"ވިއަވަތި ރާއްޖެ" މަހާސިންތާގައި އޭޖީ އިބްރާހިމް ރިފްއަތު، 16 ޑިސެމްބަރު 2019 (ފޮޓޯ/ ރައީސް އޮފީސް)

ނިޒާމު ރަނގަޅަށް އެނގިތިބެގެން، ގަސްތުގައި ގޯސް ހަދާ މީހުން ދައުލަތުގައި އެބަ ތިބި: އޭޖީ

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިފަދަ ގޯސްތައް ހެދުން އިތުރުކަން އޭނާ ފާހަގަކުރެއްވި
16 ފެބްރުއަރީ 2022
1

ކޯޓުތަކުގައި މައްސަލަތައް ސާބިތުނުވާ ސަބަބުތަކުގެ ތެރޭގައި، ނިޒާމު ރަނގަޅަށް އެނގި ތިބެ، ނިޒާމުގައި ހުރި ބާގަނޑުތައް ބޭނުންކޮށްގެން ގަސްތުގައި ގޯސްހަދާ މީހުން ދައުލަތުގެ އެކި އިދާރާތަކުގައި ތިބުން ހިމެނޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލާ އެއްގޮތަށް ކުރިއަށް ނުދާތީ، ރައްޔިތުންގެ  މަޖިލީހުގެ  ޖުޑީޝިއަރީ ކޮމިޓީން ބަލަމުން އަންނަ މައްސަލައިގައި މައުލޫމާތު ސާފުކުރަން ކޮމިޓީން މިއަދު ވަނީ ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ތަފްސީލް - މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ވަރަށް ކުދިކުދި ކަންކަން އަތުން ދޫވުމުގެ ސަބަބުން ޝަރީއަތުން މީހުން ސަލާމަތް ވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެކަން މެދުވެރިވަނީ ކޮން ދިމާލަކުން ގޯސް ހެދޭތީތޯ މެމްބަރުން ސުވާލު އުފެއްދެވި އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރިފްއަތު ވިދާޅުވީ ކޯޓުތަކުގައި މައްސަލަ ސާބިތުނުވާ ސަބަބުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިހާތަނަށް ކުރި ތަޖުރިބާތަކުގައި އެފަދަ ބައެއް ސަބަބުތައް ފާހަގަވެފައިވާ ކަމަށެވެ.

ހަމަ ނިޒާމު ރަނގަޅަށް އެނގިގެން، ނިޒާމުގައި ހުރި ލޫޕް ހޯލްތައް ހޯދައިގެން ހަމަ ގަސްތުގައި ނުނިޔަތެއް ބާއްވައިގެން އެކަން ކުރިއަށް އެބަ ގެންދޭ. އެ ހަގީގަތް އަޅުގަނޑުމެން އެބަ ޖެހޭ ގަބޫލުކުރަން.

އިބްރާހިމް ރިފްއަތު، އެޓާނީ ޖެނެރަލް

އެގޮތުން އޭނާ އެންމެ ބޮޑަށް ފާހަގަކުރެއްވީ ހެއްކާ ބެހޭ ގާނޫނު ޒަމާނަށް ނުފެތުމުގެ އިތުރުން، ހެކި ވަޒަންކުރުމާ ގުޅޭ އުސޫލުތައް އެ ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމުން ދިމާވާ މައްސަލަތަކެވެ. ރިފްއަތު ވިދާޅުވީ ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމުން މައްސަލަ ބައްލަވާ ފަނޑިޔާރަށް ހެކި ވަޒަންކުރުމުގައި ވަރަށް ބޮޑެތި ބާރުތަކާއި އިހްތިޔާރުތައް ލިބޭ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން، (ފޮޓޯ. މަޖިލިސް)

ބުނީ ކީކޭ؟ - "އެހެންވީމާ ވުން އެކަށީގެންވޭ ތަފްސީލު ގޮތެއްގައި ހެކި ވަޒަންކުރުމުގެ ހަމަތަކާއި އުސޫލުތައް ލިޔެވިފައި ނެތީމާ ނޫނީ ސާފުކޮށް އެނގެން ނެތީމަ މިކަހަލަ ލޫޕްހޯލްތައް ހުރެގެން މައްސަލަތައް ސާބިތުނުވާ ކަމަށް،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލައެއްގައި ހިމެނޭ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ތިއްބަވާ ފަރާތްތަކުން ނިޒާމުގައި ހުރި އެފަދަ ބާގަނޑުތަކުގެ ނަހަމަ ބޭނުން ވެސް ގަސްތުގައި ހިފާ ކަމަށެވެ.

"ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަމަ ރޭވިގެން އިންތިޒާމްވެގެން ވެސް ތަހުގީގީ އިދާރާތަކުގެ މެދުގައި ނޫނީ ފުލުހުންގެ ތެރޭގައި ނޫނީ ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުގައި ވެސް އެބަ ތިބި ހަމަ ގޯސް ހަދާ މީހުން،" ރިފްއަތު ވިދާޅުވި އެވެ.

"ހަމަ ނިޒާމު ރަނގަޅަށް އެނގިގެން، ނިޒާމުގައި ހުރި ލޫޕް ހޯލްތައް ހޯދައިގެން ހަމަ ގަސްތުގައި ނުނިޔަތެއް ބާއްވައިގެން އެކަން ކުރިއަށް އެބަގެންދޭ. އެ ހަގީގަތް އަޅުގަނޑުމެން އެބަ ޖެހޭ ގަބޫލުކުރަން."

ބައެއް ފަހަރު ބޮޑެތި މައްސަލަތަކުގައި ހުށަހަޅާ ސިއްރު ހެކިންގެ ސިއްރުވެރިކަން ގެއްލި، އެމީހުންނަށް ބިރުދެއްކުމުގެ ސަބަބުން ހެކިވެރިން ހެކި ބަސް ދޭން ދެކޮޅުހަދައި އަދި ހެކިބަހުން ރުޖޫއަވާ ހިސާބަށް ކަންކަން ދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - މިދިޔަ އަހަރު ހެއްކާ ބެހޭ ތަފްސީލީ ބިލެއް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ރިފްއަތު ވިދާޅުވީ އެ ބިލުގެ މަގުސަދަކީ އެފަދަ މައްސަލަތައް ހައްލުކުރުން ކަމަށެވެ. އެ ބިލުގައި ސިއްރު ހެކިން ރައްކާތެރިކުރުމުގެ މުހިންމު ބައިތަކެއް ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ބިލު އަވަހަށް މަޖިލީހުން ނިންމައިދޭން ވެސް އޭނާ އެދިވަޑައިގަތެވެ.

ކޮމެންޓް (1)

ހުތާބެ

16 ފެބްރުއަރީ 2022
ބޭފުޅާ ނުހިމެނޭތޯ ތީގަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް