ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ޖޯޖް ކޯބިން މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި. (ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)
ރާއްޖޭގެ ޓޫރިޒަމަށް އައިސްފައިވާ ކުރިއެރުން ކޯބިންއަށް 'ގަބޫލުކުރަން ދަތި، އެހާ ފުރިހަމަ'
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުވެގެން ދާއިރު، އެ ސިނާއަތަށް ކުރިއެރުން އައިސްފައިވަނީ ގަބޫލުކުރަން ވެސް ދަތި މިންވަރަކަށް ކަމަށް، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމުގައި އިސްކޮަށް ހަރަކާތްތެރިވެވަޑައިގެންނެވި އިޓަލީގެ ޖޯޖް ކޯބިން މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ރާއްޖެއަށް އެންމެ ފުރަތަމަ އައި ފަތުރުވެރިންނަކީ ކޯބިންގެ ބެލުމުގެ ދަށުން، ފެބްރުއަރީ 1972ގައި އައި 22 ފަތުރުވެރިންގެ ގުރޫޕެކެވެ. އެ ގުރޫޕު ރާއްޖެ އައި ކަމަށް ބުނާ ތަފާތު ތާރީހުތަކެއް އޮތް ނަމަވެސް، ބޭރުގެ ނޫހަކަށް ކޯބިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ތާރީހަކީ 16 ފެބްރުއަރީ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ބާއްވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓްރީގެ ދައުވަތަކަށް ކޯބިން ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކޯބިންއަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން، ރާއްޖެއަށް ޓޫރިޒަމް ތައާރަފްކުރުމުގައި ކޯބިންއާ އެކު މަސައްކަތްކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.
ބުނީ ކީކޭ؟ - އެއާޕޯޓުގައި މީޑިއާތަކާ ވާހަކަދައްކަވަމުން ކޯބިން ވިދާޅުވީ، މިވީ 50 އަހަރުގެ ތެރޭގައި ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ.
"މި ރަށްތަކުން 50 އަހަރުގެ ތެރޭގައި ކޮށްފައި ހުރި ކަންތައްތައް [އައިސްފައި ހުރި ބަދަލުތައް] ގަބޫލުކުރަން ވެސް ދަތި، ވަރަށް ފުރިހަމަ،" އޭނާ ވިދާޅުވި އެވެ.
"ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއް. އެއީ ވެސް ރާއްޖޭގެ ރީތިކަމުގެ ބައެއް."
ތަފްސީލު - މިއީ ޓޫރިޒަމް ތައާރަފްކުރުމުގައި ހަރަކާތްތެރިވެވަޑައިގަތުމަށް ފަހު ރާއްޖެ ދޫކޮށް ވަޑައިގެންނެވި ފަހުން ކޯބިން ރާއްޖެ ޒިޔާރަތްކުރެއްވި ތިން ވަނަ ފަހަރެވެ. މި ދަތުރުގައި އޭނާ ރާއްޖޭގައި ހޭދަކުރައްވާ ހަ ދުވަހުގެ ތެރޭގައި ހުންނަވާނީ:
-
މާގިރި ހޮޓެލް - ކޯބިން ގެނައި ޓޫރިސްޓުންގެ ގްރޫޕް މާލޭގައި ތިބި އެއް ގެ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ހޮޓަލެއް
-
ކުރުނބާ މޯލްޑިވްސް - ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް
-
ނ. އަތޮޅުގެ ރިސޯޓެއްގައި
-
ކ. ކުޑަވިލިނގިލި ރިސޯޓް
މި ރަށްތަކުން 50 އަހަރުގެ ތެރޭގައި ކޮށްފައި ހުރި ކަންތައްތައް [އައިސްފައި ހުރި ބަދަލުތައް] ގަބޫލުކުރަން ދަތި، ވަރަށް ފުރިހަމަ.
ރާއްޖޭގައި ހޭދަކުރައްވާ މުއްދަތުގައި، މި ސިނާއަތަށް އިތުރަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުމަށް ފަތުރުވެރިކަމާ ގުޅުން ހުރި އެކިއެކި ޖަމިއްޔާތަކާ ބައްދަލުކުރައްވާނެ ކަމަށް ކޯބިން ވިދާޅުވި އެވެ.
"ބޭނުންވަނީ ޔޫއެސް މާކެޓަށް ޓޫރިޒަމް އިތުރަށް ފުޅާކުރަން. އެއީ ވަރަށް ބޮޑު މާކެޓެއް،" މިހާރު އެމެރިކާގައި ދިރިއުޅުއްވާ ކޯބިން ވިދާޅުވި އެވެ.
"މިހާރު ޔޫއެސް މާކެޓުން އާންމުކޮށް އަންނަނީ ހަނީމޫން ހޭދަކުރާ މީހުން. އެކަމަކު ރާއްޖެ އަކީ އެއަށް ވުރެ ގިނަ ކަންކަން އޮތް ތަނެއް. މިސާލަކަށް ވޯޓަސްޕޯޓްސް، ޑައިވިން އަދި ފިޝިން."
އޭގެ އިތުރުން، ކޯބިންގެ މި ދަތުރުގައި:
-
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ސްޓޭމްޕެއް ނެރުމަށް މާދަމާ މެންހެޓަން ބިޒްނަސް ހޮޓެލްގައި އޮންނަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ
-
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ތާރީހާ ގުޅޭ ގޮތުން އެމްއެންޔޫގެ ދަރިވަރުންނަށް، އެ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޓޯކް ޝޯއެއްގައި ބައިވެރިވެވަޑައިގަންނަވާނެ
ކޯބިންއަށް ރާއްޖޭގެ ހުރިހާ ކަމެއް ވެސް ތަފާތު
ރިޓަޔަމަންޓުގައި ކޯބިން އުޅުއްވަނީ ދަތުރުފަތުރުކުރާ މީހުންނާއި ދަތުރުތައް ރާވާ ތަންތަނަށް ކޮންސަލްޓު ކޮށްދެއްވުމުގަ އެވެ. އެއީ ދަތުރުފަތުރު ކުރުމުގައި އޭނާއަށް ލިބިވަޑައިގެންފައިވާ 60 ވަރަކަށް އަހަރުގެ ތަޖުރިބާގެ އަލީގަ އެވެ.
ބޭނުންވަނީ ޔޫއެސް މާކެޓަށް ޓޫރިޒަމް އިތުރަށް ފުޅާކުރަން. އެއީ ވަރަށް ބޮޑު މާކެޓެއް.
ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަމުން ފާހަގަކުރެވޭ އެންމެ ތަފާތު ކަމަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ކޯބިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިފައެއް ވެސް އޭނާއަށް ވަރަށް ތަފާތު ކަމަށެވެ.
"އަތޮޅުތައް، ބީޗު، ވެލި، ކަނޑުއަޑީގެ ދުނިޔެ. ހުރިހާ އެއްޗެއް ވެސް ތަފާތު، ވަރަށް ރީތި،" އޭނާ ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -