ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ނަޝީދު ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ. (ފޮޓޯ/ކެމްޕޭނު ޓީމު)

ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް ސޯލިހާ އެކު ނުހުންނާނަން: ނަޝީދު

ނަޝީދު ވިދާޅުވީ ޕްރައިމަރީއަށް ފަހު ރައީސް ސޯލިހާއެކު ނުހުންނަވާނީ، ޕާޓީގެ ދަފްތަރުން އުނިކުރި ކަމަށް ބުނާ މެމްބަރުންނަށް އެއީ އިންސާފުވެރި ގޮތަކަށް ނުވާނެތީ ކަމަށް
16 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެއްޖެ ނަމަ، އަނެއްކޮޅުން ވާދަކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނުހުންނަވާނެ ކަމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު އެ ގޮތަށް ވިދާޅުވާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ، ނަޝީދު ޕްރައިމަރީ ކެމްޕޭނަށް ރަށަކަށް ވަޑައިގެން، ސަޕޯޓަރުންނާ މުހާތަބުކުރައްވާ މަންޒަރެވެ.

ބުނީ ކީކޭ؟ - އެ ވީޑިއޯގައި އާންމު މީހަކު ނަޝީދާ ސުވާލުކުރަނީ، ޕްރައިމަރީން ބަލިވެއްޖެ ނަމަ އެމަނިކުފާނު ދެން ހުންނަވާނީ ރައީސް ސޯލިހާއެކުތޯ ނުވަތަ ޕީޕީއެމްއާއެކުތޯ އެވެ. ޖަވާބުގައި ނަޝީދު ވިދާޅުވަނީ، ބަލިވެއްޖެ ނަމަ އެއްވެސް ބަޔަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި ދެން ހުންނަވާނީ ގޭގައި ކަމަށެވެ.

"ޕީޕީއެމްއާއެކީ ނުހުންނާނަން. އެއީ 100އިން 100ގެ ކަމެއް، ޕީޕީއެމްއާ އެކު ނުހުންނާނަން،" ނަޝީދު ވިދާޅުވި އެވެ.

"އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނުހުންނާނަން. އަހަރެން އެކަނި ގޮސް ގޭގައި ހުރީމަ ނިމުނީނު؟"

ތަފްސީލު - އެގޮތަށް ނިންމަވާ ސަބަބުތައް ވެސް ނަޝީދު އޮޅުންފިލުވައިދެއްވަ އެވެ. މައިގަނޑު ސަބަބަކީ، ނަޝީދު ވިދާޅުވި ގޮތުން ނަމަ، ޕްރައިމަރީއާ ދިމާކޮށް އެމަނިކުފާނަށް ތާއީދުކުރައްވާ 39،000 މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކުރުމެވެ.

"39،000 މީހުން [އެމްޑީޕީއިން] ކަނޑައިލީ، އަހަރެންނަށް ވޯޓު ދީފާނެތީ. ކަނޑާލި މީހުންގެ ތެރެއިން މަގޭ ބޭބެވެސް ކަނޑާލި، މަގޭ މަންމަވެސް ކަނޑާލި، ލައިލާވެސް ކަނޑާލި،" ނަޝީދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ބޭބެ ނަންގަވައި ނަޝީދު ވިދާޅުވީ މި ދަނޑިވަޅުގައި ޕާޓީން ވަކިކުރުމުން އެ ބުނެވެނީ "އިބޫ ބުންޏޭ ކަލޭ ބޭނުމެއް ނެތޭ މިހާރަކު، އެހެންވީމަ ކަނޑާލީއޭ." ކަމަށެވެ.

"ދެން ފަހުން، މަ ގޮސް ބޭބެ ކައިރި ބުނަންވީ، މިހާރު އަހަރުމެން ކަލޭ ވަރަށް ބޭނުމޭ އެހެންވީމަ އަންނާށޭ. ނާންނާނެ އޭގެ 70،000 މީހުން،" ނަޝީދު ވިދާޅުވި އެވެ.

ޕްރައިމަރީއާ ދިމާކޮށް ޕާޓީގެ ދަފްތަރުން 39،000 މީހުން ވަކިކުރިކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުންގެންދަވާއިރު، ވަކިކުރި މެމްބަރުންނާ ގުޅުންހުރި މީހުންނާ އެކު އެމްޑީޕީއަށް 70،000 އެއްހާ ވޯޓު ގެއްލޭނެކަމަށް ނަޝީދު ލަފާކުރައްވަ އެވެ.

ފަސްމަންޒަރު - އެމްޑީޕީގެ ދަފްތަރުން ބައެއް މީހުން އުނިވީ، އެ ޕާޓީގެ ދަފްތަރު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރާ އެއްގޮތްކުރުމުންނެވެ. އެމްޑީޕީގެ ދަފްތަރު ސާފުކުރުމަކީ، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިސްމާއިލް ކެމްޕެއިން ކުރެއްވިރު، ވެވަޑައިގަތް ވައުދެކެވެ. އަދި ފައްޔާޒު މަގާމާ ހަވާލުވުމަށް ފަހު، މިިދިޔަ މެއި މަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިގެން، އެ މަޖިލީހުން ފާސްކޮށްގެން އެކަން އެގޮތަށް ވަނީ ނިންމާފަ އެވެ. 

އޭރު އެމްޑީޕީގެ ލީޑަޝިޕުން ބުނަމުން ދިޔައީ، އެ ޕާޓީގެ ދަފުތަރު އިލެކްޝަންސްގެ ދަފުތަރާ އެއްގޮތް ކުރަަން ޖެހޭ ސަބަބަކީ، އެ ޕާޓީގައި އޭރު ތިބި 93،000 މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ އެހެން ޕާޓީތަކުގައި ވެސް ތިބި މީހުން ކަމަށާއި ދަފުތަރު އިލެކްޝަންސްގެ ދަފުތަރާ އެއްގޮތް ނުކޮށް އޮންނަ އިރު އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް އެހެން ޕާޓީތަކުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތަތީ، އެ ދޮރު ބަންދު ކުރުމުގެ ގޮތުން ކަމަށެވެ.

އިލެކްޝަސް ކޮމިޝަންގެ ދަފްތަރާ އެއްގޮތް ކުރުމުން، ބައެއް މީހުން ވަނީ ޕާޓީން އުނިވެފަ އެވެ. އެގޮތުން:

  • މެއި 2022 ގައި ބޭއްވި ޗެއާޕާސަން އިންތިހާބާއި އެޕްރީލް 2021ގައި ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމުގައި ބޭނުންކުރީ ކުރިން ޕާޓީގައި އޮތް ދަފްތަރަށް؛ އެ ދަފްތަރުގައި 93،000 އަށް ވުރެ ގިނަ މީހުން އެމްޑީޕީގެ ރަޖިސްޓްރީގައި ހިމެނޭ

  • އޭރު ދަފްތަރުގައި އޮތް 225 މީހުންނަކީ، ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވެފައި ތިބި މީހުން

  • އިލެކްޝަންސްގެ ދަފްތަރުގައިވާ ގޮތުން 17،000 އެއްހާ މީހުން ތިބީ އެހެން ޕާޓީތަކުގައި؛24،000އެއްހާ މީހުނަކީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީގައި ނެތް މީހުން

  • ދަފްތަރު ސާފު ކުރުމަށްފަހު، މިހާރު އެމްޑީޕީގައި ތިބީ 58،000 އެއްހާ މީހުން

އޭރު ގައުމީ މަޖިލީހުން އެ ނިންމުން ނިންމުމާއެކު، އަލުން ޕާޓީއަށް ސޮއި ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އެޕާޓީގެ ކޮންގްރެސް ވެސް ބާއްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަށް ބަލައިގެންނެވެ.

އިތުރަށް ކިޔާލަން - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް