ޕީޕީއެމް ކޯލިޝަނުން 19 ޖުލައި 2023 ގައި ބޭއްވި ސެނެޓުގެ ބައްދަލުވުން: ހުޅަނގުގެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި (ފޮޓޯ/ޕީޕީއެމް)

ޕީޕީއެމް

ޕީޕީއެމްއަށް ކުރިން ވެސް ވިސްނޭ އެކަމަކު ގޮތްދޫނުކުރީ

ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ޕީޕީއެމް ކޯލިޝަނުން މިހާރު އަންނަނީ ހުޅަނގުގެ ގައުމުތަކާއި ބޭރުގެ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަމުން. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި ގުޅުންތައް ދިޔައީ ކަނޑަމުން
23 ޖެނުއަރީ 2023
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭރުގެ ގުޅުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް އަ އެވެ. ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާގެ އިތުރުން ކޮމަންވެލްތު ފަދަ ބައިނަލްއަގުވާމީ ގޮތުން ބާރުތަކެއް ހުރި އެތައް ފަރާތަކާ ގަސްދުގައި ދުރަށް ޖެހިލި އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން، ރައީސް ޔާމީންއާ ފޯނުން ގުޅަން ކުރި މަސައްކަތަށް ވެސް އެމަނިކުފާނު ފުރަގަސްދެއްވީ އެވެ.

ވެރިކަމުގެ ބާރު އޮންނަ އިރު ދުނިޔޭގެ ހަގީގަތްތަކާއި ބާރު ދިއުމުން ދެން ފެންނަ ހަގީގަތްތައް މުޅިން ތަފާތެވެ. މިއަދު ޔާމީންގެ ދިފާއުގައި ޕީޕީއެމް ކޯލިޝަނުން މި ވަނީ ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީއަށް އަތް ދިއްކޮށްފަ އެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް، ދަށު ކޯޓުން ސާބިތުވެ 11 އަހަރަށް ޖަލަށް ލުމުގެ ކުރިން ވެސް ޔާމީން އަމިއްލަ މިޒާޖުފުޅު ބަދަލުކުރިކަން އެނގެ އެވެ. ރާއްޖެ ޒިޔާރަތްކުރި އީޔޫގެ ބައެއް ވަފުދުތަކާ އެކު ޕީޕީއެމް އޮފީހުގައި ބައްދަލުކުރައްވާ، އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އޮސްޓްރޭލިޔާގެ ސަފީރާ އެކު ޕީޕީއެމް ކޯލިޝަނުން ސްރީ ލަންކާގައި ބޭއްވި ބައްދަލުވުމަށް ފަހު

ދުނިޔެ ހިނގާ ގޮތަކީ އެ އެވެ. އަދި ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި ނުފޫޒު ގަދަ ޖަމާއަތްތަކުގެ އެހީތެރިކަން ނުލައި، ބައެއް ކަންކަމުގައި ކުރިއަށް ދާން އުނދަގޫވެ އެވެ. ހައްގުތައް ގެއްލޭ އިރު، ވަކި މީހަކަށް ނުބަލައި، ޑިޕްލޮމެޓިކް ގޮތުން އެހީތެރިވާން ތިބީ ވެސް، އެ ގައުމުތަކާއި ޖަމާއަތްތަކެވެ.

ޕީޕީއެމް ކޯލިޝަނުން މިދިއަ ބުރާސްފަތި ދުވަހު ބޭއްވި ސެނެޓް ބައްދަލުވުމެއްގައި އެކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން، ނަން ނުޖަހާ ގޮތަށް، 'ދައުރު'އަށް ކިޔައިދިން ވާހަކަތަކުން އެނގެނީ، 'ބައިނަލްއަގުވާމީ މުޖުތަމައުއާ އެކަހެރިވެގެން ރައީސް ޔާމީނަށް ހައްގު ހޯދައިނުދެވޭނެ' ކަމެވެ.

"މި ފަހުން ލަންކާއަށް ގޮސް އީޔޫ އާއި އޮސްޓްރޭލިޔާގެ ސަފީރުންނާ ބައްދަލުކުރި ދެއްތޯ. ޕީޕީއެމް ކޯލިޝަނުން ދިޔަ ބޭފުޅުން އެރޭ ވިދާޅުވީ އަހަރެމެންނަށް ނެތޭ އެ މީހުންނާ [ބައިނަލްއަގުވާމީ ފަރާތްތަކާ] ދުރުވެގެން މިކަން ވާކަށް،" ބައްދަލުވުމުގައި އިންނެވި އެއް ބޭފުޅަކު 'ދައުރު'އަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންއަށް ހައްގުތައް ހޯދައިދެވޭނީ އެ ފަރާތްތަކުގެ އެހީގައޭ، އެ އެހީ އެބަ ބޭނުންވޭ. އެންމެން ވެސް އެގޮތަށް ގަބޫލުކުރާށޭ."

ސްރީ ލަންކާގައި ތިބި ސަފީރުންނާ ބައްދަލުކޮށް ޕީޕީއެމް ކޯލިޝަނުން ދެއްކި ވާހަކަތަކުގެ ތަފުސީލު ވެސް، ވަފުދުގެ ބައެއް ބޭފުޅުން ސެނެޓަށް ކިޔައިދެއްވި އެވެ. އެގޮތުން ޔާމީންގެ ނަން ނެތި ޕީޕީއެމް ކޯލިޝަނުން ރިޔާސި އިންތިހާބަށް ނުދާނެ ވާހަކަ ހިމެނެ އެވެ. ހުޅަނގުގެ އެއް ސަފީރަކު 'ކަލޭމެންގެ ދެ ވަނަ ޗޮއިސްއަކީ ކޮބައިތޯ' ސުވާލުކުރުމުން ވެސް ޕީޕީއެމް ކޯލިޝަންގެ ޖަވާބަކީ، 'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި، 'އަހަރެމެންގެ އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން' ކަމެވެ.

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް ޔާމީނަށް އަރުވަން ބޭއްވި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ: ޕީޕީއެމުން އަންގަނީ އެނޫން ޗޮއިސްއެއް ނެތް ކަމަށް (ފޮޓޯ/އަބްދުﷲ އަބީދު)

"ރައީސް ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނެތޭ، އަޅުގަނޑުމެންގެ ޗޮއިސްއަކީ އެމަނިކުފާނޭ،" ސެނެޓް ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގޮތުން ނުފޫޒު ހުރި ގައުމުތަކަށް ބަލާ ނަމަ ޔާމީންގެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވީ ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ މަދު ގައުމުތަކާ އެކުގަ އެވެ. އޭރުގެ ސިޔާސީ އިދިކޮޅު ލީޑަރުންގެ މައްޗަށް ބޮޑެތި ހުކުމްތައް އިއްވައި، ޖަލަށް ލުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދ އެތައް ކަމެއް ކުރުމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ޕީޕީއެމް ސަރުކާރަށް ހުޅަނގުގެ ގައުމުތަކާއި ޖަމާއަތްތަކުން ޕްރެޝަރު ބޮޑުކުރި އެވެ.

އޭރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި ޓެރަރިޒަމްގެ ހުކުމާ ގުޅިގެން 2018ގެ ރިޔާސީ އިންތިހާބުގައި ވާދައެއްނުކުރެއްވުނެވެ. އެފަހަރު ޔާމީން ސަރުކާރާއި ޕީޕީއެމުން ގޮވަމުން ގެންދިޔައީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އިއްވި ހުކުމެއް އިއްވީ ކޯޓުން ކަމަށެވެ. އެއާ ސަރުކާރާ ބެހުމެއް ނެތްކަމަށް ބުނެ އަބަދުމެ ރައްދުދިނުމަކީ، އެ ސަރުކާރުގެ އާދަ އެވެ.

މިހާރު އެ ދުވަހުގެ ހާލަތު އޮތީ ޔާމީނަށާއި ޕީޕީއެމްއަށެވެ. ބޭރުގެ ނުފޫޒު ހުރި ފަރާތްތަކުގެ އެހީތެރިކަން މުހިންމުކަން، މިހާރު ގަބޫލުކުރަނީ ވެސް ޔާމީނާއި ޕީޕީއެމެވެ. ނަޝީދާއި އޭރުގެ އެމްޑީޕީ ގޮތަށް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރަމުން އެ އަންނަނީ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން ބާއްވާށެވެ. އޭރުގެ ސަރުކާރުން ނަޝީދަށް އެ ފުރުސަތެއް ނުދިނެވެ.

ޔާމީނާއި ޕީޕީއެމުން ބައިނަލްއަގުވާމީ މުޖުތަމައުއަށް މިހާރު އެ ދައްކަނީ އެދުވަހުގެ މަންޒަރުތަކެވެ؛ ތިމަންމެންގެ އިތުރު ޗޮއިސްއެއް ނެތެވެ. އޮތް ހަމައެކަނި ޗޮއިސްއަކީ ޔާމީން ކަމެވެ. އެމަނިކުފާނުގެ ނަން ނެތް ވޯޓު ކަރުދާހެއްގެ އިންސާފެއް ނެތުމެވެ. އެ އިންތިހާބެއް ބަލައިނުގަންނާނެ ކަމެވެ.

ޕީޕީއެމް ކޯލިޝަންގެ އެންމެ ބޮޑު ބަދަލުވުމަކީ ޔާމީނާއި ޕީޕީއެމްގެ ހައްގުގައި ބައިނަލްއަގުވާމީ ގޮތުން އެހީތެރިކަން މުހިންމު ކަމަށް ގަބޫލުކުރުމެވެ. ޗައިނާ ކަހަލަ ދެތިން ގައުމެއްގެ އެހީތެރިކަން މި ހާލަތުގައި ނުފުދޭ ކަމެވެ. ބައިނަލްއަގުވާމީ ގުޅުންތައް އެއަށް ވުރެ މާ ފުޅާވާން ޖެހޭނެ ކަމެވެ.

ހާލަތު ބަދަލުވުމުން ހަގީގަތް ފެންނަ ގޮތުގެ ތަފާތުވީ އެވެ. އެކަމަކު އޭރު ވެސް ޔާމީން އާއި ޕީޕީއެމްއަށް އެކަން ނުވިސްނެނީއެއް ނޫނެވެ. ގޮތްދޫނުކުރީ އެވެ.

ކޮމެންޓް (2)

ތެފައާސާ.

23 ޖެނުއަރީ 2023
މިކަހަލަ ގޮތަކަށް ވީމާ އަހަރެމެން ރަށުމީހުން ކިޔާނެ ވަށަފަރުމީހުން އުނބަށްޖެހީއޭ
3 1

ސިރާޖު

23 ޖެނުއަރީ 2023
ބޭނުންވަނީ ހުރިހާ ޖަރީމާއެއް ހިންގާފަވެސް މިނިވަންކޮށް ހުންނަން އެހެން އެއްވެސް ސަބަބެއް ނެތް ޔާމީނު ނޫންމީހަކު ނެތޭ ކެންޑިޑޭޓަކަށް ކިޔުމުގެ!
4 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް