔާރުވަމުންދިޔަ ވަގުތު މި ރިޕޯޓަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އާމިނަތު އައްޒަ ވިދާޅުވިގޮތުގައި ނަފްސާނީ މައްސަލައެއް ކުރިން ނެތް ކުދިންނަށް އަލަށް އެފަދަ ކަންކަމާ ކުރިމަަތިލާން ޖެހުނު އިރު، ކުރިންސުރެ އެފަދަ މައްސަލަތައް ހުރި ކުދިންގެ ހާލަތު ވަނީ ދަށަށް ގޮސްފަ އެވެ. ނަފްސާނީ ބޮޑެތި ބަލިތައް ހުރި ބައެއް ކުދިން ތިބީ، އައްޒަ ވިދާޅުވިގޮތުގައި، އަމިއްލައަށް މަރުވާން ވިސްނާ ހިސާބުގަ އެވެ.

މި ރިޕޯޓަށް ވާހަކަދެއްކެވި ބައެއް މާހިރުން ވިދާޅުވިގޮތުގައި ބަލިމަޑުކަން މެނޭޖުކުރުމުގައި ކުޑަކުދިންނަށް އިސްކަންދިނުމުގެ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅުނު ނަމަ މި ގެއްލުން ކުޑަކުރެވުނީހެވެ.

"އެކަމަކު ހިތާމައަކީ، ޕޮލިސީ ލެވެލްގައި މިހާތަނަކަށް ނެތް، ކުޑަކުދިން ޕްރަޔޯރިޓީއަށް ލައިގެން މިފަދަ އެއްވެސް ކަމެއް ކުރެވިފައި،" އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ތަޖުރިބާކާރު ލީލާ އަހުމަދު ޖުލައި މަހުގެ ކުރީކޮޅު ވިދާޅުވި އެވެ.

ޕްރައިވެޓް ސްކޫލް ހިންގާ އައިލެންޑާސް އެޑިއުކޭޝަންގެ ޑިރެކްޓަރު އަދުލީ ރަޝީދު ވިދާޅުވިގޮތުގައި ކޮވިޑާ ގުޅިގެން ރާއްޖޭގައި "އެންމެ ލަހުން ހުޅުވާ، އެންމެ އަވަހަށް ބަންދުކުރަނީ ސްކޫލް" ކަމަށް ވުމަކީ ވަރަށް ބޮޑު ގޯހެކެވެ. ކުޑަކުދިންނަށް އިސްކަންދިނުމުގެ ގޮތުން ބައެއް ގައުމުތަކުގައި އެހެން ކަންކަން ގުރުބާންކޮށްފައި ސްކޫލްތައް ހުޅުވި ނަމަވެސް ރާއްޖޭގައި އެފަދަ ސިޔާސަތެއް ނުގެންގުޅެ އެވެ.

"ސްކޫލަކީ އެންމެ ދަށް ޕްރަޔޯރިޓީއަށް ހަދާފައި ރެސްޓޯރެންޓްތަކާއި އެހެން ހުރިހާ ކަމެއް ހުޅުވައިގެން އުޅޭ އުޅުމަކީ މުޖުތަމައުއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ހަޑި ކަމެއް،" އަދުލީ ޖުލައި މަހު ވިދާޅުވި އެވެ. "ކުޑަކުދިންގެ އަޑެއް ނެތީމާ އެ ކުދިންނަކަށް މި ވާހަކައެއް ނުދެއްކޭނެ. ބޮޑެތި މީހުން މި ވާހަކަ ދައްކަން ޖެހޭ ވަރަކަށް ނުދައްކާ."

ބަލި ޖެހިދާނެ ކަމުގެ ބިރަށްޓަކައި ދަރިން ސްކޫލަށް ފޮނުވަން ބޭނުން ނުވި މައިންބަފައިން ގިނަ އެވެ. ސްކޫލް ބަންދުކުރަން ސަރުކާރަށް ބޮޑެތި ޕްރެޝަރުތައް ވެސް ކުރިމަތިވި އެވެ.

ޓީޗަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ ސްކޫލް ބަންދުކުރުމަކީ ހަމަ އެއްވެސް ވަރަކަށް ކޮށްގެން ވާނެ ކަމެއް ނޫނޭ. ކިރިޔާ ވެސް ފުރުސަތެއް އޮތިއްޔާ ކުދިން ސްކޫލަށް ގެންގޮސްގެންނޭ ކިޔަވައިދޭން ވާނީ.

ޓީޗަރެއް

ކޮވިޑްގެ ބަންދުތަކުން ކުޑަކުދިންނަށް ލިބުނީ ދާއިމީ ގެއްލުންތަކަކަށް ވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން މާހިރުން ފާޅުކުރެއްވި އެވެ. އައިޖީއެމްއެޗުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވިދާޅުވިގޮތުގައި ބައްޔާއި ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރި އަސަރު، ބަލިމަޑުކަމުގެ ހާލަތަށް ފަހު، ގިނަ ކުދިންގެ ކިބައިން މަޑުމަޑުންގޮސް ފިލައިގެންދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެ އަސަރުތައް ބޮޑުވެގެން އެންޒައިޓީ އާއި ޑިޕްރެޝަންގެ ޝިކާރައަކަށް ކުދިން ވެ، ގިނަ ދުވަސްތަކަކަށް ނަފްސާނީ ބަލިތައް ތަހައްމަލްކުރަން ވެސް ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

"މި ކަންކަމަށް އެޑްރެސް ނުކުރެވޭ ނަމަ، ދިގު މުއްދަތަކަށް ނަފްސާނީ ބަލިމަޑުކަމަކަށް ދިޔުމުގެ ފުރުސަތު އެބަ އޮތް،" އާފިޔާ ވިދާޅުވި އެވެ.

ކޮވިޑް ބަންދުގެ އަސަރުތައް ދަރިވަރުންނާއި ބެލެނިވެރިން ކިޔައިދިން

ކުދިންގެ ދުނިޔެ އެފުށްމިފުށަށް

ކޮވިޑްގެ ފުރަތަމަ ލޮކްޑައުންގައި ކުޑަކުދިން އުޅެމުންދިޔަ ގޮތުގެ ސާވޭއެއް މިދިޔަ އަހަރުގެ މޭ މަހު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހެދި އިރު، އެންމެ ދެރަވަނީ ކޮން ކަމެއް ނުކުރެވޭތީތޯ ދަރިވަރުންނާ ކުރި ސުވާލަށް ގިނަ ކުދިން ދިން ޖަވާބަކީ ސްކޫލަށް ނުދެވޭތީ ކަމެވެ.

ބަލިމަޑުކަމުގެ ބަންދުތަކުގެ ނޭދެވޭ އަސަރު ކުރީ ކުދިންގެ ކިޔެވުމަށް އެކަންޏެއް ނޫނެވެ. ޑިޖިޓަލް ޑިވައިސްތައް ބޭނުންކުރާ ވަގުތު އިތުރުވުމާއި އިޖުތިމާއީ އެތަކެއް ބޭނުންތަކެއް ނުފުދި ދިޔުމުގެ ބޮޑެތި ގެއްލުންތައް ވެސް ކުދިން ތަޖުރިބާކޮށްފި އެވެ.

[ދަރިފުޅު] ނިދީގައި އޮވެ، ސިއްސައިގެން ގޮސްފައި ތެދުވެ ބިރުން ހުރެ ދުއްވައިގަންނަނީ. ދުވެފައި ހަޅޭއްލަވަނީ. ދޮރު ހުޅުވާފައި ދުއްވައިގަނެގެން ދާން އުޅެނީ.

ބެލެނިވެރިއެއް

މާލެ ފިޔަވައި އެންމެ ގިނަ ދުވަހު ލޮކްޑައުންކޮށްފައި އޮތް އެއް ރަށް ކަމަށްވާ ޅ. ނައިފަރު ޝީޒާ އަލީގެ (އަސްލު ނަމެއް ނޫން) އާއިލާއަށް، އޭނާގެ ދަށް ނަތީޖާއަށް ވުރެ ބޮޑު ކަންބޮޑުވުމަކީ އުޅުމަށް އައި ބަދަލުތަކެވެ. ރައްޓެހިންނާ އެކު ބޭރަށް ގޮސް މަޖާކުރަން ލޯބިކުރި އަދި އާއިލާއާ އެކު ލާނެތް ސަކަރާތް ޖެހުމުގައި ވަގުތު ހޭދަކުރި ޝީޒާ، 14، ފަހުން އަބަދު އޮންނަނީ ކޮޓަރި ތެރޭގަ އެވެ.

"ބޭރަކަށް ނުދޭ، މީހަކާ ވާހަކައެއް ނުދައްކާ. ބަސް މަދުވެ ރުޅިގަދަވެފައި ހުންނަނީ،" ޝީޒާގެ ބޮޑުދައިތަ ޖުލައި މަހު ބުންޏެވެ.

އާފިޔާ ވިދާޅުވިގޮތުގައި ކުޑަކުދިން ވެސް ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލަނީ ހާސްކަމުގަ އެވެ. ބިރުވެރިކަމާއި ޔަގީންކަމެއް ނެތް ގޮތުގަ އެވެ. ނަތީޖާއަކީ، ނޭނގި ހުއްޓާ، މަޑުމަޑުން ކުދިންނަށް ނަފްސާނީ ގޮތުން ނުބައި އަސަރުތައް ކުރުމެވެ. އޭނާ ވިދާޅުވިގޮތުގައި މާ ބޮޑަށް ބިރުގަތުމާއި ހާސްވުމާއި ޑިޕްރެޝަންގެ އަލާމާތްތައް ކުދިންގެ ފަރާތުން ފެނުނަސް އެހެން މީހުންނަށް ނޭނގިދާނެ އެވެ. އެއީ އެ ކަންކަން ކިޔައިދޭން ކުދިންނަށް ނޭނގޭތީ އެވެ. އޭގެ ބަދަލުގައި ކުދިންގެ ފަރާތުން ފެންނާނީ، އާފިޔާ ވިދާޅުވިގޮތުގައި، ރުޅިގަދަވުމާއި ކެއުމާއި ނިދުން ފަދަ ކަންކަމާ މެދު ބޮޑާހޭކުމެވެ.

ދަރިފުޅު ބޭނުމެއް ނުވޭ ގެއިން ބޭރަށް ދާކަށް. މޮޅު ކުއްޖެއް. އެކަމަކު މިހާރު ބުނަނީ ތިމަންނަ ވަރަށް ފޫހިވެއްޖެއޭ ކިޔަވަން.

ބެލެނިވެރިއެއް

އެޑިއުކޭޝަން މިނިސްޓްރީގެ އައްޒަ ވިދާޅުވިގޮތުގައި ކޮވިޑްގެ ހާލަތުގައި ކުޑަކުދިން މީހުންނާ ވާހަކަނުދެއްކުމާއި ކެއުމާ ދުރުވުން ފަދަ ކަންކަން އާއްމެވެ؛ އަދި އަމިއްލަ ނަފްސަށް ގެއްލުންދިން ކުދިން ވެސް އުޅުނެވެ. އައްޒަ ވިދާޅުވީ ދުވާލަކު އެއްފަހަރު ކައިގެން އަދި ކާ ފަހަރަކު ވިޔަސް ހޮޑުލައި ކާ އެއްޗެހި ބޭރުކޮށްލާ ކުދިން ތިބިކަން ވެސް އެނގިފައިވާ ކަމަށެވެ. އެކަމަކު މިފަދަ މައްސަލަތައް ގިނަ ފަހަރު ބެލެނިވެރިންނަށް ވެސް ފާހަގަވަނީ ސިއްހީ އެހެން މައްސަލައެއް ކުރިމަތިވެގެން ޑޮކްޓަރަށް ދެއްކުމުންކަން އައްޒަ ފާހަގަކުރެއްވި އެވެ.

"ކުޑަކުދިން ވީމާ މިފަދަ ނަފްސާނީ މައްސަލަތަކާ އެއްގޮތަކަށް ވެސް ކޯޕްކުރާކަށް ނޭނގޭ،" އައްޒަ ވިދާޅުވި އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން 8 އޮގަސްޓް 2021ގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (މ) ނޫސްވެރިންނާ ވާހަކަދައްކަވާ އިރު، އަރިހުގައި ޑިރެކްޓަ ޖެނެރަލް އާމިނަތު އައްޒަ (ވ). (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޮގަސްޓް 10ގައި ސްކޫލްތައް ހުޅުވަން ތައްޔާރުވި ވަގުތު އެޑިއުކޭޝަން މިނިސްޓްރީން، މި ރިޕޯޓަށް ވާހަކަދައްކަމުން، ބުނީ ކުދިންނަށް އައި ނަފްސާނީ ބަދަލުތައް ދެނެގަނެ، އެ ކަންކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ރެޑް ކްރެސެންޓް މެދުވެރިކޮށް ނަފްސާނީ އެހީގެ ފަސްޓް އެއިޑް ތަމްރީން ދީ، ސްކޫލްތަކުގެ ކައުންސިލަރުން އައިޖީއެމްއެޗުން ތަމްރީންތަކެއް ހަދާފައިވާ ކަމަށް އައްޒަ ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ކުދިންގެ ނަފްސާނީ މައްސަލަތައް ދެނެގަންނަން ޓީޗަރުންނަށް ދަސްކޮށްދީ، އިތުރު އެހީ ބޭނުންވާ ނަމަ ކައުންސިލަރަށް ދެއްކޭނެ ގޮތް ހުރީ ހަމަޖެހިފަ އެވެ. އެކަމަކު ހުރިހާ ސްކޫލަކު ކައުންސިލަރުންނެއް ނުތިބެ އެވެ. އައްޒަ އޭރު ވިދާޅުވީ އެކަމުގެ ހައްލެއްގެ ގޮތުން، ޔުނިސެފާ ގުޅިގެން، ސައިކޮލޮޖިކަލް ހެލްޕް ލައިނެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

ވައިފައި ސްލޯކަމުން ގިނަ ދުވަސްދުވަހު ކްލާހަކަށް ނުވަދެވޭނެ. ވަދެވުނަސް، އޮންލައިންކޮށް ކިޔަވަން ޖެހުނީމަ ވަރަށް އަވަހަށް ސަމާލުކަން ގެއްލޭ. ބައެއް ފަހަރު ނިދަން ވެސް ނިދޭ.

ދަރިވަރެއް

ވެކްސިން ފުރިހަމަކުރުމުން ކަރަންޓީނު ނުވެ ދަތުރުކުރުމުގެ ހުއްދަ ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމުމާ އެކު ފާތިމަތު ޒައިނާގެ ގޭތެރެއިން އިވުނީ ހަމްދުގެ އަޑެވެ. އެންމެން އަތްޖަހައި އުފާފާޅުކޮށް އަވަހަށް ދަތުރު ހަދަން ފެށި އެވެ. އެންމެ ބޮޑު ހިނިތުންވުމެއް ފެންނަން ހުރީ ޒައިނާގެ 8 އަހަރުގެ އަންހެން ދަރިފުޅުގެ މޫނުމަތިންނެވެ.

އެންމެ ފުރަތަމަ މާލެ ލޮކްޑައުންކުރި އިރު ޒައިނާގެ ދަރިފުޅު ސްކޫލަށް ދާން ފެށިތާ ދެ މަހެވެ. ވަރަށް އުފަލުން، ބައިވަރު އުއްމީދުތަކާ އެކު ސްކޫލަށް ހާޒިރުވަމުންދިޔަ ދަރިފުޅުގެ ދިރިއުޅުމަށް ދެން އައީ ކުއްލި ބަދަލުތަކެކެވެ. ކިޔެވުމުގެ ޝައުގުވެރިކަން ގެއްލި، ކުއްޖާގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރި އެވެ. ޒައިނާ ބުނިގޮތުގައި ގޭގައި ބަންދުވެފައި ތިބެން ޖެހުނު ފަހުން ދަރިފުޅު ވަރަށް ބޮޑަށް ރުޅިގަދަވާކަން ފާހަގަކުރެވުނެވެ. އަދި އޭނާގެ ކެއުމާއި ނިދުމަށް ބޮޑު ބަދަލެއް އައިސް ވަރަށް ބޮޑަށް ފަލަ ވެސް ވި އެވެ. ހަށިގަނޑު ބަރުހެލިވެ، އަވަސް އަވަހަށް ވަރުބަލިވާ ކުއްޖަކަށް އޭނާ ބަދަލުވި އެވެ. ޒައިނާގެ ކޮއްކޮގެ 4 އަހަރުގެ ފިރިހެން ދަރިފުޅަށް ވެސް ހަމަ އެފަދަ ބަދަލުތަކެއް އަ އެވެ.

"ސްކޫލްގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ކުދިންނަށް ފޯރުކޮށްދޭ،" ތައުލީމުގެ ތަޖުރިބާކާރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާމާލް އަލީ ވިދާޅުވި އެވެ. "ސްކޫލަށް ނުގޮސް ތިބި ދުވަސްތަކުގައި އެ ކަންތައްތަކުން ވަނީ މަހުރޫމްވެފައި."

ބޭރަށް ނުނިކުމެވި ގޭތެރޭގައި ތާށިވެފައި ތިބެން ޖެހުމުން ކުޑަކުދިންގެ ހަށިގަނޑުން ބޭރު ނުވެ ހުންނަ ހަކަތަ، އިސާހިތަކު ބޮޑާހޭކުމަށް ބަދަލުވާ ކަމާއި ކުދިންނަށް ބޮޑަށް ހަރަކާތްތެރިވެ ނޫޅެވުމުން ދުޅަހެޔޮކަން ދަށަށް ދާކަން އާމާލް ފާހަގަކުރެއްވި އެވެ.

އެހެން ގައުމުތަކާ އަޅާބަލާ އިރު، ކުދިން ތައުލީމަށް އެކްސެސްވުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވަނީ.

އާމިނަތު އައްޒަ / އެޑިއުކޭޝަން މިިސްޓްރީގެ ޑިރެކްޓަ ޖެނެރަލް 

ޖުލައި މަހުގެ ބޮޑު ޗުއްޓީ ތެރޭގައި ފާތިމަތު އަލީ ތައްޔާރުވަމުންދިޔައީ އޭނާގެ 8 އަހަރުގެ ދަރިފުޅުގެ ބޯހަމަޖައްސާލަން އަތޮޅުތެރެއަށް ގެންދާށެވެ. ގޭތެރޭގައި ބަންދުވެފައި ތިބެން ޖެހުމުން ފިރިހެން ދަރިފުޅަށް ވަރަށް ބޮޑަށް އަސަރުކޮށް ނުތަނަވަސްވެފައިވާކަން ފާތިމަތަށް ފާހަގަކުރެވެން ފެށިތާ އޭރު އެތައް ދުވަހެއް ވެއްޖެ އެވެ. ދަރިފުޅު ހިޔާލުތަކާ ދުރުކުރަން އެތައް ގޮތަކުން މަސައްކަތްކޮށް އަލިމަގެއް ނުފެނުނެވެ. އެހެންކަމުން ފާތިމަތު އެ ވަގުތު ހުރީ، 14 ދުވަހަށް ކަރަންޓީނު ވާ ގޮތަށް ވިޔަސް، ދަރިފުޅު މާލެ އިން ބޭރަށް ގެންދަން ތައްޔާރުވެގެންނެވެ.

"ވަރަށް ބޮޑަށް ހީވޭ ދެން އިތުރަށް މިތާ [މާލޭގައި] ބަހައްޓައިފިއްޔާ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވެދާނެހެން. ރަށަކަށް ގެންގޮސް ކުޅެލާ، އެހެން ކުދިންނާ އެއްކޮށް އުޅެން ދޫކޮށްލީމަ ރަނގަޅުވާނެ ކަމަށް މި އުންމީދުކުރަނީ. ދެން އަންނާނީ ސްކޫލު ފެށުނީމަ،" ފާތިމަތު ޖުލައި މަހު ފުރުމުގެ ކުރިން ބުންޏެވެ.

އެންމެ ބޮޑެތި ގެއްލުން އެންމެ ނާޒުކު ކުދިންނަށް

ކޮވިޑްގެ ފުރަތަމަ ލޮކްޑައުންއަށް ފަހު ސްކޫލް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ޔުނިސެފްގެ އެހީގައި ޕްލޭނެއް އެކުލަވާލި އެވެ. މޭ 2020ގެ އެ ރިޕޯޓު ފަށާފައިވަނީ، ކޮވިޑްގެ ބަލިމަޑުކަމާ އެކު ކުރިމަތިވި އިގްތިސޯދީ ހީނަރުކަމާއި ސްކޫލް ބަންދުގެ ލޮޅުމާ ދޭތެރޭ އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ތައުލީމަށާއި ރާއްޖޭގެ ތަރައްގީއަށް "ދިގު މުއްދަތުގެ ސީރިއަސް" އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރުންނެވެ. އެ ކަރުދާހުގައި ބުނެފައިވާ ގޮތުގައި، ކޮވިޑްގެ ހާލަތުގައި ސްކޫލް ބަންދު ދިގުލައިގެންދިޔުމާއި ސްކޫލަށް ހާޒިރު ނުކޮށް އެހެން ގޮތްގޮތުން ކިޔަވައިދިނުން ރަނގަޅަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ދަރިވަރުން ކިޔެވުން މަތިން ފޫހިވެ، ސްކޫލުން ކެނޑޭ ކުދިން އިތުރުވެދާނެ އެވެ.

"ކުޑަކުދިން ސްކޫލަށް ނުދާ މުއްދަތު ދިގުވާ ވަރަކަށް އުނގެނުމަށް ކުރާ އަސަރު ބޮޑެވެ. ނާޒުކު ކުދިން އަނބުރާ ސްކޫލަށް ނުދިޔުމުގެ ބިރު ބޮޑެވެ. އަދި އުނގަންނައިދިނުމުގައި، ކުދިން ނުފަރިތަ އަދި އާ ގޮތްތައް ތައާރަފްކުރުމުގެ ސަބަބުން ކިޔެވުމާ ދުރަށް ދިޔުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ،" ރިޕޯޓުގައިވެ އެވެ.

ކަރުދާހުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ހާލަތުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑުވާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ރަނގަޅު ހިދުމަތްތަކެއް ނުލިބޭ ނުވަތަ ދަތިތައް ހުރި ރަށްރަށާއި ފަގީރު ގޭބިސީތަކުގައި ދިރިއުޅޭ ކުދިންނަށެވެ.

ކަން ހިނގީ ވެސް އެ ގޮތަށެވެ.

އޮންލައިން ކްލާސްތައް ނަގަން ބޭނުންވާ ވަސީލަތްތަކަށް އަމިއްލައަށް ހަރަދުކުރެވޭ ވަރު ނުވާ މީހުންނާއި ކޮވިޑްގެ ހާލަތާ އެކު އަތްމަތިދަތިކަން ހައްތަހާ ގޯސްވި މީހުންގެ ދަރިން، ސްކޫލް ބަންދާ އެކު، ވަކިން ބޮޑަށް އެކަހެރިވެ، ބާކީވެގެންދިޔަ އެވެ.

ކޮވިޑްގެ ހާލަތުގައި އޮންލައިންކޮށް ކިޔަވަން ޖެހުނު އިރު ކުރިމަތިވި އިންޓަނެޓުގެ މައްސަލަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ސާވޭއެއް ހެދި އެވެ. ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ތަޖުރިބާގެ މައްޗަށް ތައްޔާރުކޮށްފައިވާ އެ މިނިސްޓްރީގެ ރިޕޯޓަކުން އެނގޭގޮތުގައި، ސާވޭ އިން ދެއްކީ، ގްރޭޑް 1-12ގެ %31 ދަރިވަރުންނަށް އިންޓަނެޓު ނުލިބޭ ކަމަށެވެ. މޮބައިލް ޑޭޓާގެ އަގު ބޮޑުކަމުން އަތްފޯރާވަރު ނުވާ ކަމުގެ ޝަކުވާ ވެސް އެތަކެއް ބެލެނިވެރިންނާއި ޓީޗަރުން ކުރި އެވެ. އެކަން ހައްލުކުރުމުގެ މަގްސަދުގައި މިނިސްޓްރީން މަހަކު 5ޖީބީގެ މޮބައިލް ޑޭޓާ އާއި، ސްމާޓް ފޯނު ނެތް އާއިލާތަކަށް، 1،500 ޑޮންގްލް ހަމަޖައްސައިދިނެވެ. އެކަމަކު އެއީ ހައްލަކަށް ނުވި އެވެ.

ފިރާޝާ ބުނީ މިނިސްޓްރީ މެދުވެރިވެގެން ދަރިވަރުންނަށާއި ޓީޗަރުންނަށް ފޯރުކޮށްދިން އިންޓަނެޓު ލަސްކަމުން އޭގެ މާ ބޮޑު ބޭނުމެއް ނުހިފުނު ކަމަށެވެ. އޭނާ ބުނިގޮތުގައި ގޭގައި އެކަށީގެންވާ ޑިވައިސްއެއް ނެތިގެންނާއި އިންޓަނެޓް ނުލިބޭތީ ނުވަތަ ލަސްކަމުން، އޮންލައިން ކްލާސްތަކަށް ނުވަދެވޭ ފަސް ވަރަކަށް ދަރިވަރުން ކޮންމެ ކްލާހެއްގައި އުޅެ އެވެ. އަދި އެފަދަ ކުދިންގެ ހަބަރު ބަލަން ގުޅާލީމާ މައިންބަފައިން ރޮއެގެންފައި، "ކީއްހޭ ކުރާނީ، ހަމަ އެއް އިރު ކެއިއްޔާ އަނެއް އިރު ނުކައޭ މި ތިބެނީ" އޭނާ ގާތު ބުނެ އެވެ.

  • އެނގުން މުހިއްމު - އޮންލައިން ކްލާސްތައް ނުނެގޭ ކުދިންގެ ގޭގެއަށް ފިލާވަޅުތައް ފޯރުކޮށްދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސި އެވެ. އެހެންކަމުން، ބައެއް ފަހަރު، ކަރުދާހަށް ޕްރިންޓްކޮށްގެން ޓީޗަރުން ދަރިވަރުންނަށް ފިލާވަޅު ގެންގޮސްދިނެވެ.

ފިރާޝާ ފަދަ ޓީޗަރުންނަށް، މިދިޔަ ދިރާސީ އަހަރުގެ ދޮޅު އަހަރު ތެރޭ، ދަރިވަރުންގެ ފަރާތުން ހިތްދަތި އެތައް ވާހަކައެއް އަޑުއިވުނެވެ.

"އަޅުގަނޑު ވަރަށް ކައިރިން ގެންގުޅުނު ވަރަށް ނިކަމެތި އެކަމަކު ވަރަށް ވިސްނުން ތޫނު ދެ ކުއްޖަކު އެއް ދުވަހަކު ހަމަ ރޮއެފައި އަމިއްލައަށް ބުނީ މިސްއޭ އަޅުގަނޑު އަތުގައި މިއަދު ހަމަ ނެތޭ ބޯލާނެ ކިރު ޕެކެޓެއް ވެސް، ބައްޕަ ވަޒީފާ އިން ވަކިކޮށްފިއޭ، މަންމަ ކުރާނެ މަސައްކަތެއް ނެތޭ، ފިހާރައަކަށް އެއްޗެއް [ވިއްކަން] ލެވެނީއެއް ނޫނޭ. ހިތަށް ވީ ތަދުން އަޅުގަނޑަށް ހަމަ ރޮވުނު،" ފިރާޝާ ބުންޏެވެ.

އޭނާގެ އެހެން ދަރިވަރެއްގެ އުދާސްތައް ކިޔައިދިނީ "މިސް މިއަދު ކެއީ ކޯއްޗެއްތޯ"އޭ ދުރުދުރުން އަހާލުމުން ފިރާޝާ ސުވާލުކުރަން ފެށީމަ އެވެ.

"އެ ކުއްޖާ ބުނީ އަދި މިއަދު ނުކަމޭ، ގޭގައި މިހާރު ދެ މަސް ވެއްޖެއޭ ހަމައެކަނި ގަރުދިޔަކޮޅަކާއި ބަތްކޮޅަކާ ކާތާ، ތެލުލި ފަތްކޮޅެއް ވެސް ނެތޭ، މިހާރު ރުފިޔާ ނުލިބެނީއޭ. އޭނާ ބޭނުންވާ ރަނގަޅު ކާއެއްޗެއް ނުލިބިގެން ވަރަށް ބޮޑަށް އަސަރުކޮށްގެން އެ ޝަކުވާ އެ ކުރީ ހަގީގަތުގައި،" ފިރާޝާ ބުންޏެވެ.

އަމުދުން، އުނގެނެން ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް އޮންލައިން ކްލާސްތައް މެދުވެރިކޮށް އަޅާލެވޭނެ ގޮތެއް ޓީޗަރުންނަކަށް ނެތެވެ. މިސާލަކަށް، އަޑުނީވޭ ކުދިންނާއި ނުފެންނަ ކުދިންނާއި އަޑުއަޑު އިވުނީމާ އުނދަގޫވާ ކުދިންނެވެ.

ހާއްސަ އެހީތެރިކަން ބޭނުންވާ 3،800 އެއްހާ ދަރިވަރުން 2019ގައި ތިއްބެވެ. އެއީ ހުރިހާ ދަރިވަރުންގެ %5 އެވެ. މިދިޔަ އަހަރު ވެސް އެ އަދަދަށް ސެން ދަރިވަރުން ތިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެ އެވެ. މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގެ ފުރަތަމަ ލޮކްޑައުން ތެރޭގައި ހަތަރު ސްކޫލަކުން ހޮވާލި އެފަދަ 150 ދަރިވަރަކަށް (ބޮޑެތި ނުކުޅެދުންތެރިކަން ހުންނަ ކުދިން)، ބެލެނިވެރިން ގޭގައި އުނގަންނައިދޭން ބޭނުންކުރާނެ ތަކެތި ޔުނިސެފްގެ އެހީގައި ފޯރުކޮށްދިނެވެ.

އެކަމަކު ފިރާޝާ ބުނިގޮތުގައި ސްކޫލް ބަންދުކުރުމުން އޭނާގެ 'ޑްރީމް' ދަރިވަރުންނާ އެއްގޮތަކަށް ވެސް ބައްދަލުނުވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ކުދިން ކުރިން ހާސިލްކޮށްފައި ހުރި ކަންކަން ވެސް ހުރީ ބީވެގެން ގޮސްފަ އެވެ.

"އެއްވެސް ވަރަކަށް އަކުރެއް އަޅާލަން ވެސް، ފަންސުރުގައި ހިފާލަން ވެސް ނޭނގޭހާ ބޮޑަށް އެ ކުދިން ޑައުންވެގެން ދިޔަ. ސަބަބަކީ އެ ކުދިންނަށް ތަމްރީން ނުދެވުނީ އަޅުގަނޑުމެންނަށް،" ފިރާޝާ ބުންޏެވެ. "އެއީ އަޅުގަނޑުމެން ވަރަށް ގާތުން، އެއްގޮތަކުން ނުވެއްޖެއްޔާ އަނެއް ގޮތަކުން މަސައްކަތްކުރުވައިގެން ކުރިއެރުން ލިބެމުން އައި ކުދިން. އެ ކުދިންނަށް ކިޔަވައިދިނުމަކީ ވަކި ހުނަރެއް ލިބިގެން ކުރެވޭ ކަމެއް. އެހެންވީމަ މައިންބަފައިންނަށް އެ ގޮތަށް މަސައްކަތްކޮށް ނުދެވިދާނެ."

ސްކޫލް ބަންދުކުރުމުގެ އަސަރު، ފެންވަރު ދަށް ކުދިންގެ ކިޔެވުމަށް ވަކިން ބޮޑު ކަމަށް ބެލެވެ އެވެ. ކޮވިޑްގެ ކުރިން ވެސް، ގްރޭޑް 3 އަދި 6 ނިންމާފައިވާ ދަރިވަރުންގެ ތެރޭގައި، ލިޔެކިޔުމަށާއި ހިސާބަށް ދަށް ގިނަ އަދަދެއްގެ ދަރިވަރުން ތިބިކަން އެޑިއުކޭޝަން މިނިސްޓްރީއަށް އޮތީ ފާހަގަކުރެވިފަ އެވެ. މިނިސްޓްރީގެ 'ރެސްޕޮންސް ޕްލޭން'ގައި ބުނެފައިވާ ގޮތުގައި:

  • އޭގެ ތެރެއިން ވަރަށް ގިނަ ކުދިންނަކީ ދަތިތަކާ އެކު ދިރިއުޅޭ އަދި ގިނަ ފަހަރު އެކަހެރި ރަށްރަށުގައި އަދި ފެންވަރު ދަށް ސްކޫލްތަކުގައި ކިޔަވާ ކުދިން

  • ސްކޫލަށް ނުދެވުމަކީ އަމުދުން އެފަދަ ކުދިންނަށް އިންތިހާއަށް ބޮޑު ގެއްލުމެއް 

  • ގޭގައި ތިބެގެން ކިޔަވަން އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ހުނަރުތަކެއް އެކުދިންގެ ބެލެނިވެރިންގެ ކިބަޔަކު ނެތް

  • އެފަދަ ކުދިންގެ ގޭގޭގައި ހަލުވި އިންޓަނެޓެއް އަދި ބޭނުންކުރާނެ ޑިވައިސްއެއް ނެތުމުގެ ފުރުސަތު ބޮޑު

"މިޑްލް އަދި ހައި ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް އަމިއްލައަށް ފިލާވަޅު ހަދައި ކިޔަން އެނގޭނެތީ މި ގޮންޖެހުންތަކުން އަރައިގަނެވުން އެކަށީގެންވެ އެވެ. ނަމަވެސް ފުދުންތެރިކަން ކުޑަ އަދި ފެންވަރު ދަށް އެލިމެންޓްރީ ދަރިވަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި، އިތުރަށް ފެންވަރު ދަށްވެގެންދާނެކަން ޔަގީނާ ގާތެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ރިޕޯޓުގައިވެ އެވެ.

ފުރަތަމަ ހުޅުވަންވާނީ ސްކޫލް. އެކަމަކު ސްކޫލް ހުޅުވަނީ އެންމެ ފަހުން، ބަންދުކުރަނީ އެންމެ ކުރިން.

އަދުލީ ރަޝީދު / އައިލެންޑާސް އެޑިއުކޭޝަންގެ ޑިރެކްޓަރު

ކިޔެވުން އެތައް ތަނެއް ފަހަތަށް

އުމުރުން 8 އަހަރުގެ އައިޝަތު ލައިލާ އަހުމަދުގެ ހަޔާތް ތިން އަހަރު ވަރު ފަހަތަށް ސޮއްސާލައިފި ކަމުގެ އިހުސާސް އޭނާގެ މަންމަ އާމިނަތު ލުބްނާ ކުރެ އެވެ. ގޭތެރޭގައި ތާށިވެފައި ތިބެން ޖެހުމުން ލުބްނާ ނިންމީ ފިލާވަޅު ހަދުވަން މާ ބޮޑަށް ގަދަނާޅާށެވެ. ދަރިފުޅަށް އިތުރު ނުތަނަވަސްކަމެއް މެދުވެރިކުރަން ބޭނުން ނުވާތީ އެވެ.

"އެނގެން ޖެހޭ ވަރަށް ބައިވަރު އެއްޗެހި ނޭނގޭ. ޝައުގެއް ވެސް ނުހުރޭ ހަދާކަށް،" ލުބްނާ ބުންޏެވެ.

ޒައިނާ އާއި އޭނާގެ ކޮއްކޮ ގެންދިޔައީ ދެ ކުދިންނަށް ގޭގައި ކިޔަވައިދޭން، ވީ ވަރަކުން މަސައްކަތްކުރަމުންނެވެ. ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއްގައި، އެކުދިންނަށް ގެއްލިގެންދިޔަ ފިލާވަޅުތައް ނަގައިދެވޭތޯ ބެލި އެވެ.

"ދެ އަހަރު ވެގެން މި ދިޔައީ ބޭބީ ނާސަރީގައި. ދަސްވާން ޖެހޭ ބައިވަރު އެއްޗެހި ދަސް ނުވޭ ހަމަ މިހާ ދުވަސް ވެގެން ދިޔަ އިރު،" ޒައިނާގެ ކޮއްކޮ ބުންޏެވެ.

ޅަ އުމުރުގެ ކުދިން ހެދިބޮޑުވުމުގެ އެންމެ މުހިއްމު އެއް ބައި ކަމުގައިވާ، އިޖުތިމާއީ ގުޅުންތައް ހޯދައިދޭނެ ގޮތެއް ބެލެނިވެރިންނަށް އަމުދުން އޮތީ ނުހޯދިފަ އެވެ.

މަރިޔަމް ލީޒާގެ ދަރިފުޅު މި ދިރާސީ އަހަރުގައި ފަށަން ޖެހޭނީ ޔޫކޭޖީ އެވެ. އެކަމަކު އެލްކޭޖީގައި ހޭދަކުރި ދޮޅު އަހަރު މާ ބޮޑު އެއްޗެއް ދަސްވެފައި ނެތުމުން ލީޒާ ނިންމީ ދަރިފުޅު އަނެއްކާވެސް އެލްކޭޖީގައި ބަހައްޓާށެވެ.

"ހަމައެކަނި ކިޔަވާ އެއްޗެއް ނޫން ދެއްތޯ މި ގެއްލުނީ؟ ސޯޝަލް ސްކިލްސް ވެސް ރަނގަޅަށް ޑިވެލޮޕް ނުވެ މި ދިޔައީ،" ލީޒާ ބުންޏެވެ.

އާމާލް ވިދާޅުވިގޮތުގައި ބަންދުގެ ދުވަސްތަކުގައި ކުދިންގެ ދިރިއުޅުމުން ބީވި އެންމެ ކުދިކުދި ކަންކަން ވެސް ވަރަށް މުހިއްމެވެ. ފަންސޫރުގައި ހިފާ ގޮތާއި ކްލާހުގައި ކިޔަވައިދޭ އިރު ޓީޗަރުންނަށް ސަމާލުކަންދޭން އެނގުން ފަދަ ކަންކަން، ކުދިންގެ ހެދިބޮޑުވުމުގައި ބޮޑު ދައުރެއް އަދާކުރެ އެވެ. އެއީ ކުދިން ކްލާހުގެ މާހައުލުންނާއި މީހުންގެ ތެރެއިން ދަސްކުރާ ކަންކަމެވެ. އެކަމަކު ސްކޫލް ބަންދާ އެކު އެ ފުރުސަތުތައް ގެއްލުމުން ކުދިންގެ ހެދިބޮޑުވުމަށް އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމަށް އާމާލް ވިދާޅުވި އެވެ.

ކޮވިޑްގައި މިހާތަނަށް ކުޑަކުދިންނަށް މާ ބޮޑު ނުރައްކަލެއް ކުރިމަތި ނުވި ނަމަވެސް އެ ގޮތަށް ބަލައިގެން ސްކޫލްތައް ހުޅުވުމަކީ ރައްކާތެރި ކަމެއް ނޫން. ސްކޫލުގެ ތެރެއިން ކުއްޖާއަށް ބަލި ހިފައިގެން ދެވިދާނެ، ގޭގައި ތިބި ހައި ރިސްކު މީހުންގެ ގާތަށް ވެސް. އެހެންވެ، އެޗްޕީއޭ އިން އެންގީ ސްކޫލުތައް ނުހުޅުވަން.

މޫސާ އާދަމް / އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު 

އޮންލައިންކޮށް ކިޔަވައިދިނުން، ސްކޫލުގައި ކިޔަވައިދިނުމާ ނުބައްދަލެވެ. އަދި އެއީ ދަރިވަރުންނަށާއި މައިންބަފައިންނަށާއި ޓީޗަރުންނަށް ވެސް ބޮޑެތި ތަކުލީފުތައް ވެސް ކުރިމަތިކުރާ ކަމެކެވެ.

ކޮވިޑްގެ ހާލަތުގައި ގޭގައި ތިބެގެން ކިޔަވަން ދައްޗެއް ނެތް ކަމަށް، ލޮކްޑައުންގައި އެންބީއެސް އިން ހެދި ސާވޭގައި ބުނީ ދެބައިކުޅަ އެއްބައި ދަރިވަރުންނެވެ.

ކޮވިޑްގެ ހާލަތަށް ތައުލީމީ ދާއިރާ ތައްޔާރުވުމާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކިޔެވުން މަތިން ފޫހިވުމުގެ ފުރުސަތު ބޮޑީ ސާނަވީ ތައުލީމު ފަށައިގަންނަ ދަރިވަރުންނަށެވެ. ނައިފަރު ޝީޒާއަކީ އެ އުމުރުފުރާގެ ކުއްޖެކެވެ. އޭނާގެ ކިޔެވުމަށް އައި ބަދަލު ނުހަނު ބޮޑެވެ. ރަނގަޅު ނަތީޖާތަކެއް ހޯދަމުން އައި ޝީޒާ ގްރޭޑް 7 ނިންމާލީ އެވްރެޖަށް ވުރެ ދަށް ނަތީޖާއަކުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އޮންލައިންކޮށް ކިޔެވުމަށް، މާލެ ސަރަހައްދުގައި، ކޮންމެ ދުވަހަކު ވެސް %90 ދަރިވަރުން ލޮގިންވެފައިވެ އެވެ. އެކަމަކު އެތަކެއް ދަރިވަރުންގެ ތަޖުރިބާ އިން އެނގޭގޮތުގައި ލޮގިން ވިޔަސް، ދެން ކުރިމަތިވާ ތަކުލީފުތަކާ އެކު، އޮންލައިން ކްލާހުގެ ބޭނުން ދަނީ ކެނޑިގެންނެވެ.

"ވައިފައި ސްލޯކަމުން ގިނަ ދުވަސްދުވަހު ކްލާހަކަށް ނުވަދެވޭނެ. ވަދެވުނަސް، އޮންލައިންކޮށް ކިޔަވަން ޖެހުނީމަ ވަރަށް އަވަހަށް ސަމާލުކަން ގެއްލޭ. ބައެއް ފަހަރު ނިދަން ވެސް ނިދޭ،" ޝީޒާ ބުންޏެވެ.

ޓީޗަރު ފިރާޝާއަށް ވެސް ދަރިވަރުންގެ ކިބައިން އެކަން ފާހަގަކުރެވުނެވެ. އޭނާ ބުނިގޮތުގައި ކްލާހަށް ސައިން-އިން ވެފައި ނިދަން ދާ ކުދިން އުޅެ އެވެ. ގިނައީ ޓީޗަރު ބުންޏަސް ވީޑިއޯ ނުޖައްސާ ކުދިންނެވެ؛ ނުވަތަ އިންޓަނެޓުގެ ހާލަތު ދަށްކަމުން ވީޑިއޯ ޖެއްސެން ނޯންނަނީ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މި މަހު 2ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ޑިރެކްޓަ ޖެނެރަލް އައްޒަ ވިދާޅުވިގޮތުގައި ނޭނގި ތިއްބާ ކުރިމަތިވި ވަރުގަދަ ކާރިސާގައި ކުދިންނަށް އުނގެނުމުގެ ފުރުސަތު ހޯދައިދޭން، ހީކުރި ވަރަށް ވުރެ ދަތިވި އެވެ.

"އެކަމަކު އެހެން ގައުމުތަކާ އަޅާބަލާ އިރު، ކުދިން ތައުލީމަށް އެކްސެސްވުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވަނީ،" އައްޒަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދިނީ އިންޓަނެޓާއި ޑިޖިޓަލް ވަސީލަތްތައް ފޯރުކޮށްދިނުމަށެވެ. އެއަށް ފަހު ދެން ބެލީ ދަރިވަރުންގެ ހާޒިރީ ކަމަށާއި އެކަމަކު ކުދިންނަށް އޮންލައިން ކްލާހުގައި ކިޔެވޭ މިންވަރު ބެލުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އައްޒަ ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތުގައި ދަރިވަރުންގެ ކިޔެވުމަށް "އެހާ ބޮޑު އަސަރެއް" ކޮށްފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މި މަހު 2ގައި ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވިގޮތުން ނަމަ، އެއީ ކިޔެވުމަށް އަސަރުކުރި ގޮތް ދެނެގަތުމަށް ދަރިވަރުން ލައްވައި ހެއްދި ޓެސްޓުތަކެއްގެ ނަތީޖާ ދެއްކި ގޮތެވެ. 'ދައުރު' އިން ފަހުން އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލުކުރުމުން އެ ތަނުން ބުނެފައިވަނީ މިނިސްޓަރު އެ ގޮތަށް ވިދާޅުވީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނާއި އެހެން އިމްތިހާނުތަކުން ދަރިވަރުން ހޯދި ރަނގަޅު ނަތީޖާއަށް ބައްލަވާފައި ކަމަށެވެ.

އެކަމަކު ކޮވިޑްގެ ހާލަތުގައި ކިޔެވުމަށް ބުރޫއެރުމާ ގުޅިގެން، ކަރިކިއުލަމް ކުޑަކޮށް، ކިޔަވައިދޭ ވަގުތާއި ދުވަސްތައް މަދުކޮށް، ކުދިންގެ ފެންވަރު ބެލުން ލުއިކޮށްލި އެވެ. ޔުނިސެފުން މިިދޔަ މަހު ނެރުނު ރިޕޯޓަކުން އެނގޭ ގޮތުގައި، ރަސްމީ އިމްތިހާނުތައް ކެންސަލް ނުވަތަ ފަސްކުރި އިރު، ދަރިވަރުންގެ އެސެސްމެންޓްތައް ހެދުމުގައި، މާކްސް ދީގެން ގްރޭޑް ކަނޑައެޅުމަށް ވުރެ ބޮޑަށް، އިސްކަންދިނީ ހިތްވަރާއި ފީޑްބެކް ދިނުމަށާއި އެކްޓިވިޓީ އަށެވެ. އޯލެވެލްއަށް ބެލިޔަސް، މާއްދާތައް މާކް ކުރާ މިންގަނޑަށް ބޮޑު ބަދަލެއް ގެނެސް ލުއިކުރުމުން ފާސްވި އަދި މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަދަދު އިތުރުވި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް މި މަހު 7ގައި ވިދާޅުވެފައިވާ ގޮތުގައި ކޮވިޑުގެ ހާލަތުގައި ދަރިވަރުންގެ އުނގެނުމަށް ގެއްލުން ލިބުނު މިންވަރު ބެލުމަށް، ގްރޭޑުތައް ވަކިވަކިން، އެސެސްމެންޓެއް އަންނަނީ ހަދަމުންނެވެ.

"އިރާދަކުރެއްވިއްޔާ މި ޓާމް ނިމެންވާއިރަށް އެ ނިންމާލެވޭނެ. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ ކިހާ ބޮޑު ޑެމޭޖެއް ދަރިވަރުންނަށް ލިބުނުކަން،" މޫސަ 'ދައުރު'އަށް ވިދާޅުވެފައިވެ އެވެ.

ތަފާތު އެކި މަގްސަދުތައް ހާސިލްކުރުމަށްޓަކައި ތަފާތު އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ސަރުކާރަށް ޕްރެޝަރުކޮށްގެން ސަރުކާރުން ކަންތައްތައް ހުޅުވާލުމުގެ ސަބަބުން އަޅުގަނޑުމެންގެ ޅަ ދަރިންނާއި މުޅި މުޖުތަމައު މި ހާލަތަށް ވެއްޓިގެން މި ދިޔައީ

ޓީޗަރެއް

އެންމެ ފަހުން ހުޅުވަނީ ސްކޫލް

ކޮވިޑުން ސަލާމަތްވާން މަސައްކަތްކުރާ އިރު ކުޑަކުދިންނާއި ޒުވާނުންގެ ދުޅަހެޔޮކަން ކުރިއަށް ނެރެން، ކުރިއަރާފައިވާ ގައުމުތަކުގައި، މާހިރުން އައީ ގޮވާލަމުންނެވެ. ސްކޫލް ބަންދު ދިގުލައިގެން ދިޔުމުގެ ސަބަބުން "ކުޑަކުދިންގެ ޖީލަކަށް، ހަޔާތުގެ ފުރުސަތުތަކުގައި ލަކުނުލުމުގެ" ބިރު އެބައޮތް ކަމަށް، މިދިޔަ އަހަރުގެ ޖޫން މަހު، އިނގިރޭސިވިލާތުގެ 1،500 މާހިރަކު ސޮއިކޮށް ޝާއިއުކުރި ހުޅުވާލެވިފައިވާ ސިޓީއެއްގައި އިންޒާރުދީފައިވެ އެވެ.

އެހެންކަމުން ބައެއް ގައުމުތަކުން، ކޮވިޑްގެ ހާލަތުގައި، އާއްމު ސިއްހަތު ރައްކާތެރިކުރުން ފިޔަވައި ދެން އެންމެ ބޮޑު އިސްކަމެއް ދިނީ ސްކޫލްތައް ހުޅުވުމަށެވެ. ރާއްޖޭގައި އެފަދަ ސިޔާސަތެއް ނުގެންގުޅެ އެވެ.

"ފުރަތަމަ ހުޅުވަންވާނީ ސްކޫލް. އެކަމަކު ސްކޫލް ހުޅުވަނީ އެންމެ ފަހުން، ބަންދުކުރަނީ އެންމެ ކުރިން،" އައިލެންޑާސްގެ އަދުލީ ވިދާޅުވި އެވެ.

އޭނާ ދެއްކެވި އެއް މިސާލަކީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ސްކޫލަށް ވުރެ ކުރިން ހުޅުވާ ކަމެވެ.

ކެފޭ/ރެސްޓޯރެންޓުތަކުގައި މީހުން ބައިތިއްބައިގެން ހިދުމަތް ދިނުން އެޗްޕީއޭ އިން ގިނަ ދުވަސްތަކަކަށް މަނާކުރި އެވެ. އަދި އެކަން ހުއްދަކުރި އިރު ވެސް، ބައެއް ދުވަސްވަރު، ރޭގަނޑު ހިދުމަތް ދެވޭ ވަގުތު ކުރުކުރި އެވެ. އެކަމަކު އޭގެ ސަބަބުން އެޗްޕީއޭއަށް ކުރިމަތިވީ ވިޔަފާރިވެރިންނާއި ސިޔާސީ މީހުންގެ ބޮޑެތި ފިއްތުންތަކެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ހާޒިރުކުރި އެވެ. ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ވެރިން މުޒާހަރާއަށް ނުކުތެވެ. އެ ތަންތަނުގެ ހިދުމަތް ހުއްޓާލައި ހަޅުތާލުކުރާނެ ކަމުގެ އިންޒާރު ދިނެވެ. އެ ފިއްތުންތަކުގެ ނުފޫޒު އެޗްޕީއޭގެ ނިންމުންތަކަށް ބައެއް ފަހަރު ފޯރާފައި ވެސް ވެ އެވެ.

ސްކޫލް ހުޅުވާކަށް އެފަދަ ޕްރެޝަރެއް ނެތެވެ.

ފިޔަވަޅުތައް އަޅާފައި ވަނީ ހުރިހާ އެންމެންގެ ރައްކަލަކަށް. ކުޑަކުދިންގެ ވެސް، ބޮޑެތި މީހުންގެ ވެސް. މީގައި އަމިއްލަ ފަރުދުންގެ ޒިންމާތަކެއް ވެސް އޮތް.

ނިއުމާތު ޝަފީގު / ޗިލްޑްރެންސް އޮމްބަޑްސްޕާސަން

މާސްކު ނާޅައި ގައި ދުރުކަމެއް ނެތި ތިބޭތީ، ކެފޭ/ރެސްޓޯރެންޓުތަކަކީ ބަލި ފެތުުރުމުގެ ބިރު ބޮޑު ތަންތަން ކަމަށް މަޖިލީހުގެ ކޮމިޓީގައި މައިމޫނާ ވިދާޅުވެފައިވެ އެވެ. އަދި އެފަދަ ތަންތަނުގައި ބޮނޑިވެގެން ތިބޭތީ، ނިއުސް ކޮންފަރެންސްތަކުގައި، އެޗްޕީއޭ އިން ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެ އެވެ. އެއާ ހިލާފަށް ސްކޫލްތަކުން ގަވާއިދަށް ފުރިހަމައަށް އަމަލުކުރާ އިރު، އަދުލީ ވިދާޅުވީ، ސްކޫލް ހުޅުވުމަށް ވުރެ ބޮޑު އިސްކަމެއް ރެސްޓޯރެންޓުތަކަށް ދިނުން ބަލައިނުގަނެވޭ ކަމަށެވެ.

"މިއަދު ވެސް މާލޭގައި ނުކުމެ ބަލައިފިއްޔާ [ކެފޭތަކުގައި] ވަރަށް ކައިރިކައިރީގައި މީހުން ތިބޭނެ،" އަދުލީ ޖުލައި މަހު ވިދާޅުވި އެވެ. "ސްޓިކާ ޖަހާފައި ހުންނާނެ މިތާ ތިބެވޭނީ މި އަދަދެއްގެ މީހުންނަށޭ، އެކަމަކު ހަމަ ޔަގީން އެއަށް ވުރެ ގިނަވާނެކަން. އެކަމަކު ސްކޫލަކު އެ މިންގަނޑަކާ ހިލާފެއް ނުވޭ."

ކޮވިޑް ކޮންޓްރޯލްކުރުމުގެ އެންމެ އަސާސީ ފިޔަވަޅަކީ ގިނަ މީހުން އެއްތަންވުން ހުއްޓުވުމެވެ. ސްކޫލަކީ އާއްމު ހާލަތުގައި ތޮއްޖެހުން އޮންނަ މާހައުލެކެވެ. އެކަމަކު ސްކޫލް ބަންދު ދިގުލައިގެން ދާން ފެށުމުން އެކި ގައުމުތަކުގައި ކުޑަކުދިންގެ ޑޮކްޓަރުންނާއި އެހެނިހެން މާހިރުން ވަނީ، ސްކޫލް ބަންދުކުރުމުގެ ފައިދާއަށް ވުރެ ގެއްލުން ބޮޑުކަން ފާހަގަކޮށް، މިދިޔަ އަހަރުގެ މެދުތެރޭ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ؛ އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ދަރިވަރުން ސްކޫލަށް ގެންދަން ބާރުއެޅި އެވެ.

ކޮރޯނާވައިރަހުން ކުޑަކުދިންނަށް ކުރާ އަސަރު އިތުރަށް ދެނެގަންނަން ސައިސްވެރިން މަސައްކަތްކުރަމުން ގެންދިޔަ އެ ދަނޑިވަޅާ ހަމައަށް ލިބިފައި ހުރި ހެކިތައް ދެއްކީ ކޮވިޑް ޖެހިގެން ބޮޑަށް ބަލިވާ ކުޑަކުދިން ވަރަށް މަދުކަމެވެ. އެކަމަކު ކުޑަކުދިންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ މިންވަރާއި އެ ނޫން ވެސް ބައެއް ކަންކަމުގެ ވާނުވާ މުޅިން ނޭނގުމަކީ ވެސް ބައެއް ގައުމުތަކުގައި ސްކޫލް ނުހުޅުވައި މަޑުކުރި ސަބަބަކަށް ވި އެވެ. އެއްފަހަރު ބަލި ކޮންޓްރޯލްވުމުން ސްކޫލް ހުޅުވި ބައެއް ގައުމުތަކުގައި ވެސް، ރާއްޖެއެކޭ އެއްގޮތަށް، އަނެއްކާވެސް މާ ބޮޑަށް ކޮވިޑް ފެތުރުމާ ގުޅިގެން އަލުން ސްކޫލް ބަންދުކުރަން ވެސް މަޖުބޫރުވި އެވެ. އޭގެ ތެރޭގައި، ކުރިން ސްކޫލް ހުޅުވާފައި ބަހައްޓަން އިސްކަންދިން ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނެ އެވެ. އަމުދުން، ބާރަށް ފެތުރޭ ވޭރިއެންޓްތަކާ އެކު ނުރައްކާތެރިކަން ވަކިން ބޮޑުވެގެންދިޔަ އިރު، ދާއިމީކޮށް ސްކޫލް ހުޅުވާފައި ބެހެއްޓޭނެ ގޮތެއް ގިނަ ގައުމުތަކަށް އޮތީ ނުހޯދިފަ އެވެ.

ފިޔަވަޅުތައް އަޅާ އިރުގައި މި އޮންނަނީ މާ ބޮޑަށް ވޭވް އައިސް. އެހެންވީމާ އޭތި ކޮންޓްރޯލްކުރަން ވަރަށް ގިނަ ވަގުތު ނަގާ. ... ދެން އެކި ގައުމުތަކުގެ ހާލަތު ތަފާތުވާނެ. ކޮންމެ ތަނެއްގައި ވެސް ހުންނާނެ ފައިދާ އާއި ގެއްލުން. ޕާފެކްޓް ގޮތެއް ނޯންނާނެ ކަންނޭނގެ.

ޑރ. އަހުމަދު ފައިސަލް / ކުޑަކުދިންގެ ޑޮކްޓަރު

ސްކޫލް ބަންދުކުރުމާއި ހުޅުވުމުގެ ނިންމުންތަކުގައި ބައެއް ގައުމުތަކުން ބެލި އެންމެ މުހިއްމު މިންގަނޑަކީ ކޮވިޑް-19ގެ ނުރައްކާ ދަރިވަރުންނަށް އޮތް މިންވަރެވެ.

ކުޑަކުދިންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު، ބޮޑެތި މީހުންނަށް ވުރެ ތިން ގުނަ ދަށް ކަމާއި އަލާމާތްތައް ފެނުމާއި ބަލީގައި ބޮޑުވަރުވުމާއި މަރުވުމުގެ ނުރައްކާ ކުޑަކަން، މިދިޔަ އަހަރުގެ މެދަކާ ހިސާބަށް ކޮށްފައި ހުރި ދިރާސާތަކުން އެނގެން ހުއްޓެވެ. އަދި، ކޮވިޑް ޖެހޭ މަދު އަދަދެއްގެ ކުދިންނަށް މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް (މިސް-ކު) ޖެހުނަސް، އާއްމުގޮތެއްގައި، ފަރުވާދީގެން އެ ބަލިން ވެސް ސަލާމަތްވެ އެވެ.

ރާއްޖޭގައި ޑެލްޓާ ވޭރިއެންޓާ އެކު މި އަހަރުގެ މެއި-ޖޫންގައި އައި އުސް ރާޅުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި 18 އަހަރުން ދަށުގެ ކުދިން، އޭގެ ކުރިއާ އަޅާބަލާ އިރު، ދެ ގުނައަށް ވުރެ ވެސް އިތުރުވި އެވެ. އެކަމަކު ޑެލްޓާ ރާޅުގައި ވެސް ބޮޑެތި މީހުންނަށް ވުރެ ކުޑަކުދިންގެ ކޭސްތައް މަދުވެފައި، ބޮޑުވަރުވީ ވެސް، ނިސްބަތުން ވަރަށް މަދު ކުދިންކޮޅަކަށެވެ. އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ޓީވީ ޕްރޮގްރާމެއްގައި އޮގަސްޓް19ގައި ވިދާޅުވިގޮތުގައި ރާއްޖޭގައި އެހާތަނަށް ކޮވިޑް ޖެހުނު 20،000 އެއްހާ ކުޑަކުދިންގެ ތެރެއިން އެޑްމިޓްކުރަން ޖެހުނީ 200 ވަރަކަށް ކުދިންނެވެ. އެއީ %1 އެވެ.

ޑރ. ފައިސަލް ޖުލައި މަހު މި ރިޕޯޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިގޮތުގައި ހަތަރުވަނަ ރާޅުގެ ކުރިން ކޮވިޑް ޖެހުނު ކުޑަކުދިންގެ ތެރެއިން ގިނައިން އެޑްމިޓްކުރީ އެހެން ބައްޔެއް ހުރެ، ކޮވިޑާ އެކު އެ ބަލީގެ ހާލަތު ގޯސްވެގެން ފަރުވާދޭން ޖެހުނު ކުދިންނެވެ. ސީދާ ކޮވިޑްގެ ނިއުމޯނިއާގައި ކުޑަކުދިން އެޑްމިޓްކުރަން ޖެހުނީ މި އަހަރު ޑެލްޓާ ވޭރިއެންޓާ އެކުގަ އެވެ. ކޮވިޑަށް ފަހު ބައެއް ކުދިންނަށް ކުރިމަތިވާ ނުރައްކާތެރި މިސް-ކުގެ އަލާމާތްތައް ފެނިގެން މަދުވެގެން 14 ކުއްޖަކަށް ވަނީ ފަރުވާދީފަ އެވެ. ބައެއް ކުދިން އައިސީޔޫގައި ބައިތިއްބަން ޖެހުނެވެ.

ޑރ. ފައިސަލް ވިދާޅުވީ ބޮޑުވަރުވި ކުޑަކުދިން ނިސްބަތުން މަދު ނަމަވެސް ރާއްޖެ ކަހަލަ ކުޑަ އާބާދީއެއްގައި "އެންމެ ކުއްޖަކު މަރުވިޔަސް އެއީ ސީރިއަސް ކަމެއް" ކަމަށެވެ. އެމްބިއުލެންސް ފޮނުވުން ލަސްވި އިހުމާލުގައި މަރުވި ފާތިމަތު މިޝްކާ މުހައްމަދު، 10، ފިޔަވައި ރާއްޖެ އިން ކޮވިޑްގައި ކުޑަކުއްޖަކު މަރެއް ނުވެ އެވެ.

ކުޑަކުދިންނަށް ކޮވިޑް ޖެހުމާއި ބަލީގައި ބޮޑުވަރުވުން ނިސްބަތުން މަދުވުން އެކަންޏެއް ނޫނެވެ. ސްކޫލް ހުޅުވާ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރާތީ، ސްކޫލް ތެރޭ ބަލި ފެތުރުމުގެ ނުރައްކާ ވެސް ކުޑަ އެވެ. ދަރިވަރުން ތިބީ އެ ފިޔަވަޅުތަކަށް ރަނގަޅަށް އަހުލުވެރި ވެސް ވެފަ އެވެ.

"ކުދިން ވަރަށް، ވަރަށް ބަސްއަހާނެ. މާސްކު ތިރިއެއް ނުކުރާނެ. ގޮނޑިން ނުވެސް ތެދުވާނެ،" ޓީޗަރު ފިރާޝާ ބުންޏެވެ.

"އޮޅިގެން ބައެއް ފަހަރު ގޮނޑިން ކޮންމެވެސް ވަރަކަށް ފޫކޮޅު ހިއްލާލެވުނަސް ބުނާނެ ތެދުވާކަށް ނުވާނެ ދޯއޭ. ކުދިންނަށް އަމިއްލައަށް ވިސްނޭ. ސްކޫލުން އެހާ ބޮޑަށް އެ ގޮތަށް ތަމްރީންކުރީމަ އެ ކުދިންނަށް އެ ކަންތައް ޕްރެކްޓިސްކުރެވުނު."

އޮގަސްޓް 10ގައި ދިރާސީ އާ އަހަރު ފެށި އިރު ޖަމާލުއްދީން ސްކޫލުގައި ދަރިވަރެއްގެ ޓެމްޕްރޭޗާ ބަލަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ސްކޫލްތަކުގެ ބައެއް މުވައްޒަފުންނާއި ޓީޗަރުންނާއި ދަރިވަރުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، ސްކޫލު ތެރޭގައި ބަލި ފެތުރިފައި ނުވާ ކަމަށެވެ. އެ ސެންޓަރުން ބުނިގޮތުގައި ސްކޫލްތަކުން ފެނުނު ކޭސްތައް ވެސް ގުޅެނީ ގެއިން ކޮންމެވެސް މީހަކު ޕޮޒިޓިވްވުން ފަދަ ހާލަތްތަކާ އެވެ.

ސްކޫލުން ފެނުނީ ވެސް ނިސްބަތުން މަދު ކޭސްތަކެއްކަން އަދުލީ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ކޮވިޑް ކޭސްތައް ފެނުނު އަދަދުތަކަށް ބަލާ އިރު ސްކޫލުން ކޭސްތައް ފެނުނު އަދަދު ހައިރާންވާހާ ކުޑަ،" އަދުލީ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވާން އެބަ ޖެހޭ. ޕެންޑެމިކެއް ތެރޭގައި އިސްކަންދޭން ޖެހޭ ލިސްޓަށް ބަލާއިރު ސިއްހަތު އެއީ ފުރަތަމަ ކަންތައް. އެއަށް ފަހު ދެވަނައަށް ސްކޫލް އަންނަން ޖެހޭ. އެކަމަކު އެއަށް ވުރެ އަވަހަށް އެބަ އާދޭ އެފްއެންބީ އައުޓްލެޓްސް، ރީޓެއިލް، ޓޫރިޒަމް އިންޑަސްޓްރީ. އައިސް ހުރިހާ އެއްޗެއްގެ ފަހަތުގައި ތައުލީމް މި އޮތީ. މިއީ ވަރަށް ގޯސް ހާލަތެއް."

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ސްކޫލުތައް ނުހުޅުވާ މަޑުކުރީ އެޗްޕީއޭގެ ލަފާގެ މަތިންނެވެ. ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސަ ޖުލައި މަހު 'ދައުރު'އަށް ވިދާޅުވިގޮތުގައި ސްކޫލް ހުޅުވަން ހާލަތު ތަން ނުދޭ ކަމަށް އެޗްޕީއޭ އިން އެންގުމުން ދަރިވަރުންގެ ރައްކާތެރިކަމަށް އެ ފިޔަވަޅު އަޅަން މަޖުބޫރުވީ އެވެ. އެކަމަކު އެޗްޕީއޭގެ ނިންމުމަށް އޭނާ ތާއީދުކުރެއްވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުންވި، ސްކޫލްތައް ހުޅުވާލަން. އެކަމަށް ވަރަށް ވަކާލާތު ވެސް ކުރިން މެ،" މޫސަ ވިދާޅުވި އެވެ. 

"ކޮވިޑްގައި މިހާތަނަށް ކުޑަކުދިންނަށް މާ ބޮޑު ނުރައްކަލެއް ކުރިމަތި ނުވި ނަމަވެސް އެ ގޮތަށް ބަލައިގެން ސްކޫލްތައް ހުޅުވުމަކީ ރައްކާތެރި ކަމެއް ނޫން. ސްކޫލުގެ ތެރެއިން ކުއްޖާއަށް ބަލި ހިފައިގެން ދެވިދާނެ، ގޭގައި ތިބި ހައި ރިސްކު މީހުންގެ ގާތަށް ވެސް. އެހެންވެ، އެޗްޕީއޭ އިން އެންގީ ސްކޫލުތައް ނުހުޅުވަން."

ކޮވިޑްގެ ހާލަތުގައި، މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މިހާތަނަށް، މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށް ހުޅުވައި ހެދި ގޮތުގެ ޓައިމްލައިން. (ދައުރު އިންފޮގްރެފިކްސް/އަހުމަދު އަޔާސް)

ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅި ގޮތުގެ އަސަރު

ކޮވިޑްގެ ބަންދާ އެކު ވިޔަފާރިތަކާއި އިގްތިސޯދު ފުނޑިގެންދިޔުމުގެ އަސަރު އާއްމުންގެ ދިރިއުޅުމަށް ވެސް އިންތިހާއަށް ބޮޑެވެ. ބަންދުތައް ތަކުރާރުކުރަން ޖެހުމުގައި، މެނޭޖުކުރުމުގެ މައްސަލަތައް ވެސް ދައުރެއް އަދާކުރި އެވެ. އިރުޝާދުތަކަށާއި ފިޔަވަޅުތަކަށް އާއްމުން އަމަލު ނުކުރާކަން ސަރުކާރަށް އެނގޭ އިރު ވެސް، ބައެއް ފަހަރު ބައެއް ކަންކަން ފަރުދީ ޒިންމާއަށް އެކަނި ދޫކޮށްލުމެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ލަސްލަހުން ދޫދިނުން މުހިއްމުވި ބައެއް ދަނޑިވަޅުތަކުގައި އެއްފަހަރާ މާ ބޮޑެތި ދޫތައް ދިނުމެވެ. ދުރާލާ ފިޔަވަޅު އަޅަން ނުފަށައި ބަލި ކޮންޓްރޯލުން ނައްޓާލަންދެން މަޑުކުރުމެވެ. ފިއްތުންތަކަށް އެޗްޕީއޭ ބައެއް ފަހަރު ދީލައިލުމެވެ. އެ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، ދެން ކުރަން ޖެހޭ ބަންދު މާ ބޮޑުވެ އިގްތިސޯދީ ގެއްލުން ވެސް އިތުރުވެގެންދެ އެވެ.

ކޮވިޑް މެނޭޖުކުރުމުގައި ފެއިލްވި ކަމަށް ގަބޫލު ނުކުރާ ކަމަށް ސަރުކާރުންނާއި އެޗްޕީއޭ އިން ވެސް ތަކުރާރުކޮށް ބުނެފައިވެ އެވެ.

ޑރ. ފައިސަލް ވިދާޅުވީ ފަހަތަށް ބަލާފައި ފާޑުކިޔަން ފަސޭހަވިޔަސް، އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެކަމަކު ހާލަތު މެނޭޖުކުރުމުގައި ގޯސްތަކެއް ހުރިކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.

"ފިޔަވަޅުތައް އަޅާ އިރުގައި މި އޮންނަނީ މާ ބޮޑަށް ވޭވް އައިސް. އެހެންވީމާ އޭތި ކޮންޓްރޯލްކުރަން ވަރަށް ގިނަ ވަގުތު ނަގާ. ފުރަތަމަ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީހާ ވެސް އަވަހަކަށް އެ ފިޔަވަޅުތައް ނެގޭތޯ ބެލުން، އެއީ ކަންނޭނގެ ޕެންޑެމިކެއް ކޮންޓްރޯލްކުރަން ވެއްޖެއްޔާ އެންމެ ރަނގަޅު އެއް ގޮތަކީ،" ޑރ. ފައިސަލް ވިދާޅުވި އެވެ. "ދެން އެކި ގައުމުތަކުގެ ހާލަތު ތަފާތުވާނެ. ކޮންމެ ތަނެއްގައި ވެސް ހުންނާނެ ފައިދާ އާއި ގެއްލުން. ޕާފެކްޓް ގޮތެއް ނޯންނާނެ ކަންނޭނގެ."

ރާއްޖޭގައި ކަންކަން ގޯސްކޮށް ދަނީ، ޑރ. ފައިސަލް ވިދާޅުވި ގޮތުގައި، ފަންނީ ލަފަ އާއި ސިޔާސީ ނިންމުންތަކާއި އާއްމުން އެދޭ ގޮތް ދިމާނުވާތީ އެވެ.

"ބައެއް ފަހަރު ފެންނާނެ، ޓެކްނިކަލް ލަފާ އަންނަނީ ވަކި ގޮތަކަށް، ސިޔާސީ ގޮތުން ނިންމަނީ އެހެން ގޮތަކަށް. ނިންމާފައި އާއްމުން އެ ވާހަކަ ދައްކަން ފެށީމަ އަނެއްކާ ބަދަލު ވެސް ވެދާނެ އޭގެ އަނެއްކޮޅަށް،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ޓީޗަރު ފިރާޝާއަށް ފެންނަނީ ވަރަށް ބޮޑު އިހުމާލެކެވެ.

"އަޅުގަނޑަށް ހަމަ ޔަގީންކަމާ އެކީ ދަންނަވަން ކެރޭ، ތަފާތު އެކި މަގްސަދުތައް ހާސިލްކުރުމަށްޓަކައި ތަފާތު އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ސަރުކާރަށް ޕްރެޝަރުކޮށްގެން ސަރުކާރުން ކަންތައްތައް ހުޅުވާލުމުގެ ސަބަބުން އަޅުގަނޑުމެންގެ ޅަ ދަރިންނާއި މުޅި މުޖުތަމައު މި ހާލަތަށް ވެއްޓިގެން މި ދިޔައީ،" އޭނާ ބުންޏެވެ.

ކޮވިޑްގެ ހާލަތުގެ ސަބަބުން ކުޑަކުދިންނަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގު ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު، ކޮވިޑް ކޮންޓްރޯލްކުރަން ފިޔަވަޅު އެޅި ގޮތާ މެދު އޭނާގެ ފާޑުކިޔުމެއް ނެތެވެ.

"ފިޔަވަޅުތައް އަޅާފައި ވަނީ ހުރިހާ އެންމެންގެ ރައްކަލަކަށް. ކުޑަކުދިންގެ ވެސް، ބޮޑެތި މީހުންގެ ވެސް. މީގައި އަމިއްލަ ފަރުދުންގެ ޒިންމާތަކެއް ވެސް އޮތް،" ނިއުމާތު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ކޮވިޑް ނެތް ރަށްރަށުގައި ސްކޫލުތައް ބަންދުކުރި ކުރުން ބަލައިގަންނަން އުނދަގޫ ކަމަށެވެ. ރާއްޖޭގެ ފުރަތަމަ ކޮވިޑް ކޭސް ރިސޯޓަކުން ފެނުމާ އެކު މިދިޔަ އަހަރުގެ މާޗު 11ގައި މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރި ގޮތަށް ތިން މަހާއި ބައި ހޭދަވި އެވެ. އެކަމަކު އެ މުއްދަތުގައި ބަލި ފެތުރެމުންދިޔައީ މާލެ ސަރަހައްދުގަ އެވެ. ނިއުމާތު ވިދާޅުވީ އެއީ ބަލި ފެތުރިދާނެތީ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ނަމަވެސް، ހުރިހާ ރަށެއްގެ ސްކޫލް ބަންދުކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"މުޅި ރާއްޖެ ލޮކްޑައުންކޮށްގެން ގެންގުޅުނީ. އެއީ އަޅުގަނޑުގެ ކޮންސާންއެއް،" ނިއުމާތު ވިދާޅުވި އެވެ.

އެންމެ ހަގު ކުދިންނަށް ބަންދުކުރުން: 'އިދިކޮޅަށް'

ކޮވިޑްގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން ސްކޫލު އަލުން ހުޅުވާ އިރު، ހަގު ކުދިންނަށް ވުރެ ބޮޑަށް ރާއްޖޭގައި އަބަދުވެސް އިސްކަންދެނީ ދޮށީ ކުދިންނަށެވެ. އެއާ ހިލާފަށް، އެހެން ބައެއް ގައުމުތަކުގައި، ޕްރީސްކޫލްތަކާއި ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލަށް ދިޔުމުގެ ފުރުސަތު ދޭން މިދިޔަ އަހަރު އިސްކަންދިނެވެ.

ޅަ އުމުރުގެ ކުދިންނަށް، ސްކޫލަށް ގޮސް އެހެން ކުދިންނާ އެކު އުޅުމުގެ ފުރުސަތު ގެއްލުމަކީ، ލީލާ ވިދާޅުވިގޮތުގައި، އެންމެ ބޮޑު ގެއްލުމެވެ. ޕްރީސްކޫލާއި ގްރޭޑް 1-3ގެ ދަރިވަރުންނަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އެއީ މުއާމަލާތުކުރުމާއި އެކަކު އަނެކަކާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ހުނަރުތައް އެންމެ ބޮޑަށް ދަސްކުރަން ފަށާ އުމުރުފުރާ ކަމަށެވެ.

ރާއްޖޭގައި ނާސަރީ، ބޭބީ ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީގައި މިދިޔަ އަހަރު 20،000 އަށް ވުރެ ގިނަ ކުދިން ތިއްބެވެ. އެއީ ރާއްޖޭގެ ސްކޫލްތަކުގެ އާބާދީގެ 22 ޕަސެންޓެވެ. އޭގެ އިތުރުން ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރޭގައި ވެސް، ސްކޫލަށް ނުދެވުމާއި ކިޔެވުމަށް ބުރޫއެރުން އެންމެ ބޮޑަށް ތަހައްމަލްކުރީ ހަގު ކުދިންނެވެ. މާލެ ސަރަހައްދުގައި ސްކޫލް ހުޅުވި ދަނޑިވަޅުތަކުގައި ގިނައީ ގްރޭޑް 1-6ގެ ދަރިވަރުންނަށް ސްކޫލަށް ނުދެވޭ ދުވަސްތަކެވެ. ފުރަތަމަ ބަންދާ އެކު، ޓެލެކިލާސް މެދުވެރިކޮށް ކިޔަވައިދިނުން އެ ގްރޭޑްތަކަށް ފެށީ ވެސް ފަހުންނެވެ. މުޅި ރާއްޖެއަށް ބަލާ އިރު، ޕްރައިމަރީގެ ހަ ގްރޭޑުގައި މިދިޔަ އަހަރު ގާތްގަނޑަކަށް 43،000 ދަރިވަރުން ތިއްބެވެ. އެއީ ދަރިވަރުންގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ.

މާލޭގެ ލޮކްޑައުން އާއި ކާފިއުތަކުގެ ފަސް: މިދިޔަ ސެޕްޓެމްބަރު މަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުޑަކުއްޖަކު ސްކޭޓްބޯޑު ދުއްވާލަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަދުލީ ވިދާޅުވީ ހަގު ކުދިންގެ އުނގެނުމުގެ ބޮޑު ބަޔަކީ އިޖުތިމާއީ މުއާމަލާތްތަކުގެ ތެރެއިން ދަސްވާ ކަންކަން ކަމަށް ވާއިރު ވެސް، ރާއްޖޭގައި އެކުދިންނަށް "އެހާ ބޮޑު އަހައްމިއްޔަތުކަމެއް ނުދެވުނު" ކަމަށެވެ.

"ފުރަތަމަ ބަންދުކުރީ ސްކޫލް. ފުރަތަމަ ހުޅުވީ މަތީ ގްރޭޑުތަކަށް. އެހެންވީމާ އަޅުގަނޑުމެން ދިޔައީ އިދިކޮޅަށް،" އެހެން ބައެއް ގައުމުތަކާ ރާއްޖޭގެ ތަފާތު ފާހަގަކުރައްވައި އަދުލީ ވިދާޅުވި އެވެ.

"މަތީ ގްރޭޑްތަކަށް ފަސޭހަވާނެ އޮންލައިންކޮށް ކިޔަވަން ވެސް، ހަގު ކުދިންނަށް ވުރެ. ސްކްރީނެއް ކުރިމަތީ މަޑުން ނުތިބެވޭނީ ވެސް ތުއްތުކުދިންނަށް. އޭލެވެލް ހަދާ ކުއްޖަކަށް އިނދެވިދާނެ ޓީޗަރުންނާ އެކީ އޮންލައިންކޮށް ދަސްކުރަން."

ކޮވިޑާ ގުޅިގެން މިހާރު ވެސް އެތައް ރަށެއް މޮނިޓަރިން ހާލަތަށް ގެންދާ އިރު، ދަށް ގްރޭޑުތަކުގެ ކުދިންނަށް ސްކޫލު ބަންދުކުރެ އެވެ. ކޮންޓެކްޓް ޓްރޭސިން ނިންމައި އަލުން ރަށް ހުޅުވާލަންދެން، ސާނަވީ އަދި މަތީ ސާނަވީގެ ދަރިވަރުން ފިޔަވައި އެހެން ކުދިން ތިބެން ޖެހެނީ ގޭގަ އެވެ.

ބޮޑެތި ކުދިންނަށް ސްކޫލަށް ހުޅުވާފައި ހަގު ކުދިންނަށް ބަންދުކުރުމުގެ ސިޔާސަތެއް ގެންގުޅޭ ސީދާ ސަބަބެއް، އެޗްޕީއޭގެ އިންޓަވިއުއެއް މި ރިޕޯޓަށް ލިބިފައި ނުވާތީ، ސާފެއް ނުވި އެވެ.

ޑރ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި ގައި ދުރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުން، ފުރާވަރު ކުދިންނަށް ވުރެ، ހަގު ކުދިންގެ ތެރޭގައި ރަނގަޅުކަން ބައެއް ގައުމުތަކުގެ ދިރާސާތަކުން އެނގެ އެވެ. އެންމެ ހަގު ކުދިން ފިޔަވައި އެހެން ދަރިވަރުންނަށް ސްކޫލުގައި މާސްކު ވެސް އެޅޭނެ އެވެ. ޑަބްލިޔުއެޗްއޯގެ ލަފާ އޮންނަނީ 5 އަހަރުން ދަށުގެ ކުދިންނަށް މާސްކު މަޖުބޫރު ނުކުރާށެވެ. ސީޑީސީގެ ލަފަޔަކީ 2 އަހަރަށް ވުރެ ޅަ ކުދިން މާސްކު ނޭޅުވުމާއި އެއަށް ވުރެ ބޮޑެތި، ވެކްސިން ނުޖަހައި ތިބޭ ކުދިން، އިންޑޯ ތަންތަނުގައި މާސްކު އެޅުމެވެ.

ލީލާ ވިދާޅުވީ ޅަ އުމުރުގެ ކުދިން ދޮޅު އަހަރު ސްކޫލަށް ނުގޮސް އަދި އެތައް ދުވަހަކަށް ގެއިން ނުނިކުމެ ތިބެން ޖެހުމުން ކުރާނެ ނޭދެވޭ އަސަރު ހިތަށް ގެންނަން ވެސް އުނދަގޫ ކަމަށެވެ. މިދިޔަ އަހަރު ގްރޭޑް 1 ނިންމައި މިހާރު ގްރޭޑް 2ގައި އުޅޭ ކުދިންނަށް ސްކޫލަށް ދިޔުމުގެ ފުރުސަތު ރަނގަޅަށް ލިބުނު ނަމަ ހެދިބޮޑުވުމުގައި ބޮޑެތި ތަފާތުތަކެއް އުޅޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ލީލާ ވިދާޅުވީ މާލެ ސަރަހައްދުގައި އުމުރުން 5 އަހަރާއި 17 އަހަރާ ދެމެދުގެ 22،000 ކުދިން އުޅޭ އިރު، އެ ކުދިން ބޭރަށް ނުކުމެލައި ކުޅެލާނެ ފުރުސަތު ލިބިފައި ނެތުމަކީ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އެ ފުރުސަތު ކޮންމެވެސް ވަރަކަށް ދެވެން އޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ލީލާ ވިދާޅުވިގޮތުގައި މާލޭގައި ކާފިއު އިއުލާންކޮށްފައި އޮތް އިރު ވެސް، ކުޑަކުދިންނަށް ވަގުތުކޮޅެއް ހާއްސަކޮށްގެން މަގުމައްޗަށް ނެރެވުނީހެވެ.

"މި ވަރުގެ ކުޑަކުޑަ ކަމަކުން ވެސް ކުދިންނަށް ރަނގަޅު ބޮޑު އަސަރެއް ކުރާނެ،" ލީލާ ވިދާޅުވި އެވެ.

"ކުޑަކުދިންގެ ދުޅަހެޔޮކަން ނަގާލެވިއްޖެ ނަމަ ދެން ގެނެވޭނެ ހައްލެއް ނޯންނާނެ."

އެހެން ކަންކަން އިސްކުރުން 'ތަކުރާރުވެގެން ނުވާނެ'

އައްޑޫގައި ދިރިއުޅޭ މަރިޔަމް ބޮޑު ޗުއްޓީ ތެރޭގައި އުޅުނީ ދަރިފުޅުގެ ނަފްސާނީ މައްސަލަތަކަށް ޑޮކްޓަރެއްގެ ލަފާ ހޯދަން މާލެ އަންނާށެވެ. އާ އަހަރު ކިޔެވުން ފަށަން ވާއިރަށް އޭނާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމުގެ އުއްމީދުގަ އެވެ. ނިދީގައި ދިމާވާ މައްސަލަތައް ފަހުން ކޮންމެވެސް ވަރަކަށް ރަނގަޅު ނަމަވެސް، ދޭތެރެއަކުން ބިރުގަނެ، މަންމަ ގާތުގައި ނިދަން ބާއްވަން އޭނާ އެދެ އެވެ. މިދިޔަ އަހަރު ސްކޫލް އަލުން ހުޅުވި އިރު ދާން އޭނާ ހެދީ ދެކޮޅެވެ. ސްކޫލަށް ދިޔައީ ދެ ޓީޗަރަކު ގެއަށް ގޮސް އޭނާއާ ވާހަކަދައްކައިގެންނެވެ. އަދި އެހެން އެއްވެސް ތަނަކަށް ދާން ނުބުނަން އޭނާގެ މައިންބަފައިންނަށް ޝަރުތުކޮށްފަ އެވެ. އޭރު ސްކޫލަށް ދިޔަ ދެތިން ހަފްތާގައި ވެސް އެހެން ކުދިންނާ ވާހަކަދައްކައެއް ނުހަދަ އެވެ. އިނީ ވަރަށް އެކަހެރިކޮށް، މަޑުންނެވެ.

"އަދިވެސް ދަރިފުޅު ބޭނުމެއް ނުވޭ ގެއިން ބޭރަށް ދާކަށް. މޮޅު ކުއްޖެއް. އެކަމަކު މިހާރު ބުނަނީ ތިމަންނަ ވަރަށް ފޫހިވެއްޖެއޭ ކިޔަވަން، އޮންލައިން ކްލާހެއް ނޭނގެއޭ، ބޭނުމެއް ނުވެއޭ ކިޔާވަކަށް،" މަރިޔަމް ޖުލައި މަހު ބުންޏެވެ.

ގެއްލުންތަކުން އަރައިގަންނަން ކިހާ ވަގުތެއް ނަގާފާނެތޯ އެއީ ދިރާސީ އާ އަހަރަށް އޮގަސްޓު މަހު ސްކޫލްތައް ހުޅުވާލި އިރު އޮތް އެންމެ ބޮޑު ސުވާލެވެ. ލީލާ ވިދާޅުވިގޮތުގައި ކުދިންގެ ހެދިބޮޑުވުމަށާއި އުނގެނުމަށް ކުރި އަސަރު ވަގުތުން ނުފެނި، ދުވަސްތަކެއް ފަހުން ފާޅުވުން ވެސް އެކަށީގެންވެ އެވެ. ސްކޫލަށް ދިޔަޔަސް ޓީޗަރުންނަށް ވެސް އެ އަސަރުތައް ކަނޑުވާލަން އުނދަގޫވެދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ކަންކަން ރަނގަޅުކުރުމަށް ވަރަށް، ވަރަށް ގިނަ ދުވަސް ވެސް ނަގާފާނެ،" ލީލާ ވިދާޅުވި އެވެ.

ޑރ. އާފިޔާ ވިދާޅުވިގޮތުގައި ކުޑަކުދިންނަށް މި ލިބުނު ނަފްސާނީ ގެއްލުންތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އޭނާ ޖުލައި މަހު ވިދާޅުވީ ސްކޫލްތަކުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް އިންތިޒާމުތަކެއް ހަމަޖެއްސުން މުހިއްމު ކަމަށެވެ. އޭގެ ތެރޭގައި ކައުންސެލިން ދިނުން ހިމެނެ އެވެ.

ކޮވިޑްގެ ހާލަތުގައި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މައިންބަފައިންނަށް ކުރެވިދާނެ ކަންކަމާ މެދު ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީގެ ލަފާ. (ދައުރު އިންފޮގްރެފިކްސް/މުސްތަފާ މުހައްމަދު)
ކޮވިޑްގެ ހާލަތުގައި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ތައުލީމީ ދާއިރާ އިން ކުރަންވީ ކަންކަމާ މެދު ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީގެ ލަފާ. (ދައުރު އިންފޮގްރެފިކްސް/މުސްތަފާ މުހައްމަދު)

ދަރިވަރުން ރައްކާތެރިކުުރުމާއި ސްކޫލްތައް ހުޅުވާފައި ބެހެއްޓުމަށް މަގުފަހިކުރުމުގެ މުހިއްމު ދެ ފިޔަވަޅެއް، އޮގަސްޓުގައި ފެށި ދިރާސީ އާ އަހަރާ އެކު، ސަރުކާރުން ވަނީ އަޅައިފަ އެވެ. އެއީ ވެކްސިން ނުޖަހާ މީހުން ސްކޫލްތަކަށް ވަނުން މަނާކުރުމާއި 12-18 އަހަރުގެ ކުދިންނަށް ވެކްސިން ޖަހަން ފެށުމެވެ. އަދި 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖަހަން ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.

އޮގަސްޓް މަހު ސްކޫލްތައް ހުޅުވި އިރު އެޗްޕީއޭ އިން ވަނީ، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައިގެން، ދަރިވަރުން ސްކޫލުގައި ކިޔެވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފަ އެވެ.

"އަޅުގަނޑުމެން އެންމެން ވެސް ބޭނުންވޭ ކުދިން ސްކޫލަށް ގޮސްގެން މި އަހަރު އިރާދަކުރެއްވިއްޔާ ރަނގަޅަށް ކިޔެވެން،" އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ނިއުސް ކޮންފަރެންސެއްގައި ވިދާޅުވެފައިވެ އެވެ.

އެކަމަކު މިހާރު ވެސް ކޮވިޑުގެ ކޭސްތައް ފެންނަމުންދާ އިރު، ބައްޔަށް ޕޮޒިޓިވްވާ ނިސްބަތް މައްޗަށް ގޮސް، ރަށްރަށުގައި ބަލި ފެތުރުން އިތުރުވެ، އަނެއްކާވެސް ގިނަ ރަށްތަކެއް މޮނިޓަރިން ހާލަތަށް ގެންނަން ޖެހިފައިވެ އެވެ. ރަށް މޮނިޓަރިންއަށް ގެންދިޔުމާ އެކު ބައެއް ކުދިންނަށް ސްކޫލަށް ދިޔުމުގެ ފުރުސަތު ދަނީ ބަންދުވެގެންނެވެ.

ރާއްޖެއެކޭ އެއްގޮތަށް، ވެކްސިން ޖެހި މީހުން ގިނަ އެހެން ގައުމުތަކުގައި ވެސް، ތަފާތު ސަބަބުތަކާ ހެދި، ބަލި ފެތުރޭ މިންވަރު ދޭތެރެދޭތެރެ އިން އިތުރުވަމުންދެ އެވެ. ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް އެހާ އަވަހަށް ނައްތާލެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން ބައްޔާ އެކު ދިރިއުޅެން ހޭނެން ޖެހޭ ކަމަށާއި ވެންޓިލޭޝަނާއި ފަރުދީ ފިޔަވަޅުތަކާ އެކު ސްކޫލްތައް ވެސް ރައްކާތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ބައެއް ބަލިތަކެކޭ ވެސް އެއްގޮތަށް، ވެކްސިން ޖެހިޔަސް، [ކޮވިޑް] ނައްތާލަން ކިތަންމެ ގިނަ އަހަރުތަކެއް ވެސް ނަގާފާނެ،" ޑރ. ފައިސަލް ވިދާޅުވި އެވެ. "އެކަމަކު މާސްކު އެޅުމާއި އަތް ދޮވުމާއި ގައި ދުރުކުރުމުގައި ހިފަހައްޓައިފިއްޔާ މަސައްކަތަށް ދިޔުމާއި ސްކޫލަށް ދިޔުމާ މިކަހަލަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވެނީ. މި ފިޔަވަޅުތަކުގެ މުހިއްމުކަމަށް މީހުން އަދިވެސް ވަރަށް ބޮޑަށް ހޭލުންތެރިވާން އެބަ ޖެހޭ."

އޮގަސްޓް 10ގައި ދިރާސީ އާ އަހަރު ފެށި އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރެހެންދި ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ދަރިވަރަކާ ވާހަކަދައްކާލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޑރ. ފައިސަލް ވިދާޅުވިގޮތުގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް މާ ބޮޑަށް ގޯސްވާން ފަށައިފި ނަމަ، ކުރީކޮޅު ސްކޫލް ބަންދުކުރުމަށް ފަހު، ހާލަތު ރަނގަޅަށް ދެނެގަނެވުމުން އެ ނިންމުމަށް ބަދަލު ގެނައުން ރަނގަޅެވެ.

އަދުލީ ވިދާޅުވީ އިތުރު ރާޅެއް އައިސްގެން އަލުން ފިޔަވަޅުތައް އަޅަން ޖެހުނަސް، ފާސް ދޫކޮށްގެން ހާއްސަ ހުއްދައެއް ދަށުން ވިޔަސް، ދަރިވަރުންނަށް ސްކޫލަށް ދެވޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތަކެއް ސްކޫލަކުން ފެނުނަސް، ބަންދުކުރަންވީ އެ ކްލާހެއް، ފްލޯއެއް، ނުވަތަ ސްކޫލެއް ވަކިން ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރާޝާގެ ވިސްނުމަކީ ވެސް އެއީ އެވެ.

"ޓީޗަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ ސްކޫލް ބަންދުކުރުމަކީ ހަމަ އެއްވެސް ވަރަކަށް ކޮށްގެން ވާނެ ކަމެއް ނޫނޭ. ކިރިޔާ ވެސް ފުރުސަތެއް އޮތިއްޔާ ކުދިން ސްކޫލަށް ގެންގޮސްގެންނޭ ކިޔަވައިދޭން ވާނީ،" އޭނާ ބުންޏެވެ.

ސްކޫލް ހުޅުވަން ތައްޔާރުވަމުންދިޔަ އިރު އެޗްޕީއޭގެ އިލްތިމާސަކީ ދަރިވަރުން ސްކޫލަށް ދާން ފުރުސަތު ދިނުމަށް އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމެވެ. ޑރ. ނަޒްލާ އޮގަސްޓް 5ގައި ވިދާޅުވި ގޮތުގައި ސްކޫލަށް ދިޔުން "މެދުނުކެނޑި ކުރިއަށް ދާނީ ބެލެނިވެރިން ވެސް، ކުދިން ވެސް، ސްކޫލްތަކުން ވެސް، އަދި ދަރިވަރުން އުޅޭ ގޭގޭގެ އެންމެން ވެސް ބަލައިގެން އުޅުނީމަ" އެވެ.

ހަމަ އެ ދުވަހު އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި މީހުންގެ ލިމިޓެއް ނެތި ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން ހުއްދަދީފަ އެވެ.

އަދުލީ ވިދާޅުވީ ސްކޫލް ހުޅުވާފައި ބެހެއްޓުމަށް ވުރެ އެހެން ކަންކަން އިސްކުރުން "އިތުރަށް ތަކުރާރުވެގެން ނުވާނެ" ކަމަށެވެ.

ކޮމެންޓް (1)

އުމޭއްތަ

23 ނޮވެމްބަރު 2021
ސްކޫލްތައް ބަންދުކުރަން އެންމެ އަޑު އުފުލީވެސް ޓީޗަރުންނާ ބެލެނިވެރިން. ދެން މިހާރު ނޫސްތަކަށް އިންޓަވިއު ދޭނެ އެހެނޭ މިހެނޭ ކިޔާފަ. ޓީޗަރުންވެސް ބޭނުންވީ ސްކޫލް ބަންދުކޮށްފަ ޗުއްޓީ ހަދާލަން. ސްކޫލް ބަންދު ކުރުމާއެކު ބެލެނިވެރިންވެސް ދަތުރުތައް ދާން ފަށައިފި. ގޯސްވީ އެކަމު ސަރުކާރު
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް