ވާހަކަ

ވާހަކަ: ރިހުން

މައިންބަފައިން އަހަރެންނަށް ހުރިހާ އެއްޗެއް ހަމައަށް ހޯދައިދީފައި ވެއެވެ. ނަމަވެސް އަހަރެންނަށް އެމީހުންގެ ވަގުތެއް ނުލިބެއެވެ.

އެޕިސޯޑް 2

ކޮޓަރި ކިތަންމެހާވެސް ފުރިހަމަވެފައި ތަނަވަހެވެ. ފިނިފެންމާ ޖެހި ބެޑްޝީޓެއް އަޅާފައިވާ ބޮޑު އެނދެކެވެ. އެނދުގެ ބޯލާކޮޅުގައި އަހަރެންގެ ބޮޑު ފޮޓޯއެއް ހުއްޓެވެ. ކޮޓަރިއަށް ވަންނައިރު ކަނާއަތް ފަރާތަށް ހުރީ އަހަރެން ރީތިވުމަށް ބޭނުންކުރާ ޑްރެސިން ޓޭބަލެވެ. އޭގައި ހުރީ އަގުބޮޑެތި، ތަފާތު މީރު ވަސްތައް ދުވާ ސެންޓުތަކާއި ލޯޝަނެވެ. ޑްރެސިން ޓޭބަލާ ޖެހިގެން، އަހަރެން ކިޔެވުމަށް ބޭނުން ކުރާ ފޮތް ހަރުގަނޑަކާއި މޭޒެކެވެ. އެނދުގެ ވާއަތް ފަރާތު ފާރު އެއްކޮށް ފުރާލާފައިވަނީ އަހަރެންގެ އަލަމާރިއެވެ. އޭގައި ވަނީ އަގު ބޮޑެތި ހެދުންތަކާއި ފައިވާންތަކެވެ. އަތުކުރީ ގަޑި އާއި ދަބަސްތަކެވެ. އަތުގައި އޮތީ މިހާރުގެ އެންމެ އަގު ބޮޑު ފޯނެކެވެ. ކިޔެވުމަށް ބޭނުން ކުރަނީ އެންމެ ފަހުގެ ލެޕްޓޮޕެކެވެ. ގޭތެރޭގައި ހުރިހާ ކަމަކަށް މަސައްކަތު މީހުން ތިބެއެވެ. ކައްކާ މީހުންނާއި ސާފުކުރާ މީހުންނެވެ. އަންނައުނު ދޮވެ، އިސްތިރިކޮށްދޭނެ މީހަކާއި ކާރު ޑްރައިވަރުންނެވެ. މިހުރިހާ އެއްޗެއް ލިބުމުން ހިތް ނުފުރޭނީ ކާކު ހެއްޔެވެ؟ މިފަދަ އަގު ބޮޑު، ފެންވަރު މަތި ދިރިއުޅުމެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އަހަރެންނެވެ. މި ހުރިހާ ކަންކަމާއި ތަކެއްޗަށް ވުރެ މާ އަގު ބޮޑު އެއްޗެއް އަހަރެންނަށް ވަނީ ނުލިބިއެވެ.

އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދު ބަންގި ގޮވާއަޑަށެވެ. ވުލޫކޮށްލައިގެން އައިސް ނަމާދު ކޮށްލީމެވެ. އަދި ގުރުއާނުގެ މިންވަރެއް ކިޔެވުމަށް ފަހު ފޮތްތައް ދަބަހަށް އެޅީމެވެ. އެއަށް ފަހު ހެނދުނުގެ ނާސްތާއަށް ދިޔައީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ކާ މޭޒުމަތީގައި ސައި ތައްޔާރު ކޮށްފައި ހުއްޓެވެ. އަހަރެން ސައިބޮއެ ނިމިގެން ސްކޫލަށް ދާން ނުކުމެ ކާރަށް އެރީމެވެ. އަހަރެން އިނީ ބޭރު ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ކާރު މަޑު ކޮށްލިއެވެ. ޓްރެފިކުގައި ޖެހުނީއެވެ. އަހަރެން އަނެއްކާވެސް ބޭރު ބަލާލީމެވެ. އަހަރެންނާ ދާދި ގާތުގައި ބައިސްކަލެއްގައި އިނީ އަހަރެން އެންމެ ހިތްއެދޭ ޒުވާނާއެވެ. އަހަރެންނާ އެއް ކުލާހެއްގައި ކިޔަވަމުންދާ ހުމާދެވެ.

ކުލާހަށް ވަދެވުމާ އެކު އިސްދަށަށް ޖެހީމެވެ. އަދި ގޮނޑީގައި ގޮސް އިށީނީމެވެ. އަހަރެން އުޅެނީ ގްރޭޑް ދިހައެއްގައެވެ. އަހަރެންނަކީ ކުލާހުގައި އެންމެ މޮޅު ކުއްޖާއެވެ. ބައެއް ޓީޗަރުން އަހަރެން ދެކެ ލޯބިވެއެވެ. އަދި އަނެއްބައި ޓީޗަރުން ރުޅި ވެސް އާދެއެވެ. ކުލާހުގައި އަހަރެންނާ މެދު ހަސަދަވެރިނުވާ ކުއްޖެއް މަދުވާނެއެވެ. ނަމަވެސް އަހަރެން މަސައްކަތްކުރީ އެކަންކަމަށް ސަމާލުކަން ނުދީ ވޭތޯއެވެ. އެންމެ އިސްކަމެއް ދެވޭތޯ ބެލީ އަހަރެންގެ ކިޔެވުމަށެވެ.

މިއީ އަހަރުގެ ކުރީކޮޅު ކަމަށް ވުމުން، އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ވަރަށް ގިނަ ދުވަސް އޮތެވެ. އަހަރެންނަކީ އިތުރު ހަރަކާތްތަކުގައި ވަރަށް މަދުން ބައިވެރިވާ ކުއްޖެކެވެ. އެކަމަށް ހުންނަ ޝައުގުވެރިކަން ކުޑަ ކަމުންނެވެ. ނަމަވެސް ހުމާދު އުޅޭ ބައެއް ކަހަލަ ހަރަކާތްތަކުގައި ބައިވެރިވާން އަހަރެން ބޭނުންވުމުން އޭގައި ބައިވެރިވީމެވެ. ވަރަށް އުފާވިއެވެ. ގިނަ ވަގުތު ހުމާދު ފެންނާތީއެވެ. އަހަރެން މިވާހަކަ ހިއްސާކުރަން ބޭނުންވިއެވެ. ނަމަވެސް ވަރަށް ސިއްރުންނެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަކީ ފަރުހާއެވެ. ހުމާދު ކަމުދާ ވާހަކަ ފަރުހާ ގާތު އަހަރެން ބުނި އިރު އަހަރެމެން ތިބީ ސުކޫލުގެ ޕާކު ތެރޭގައެވެ.

"ފަރޫ، އަޅެ ބުނެބަލަ، ހުމާދަށް އަހަރެން ކަމުދާނެތަ؟" ހިތް އަވަސްވެފައި އަހަރެން އެހީމެވެ.

"ހުމާދަށް ނާޒް ކަމުނުދާނެ އެއްވެސް ސަބަބެއް ބުނެބަލަ." ފަރުހާ ވާހަކަ ދެއްކީ އަހަރެން އުންމީދު އާވާ ގޮތަށެވެ.

"އަހަރެންގެ ސިފަ، އަހަރެންނަކީ މާ ހަމުގެ ކުލަ އަލި މީހެއް ނޫން. އެހެން ކުދިންނަށް ވުރެ ފަލަ ކޮށް މިހުންނަނީ ވެސް. ފިރިހެން ކުދިން އަޅައިގަންނާނެ މާރީތި ސިފައެއް އަހަރެންގެ އެބަ ހުރިތަ؟" ނުތަނަވަސް ވެފައި އަހަރެން ބުނީމެވެ.

"ހަގީގީ ލޯތްބަކީ ސިފައަށް ބަލާފަ ވެވޭ އެއްޗެއް ނޫން. ބުރުސޫރައަށްވުރެ ރީތި ވާން ޖެހޭނީ އުޅުމާއި އަހުލާގީ މިންގަނޑު. ނޫންތަ؟" ފަރުހާ ދެއްކި ވާހަކަ އަހަރެން ގަބޫލުކުރަމެވެ. ނަމަވެސް ހިތުގައި ޔަގީންކަމެއް ނެތެވެ.

މިއަދު ވެސް އަހަރެން ގެއަށް އައީ ހިތްހަމަޖެހިގެންނެއް ނޫނެވެ. ކޮޓަރިއަށް ވަތްއިރު ސާފުކުރާ މޫސަ އުޅެއެވެ. އަހަރެން ގޮސް އެނދުމަތީގައި އިށީނީމެވެ. މޫސަ އަހަރެންނާ ދިމާލަށް ބަލާކަން ކުރިން ވެސް އަހަރެންނަށް ފާހަގަވިއެވެ. ނުސީދާކޮށެވެ. ވަށްކަޅިންނެވެ. ބައިގަޑިއިރު ވީއިރު ވެސް ކޮޓަރި ސާފުވި ކަމަކަށް ނުހެދިއެވެ. އެންމެފަހުން އަހަރެން ކޮޓަރިން ނުކުތީމެވެ. އަދި މަންމަގެ ކޮޓަރިއާ ދިމާލަށް ދިޔައީމެވެ. އޭރު މަންމަ އަހަރެންގެ ލޮލަށް ނުފެންނަތާ ދެ ދުވަސް ވެއްޖެއެވެ. އެއް ގެއެއްގައި އުޅުނަސް މަންމަ އާއި ބައްޕަ އަހަރެންނަށް ފެންނަނީ ހަފުތާއަކު ދެ ފަހަރު ނޫނީ ތިން ފަހަރުއެވެ. އަހަރެންނަށް ބޭނުންވާ ހުރިހާ އެއްޗެއް މަދު ނުވާ ވަރަށް ގަނެދީފައި ހުރެއެވެ. ސުކޫލަށް ބޭނުންވާ އެއްޗެއްސާއި ކޮޓަރިއަށް ބޭނުންވާ އެއްޗެއްސެވެ. ގޭތެރޭގައި ވެސް ހުރިހާ ކަމެއްވަނީ ފުރާފުރިހަމަ ކޮށްފައެވެ.

ނަމަވެސް މިހުރިހާ ކަންކަމާއެކު ވެސް އަހަރެންނަށް ފަޅުކަމެއް އިހުސާސް ކުރެވެއެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ކުއްޖެއް ނުހުރެއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ ހުރިހާ ވެސް މީހުންނަކީ އަހަރެންގެ މައިންބަފައިންނެވެ. ނަމަވެސް އެމީހުންނަށް އަހަރެންނާ އެކު ވަގުތުކޮޅެއް ހޭދަ ކޮށްލާނެ އިރެއް ނާދެއެވެ. އަހަރެންނާ އަނގައިން ބުނެލާ، އަހަރެން ދައްކާ ވާހަކަތައް އަޑުއަހާނެ ވަގުތެއް ނުވެއެވެ. އެކުގައި، އެއް ތަށިމަތިން ކައިބޮއެ ހެދި ދުވަހެއް ވެސް އަހަރެން ހަނދާނެއް ނުވެއެވެ.

ބައްޕައަކީ އަބަދުވެސް މަސައްކަތުގައި އަވަދިނެތި އުޅޭ މީހެކެވެ. ގެއަށް ވަދެލާ އުޅޭ ވަގުތުތަކުގައި ވެސް އިންނާނީ ލެޕްޓޮޕް ކައިރީގައި ނުވަތަ އުޅޭނީ ފޯނެއްގައެވެ. ނުވަތަ ބަޔަކާ އެކު އިންނާނީ ކޮންމެވެސް އޮފީސް ވާހަކައެއްގައެވެ. އަހަރެންނާ އަނގައިން ބުނެލައި ލޯބިން ގޮވާލި ހަނދާނެއް ނެތެވެ. ހަމަ އެގޮތަށް މަންމައަކީ ވެސް ގެއަށް ނުވަދެ އުޅޭ މީހެކެވެ. މަންމައަކީ ވެސް އާމްދަނީ ހޯދަން މަސައްކަތްކުރާ މީހެކެވެ. ދިރިއުޅުމުގައި ފައިސާގެ ދަތިކަމެއް ހުރެގެންނެއް ނޫނެވެ. ނަމަވެސް މަންމަ ޝައުގުވެރިވާ ކަމަކަށް ވުމުންނެވެ. މަންމަ ކުރާ މަސައްކަތަކީ ސެލޫންތަކެއް ހިންގުމެވެ. މަންމައަކީ ވެސް ސެލޫނުގައި ގިނަ ވަގުތު ހޭދަ ކުރާ މީހެކެވެ. ރައްޓެހިންނާ އެކު ޕާޓީތަކަށް ދިޔުމާއި ކެއުންތަކަށް ދިޔުމަކީ މަންމަ އެންމެ ކުރާ ހިތްވާ ކަންކަމެވެ.

ޝަކުވާއެއް ނުކުރާނެހާ ފުރިހަމައަށް އަހަރެންނަށް އަގު ބޮޑެތި އެއްޗެހި ގަނެދިނުމުން މައިންބަފައިންގެ ވާޖިބު އަދާވީ ހެއްޔެވެ؟ ނަމަވެސް އަހަރެން ޝަކުވާއެއް ނުކުރާނަމެވެ. އާދޭހެއް ވެސް ނުކުރާނަމެވެ. އަހަރެން އެ ދެ މީހުންނަށް އިހުތިރާމް ކުރަމެވެ. އިތުބާރު ކުރަމެވެ. އަދި އިންތިހާއަށް ލޯބިވަމެވެ. މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެ ވާނެ ކަމަށް އަހަރެން ގަބޫލުކުރަމެވެ. ވުމާއެކު އެ ދެ މީހުންނާ މެދު ޝަކުވާކޮށް އަޑު ވީއްލައި ހެދުމަކީ ކުރެވޭ ބޮޑު ފާފައެކެވެ. އިރާދަކުރެއްވިއްޔާ އަހަރެން ދުވަހަކު ވެސް އެކަމެއް ނުކުރާނަމެވެ.

މަންމަ އުޅޭ ކޮޓަރިއަށް ވަތްއިރު މަންމަ އިނީ ލިޔުންތަކެއް ކިޔާށެވެ. އަހަރެން މަންމަ ގާތަށް ދިޔައީ އަހަރެންނަށް ކުރިމަތިވަމުން މިދާ ކަންކަން ހިއްސާ ކޮށްލާށެވެ. ޖެހިލުންވެ ހުރެ މަންމައަށް ގޮވާލީމެވެ.

"މަންމާ،" މަޑުމަޑުން އަހަރެން ބުނީމެވެ.

"އާނ. ކިހިނެއްވީ؟ ކޯއްޗެއް ބޭނުންވީ؟" މަންމަ އިސްއުފުލާ ބަލާ ވެސް ނުލާ އަހަރެންގާތު އެހީ ބޭނުންވާ އެއްޗެއް ބުނުމަށެވެ. އަހަރެން ދެރަވިއެވެ. އަހަރެންނާ ދިމާލަށް ބަލާލާނެ ވަގުތެއް ވެސް މަންމައަށް ނުވީމައެވެ.

"އެއްޗެއް ބޭނުން ވެގެންނެއް ނޫން. އެކަމަކު، އަހަރެން ވާހަކައެއް...."

"ނާޒަށް ނުފެނޭތަ؟ މަންމަ މީނީ ކަމެއް ކުރާށޭ،" ގަނޑުތައް އުކަމުން މަންމަ ބުންޏެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތުމާ އެކު ބައްޕަ ކޮޓަރިއަށް ވަނެވެ. އަހަރެން އިސްޖަހައިގެން ނުކުތީމެވެ.

"ނާޒް،" ބައްޕަ ގޮވާލުމާ އެކު އަހަރެންގެ ފައި ބިންމަތީގައި ތަތްވިއެވެ. ހިތްބިރުގަތެވެ. ދެ އަތްތިލަ ދެ އަތްތިލައަށް ކޭއްތެން ފެށުނެވެ. އަދި މަޑުމަޑުން ބައްޕައާ ކުރިމަތިލީމެވެ.

"މަންމަ ގާތު ކޮން ވާހަކައެއް ދައްކާފަ ތިއައީ؟" ކޮޓަރީގެ ދޮރު ލައްޕަމުން ބައްޕަ އެހިއެވެ.

- ނުނިމޭ -

ކޮމެންޓް

Placeholder

ވާހަކަ

ވާހަކަ