ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ، 21 މާޗު 2022 (ފޮޓޯ/މަޖިލިސް)

އިމްރާން ދެއްކެވި ވާހަކަ ނަޝީދަށް ކަމަކު ނުދިޔަ

އިމްރާން ވިދާޅުވީ ގަސްތުގައި ގޯސްހަދާ އެއްވެސް ފުލުހެއްގެ މައްސަލައެއް ލިބިފައި ނުވާކަމަށް. ނަޝީދު ވިދާޅުވީ އޭޖީ އެހެން ވިދާޅުވުމަކީ ހުރިހާ ތަނަކަށް މައްސަލަ ހުށަހެޅުން ކަމަށް
21 މާރިޗު 2022

ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ މީހުން ތިބި ކަމަށް ވިދާޅުނުވާން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ފެބުރުއަރީ މަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވަނީ ކޯޓުތަކުގައި މައްސަލަތައް ސާބިތުނުވާ ސަބަބުތަކުގެ ތެރޭގައި، ނިޒާމު ރަނގަޅަށް އެނގި ތިބެ، ނިޒާމުގައި ހުރި ބާގަނޑުތައް ބޭނުންކޮށްގެން ގަސްތުގައި ގޯސްހަދާ މީހުން ދައުލަތުގެ އެކި އިދާރާތަކުގައި ތިބުން ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

ވީ ކިހިނެއް؟ - ނަމަވެސް މިދިޔަ ހަފްތާގައި އޮތް މަޖިލީހުގެ ޖަލްސާއަކަށް ލިޔުމުން ފޮނުވި ޖަވާބެއްގައި އިމްރާން ވިދާޅުވީ ގަސްތުގައި ގޯސް ހަދާ ފުލުހުން ތިބި ކަމަށް ނުބުނެވޭނެ ކަމަށެވެ. މިއަދު އިމްރާން މަޖިލީހުގެ ތަޅުމަށް ވަޑައިގަތުމުން، މެމްބަރުން ވަނީ އޭޖީ ދެއްކެވި ވާހަކައާ ގުޅިގެން ސުވާލުތައް އަމާޒުކުރައްވައިފަ އެވެ.

މުޅި މުއައްސަސާ ބަދުނާމުވާ ގޮތަށް ނުވަތަ މުޅި މުއައްސަސާއަށް ގެއްލުންވާ ގޮތަށް ވާހަކަދެއްކުން އެއީ އަޅުގަނޑު މިތަނުގައި ކުރުމަކުން ފައިދާއަށް ވުރެ ގެއްލުން ބޮޑުވެދާނެ ކަމެއް.

އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

ތަފްސީލް - އިމްރާން މިއަދު ވިދާޅުވީ ވަކި ފުލުހަކު އެނގިހުރެގެން ގަސްތުގައި އެފަދަ ކަމެއް ކޮށްފައިވާކަމަށް ތުހުމަތުކޮށް މިހާތަނަށް އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން، ފުލުހުންގެ މުޅި މުއައްސަސާއަށް ނިސްބަތްކޮށް އެފަދަ އެއްޗެއް ބުނުމަކީ، މަގާމުގެ ގޮތުން ކުރެއްވުން ރަނގަޅުކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައެއް އަޅުގަނޑު ދެކޭގޮތުގައި ރިޕޯޓު ނުކުރެވި ސިޓީއަކުން ފޮނުވައި ރިޕޯޓުނުކުރެވި ވާކަމަށް ބައްލަވާ އަމަލުނުކުރައްވާ ހުންނެވުމަކީ ރަނގަޅުގޮތް ކަމަށް އަޅުގަނޑަކަށް ނުފެނޭ.

މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް

އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި ޒިންމާ ކުރުވުމަށާއި ފުލުހަކާ މެދު ތުހުމަތެއް އުފެދިއްޖެ ކަމަށްވާ ނަމަ އެކަމެއް އެކަށީގެންވާ ރަނގަޅު ގޮތުގައި ބަލާ، އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، 21 މާޗު 2022 (ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - "އެގޮތަށް ކުރެވޭ ކޮންމެ ތުހުމަތެއް ނޫނީ ރިޕޯޓެއް އަޅުގަނޑުމެން ބަލާ އެކަމަށް ފިޔަވަޅުއަޅަން. އެގޮތުން މިދިޔަ އަހަރު ވެސް ކުރެވުނު ބައެއް ތުހުމަތުތަކާ އަދި ހުށަހެޅި ރިޕޯޓުތަކަށް ބަލައި އެ އޮފިސަރުންގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް ވާނީ އަޅާފައި،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ސީދާ އެނގިތިބެ ފުލުހުން ގަސްތުގައި މިކަން މިގޮތަށް ކުރެޔޭ ނުވަތަ ތަހުގީގުތައް ގަޑުބަޑުކުރެޔޭ ބުނުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ،" އިމްރާން ވިދާޅުވި އެވެ.

ނަޝީދުގެ ރައްދު - އިމްރާންގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، މަޖިލީހުގައި ބަންޑާރަނައިބު ހުވާގެ މަތީގައި އިންވައިގެން އެފަދަ ވާހަކައެއް ދެއްކެވެމުން "ހުރިހާ ތަނަކަށް ރިޕޯޓު ކުރެވުނީ ކަމަށް" ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެ މައްސަލައެއް އަޅުގަނޑު ދެކޭގޮތުގައި ރިޕޯޓު ނުކުރެވި ސިޓީއަކުން ފޮނުވައި ރިޕޯޓުނުކުރެވިވާ ކަމަށް ބައްލަވާ އަމަލުނުކުރައްވާ ހުންނެވުމަކީ ރަނގަޅުގޮތް ކަމަށް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

އިތުރު މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން އިމްރާން ވިދާޅުވީ ފުލުހުންގެ ތެރޭގައި މައްސަލަތައް ނެތް ކަމަށް އެއްގޮތަކަށް ވެސް ވިދާޅުނުވާ ކަމަށެވެ.

ނަމަވެސް "ގަސްތުގައި ރާވައިގެން، އެނގިތިބެ ލޫޕްހޯލް [ފޫނުބެދޭތަން] ބަލައިގެން ގަޑުބަޑު އުފައްދައިގެން" ފުލުހުން މަސައްކަތްކުރާ ކަމަށް ވިދާޅުނުވެވޭނެ ކަމަށް ތަކުރާރުކޮށް އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ ވަކި ވަކި ފުލުހުންނާމެދު އެފަދަ ޝަކުވާއެއް ހުރިނަމަ ރިޕޯޓުކުރުމުން އެކަން ބައްލަވާނެ ކަމަށެވެ. ފުލުހުންގެ ހިދުމަތުގައި ހުރި މައްސަލަތައް ދެނެގެނެ، އެކަންކަން ރަނގަޅުކުރުމަކީ އެންމެން ކުރަން އޮތް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ މުޅި މުއައްސަސާ ބަދުނާމުވާގޮތަށް ނުވަތަ މުޅި މުއައްސަސާއަށް ގެއްލުންވާގޮތަށް ވާހަކަދެއްކުން އެއީ އަޅުގަނޑު މިތަނުގައި ކުރުމަކުން ފައިދާއަށް ވުރެ ގެއްލުން ބޮޑުވެދާނެ ކަމެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ އެ ވާހަކައަށް ވެސް ނަޝީދު ރައްދު ދެއްވި އެވެ.

"އިއްޒަތްތެރި ވަޒީރު. އަޅުގަނޑަކަށް އަޑެއް ނީވޭ އިއްޒަތްތެރި މެމްބަރުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަދެއްކެވި އަޑެއް. އަޅުގަނޑު އެ އަޑެއް ނާހަން." ނަޝީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް