ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ އުތުރު ގޮފި، (ފޮޓޯ/ ކުޅުދުއްފުށި އޮންލައިން)

ހައި ކޯޓުގެ ގޮފިތައް އުވާލަން ފާސްކޮށްފި

ކޯޓުތަކުން އަމިއްލަ އިސްނެގުމަށް މައްސަލަތައް ނުބެލޭނެ ކަމަށް ވެސް އެ އިސްލާހުގައިވޭ

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރި ހައި ކޯޓުގެ ވަކިވަކި ގޮފިތައް އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ. އެ ބިލުގައި ހުރި މައިގަނޑު އިސްލާހުތަކަކީ:

  • ކޯޓުތަކުން އަމިއްލަ އިސްނެގުމަށް މައްސަލަތައް ނުބެލޭ ގޮތަށް ހެދުން 

  • ކޯޓުތަކުން ކުރާ ހުކުމް އިސްތިއުނާފު ކުރެވޭ މުއްދަތު 30 ދުވަހަށް އިތުރު ކުރުން 

  • ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލުވުން 

  • ހައި ކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލުން

ތަފްސީލް - ޖުޑީޝަރީ ކޮމިޓީން ބިލު ދިރާސާކޮށް، އެ ބިލަށް ބައެއް އިސްލާހުތައް ގެނަ އެވެ. އެގޮތުން:

  • ޖިނާއީ އިޖުރާއަތުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނުގައި އިސްތިއުނާފު މުއްދަތުތައް ކަނޑައަޅާފައިވާތީ، އިސްތިއުނާފުގެ މުއްދަތާ ގުޅޭ މާއްދާތައް ވަނީ އުނިކޮށްފައި

  • އެ އިސްލާހު ފާސްކުރުމުން ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާއި އާންމު ސިޓީތައް އުވޭނެ ކަމަށް އޮތް މާއްދާ ވެސް ވަނީ އުނިކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވެއްގެ ތެރެއިން، (ފޮޓޯ. މަޖިލިސް)

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތަށް، ތަޅުމުން އިއްޔެ ފާސްކުރީ 36 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުން ފާސްކުރި ބިލުގައި ހިމެނޭ ކަންތައްތަކަކީ:

  • ގާނޫނުއަސާސީ އާއި ކަމާ ބެހޭ ގާނޫނަކުން ކޯޓަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން އެ ކޯޓުން ބަލަމުންދާ މައްސަލައެއްގައި ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން އެ ކޯޓަކުން ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް ފިޔަވައި ރާއްޖޭގެ އެއްވެސް ކޯޓަކުން އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް ނިންމުމެއް ނިންމައިގެން ނުވާނެކަމަށް

  • މި އިސްލާހާ ގުޅިގެން ކޯޓަކާ ގުޅޭ ކަންކަމުގައި އިދާރީ ހިންގުމާ ބެހޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމަށް ކޯޓުތަކަަށް ލިބިގެންވާ އިހްތިޔާރަށް ނުވަތަ ކޯޓުގެ ހުރުމަތް ކެނޑެމުގެ މައްސަލަތައް ބަލައި ގޮތް ނިންމުން އަދި އެހެން ގާނޫނަކުން ލިބިދޭ އިހްތިޔާރުތައް ހަނި ނުވާނެކަމަށް

  • ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ދެ ގޮފި، މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށުމާ އެކު އުވޭނެ ކަމަށް

  • އެއާ އެކު، ހައި ކޯޓުގެ ދެ ގޮފީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހާ މުދަލާއި ފައިސާއާއި ވަސީލަތްތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަދަލުވީ ކަމަށް

  • ހައި ކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޑީޖޭއޭ އިން ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމަންވާނެ ކަމަށް

  • ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހަޅައި، އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުންގޮސްފައިވާ ހުރިހާ މައްސަލަތައް ބަދަލުވާނީ މާލޭގައި ހިނގަމުންދާ ހައިކޯޓަށް ކަމަށް؛ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް އެ ކޯޓުގައި ބަލައި ހިންގެނެ އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: (ފޮޓޯ މަޖިލިސް)

އެނގުން މުހިންމު - އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުން ހުއްޓުވުމަށާއި ހައި ކޯޓުގެ ދެ ގޮފި އުވާލަން ގާނޫނަށް އިސްލާހު ގެނައުމަކީ އެމްޑީޕީގެ 'އެޖެންޑާ19'ގައި ވެސް ހިމެނޭ ކަމެކެވެ.

ކޯޓުތަކުގެ ގާނޫނަށް 2014ގައި ގެނައި އިސްލާހާ އެކު ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކުރީ އައްޑޫގަ އެވެ. އަދި އުތުރު ގޮފި ގާއިމުކުރީ ހދ. ކުޅުދުއްފުށީގަ އެވެ. އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކުރީ އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ބުނެ އެވެ.   

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް