ފުޑް

ދި މޯލްޑިވް ކިޗަން: ދިވެހި ރަހަތަކުން ހިއްސުތަކާ ކުޅެލައިފި

ޖީހާން އާއި އާއިލާގެ ކެއްކުމުގެ ހުނަރު އެންމެ ފަހުން މި ވަނީ ރެސްޓޯރެންޓަކަށް ގެނެސްދީފައި
8 މާރިޗު 2022

"ހީވީ ކުޑައިރު މަންމަމެން، މާމަމެން ކެއްކި އެއްޗެހީގެ ރަހަހެން،" އުމުރުން 70 އަހަރާ ގާތްކުރާ ފިރިހެނަކު ބުންޏެވެ.

"ހުރިހާ ހިއްސުތަކާ ކުޅެލައިފި،" ރެސްޓޯރެންޓުން ނުކުންނަމުން، ޒުވާން އަންހެނަކު ބުނެލި އެވެ.

މިއީ އެކި މީހުން ފާޅުކުރި ހިޔާލުތަކުގެ ތެރެއިން ދެ ޖީލަކަށް ނިސްބަތްވާ ދެ މީހަކު، ދިވެހި އެ ކެއުންތަކަށް ފަހު، ތަނުގެ ވެރިންނަށް ރައްދުކޮށްދިން ހެޔޮ ބަސްތަކެވެ.

އާއެނކެވެ. އެ ވާހަކަތައް ނަގައިގަންނަން ޖެހެނީ ހެޔޮ ބަސްތަކެއްގެ ގޮތުގަ އެވެ. ހިތްވަރެއްގެ ގޮތުގަ އެވެ. ޒަމާނީ ކެއުންތައް ލިބެން ހުރި ރެސްޓޯރެންޓްތަކެއްގެ ތެރޭގައި، މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން ހުޅުވި 'ދި މޯލްޑިވް ކިޗަން' ކުރިއަށް އެ ދަނީ ހަމައެކަނި ދިވެހި ރަހަތައް ތައްޔާރުކޮށްގެންނެވެ. ދިވެހިންގެ ޒަމާންވީ ކެއުންތަކަށް ބަދަލެއް ނުގެނެސް، އޭގެ އަސްލު ގޮތުގައި ސުފުރާ މައްޗަށް ގެނެސްދީގެންނެވެ.

"މިއީ ދިވެހިންގެ މުއްސަނދި ކެއުން، ހަމަ އެ ރަހަތައް ލިބޭނެ ގޮތް ހަދަން ހުޅުވި ތަނެއް،" ރެސްޓޯރެންޓްގެ އެއް ހިއްސާދާރު ފާތުމަތު ޖީހާން ސަލީމް ވިދާޅުވި އެވެ.

ރެސްޓޯރެންޓްގައި ތައްޔާރުކުރި ކަށިކެޔޮ ކަނދި ހިފައިގެން ޖީހާން: އޭނާ ވިދާޅުވީ އެތަނުން ލިބޭނީ މުޅިން ވެސް ދިވެހި ކެއުންތައް ކަމަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާއަކީ ގިނަ ބަޔަކު ދަންނަ، މަޝްހޫރު ބޭފުޅެކެވެ. އަދި އޭނާގެ މަންމަ މަދީހާ މޫސާއަކީ މިވަގުތު ރާއްޖޭގައި ތިބި ދިވެހި ކެއުންތަކުގެ އެންމެ ބޮޑެތި ތަޖުރިބާކާރުންގެ ތެރެއިން އެކެކެވެ. އާއިލާގެ އެންމެ ދޮށީ ބޭފުޅަކީ ޖީހާން އެވެ. އޭނާގެ ހަގަށް ތިބި އަންހެން ފަސް ކޮއްކޮ އާއި ފިރިހެން ކޮއްކޮއާ އެކު އެއީ ހަތް މެމްބަރުންގެ އާއިލާއެކެވެ. ހުރިހާ އަންހެނުން ވަނީ މަންމަ ކައިރިން ދިވެހި ކެއުންތައް ތައްޔާރުކުރަން ދަސްކުރައްވައިފަ އެވެ. އެހެންކަމުން މިއީ، މިހާރުގެ ގިނަ ޒުވާނުންނަށް ރަހަ ވެސް ބެލިފައި ނެތް ދިވެހި އެތައް ވައްތަރެއްގެ ކެއުންތައް ގެއްލިގެން ދިޔަނުދީ ހިފެހެއްޓޭނެ ވަރުގަދަ އާއިލާއެކެވެ.

ފިރިކަލުން އަދި ޗައިނާގައި ކުރިން ހުންނެވި ސަފީރު މުހައްމަދު ފައިސަލް އާއި ޖީހާންގެ ކުޑައިރުއްސުރެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ، އަހުމަދު އާމިރު އެކުވެގެން 'ދި މޯލްޑިވް ކިޗަން' ހުޅުވާފައި އެ ހުރީ، އެ މަގުސަދުގަ އެވެ.

"ދިވެހިން އަސްލު ބޭނުންވޭ ދިވެހި ރަހަތައް. ދިވެހި ގޮތަށް އެއްޗެހި ހެދީމާ އަސްލު ވަރަށް އެޕްރެޝިއޭޓް ވެސް ކުރޭ،" ޖީހާން، 49، ވިދާޅުވި އެވެ.

އެކަމަކު ޒަމާނާ އެކު ދިވެހި ކެއުންތަކުގެ މައްޗަށް ބޭރުގެ އެކި ކެއުންތައް ގަދަވެ، ދިވެހި ރަހަތައް ގެއްލޭން ފެށުމުން، ދިވެހިންގެ ސަގާފީ އެހާ ބޮޑު މުއްސަނދިކަމެއްގެ މައުލޫމާތު މިހާރުގެ ގިނަ ޒުވާނުންގެ ނެތްކަން އޭނާއަށް ގަބޫލުކުރެއްވެ އެވެ. ބައެއް ކެއުންތައް ކައިފައި، ޒުވާނުން ހައިރާންވެ އެވެ. އެއީ ދިވެހި އެއްޗެއްތޯ ސުވާލުކުރެ އެވެ.

ޖީހާން އޭނާގެ މަންމަ މަދީހާއާ އެކު ދި މޯލްޑިވް ކިޗަންގައި: މަދީހާގެ ފަރާތުން އޭނާގެ ކުދިންނަށް ވަނީ ދިވެހި ކެއުންތައް ހަދާނެ ގޮތް ދަސްވެފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖީހާންގެ ގޭގެ ބަދިގެއަކީ އެންމެ ކުރިންސުރެ މިއަދު ވެސް، ދިވެހި ކެއުމުގެ ހާއްސަ ތަނެކެވެ. އެހެންކަމުން އެއީ ކިހާ ތަފާތު އަދި ކިހާ މުއްސަނދި ކެއުމެއް ކަމާ މެދު އޭނާގެ ޝައްކެއް ނެތެވެ. ގަރުދިޔަ އާއި ދެ ވައްތަރެއްގެ ރިހައާ ހިސާބުން އެ މުއްސަނދިކަން ނުނިމެ އެވެ. ނުވަތަ ދެތިން ވައްތަރެއްގެ ހެދިކާއަކުން ވެސް، ދިވެހިންގެ ކެއްކުމުގެ ހުނަރު ފުރިހަމައެއް ނުވެ އެވެ.

"އަސްލު ހަމަ ވަރަށް މުއްސަނދި ކެއުންތަކެއް ދިވެހިންގެ އެބަ ހުރި. ކުޅި އެއްޗެހި ވެސް، ފޮނި އެއްޗެހި ވެސް އެހާ ގިނަ، އެހާ ތަފާތު،" ޖީހާން ވިދާޅުވި އެވެ.

ކުރީގެ ވެސް އުއްމީދެއް، ލަސްވީ ހަގީގަތަކަށް ވުން

މިއީ ކުރިންސުރެ ވެސް އޭނާގެ އުއްމީދެއްގެ ގޮތުގައި އޮތް ކަމެކެވެ. ނަމަވެސް ހުސް ދިވެހި ކެއުމަށް ހާއްސަކޮށްގެން ތަނެއް ހަދައިގެން ޑިމާންޑް އޮންނާނީ ކިހާ ވަރަކަށް ކަމާ މެދު ސުވާލު އުފެދުނެވެ. އިންވެސްޓްމެންޓެއްގެ ގޮތުގައި ފަށާ ކަމެއްގައި އެފަދަ ސުވާލެއް އޮތުމުން ޝައްކުތަކެއް ވެސް އުތުރިއަރާނެ އެވެ. އެކަމަކު ދެން ތިއްބެވި ފައިސަލް އާއި އާމިރުގެ އެހީތެރިކަމާ އެކު "މިއީ ކުރަން ވެއްޖެ ކަމެއް" ކަމަށް ނިންމަވައި، ތިން ބޭފުޅުން، ހުޅުމާލޭގައި 'ދި މޯލްޑިވް ކިޗަން' މިހާރު ވަނީ ހަގީގަތަކަށް ހައްދަވައިފަ އެވެ. 

އުފާވެރިކަމާއި ޔަގީންކަން އެބަ ލިބެ އެވެ. ރަސްމީކޮށް މިއަދު، ދުނިޔޭގެ އަަންހެނުންގެ ދުވަހު، ރެސްޓޯރެންޓް ހުޅުވާ އިރު މިދިއަ މަހެއްހާ ދުވަހު ޖީހާންމެންނަށް ލިބިވަޑައިގަތީ، ކަސްޓަމަރުންގެ ހާއްސަ ލޯތްބާ އެކު، ހިތްވަރެވެ. ދިވެހި ކެއުން ނޫން އެއްޗެއް ނުހަދާނެ ކަމަށް ތިން ބޭފުޅުން ވެސް ކަނޑައެޅުއްވި އަޒުމް ވަރުގަދަވާނެ ބަސްތައް، އެތަނުން ކައިގެން ނުކުންނަ މީހުން އެބަ ފޯރުކޮށްދެ އެވެ.

އަސްލު އަހަރެމެން ތިން މީހުންގެ މަންމައަކީ ވެސް ވަރަށް މީރުކޮށް ކައްކާ ބައެއް 

މުހައްމަދު ފައިސަލް، ރެސްޓޯރެންޓްގެ އެއް ހިއްސާދާރު

"އަޅުގަނޑު ހަމަ އަހަން ކިހިނެއްހޭ ރަހަތައް،" ޖީހާން ވިދާޅުވި އެވެ.

"ޒުވާން ކުދިންނަށް ކުރިން ދިވެހިން ހަދާކަން ނޭނގޭ އެތައް އެއްޗެއް ހުރިކަން މިހާރު އެބަ އެނގޭ. އެމީހުން ވަރަށް އުފާވޭ ކައި ނިމިގެން."

އެހާ ހިސާބުން ރެސްޓޯރެންޓްގެ ވިޔަފާރިއާ މެދު އުފެދުނު ޝައްކުތައް ފިލަން ފެށީ އެވެ. މިހާރު އެ ތަނަށް މީހުން ދަނީ ކުރިން ބުކްކޮށްގެންނެވެ. މެނޫގައި ހުރި އެއްޗެއް އެނގިގެންނެވެ. ހަވީރު 4 ޖަހާއިރު ހަވީރުގެ ހާއްސަ ސައިތަކުން ފެށިގެން ރޭގަނޑު ކެއުންތަކަށް އެތައް ބަޔަކު މިހާރު އިންތިޒާރުކުރާ ކަމަށް، ޖީހާން ވިދާޅުވި އެވެ.

އުއްމީދުގައި ކުލަ ޖެހުން ލަސްވިޔަސް މިއަދު އޭނާ ހުންނެވީ ވަރަށް އުފަލުންނެވެ.

ހުރިހާ ކަމެއް ވެސް ތަފާތު

ބޭރުގައި ހުރެ ރެސްޓޯރެންޓަށް ނަޒަރެއް ހިންގާލައިފި ނަމަ، 40 އަހަރުން މަތީގެ މީހުންގެ ހަނދާނަށް އަންނާނީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން މާލެ އާއި ރަށްރަށުގެ އިމާރާތްތަކުގެ ސޫރަ އެވެ. އޭރު ބޭރު ދޮރުތަކުގައި ލާފައި ހުންނާނީ ފެހި ނުވަތަ ނޫ ކުލަ އެވެ. ދޮރުތަކުގެ ލޯ ހުޅުތައް ބޭރަށް ވެސް ފެންނަން ހުންނާނެ އެވެ. އެތެރެއަށް އަތްވާއި ވައި ވަންނަ ގޮތަށް މަތީގައި ޖާލިތަކެވެ.

މިތަނަކުން ނުލިބޭނެ ކޮފީއެއް. މިތަނަކުން ނުލިބޭނެ ނޫޑްލްސްއެއް، ނާސިގޯރެންއެއް

ފާތުމަތު ޖީހާން

ދި މޯލްޑިވް ކިޗަންގެ ބޭރު ޑިޒަނައިންކޮށްފައި ވަނީ އެގޮތަށެވެ. ރެސްޓޯރެންޓްގެ ނަން ދިވެހިން ޖަހާފައި ހުރީ ވެސް، އެ ދުވަސްވަރު މަގުތަކުގައި ނަން ޖަހާ އުޅުނު ގޮތަށެވެ. އާމިރަކީ މޮޅު ކުރެހުންތެރިއެކެވެ. މިޔުޒިކްގައި ނަމަ ކުޅަދާނަ ޑްރަމަރެކެވެ. ރެސްޓޯރެންޓްގެ ބޭރު ފެންނަ ގޮތާއި އެތެރޭގައި ހުރި މޭޒުތަކާއި ގޮނޑިތަކުގެ ސިފަތައް ބައްޓަން ކުރެއްވީ، އޭނާ ވިދާޅުވި ގޮތުގައި، ކުޑައިރުގެ ހަނދާންތަކާ ގުޅުވާލައިގެންނެވެ. ދިވެހި ރަހަތަކުން ދިވެހިންގެ ކެއުމުގެ އަސްލު އިހުސާސްކުރެވޭ ހެން، އެ ތަން ފެނުމުން ވެސް، އަދި އެތެރޭގައި ތިބޭ އިރު ވެސް، މީގެ 30 ނުވަތަ 40 އަހަރުގެ ކޮންމެވެސް މާޒީއެއް ހުޅުވިދާނެ ގުޅުމަކާ އެކު އެވެ.

މަޑުމަޑުން އިވެމުން ދަނީ ކުރީގެ ދިވެހި ލަވަތަކެވެ. އެ ލަވަތައް އަޑުއިވިފައި ނެތް ޒުވާނުންނަށް ވެސް ކޮންމެވެސް އިހުސާސްތަކެއް ކުރެވޭނެ އެވެ. އެއީ ދިވެހިންގެ މާޒީއެއްގެ ތެރެއިން ބައްދަލުކުރާ މިޔުޒިކެއް ކަމެވެ. ކުރީގެ ދިވެހި ލަވަކިއުންތެރިންގެ އަޑު ކަމެވެ.

އަންހެނުންގެ ދުވަހަށް ހާއްސަ އާއިލާއެއް

"އަސްލު އަހަރެމެން ތިން މީހުންގެ މަންމައަކީ ވެސް ވަރަށް މީރުކޮށް ކައްކާ ބައެއް،" ތިން ބޭފުޅުން ގުޅިވަޑައިގެން އެހާ ތަފާތު ރެސްޓޯރެންޓެއް ހެއްދެވުމުގެ ފަހަތުގައި އެކަމާ ލާމެހިފައި އޮތް އިއްތިފާގެއްގެ ވާހަކައިން ފައިސަލް ފެއްޓެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދި މޯލްޑިވް ކިޗަން އިން ތައްޔާރުކުރަނީ އެހެން އެއްވެސް ތަނަކުން ނުލިބޭނެ ފަދަ ދިވެހި ރަހަތަކެކެވެ. މިހާތަނަށް އެތަނަށް ޒިޔާރަތްކުރި ބައެއް މީހުންނަށް ކުޑައިރުގެ ހަނދާންތައް އެ އަންނަނީ، އޭރުގެ ރަހަ ހުރުމުން ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ.

"އެ ބުނެލަނީ ހީވަނީ މާމަ އާއި މަންމަމެންގެ ކެއުމެއް ކެވުނުހެންނޭ،" މެދު އުމުރަށް ވުރެ ދޮށީ ބައެއް މީހުންގެ ވާހަކަތަކަށް އިޝާރަތްކުރައްވައި، ފައިސަލް ވިދާޅުވި އެވެ.

އެ އަސްލު ރަހަ، ދި މޯލްޑިވް ކިޗަންގެ ކެއުންތައް ދޫކޮށް ނުދާނެ ސަބަބުތަކެއް އެބަ ހުއްޓެވެ: ޖީހާންގެ އާއިލާއަށް، އޭނާގެ މަންމަ މަދީހާގެ ފަރާތުން ދަސްވި ދަސްވުމެވެ. ޖީހާން ވިދާޅުވި ގޮތުގައި "މަންމައަކީ އެ ކުއުންތައް އޭގެ ގޮތުގައި ބަހައްޓަން މަސައްކަތްކުރާ މީހެކެ"ވެ. ހަވާދު ފުނޑައިގެން ކައްކަން ޖެހޭ ރިހައެއް، ފަސޭހަކޮށްލަން، އެހެން ގޮތަކަށް ހަދައިގެންނުވާނެ އެވެ. އެއީ، ޖީހާން ވިދާޅުވި ގޮތުގައި، މަންމަ ވަރަށް ހިތްހަމަޖެހިވަޑައިނުގަންނަވާނެ ކަންކަމެވެ.

ދަ މޯލްޑިވް ކިޗަންގައި ދިވެހި އެކި ވައްތަރުގެ ބުއިންތައް ވެސް ހިމެނޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޗައިނާއަށް ކަނޑައެޅި ދިވެހި ސަފީރުގެ މަގާމާ އެކު، ފައިސަލްގެ އަރިހުގައި ޖީހާން ޗައިނާއަށް ވަޑައިގަތުމުގެ ކުރިން، ގާތްގަނޑަކަށް ހަތް އަހަރެއްހާ ދުވަހު، މަދީހާގެ އިސްނެންގެވުމަށް، އަންހެނުންގެ ދުވަސް އެ އާއިލާއިން ފާހަގަކުރީ 'ދިވެހި ރަހަތަކާ' އެކު އެވެ. ފުރަތަމަ އަހަރު އެ ރަހަތައް ދެއްކުން އޮތީ ގޭގަ އެވެ. ގެއަށް ޒިޔާރަތްކުރި މީހުން ގިނަވުމުން ދެން ބޭއްވީ އިސްކަންދަރު ސްކޫލް ހޯލްގަ އެވެ. އޭގެ ފަހުން ދަރުބާރުގޭގައި ވެސް ބޭއްވި އެވެ.

ކެއްކުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކުރައްވާފައިވާ މަދީހާ ހައްދަވާ އެއްޗެއްގެ ރަހަ ނުބައެއް ނުވާނެ އެވެ. އޭނާގެ ތަރުބިއްޔަތުގެ ތެރެއިން ފަސް ބޭފުޅުން ދަސްކުރެއްވި ކަންކަން ވެސް ކުރިއަށް ދާނީ އޭގެ އަސްލު ގޮތުގައި ކަމާ މެދު ޝައްކެއް ނެތެވެ.

ޖީހާން ވިދާޅުވީ މަންމަގެ ފަރާތުން ލިބިވަޑައިގެންނެވި ފިލާވަޅުތައް، ރެސްޓޯރެންޓްގެ ހުރިހާ ކަމެއްގައި އޭނާ އާއި އާއިލާގެ އެހެން ބޭފުޅުން ވެސް ބޭނުންކުރައްވާނެ އެވެ. މިހާރު ވެސް، ރެސްޓޯރެންޓް ކުރިއަށް ދަނީ، މަންމަގެ އިތުރުން ހުރިހާ ކޮއްކޮމެންގެ ވެސް އެހީތެރިކަމާ އެކުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރަސްމީކޮށް ރެސްޓޯރެންޓް މިއަދު ހުޅުވާ ގޮތަށް ހަމަޖެއްސެވީ ވެސް، ޖީހާން ވިދާޅުވި ގޮތުގައި، މީގެ ކުރިން އޭނާގެ މަންމަ އިސްކޮށް ހުންނަވައިގެން ދިވެހި ރަހަތަކުގެ ފެއާއަކުން އަންހެނުންގެ ދުވަސް ފާހަގަކުރިކުރުމާ ގުޅުވައިގެންނެވެ. އެހެންކަމުން އާއިލީ ވަރަށް ބޮޑު އުފަލެއް ވެސް، މިއަދު، ޖީހާން އާއި އޭނާގެ އާއިލާއަށް ލިބިވަޑައިގަންނަވާނެ އެވެ.

ނޫޑްލްސް، ނާސިގޯރެން، ކޮފީއެއް ނުލިބޭނެ

ދި މޯލްޑިވް ކިޗަންއަށް ފުރަތަމަ ވަންނަ އިރު ނޭނގިދާނެ އެވެ. އެތަނުގައި ކޮފީއެއް ނުހަދަ އެވެ. އެކަމަކު ކަޅު ސައި ލިބެ އެވެ. ދިވެހި އެތައް ބުއިމެއް ތައްޔާރުކުރެ އެވެ. ދުފުމުގެ ބަދަލުގައި ލިބޭނީ ފޮނިތޮށި، ކާފޫރުތޮޅި އެވެ.

މިހާރު ވެސް އެތަނާ ޖެހިގެން ތިން ރެސްޓޯރެންޓް އެބަ ހުއްޓެވެ. އެއިން ކޮންމެ ތަނަކު ވެސް މި ޒަމާނުގެ އެކި ކެއުންތަކާއި ބުއިންތައް ލިބެ އެވެ. އެހެންކަމުން ހަމައެކަނި ދިވެހި ކެއުމަށް ހާއްސަ ރެސްޓޯރެންޓެއް ހިފެހެއްޓިދާނެތޯ ސުވާލުކުރީމެވެ. ތިން ބޭފުޅުންގެ ވެސް ޖަވާބަކީ "އާއެނކޭ" އެވެ. އެނޫން ގޮތަކަށް ދި މޯލްޑިވް ކިޗަން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތެވެ.

"މިތަނަކުން ނުލިބޭނެ ކޮފީއެއް. މިތަނަކުން ނުލިބޭނެ ނޫޑްލްސްއެއް، ނާސިގޯރެންއެއް،" ޖީހާން ވިދާޅުވި އެވެ.

ގަރުދިޔަ އާއި ރިހާކުރު ނުވަތަ ކޮންމެވެސް ކަހަލަ އާދައިގެ ރިހަގަނޑަކުން ގިނަ ދިވެހިން ކެއްކުމުގެ ބައި ފުރިހަމަކޮށްލިޔަސް އެއީ އެ ކެއުންތަކުގެ ލިސްޓުގައި ހިމެނޭ ވަރަށް މަދު އެއްޗެކެވެ. މޯލްޑިވް ކިޗަންގެ މެނޫތަކުން އެކަން ބުނެދެ އެވެ.

މިއީ ވިޔަފާރިއެކެވެ. އެކަމަކު މި ވިޔަފާރިން ވަރަށް ބޮޑު ހިމާޔަތެއް އަހަރެމެންގެ ސަގާފަތަށް އެބަ ލިބެ އެވެ. ޖީހާންމެން ފަދަ ބޭފުޅުންގެ ބަދިގެ ދިވެހި ރަހަތަކަށް ހާއްސަނުކުރި ނަމަ، ސަގާފަތުގެ އެ މުއްސަނދިކަން އަހަރެމެން ދޫކޮށް ހިނގައިދާނެ އެވެ.

އުމުރުން 70 އަހަރުގެ ފިރިހެންމީހާއަށް، އޭނާގެ މަންމަ، މާމަމެން ތައްޔާރުކުރި ކެއުންތަކުގެ ރަހަތަކުގެ މަތިން ހަނދާނެއް ނުވީހެވެ.

އުމުރުން 30 އަހަރުގެ އަންހެންމީހާގެ ހުރިހާ ހިއްސުތަކާ ކުޅެލާވަރުގެ ދިވެހި ކެއުންތަކެއް ނުލިބުނީހެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް