ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން (ކ) ވާހަކަދައްކަވާއިރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަޑުއައްސަވަނީ. (ފައިލް ފޮޓޯ/މަޖިލިސް)

ފުލުހުން

ގަސްތުގައި ގޯސް ހަދާ ފުލުހުން އުޅޭ ކަމަކަށް ނުބުނެވޭނެ: އިމްރާން

އިމްރާން އެހެން ވިދާޅުވީ ބައެއް ފުލުހުން ގަސްތުގައި ގާނޫނުގައި ހުރި ބާގަނޑުތައް ބޭނުންކުރާ ކަމަށް އޭޖީ ވިދާޅުވި ވިދާޅުވުމަކާ ގުޅިގެން

ނުބައި ނިޔަތެއް ބާއްވައިގެން ގަސްތުގައި ގޯސް ހަދާ ބަޔަކު ދިވެހި ފުލުހުންގެ ތެރޭގައި ތިބި ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު ފުލުހުން ދިފާއުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ބެލެނިވެރި މިނިސްޓްރީ ހިންގަވާ އިމްރާން މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުންނެވެ. ހަސަން އިމްރާނާ ސުވާލުކުރެއްވީ، ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދައި މީހުން އެކަން އެގޮތަށް ކުރަނީ ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި އޭޖީ ވިދާޅުވި ވިދާޅުވުމަކާ ގުޅިގެންނެވެ.

ބުނީ ކީކޭ؟ - ހަސަންގެ ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި އިމްރާން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންނަކީ އެކަށޭނެ ތައުލީމާ ތަމްރީން ލިބިގެން، ވަރަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތް ކުރާ ގާބިލު މުވައްޒަފުން ކަމަށެވެ. އަދި ގަސްތުގައި ގޯސް ހަދާ ފުލުހުން ތިބި ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ބަންޑާރަ ނައިބު އެ އިޝާރާތްކުރައްވާ ފަދައިން ނުނިޔަތެއް ބާއްވައިގެން ގަސްތުގައި ގޯސް ހަދާ ބަޔަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ނުދެކެމެވެ،" އިމްރާން ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އޭނާ ވިދާޅުވީ އޮޕަރޭޝަންތައް ހިންގާ، ތަހުގީގުކޮށް، މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވުމަކީ ގިނަ ވަގުތު ހޭދަވާ، ބުރަ މަސައްކަތަކަށް ވާއިރު ޕާފޯމެންސް ދަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.  

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަހުގީގުތަކުގެ ތަފްސީލް ދެއްވަމުން އިމްރާން ވިދާޅުވީ:

  • ފާއިތުވި ތިން އަހަރުގެ ތެރޭގައި 277އަށް ވުރެ ގިނަ، ރަލުގެ ވަގު ވިޔަފާރިއާ ގުޅޭ އޮޕަރޭޝަން ހިންގި

  • އޭގެ ތެރެއިން 266އަށް ވުރެ ގިނަ މައްސަލަ ޝަރީއަތަށް ފޮނުވައިދިނުމަށް އެދި ޕީޖީގެ އޮފީހަށް ހުށަހަޅާފައިވޭ

  • މިދިޔަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ 1،467އަށް ވުރެ ގިނަ މައްސަލަ ތަހުގީގުކޮށް ޕީޖީގެ އޮފީހަށް ހުށަހަޅާފައިވޭ

  • އޭގެ ތެރެއިން %48 މައްސަލަ ތަހުގީގަށް މަހެއް ވުމުގެ ކުރިން ޑްރަގް ކޯޓަށް ހުށަހަޅާފައިވޭ

އެއްވެސް މައްސަލައެއްގައި ނުބައި ނިޔަތެއް ބާއްވައިގެން އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހެއްގެ މައްޗަށް މިހާތަނަށް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތެއްގައި ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ފުލުހުންގެ އިސްވެރިންތަކަކާ އެކު. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ނަމަވެސް، ދާދި ފަހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަލައި ފާސްކޮށް އަތުލައިގަތް ތަކެތީގެ އިންވެންޓްރީ ހެދުމަށް ފަހު އެ މުވައްޒަފު ހަނދާން ނެތިގެން އިންވެންޓްރީ ނުދީ އޮތުމުގެ ސަބަބުން އެ ތަކެތި އެނަލައިޒް ކުރެވިފައި ނުވާތީ، މުހިއްމު ހެކިތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި ޕީޖީގެ އޮފީހުން މިދިޔަ ޖެނުއަރީ 26ގައި ފުލުހުންނަށް ހުށަހަޅާފައި ވާކަން އިމްރާން ފާހަގަކުރެއްވި އެވެ.

"މި ދެންނެވުނު މައްސަލައިގައި ހިފެހެއްޓުނު ތަކެތިން ލިބިދާނެ ކަމަށް ބެލެވޭ މުހިއްމު ހެކިތަކެއް ނުލިބުނު ނަމަވެސް، މި ދެންނެވި މައްސަލައިގައި ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވުނު މީހާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅުއްވާފައި ވާކަން ފާހަގަކުރަމެވެ،" އޭނާ ވިދާޅުވި އެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހާގެ އަތުން ނެގިފައިވަނީ އައިފޯނަކާއި ބިޒްނަސް ކާޑުތަކަކާއި އިއާޕޮޑެކެވެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް