ޔޫކޭ ސަފީރާ ބައްދަލު ކުރެއްވުމަށް ފަހު އިދިކޮޅު ލީޑަޝިޕުން ނޫސްވެރިންނާ ބައްދަލުކުރަނީ (ފޮޓޯ/ޕީޕީއެމް)

ޔާމީނަށް 'އިންސާފު ހޯދަން' އިދިކޮޅުން އިނގިރޭސި ސަފީރު އަރިހަށް

ޕީޕީއެމް ކޯލިޝަނުން މިއަދު ވެސް ބުނީ ޔާމީނަށް އިންސާފު ނުލިބޭ ކަމަށާއި ސަރުކާރުގެ ނުފޫޒު ޝަރީއަތަށް ވަދެފައިވާ ކަމަށް

ރިޝްވަތު ގަބޫލުކުރެއްވުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން ކަންތައްތައް ކުރާ ކަމަށް ބުނެ، އެ ކަންބޮޑުވުންތައް އިދިކޮޅުން، ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ކެރޮން ރޮސްލާއާ މިއަދު ހިއްސާކޮށްފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކެރޮންއާ ބައްދަލުކުރައްވާ ގާނޫނާ ހިލާފަށް ޔާމީން ޖަލަށް ލައި ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމާއި މިނިވަން އިންސާފުވެރި ޝަރީއަތެއް ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި ކަމަށް، ޕީޕީއެމުން ބުނެ އެވެ.

ބުނީ ކީކޭ؟ - ސަފީރާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީނަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތުގެ ތެރެއިން ބޭރުގެ ގިނަ ސަފީރުންނާ ބައްދަލުކޮށްފި ކަމަށެވެ.

އޭނާ ވިދާޅުވ ގޮތުގައި ޔާމީނަށް އޮތީ 'ސެލެކްޓިވް ޖަސްޓިސް' އެއް ކަމަށް ބޭރު ދުނިޔެއިން ގަބޫލުކުރެ އެވެ.

"އަޅުގަނޑުމެން ޓަކި ނުޖަހާނެ ދޮރެއް ނުހުންނާނެ ރައީސް ޔާމީންގެ ހައްގުގައި. މިއަދު ދިވެހި ރައްޔިތުންނަށް އޮތް ހަމައެކަނި އުއްމީދަކީ ރައީސް ޔާމީން،" ޝިޔާމް ވިދާޅުވި އެވެ.

އިނގިރޭސި ސަފީރާ ބައްދަކުކުރެއްވި ބޭފުޅުންގެ ތެރޭގައި ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެއް ވަކީލު ޑރ. މުހައްމަދު ޖަމީލާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ހިމެނެ އެވެ.

ގުޅުން ހުރި - އިދިކޮޅުން ވަނީ ރައީސް ޔާމީން އަށް އިންސާފު ހޯދައިދިނުމަށް އެދި އަވަށްޓެރި ލަންކާގެ ވެރިރަށް، ކޮލަމްބޯގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކޮށްފަ އެވެ. ޕީޕީއެމް ކޯލިޝަނުން ބައިނަލްއަގުވާމީ ފަރާތްތަކާ އެކު ބާއްވާ ބައްދަލުވުންތަކުގައި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީންކަމާއި ދެވަނަ ޗޮއިސްއެއް ނެތް ކަމަށް ބުނެ އެވެ.

އިތުރަށް ކިޔާލަން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް