'އަރަމެކްސް'ގެ ދޯންޏަށް މުދާ ބަރުކުރަނިކޮށް މިއަދު އަޑިއަށް ގޮސްފައި. (ފޮޓޯ/އެމްވީ ކްރައިސިސް)

މޫސުން

އެއާޕޯޓުގައި މުދާ ބަރުކުރަނިކޮށް ދޯންޏެއް އަޑިއަށް ހިނގައްޖެ

ވީއައިއޭގެ ކާގޯ ބަނދަރުން މިއަދު ހަވީރު މުދާ ބަރުކުރަމުން ދަނިކޮށް އަޑިއަށް ދިޔައީ ލޮޖިސްޓިކްސް ކުންފުނި 'އަރަމެކްސް'ގެ ދޯންޏެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ބަނދަރުން މިއަދު ހަވީރު މުދާ ބަރުކުރަމުން ދަނިކޮށް 'އަރަމެކްސް'ގެ ދޯންޏެއް އެ ތަނަށް އަޑިއަށް ހިނގައްޖެ އެެވެ.

އެނގުން މުހިންމު - 'އަރަމެކްސް' އަކީ ލޮޖިސްޓިކްސް އަދި ޝިޕިންގެ ހިދުމަތް ފޯރުކޮށްދޭ ޔޫއޭއީގެ ކުންފުންޏެކެވެ. ބޭރު ގައުމުތަކުގެ އޮންލައިން ވެބްސައިޓުތަކުން ގަންނަ ތަކެތި ރާއްޖެ ގެނައުމުގައި 'އަރަމެކްސް' އަކީ މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

ވީ ކިހިނެއް؟ - ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް މިއަދު 'ދައުރު' އަށް ވިދާޅުވީ 'އަރަމެކްސް'ގެ ދޯނި އަޑިއަށް ދިޔައީ އެ ދޯންޏަށް މުދާ ބަރުކުރުމުގެ މަސައްކަތް ކުރަނިކޮށް ކަމަށެވެ. ދޯނީގައި ހުރި މުދާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.  

އަރަމެކްސް އާއި އެމްއެންޑީއެފްގެ ބަހެއް ލިބިފައި ނުވާތީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ވެސް އަދި ސާފެއް ނުވެ އެވެ.

ގުޅުން ހުރި ކަމެއް - މިއީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން، މެޓް އޮފީހުން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެފައި ވާތީ، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މިއަދު އިލްތިމާސްކޮށްފަ އެވެ. މެެޓް އޮފީހުން މިއަދު ބުނި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު:

  • ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރާނެ

  • ހާއްސަކޮށް މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ

  • މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް އުދަ އެރުން އެކަށީގެންވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް