ސުޕްރީމް ކޯޓް: އަމިއްލަ އިސްނެގުމަށް މައްސަތައް ނުބެލޭ ގޮތަށް ހަދަން ގާނޫނަށް ވަނީ އިސްލާހު ހުށަހަަޅާފައި. (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ޖުޑިޝަރީ

ކޯޓުތަކުގެ އަމިއްލަ އިސްނެގުމަށް މައްސަލަތައް ނުބެލޭ ގޮަތަށް ހަދަން ގާނޫނަށް އިސްލާހެއް

ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލްވުމާއި ހައި ކޯޓުގެ ދެ ގޮފި އުވާލުމާ ގުޅޭ މާއްދާތަކެއް ވެސް ބިލުގައި ހިމަނާފައިވޭ

ކޯޓުތަކުން އަމިއްލަ އިސްނެގުމަށް މައްސަލަތައް ނުބެލޭ ގޮަތަށް ހެދުމަށާއި ކޯޓުތަކުން ކުރާ ހުކުމް އިސްތިއުނާފު ކުރެވޭ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. އޭގެ އިތުރުން، ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލްވުމާއި ހައި ކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލުމާ ގުޅޭ މާއްދާތަކެއް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެނގުން މުހިންމު - އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުން ހުއްޓުވުމަށާއި ހައި ކޯޓުގެ ދެ ގޮފި އުވާލަން ގާނޫނަށް އިސްލާހު ގެނައުމަކީ އެމްޑީޕީގެ 'އެޖެންޑާ19'ގައި ވެސް ހިމެނޭ ކަމެކެވެ.

ވީ ކިހިނެއް؟ - ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. މި ބިލު ސްޕޮންސާކުރެއްވީ އެމްޑީޕީގެ މަތިވެރި ދާއިރާ މެންބަރު ހަސަން ޒަރީޒެވެ.

ބިލު ހުށަހަޅުއްވި މައިގަނޑު ސަބަބުތަކަކީ

  • ހައި ކޯޓުގެ ވަކިވަކި ގޮފިތައް އުވާލައި އެކަމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން

  • ޝަރީއަތްތައް ހިނގަމުންދަނީ އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހްތިސާސާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަަށަވަރުކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް

  • އިސްލާހު ގެންނަ ކަންކަމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ އަމުރުތަކާއި ސާކިއުލާތައް އަދި ގަރާރުތައް އުވާލުން

ތަފްސީލު - އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑު އެއް ކަމަކަށް އޮތީ، ކޯޓުތަކުގެ އަމިއްލަ އިސްނެގުމަށް މައްސަަލަތައް ބަލައި ނިންމުންތައް ނިންމުން ގާނޫނުން މަނާ ކުރުމެވެ.

ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރު. (ފޮޓޯ/ މަޖިލިސް)

އިސްލާހުގައި ބުނެފައިވަނީ:

  • ގާނޫނުއަސާސީ އާއި ކަމާ ބެހޭ ގާނޫނަކުން ކޯޓަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން އެ ކޯޓުން ބަލަމުންދާ މައްސަލައެއްގައި ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން އެ ކޯޓަކުން ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް ފިޔަވައި ރާއްޖޭގެ އެއްވެސް ކޯޓަކުން އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް ނިންމުމެއް ނިންމައިގެން ނުވާނެ

  • ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނިންމާ ނިންމުނަށް މާނަކޮށްފައިވަނީ ގާނޫނެއްގެ ދަށުން ކަނޑައެޅިގެން ބާރު ލިބިދޭ ހާލަތެއްގައި ނޫން ހާލަތެއްގައި އެ ކޯޓެއްގެ އަމިއްލަ އިސްނެގުމަށް ހިންގައި ގޮތެއް ނިންމާ މައްސަލަތަކާއި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުންތައް ވެސް ހިމެނޭ ގޮތަށް

  • މި އިސްލާހާ ގުޅިގެން ކޯޓަކާ ގުޅޭ ކަންކަމުގައި އިދާރީ ހިންގުމާ ބެހޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމަށް ކޯޓުތަކަަށް ލިބިގެންވާ އިހްތިޔާރަށް ނުވަތަ ކޯޓުގެ ހުރުމަތް ކެނޑެމުގެ މައްސަލަތައް ބަލައި ގޮތް ނިންމުން އަދި އެހެން ގާނޫނަކުން ލިބިދޭ އިހްތިޔާރުތައް ހަންޏެއް ނުވާނެ

އެނގުން މުހިންމު - މީގެ ކުރިން ސްޕްރީމް ކޯޓުން އަމިއްލަ އިސްނެގުމަށް މައްސަލަތައް ބަލައި ބައެއް އަމުރުތައް ނެރެފައިވެ އެވެ. އަދި ގާނޫނުގެ ބައެއް މާއްދާތައް ވެސް އުނިކޮށް، އޭގެ މައްޗަށް ބައެއް ސާކިއުލާތައް ވެސް ނެރެފައިވެ އެވެ.

އިސްތިއުނާފުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރަނީ

ހައި ކޯޓު އަދި ދަށު ކޯޓުތަކާއި ޓްރިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް ގާނޫނުގައި ކަނޑައެޅުމަށް އިސްލާހުތަކުގައި ހިމަނާފައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ:

  • އިސްތިއުނާފު މުއްދަތު ހިނގާނީ ހުކުމް ކުރި ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ކަމަށް

  • ކޯޓުން މައްސަލަ ނިމޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓު މައްސަލައިގެ ހިމެނޭ މީހުނަށް ދޭން ވާނެ

  • އިސްތިއުނާފުކުރި ކަމަށް ވިޔަސް، މަތީ ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ދަށު ކޯޓުން ކުރި ހުމެއް ތަންފީޒުކުރުން ފަސް ނުކުރެވޭނެ

އެނގުން މުހިންމު - ކޯޓުތަކުގެ ގާނޫނުގައި އެންމެ ފުރަތަމަ އިސްތިއުނާފުގެ މުއްދަތުގެ ގޮތުގައި ދީފައި ވަނީ 90 ދުވަހެވެެ. ނަމަވެސް ސްޕްރީމް ކޯޓުން 2015ގައި ވަނީ ކޯޓުތަކުގެ ގާނޫނުގެ އެ މާއްދާތައް އުވާލަން އަމުރެއް ނެރެ، އިސްތިއުނާފުކުރެވޭ މުއްދަތު 10 ދުވަހަށް ކުޑަކުރަން ސާކިއުލާއެއް ނެރެފަ އެވެ. މިހާތަނަށް އަމަލު ކުރަމުން އައީ އެ ސާކިއުލާއަށެވެ.

ގާނޫނަށް ގެންނަ އިސްލާހުތަކުގައި އެއާ ގުޅޭ އަމުރުތަކާއި ސާކިއުލާތައް އުވާލަން ހިމަނާފައިވެ އެވެ.

ކޯޓުގެ އިހްތިސާސުން ބޭރުން ނިންމާ ނިންމުންތައް ބާތިލު

ބިލުގައި ބުނެފައި ވަނީ، ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ދައުލަތުގެ ތިން ބާރާއި އެންމެހާ މުއައްސާތައް އަދި ހުރިހާ ރައްޔިތުން ވެސް އޭގެ މައްޗަށް އަމަލުކުރުން ލާޒިމް ނިންމުންތަކެއް ކަމަށެވެ. އެއީ ގާނޫނުގައި މިހާރު ވެސް އޮންނަ ގޮތެވެ.

އެ މާއްދާގެ ފަހަތަށް އިތުރުކުރި އަކުރުގައި ބުނެފައި ވަނީ، ނިންމުންތަކަށް އަމަލުކުރުން ލާޒިމްކަމަށް ބުނެފައި އޮތް ނަމަވެސް، "ގާނޫނުއަސާސީ އާއި ގާނޫނަކުން އެ ކޯޓަށް ލިބިދީފައި ނެތް ބާރެއްގެ ބޭނުން ހިފައިގެން އެ ކޯޓަކުން ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމެއް ވާނީ ބާތިލު ނިންމުމަކަށް ނުވަތަ އަމުރަކަށް" ކަމަށެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސްޕްރީމް ކޯޓު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެފަދަ އަމުރެއްކޮށްފި ހާލަތެއްގައި، އެ އަމުރެއް ނުވަތަ ނިންމުމެއް ބާތިލުކުުރުމާ މެދު ސްޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ހައި ކޯޓުގެ ދެ ގޮފި އުވާލަނީ؛ މުވައްޒަފުންނަށް ވަޒީފާ ދޭން ލާޒިމް

ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ހިތަދޫގައި ގާއިމްކޮށްފައިވާ ދެކުނު ގޮފި އުވާލަން ނިންމައި ގާނުނަށް އިސްލާހު ހުށަހަޅާނެ ކަމަށް މީގެ ކުރިން ވެސް ސަރުކާރުން ބުނެފައިވެ އެވެ. މި ބިލުގައި އެ ގޮފި އުވާލުމާ ގުޅޭ މާއްދާތައް ހިމަނާފައިވެ އެވެ.

އައްޑޫ ހިތަދޫގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮފި: ދެކުނާއި އުތުރުގައި ގާއިމްކޮށްފައިވާ އެ ކޯޓުގެ ގޮފިތައް އުވާލަން ވަނީ އިސްލާހު ހުށަހަޅާފައި.

އިސްލާހުގައި ބުނީ ބިލުގައި ހިމެނޭ ކަންކަން ފާސްވެ، އަމަލުކުރަން ފެށުމާ އެކު އެ ދެ ގޮފި އުވުނީ އެވެ.

އެއާ އެކު، އެ ގޮފިތަކަށް ހުށަހަޅާފައިވާ މައްސަލަތަކާއި ހިނަގަމުން އަންނަ މައްސަލަތައް ބަދަލުވާނީ މާލޭގައި ހިންގާ ހައި ކޯޓަށެވެ. އެ މައްސަލަތައް ބަލައި ހިންގޭނެ އިންތިޒާމް ގާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން ހަމަޖަސަންވާނެ ކަމަށް ބިލުގައި ބުނެ އެވެެ.

އިސްލާހުގައި އިތުރަށް ބުނަނީ:

  • ހައި ކޯޓަށް އައްޔަން ކުރެވޭ އެންމެހައި ފަނޑިޔާރުން ގާއިމުވެ ތިބޭނީ މާލޭގައި؛ އެ ކޯޓުން ކަނޑައަޅާ އުސޫލަކުން މާލެ ފިޔަވައި އެހެން ރަށްތަކުގައި ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހްތިޔާރު އެ ކޯޓަށް ލިބިގެންވޭ

  • ދެ ގޮފީގެ މުވައްޒަފުން މަސައްކަތް ކުރާނެ އެހެން ތަނެއް، ގޮފިތައް އުވާލާތާ 60 ދުވަހުގެ ތެރޭގައި ޑިމާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަނޑައަޅަން ވާނެ

  • އެ މުއްދަތު ތެރޭގައި އެ މުއްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސަން ވާނެ

  • ވަޒީފާ ބަދަލުކުރުމުގެ ކަންކަން ހަމަޖައްސައި ނިމެންދެން އެ މުވައްޒަފުންނަކީ ޑީޖޭއޭގެ މުވައްޒަފުން

  • ދެ ގޮފީގެ މިލްކުވެރިކަމުގެ ދަށުގައިވާ އެންމެހާ މުދަލާއި ފައިސާ އަދި ވަސީލަތްތައް ބަދަލުވާނީ ޑީޖޭއޭއަށް

އެނގުން މުހިންމު - މި އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ، ބިލު މަޖިލީހުން ފާސްވެ، ރައީސް ތަސްދީގުކުރައްވާ ދުވަހުން ފެށިގެންނެވެ.

އިތުރަށް ކިޔާލަން -

  • ޝަރީއަތުގެ ހުރުމަތް ކެނޑުމުން ޖަލު އަދަބު 3 މަހަށް ބޮޑު ކުރަނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް