ޝީއިން އިން ވަނީ ރާއްޖެއަށް ޝިޕް ކުރާ ރޭޓަށް ބަދަލު ގެނެސްފައި

ފެޝަން

ޝީއިން އިން ރާއްޖެއަށް ނަގާ ޝިފިން ފީ ބޮޑުކޮށްފި

އެއް އައިޓަމަށް 30 ޑޮލަރު އަދި އިތުރުވާ ކޮންމެ އައިޓަަމަކަށް 5 ޑޮލަރު ނަގާ ގޮތަށް ވަނީ ބަދަލު ގެނެސްފައި
5 އޯގަސްޓު 2022

ޗައިނާގެ ފެޝަން ވެބްސައިޓު ޝީއިން އިން ރާއްޖެ ގެންނަ މުދަލުގެ ޝިޕިން ފީއަށް ބަދަލު ގެނެސްފި އެވެ.

ތަފްސީލް - ޝީއިންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ރާއްޖެއަށް ފޮނުވާ ފުރަތަމަ އައިޓަމަށް 30 ޑޮލަރު އަދި އިތުރުވާ ކޮންމެ އައިޓަމަކަށް 5 ޑޮލަރު ނަގާނެ އެވެ.

އަންނައުނާއި ދަބަހާއި ބޫޓާއި ފައިވާން އަދި ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު ގަތުމަށް ދިވެހިންގެ ތެރޭގައި މަގުބޫލު މި ވެބްސައިޓުން ކުރިން ރާއްޖެ އަށް ޝިޕިން ފީގެ ގޮތުގައި ނަގަމުން އައީ، 200 ޑޮލަރަށް ވުރެ ދަށުން ކުރާ ވިޔަފާރިތަކަށް، 24 ޑޮލަރެވެ. އަދި 200 ޑޮލަރަށް ވުރެ މަތި ނަމަ ޝިޕިން ހިލެ އެވެ.

ޝީއިންގެ ވެބްސައިޓުގައި ރާއްޖެއަށް ޝިޕް ކުރާ އަގަށް އައި ބަދަލު
ދުނިޔޭގެ 150 ގައުމަކަށް ޝީއިން އިން ޝިޕްކޮށްދޭ

ޝީއިން އިން ޝިޕިން ފީ އަށް މި ބަދަލު ގެނައި އިރު، ޝީއިން އިން ރާއްޖެއަށް ފޮނުވާ ތަކެތި ޝިޕް ކުރުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޔޫއޭއީގެ ލޮޖިސްޓިކްސް އަދި ޝިޕިންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ އެރަމެކްސްގެ މުދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ބަނދަރުން ޖުލައި 31ގައި ބަރުކުރަމުން ދަނިކޮށް ދޯންޏެއް ވަނީ އަޑިއަށް ގޮސްފަ އެވެ. ބައެއް މީހުން ބުނާގޮތުގައި ޝިޕިން ފީ ބޮޑުކުރީ އެ ދޯނި އަޑިއަށް ދިއުމާ ގުޅިގެންނެވެ.

ބުނީ ކީކޭ؟ - ނަމަވެސް އެރަމެކްސްގެ ކަސްޓަމާ ސާވިސްގެ ފަރާތުން 'ދައުރު'އާ ވާހަކަދެއްކެވި އަލީ އިބްރާހިމް ވިދާޅުވީ ޝީއިންގެ ޝިޕިން ރޭޓަށް ގެނައި ބަދަލަކީ އެރަމެކްސްގެ ދޯންޏަށް ދިމާވި ހާދިސާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

"އިންސިޑެންޓެއް ހިނގި. ކަސްޓަމަރުންނާ ވާހަކަ ދައްކަމުން، ރިކަވާ ނުވާ އެއްޗެއްސަށް ކޮމްޕެންސޭޓް ކުރަމުން މިދަނީ. ވަރަށް ބައިވަރު އެއްޗެހި ރިކަވާވި،" އަލީ ވިދާޅުވި އެވެ. "އަޅުގަނޑުމެން ކުރާ މަސައްކަތަކީ މާލެ އަންނަ ޕެކޭޖްތައް ޑެލިވަ ކުރުން. ޝިޕިން ފީ އަށް އައި ބަދަލަކީ ވެބްސައިޓުގައި ގްލޯބަލީ ޝިޕިން ފީ އަށް އައި ބަދަލެއް."

އެނގުން މުހިއްމު - ޝީއިން އިން ރާއްޖެއަށް ތަކެތި ގެނެސްގެން ބައެއް ފަރާތްތަކުން އިންސްޓަގްރާމް މެދުވެރިކޮށް ވިޔަފާރި ކުރެ އެވެ. މިފަދަ ވިޔަފާރިތަކުން މިހާރު ވަނީ ވަގުތީ ގޮތުން އޯޑަރު ނެގުން މަޑުޖައްސާލާފަ އެވެ.

ޝީއިން އިން އޯޑަރުކޮށްގެން ކަސްޓަމަރުންނަށް ގެއާ ހިސާބަށް ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވާ ވިޔަފާރިއަކުން އޯޑަރު ނެގުން މަޑުޖައްސާލާފައިވާކަން އިއުލާންކޮށްފައި

ޗައިނާގެ ކްރިސް ޒޫ 2008 ވަނަ އަހަރު އުފެއްދި ވިޔަފާރިއެއް ކަމަށްވާ ޝީއިންގައި އެ ގައުމުގެ 7،000 މުވައްޒަފުން ގެންގުޅެ އެވެ. ޝީއިންގެ ވިޔަފާރި ފަލްސަފާ އަކީ، އެއް ފަހަރު ލާފައި އެއްލާލަން ވިޔަސް، ވީހާ ވެސް އަގުހެޔޮކޮށް ފަހުގެ ޓްރެންޑްތައް ވިއްކުމެވެ. ޝީއިންގެ ސްޓޮކްގެ %6 ވެސް 90 ދުވަހަށް ވުރެ ގިނަ ދުވަހު ސްޓޮކްގައި ނުބަހައްޓަ އެވެ. ދުނިޔޭގެ 150 ގައުމަށް މި ތަކެތި ޝިޕް ކުރެ އެވެ.

ޝީއިންގެ ކަސްޓަމަރުން ގަންނަ މުދާ އަނބުރާ ރައްދުކޮށްފި ނަމަ އަލުން ވިއްކަން ބެހެއްޓުމުން ހަރަދު ބޮޑުވާތީ ގެންދަނީ ކުނި ކޮށްޓަށް (ފޮޓޯ/ގާޑިއަން)  

ޝީއިން އިން ވިއްކާ އެއްޗެއްސަކީ ކުދި ވިޔަފާރިތަކުގެ އުފެއްދުންތަކެވެ. ގާތްގަނޑަކަށް 50-100 ބެޗްގެ އަންނައުނާއި ދަބަހާއި ފައިވާން ފަދަ ތަކެތި ކުދި ވިޔަފާރިތަކުން ޝީއިންއަށް އުފައްދަ އެވެ. އެ އެއްޗެއް ރަނގަޅަށް ވިކޭ ނަމަ އިތުރު ބެޗްތައް ކޮމިޝަން ކުރެ އެވެ. އަދި ޑިމާންޑް ދަށްވެ، ނުވިކޭ އެއްޗެއްގެ ލައިންތައް ވަގުތުން ހުއްޓާލަ އެވެ. 

ޝީއިން އަކީ ތިމާވެއްޓާ ރައްޓެހި ނޫން ވިޔަފާރިއެއް ކަމުން ފާޑުކިޔުން އަމާޒުވޭ

މީގެ އިތުރުން ކަސްޓަމަރަކު ގަންނަ އެއްޗެއް ކަމުނުގޮސްގެން އަނބުރާ ފޮނުވާލައިފި ނަމަ އެ އެއްޗެއް އަނބުރާ ވިއްކަން ބެހެއްޓުމަށް ދާ ހަރަދު ބޮޑުކަމުން، އެ އެއްޗެއް ގެންދަނީ ކުނި ކޮށްޓަށެވެ. ތިމާވެއްޓާ ރައްޓެހި ނޫން ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާތީ ޝީއިންއަށް ފާޑުކިޔުން އަމާޒުވެ އެވެ.

ޝީއިންގެ އާމްދަނީ ވަނީ މިދިޔަ އަހަރު 15.79 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އަދި އެ ކުންފުނީގެ އަގު މިހާރު އުޅެނީ މަޝްހޫރު ފެޝަން ބްރޭންޑްތައް ކަމުގައިވާ  ޒާރާ އާއި އެޗްއެންޑްއެމް އެއްކޮށްލުމުން ވާ ވަރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް