އައިޖީއެމްއެޗު: މުޅި ރާއްޖޭގައި މިހާރު ދަނީ ވައިރަލް ރޯގާއެއް ފެތުރެމުން- (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރޯގާ/ހުން

ސްކޫލްތައް ހުޅުވުމާ އެކު މުޅި ރާއްޖޭގައި ވައިރަލް ހުން ފެތުރެނީ

ބަލި ބޮޑަށް ޖެހެނީ ޕްރީ ސްކޫލު އުމުރުފުރާގެ ކުދިންނަށް. ރާއްޖޭގެ އެކި ހިސާބުތަކުގައި ހަލުއިކަމާ އެކު ރޯގާ ދަނީ ފެތުރެމުން
8 ސެޕްޓެމްބަރު 2021

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި ރޯގާ ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ވީ ގޮތް - އެޗްޕީއޭއިން ބުނިގޮތުގައި ވޭތުވެ ދިޔަ ތިން މަސް ދުވަހާ އަޅާބަލާއިރު، ހުމާއި ރޯގާ ފެތުރެމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.

ޑޮކްޓަރުންގެ ބަސް - އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ މިފަދަ ވައިރަލް ހުން ފެތުރުމަކީ، ސްކޫލުތައް ހުޅުވުމާ އެކު އާއްމު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމުގައި ގިނަ ދުވަސްތަކެއް ވާންދެން ކުދިން ގޭގައި ތިބުމަށް ފަހު، ސްކޫލު މާހައުލު ފަދަ ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނަށް ނުކުތުމުން، ފަސޭހައިން މިފަދަ ރޯގާތައް ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ހުން އައުމާ އެކު، އާއްމުކޮށް ދެ ގޮތަކަށް ރޯގާ ޖެހެ އެވެ. އެއީ:

  • ކަރުން މަތީގެ ރޯގާ

  • ފުއްޕާމެއަށް ރޯގާގެ އަސަރުކުރުން

ކަރުން މަތީގެ ރޯގާ - ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި ބާވަތުގެ ރޯގާގައި ނޭފަތް ބަންދުވެ އަދި އަރިދަފުސް އާދެ އެވެ. މި ފަދަ ރޯގާއަށް ބޭސް އެކަނި ދީގެން ފަސޭހަވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ފުއްޕާމެއަށް ރޯގާގެ އަސަރުކުރުން - މިފަދަ ރޯގާ ޖެހިއްޖެ ނަމަ ނޭވާކުރުވާނެތީ ސަމާލުވާން ޑޮކްޓަރުން އިލްތިމާސް ކުރައްވަ އެވެ. އެހެންވެ އަވަހަށް ޑޮކްޓަރަށް ދިޔުން މުހިއްމެވެ.

  • ހުން އައުމުން ގިނައިން ދިޔާތަކެތި ބުއިން ވަރަށް މުހިއްމު.

"މިއީ އާއްމު ރޯގާއެއް ނަމަވެސް، ހޮޑުލައި ކުއްޖާ ފިޓު ޖެހޭ ނަމަ ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ،" ފައިސަލް ވިދާޅުވި އެވެ.

ރައްކާތެރިވޭ - ޑޮކްޓަރުން ބުނާގޮތުން، ވައިރަލް ހުން އާއްމުކޮށް ޖެހެނީ ޕްރީ ސްކޫލު އުމުރުފުރާގެ ކުދިންނަށެވެ. އަދި އެހެން އުމުރުފުރާގެ ކުއްޖެއްގައި ބަލީގެ އަލާމާތް ހުރިކަމުގައި ވިޔަސް، ސްކޫލަށް ނުފޮނުވާން ޑޮކްޓަރުން އިލްތިމާސް ކުރެ އެވެ.

ބެލެނިވެރިންގެ ތަޖުރިބާ

ބައެއް ބެލެނިވެރިން ބުނާ ގޮތުގައި ސްކޫލް ހުޅުވުމާ އެކު ދަރިންނަށް ރޯގާ ޖެހެން ފެށުނެވެ. ގިނަ ކުދިން އުޅޭ ގޭގޭގައި ރޯގާގެ އަސަރު މާ ގިނަ ދުވަހަށް ދެމިގެންދާ ކަމަށް ވެސް ބައެއް ބެލެނިވެރިން ބުނެ އެވެ.

"ދަރިފުޅު ރޯގާ ނުފިލާ. ދޭތެރެ ދޭތެރެއިން ސްކޫލަށް ނުގެންގޮސް ގެންގުޅެން މި ޖެހެނީ،" ސްކޫލް ފެށުނީއްސުރެ ރޯގާގެ މައްސަލަތަކުގައި އުޅެމުން އަންނަ ބެލެނިވެރިޔަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް މިދަނީ ކޮވިޑް-19 އާ ގުޅިގެން ދަރިވަރުން ގަވާއިދުން ސްކޫލަށް ނުދެވޭ ހާލަތުގަ އެވެ. ޕްރީ ސްކޫލް ކުދިން އެއްގޮތަކަށް ވެސް ސްކޫލަށް ނުގެންގޮސް ގިނަ ދުވަސްގަނޑެއް ދިޔަ އެވެ. އެހެންކަމުން އެ އުމުރުގެ ކުދިންގެ މެދުގައި ރޯގާ ގިނަ ކަމަށް، ބައެއް ބެލެނިވެރިން ލަފާކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް