ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އެދި ސިޓީތަކުގައި ސޮއިކުރުމުގެ ހަރަކާތް އިއްޔެ ކުރިއަށް ގެންދަނީ. (ފޮޓޯ/ހިޔާ ޔޫނިއަން)

ހިޔާ ފްލެޓްތައް

ހިޔާގެ ކުލި 5،600ރ.އަށް ކުޑަކޮށްދޭން އެދި އެޗްޑީސީއަށް އެތައް ސަތޭކަ ސިޓީއެއް

އިއްޔެ އެކަނި ވެސް ގާތްގަނޑަކަށް 600 އެއްހާ ސިޓީގައި މީހުން ސޮއިކޮށްފައިވާ ކަމަށް ޔޫނިއަންއިން ބުނޭ

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނެގުމަށް ނިންމާފައި ވާއިރު، ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8،500ރ. އަކީ ބޮޑު އަދަދެއް ކަމަށް ބުނެ، މަހު ކުލި 5،600ރ.އަށް ކުޑަކޮށް ދިނުމަށް އެދި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެތައް ސަތޭކަ ސިޓީއެއް ލުމަށް ހިޔާގެ ރަށްވެހިން ސިޓީތަކުގައި ސޮއިކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ހިޔާގެ ރަށްވެހިންގެ ޖަމްއިއްޔާ، ހިޔާ ޔޫނިއަންއިން އިސް ނަގައިގެން އިއްޔެ ފެށި އެ ހަރަކާތާ ގުޅޭ ގޮތުން އެ ޔޫނިއަންގެ ރައީސް އަބްދުﷲ އަމްޒަލް ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން ހިޔާ ފްލެޓް ސަރަހައްދުގައި މޭޒު ބަހައްޓައިގެން ސިޓީތަކުގައި ސޮއިކުރުމުގެ ހަރަކާތް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން:

  • އެ ހަރަކާތް ހިންގަނީ، ކޮވިޑުގެ ސާމްޕަލް ނަގާ ސެންޓަރެއް ކުރިން ހިންގި އެޗް-8 ފްލެޓް ކައިރީގައި 

  •  އިއްޔެ އެކަނި ވެސް ގާތްގަނޑަކަށް 600 އެއްހާ ސިޓީގައި މީހުން ސޮއިކޮށްފައިވާ ކަމަށް ޔޫނިއަންއިން ބުނޭ

  • މިއަދު ވެސް ހަވީރު 4 އިން ރޭގަނޑު 11އަށް ސޮއިކުރުން ކުރިއަށް ދާނެ

ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުން ބަޔަކު ހިނގާފައި ދަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޔޫނިއަންގެ ބަސް - އަމްޒަލް ވިދާޅުވީ އެ ސިޓީތަކުގައި އެދިފައި ވާނީ ހިޔާ ފްލެޓްތަކަކީ އެ ތަން ލިބުނު މީހުން ބޮޑެތި ލޯނުތައް ނަގައިގެން ހަދާފައިވާ ތަންތަނަށް ވާތީ އެ ހުރިހާ ކަމަކަށް ބަލައިގެން އެ ތަނުގެ ކުލި، ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތަށް 5،600ރ.އަށް ކުޑަކޮށް ދިނުމަށް ކަމަށެވެ. 

"މިއީ އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ނޫން. މިއީ ފަރުދީ ހައިސިއްޔަތުން ހިޔާތަކުގެ މީހުންގެ ތެރެއިން އެ ކަމަށް ބޭނުންވާ މީހުން ކުރާ ކަމެއް. އަޅުގަނޑުމެން މި އެދެނީ މިހާރު ކަނޑައަޅާފައި އޮތް ކުލި ބޮޑޭ، އެހެންވީމާ މި ހުރި ކަންކަަމަށް ރިއާޔަތްކޮށްފައި ކުލި ކުޑަކޮށްދޭށޭ،" އަޒްމަލް ވިދާޅުވި އެވެ.

ކުއްޔާ މެދު އަދި އާ ނިންމުމެއް ނެތް

އެޗްޑީސީގެ ބަސް - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ އަދި އޮތީ އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނަގާ ގޮތަށް ކަމަށެވެ. ކުލީގެ ގޮތުގައި ނަގަން ކަނޑައަޅާފައިވާ އަދަދަށް ބަދަލު ގެނައުމުގެ ވިސްނުމެއް ވެސް އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ނޫން. މިއީ ފަރުދީ ހައިސިއްޔަތުން ހިޔާތަކުގެ މީހުންގެ ތެރެއިން އެ ކަމަށް ބޭނުންވާ މީހުން ކުރާ ކަމެއް. އަޅުގަނޑުމެން މި އެދެނީ މިހާރު ކަނޑައަޅާފައި އޮތް ކުލި ބޮޑޭ، އެހެންވީމާ މި ހުރި ކަންކަަމަށް ރިއާޔަތްކޮށްފައި ކުލި ކުޑަކޮށްދޭށޭ.

އަބްދުﷲ އަމްޒަލް ރަޝީދު / ހިޔާ ޔޫނިއަންގެ ރައީސް

ނަމަވެސް، ސުހެއިލް ވިދާޅުވި ގޮތުގައި، ހިޔާ ފްލެޓްތަކުގެ ކުލި އަދިވެސް އިތުރު މުއްދަތަކަށް ފަސްކޮށްދޭން ބައެއް ފަރާތްތަކުން އެދިފައި ވާތީ ހިޔާ ފްލެޓްތަކުގެ ފިނިޝިން ނުނިމޭ ފަރާތްތައް ދެނެގުމަށް މިހާރު ވަނީ ސާވޭއެއް ފަށާފަ އެވެ. އަދި ކުލި ފަސްކުރުމާ މެދު ގޮތެއް ނިންމާނީ މި ހަފްތާގެ ތެރޭގައި ސާވޭ ނިމުމުން އޭގެ ނަތީޖާއަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް ސާވޭކޮށްފައި ތިން މަހަށް ލަސްކުރީ ކުލި. މި ފަހަރު ވެސް ހަމަ އެ ގޮތަށް އަޅުގަނޑުމެން ނިންމުމެއް ނިންނާނީ އޭގެ ނަތީޖާއަށް ބޭސްކޮށްފައި،" ސުހެއިލް ވިދާޅުވި އެވެ.

ކޮމެންޓް (1)

އިބްރާހީމް

23 މާރިޗު 2022
ތިފްލެޓްތަކުގައި އުޅޭ މީހުންނަށް ހީވަނީތަ މިއީ ހިލޭ އަޅާފަ ހުރިތަނެއްކަމަށް؟ މިއީ އިންޓަރެސްޓާއެކު ލޯނު ނަގައިގެން ހަދާފަ ހުރި ތަންތަން. ލޯނު ދައްކަންޖެހޭ. މިފަދަ އިތުރު ތަންތަން އަޅަންވެސް އަދިޖެހޭ. މިއެންމެން ހަޅޭލަވާއިރު މިއީ މީގެކުރިން ބޮޑު ކުލި ދައްކައިގެ ތަންތަނުގަ އުޅުނު ބައެއްކަން ހަދާން ނެތުނީބާ؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް