ވާހަކަ: ރިހުން
ވާހަކަ: ރިހުން
އެޕިސޯޑް 1
ފޮތް ދަބަސް މޭޒުމަތީ ބެހެއްޓުމަށް ފަހު ފެންވަރަން ވަނީމެވެ. ކުރިމަތީގައި ހުރި ލޯގަނޑަށް ބެލި ކަމުގައިވިޔަސް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނުފެނުނީ ފެންމާގަނޑުގެ ދަށުގައި ހުރުމުންނެވެ. ކިތަންމެ ވަރަކަށް ރުޔަސް މި މަންޒަރު ބަލާނެ ދެ ލޮލެއް ނެތެވެ. މި ހިތުގެ ޝަކުވާތައް އަހާނެ މީހެއް ވެސް ނެތެވެ. ހަށިގަނޑުގައި ޒަހަމްތަކެއް ފެންނަން ނެތްކަމުގައި ވިޔަސް ހިތުގައި ޒަހަމްތަކެއް ވެއެވެ. އޭގައި ނުފިލާ ރިހުމެއް ވެއެވެ.
ފެންވަރައިގެން ނުކުމެ ފުނާ އަޅައި ރީތިވެލީމެވެ. ރަތް ކުލައިގެ ހެދުމެއް ލީމެވެ. އެއީ އަހަރެންނަށް އެންމެ ރީތި ކުލައެވެ. ބޮލުގައި ރަތް ކުލައިގެ ދައްޗެއް ޖެހީމެވެ. ލޯގަނޑުން އަހަރެންގެ އިސްކޮޅު ފެންނަން ހުރި އިރު، އަހަރެންގެ ހަށިގަނޑަށް ކޮޅުން ކޮޅަށް ބަލާލީމެވެ. އެކި ފަރާތް ފަރާތަށް އެނބުރެމުންނެވެ. އެހިނދު ރުޅި އާދެވުނެވެ. ކާކުދެކެ ހެއްޔެވެ؟ އަމިއްލަ ނަފުސު ދެކެ ހެއްޔެވެ؟ ބޮލުގައި ޖެހި ދަތި ނައްޓުވާލާފައި ބޯހާވާލީމެވެ. މޫނުގައި ދެ އަތް އަޅާފައި ރޯން ފެށުނެވެ. ރޮމުން ރޮމުން އަހަރެންނަށް އިށީނދެވުނީ އެނދު ކައިރީގައި އަޅާފައި އޮތް ދޫލަ މަތީގައެވެ.
ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ރުއިން ހުއްޓާލާފައި މޫނު ފޮހެމުން އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ކުރިމަތީގައި ހުރީ ގޭގައި ކައްކަން އުޅޭ ލަންކާ މީހާއެވެ. އޭނާގެ ނަމަކީ ލަލިތާއެވެ.
"ކިހިނެއްވީ؟" އަހަރެން ހިނިތުންވަމުން އެހީމެވެ.
"ކަނީ؟" ރީތިކޮށް ދިވެހި ބަސް ދަސްވެފައި ނެތުމުން އޭނައަށް އެނގޭ މިންވަރަށް ބުންޏެވެ. އަހަރެން އާނއެކޭ ބުނެފައި ދޮރު ލެއްޕީމެވެ.
މެންދުރުގެ ކެއުމަށް އަހަރެން ދިޔައީމެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް މިއަދު ވެސް ކާން އިނީ އަހަރެން އެކަންޏެވެ.
"މެޑަމް ނޫޅެނީ،" ލަލިތާ އެހެން ބުނީ އަހަރެންނަށް ބަތް އަޅައިދެމުންނެވެ. އޭނަ އެބުނާ މެޑަމް އެއީ އަހަރެންގެ މަންމަ ރަހުމާއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ކާން ފެށީމެވެ. މޭޒުމަތީގައި ވަރަށް ގިނަ ވައްތަރު ތައްޔާރުކޮށްފައި ހުއްޓެވެ. ކުކުޅު ރިހަ އާއި މަސްބުރި ރިހައެވެ. ތަރުކާރީ ބަތާއި މުގު ބަތެވެ. ސެލަޑާއި ބުއިންތަކެވެ. ދެތިން ވައްތަރުގެ ފޮނި ބާވަތް ވެސް ހުއްޓެވެ.
"މަދު މީހުން ކާން، ބައިވަރު އެއްޗެހި. ކީއްވެ؟" ލަލިތާ އަހަރެންނާ ސުވާލު ކުރިއެވެ.
"ނޭނގެ. އެމީހުން ބުނާ މިންވަރަކަށް އެއްޗެހި ހެދީމަ ރަނގަޅުވާނެ. ހެޔޮ ބޭކާރު ވިޔަސް،" ކައި ނިމިގެން އަތް ދޮންނަން ދަމުން އަހަރެން ބުނީމެވެ. އެމީހުންނޭ އަހަރެން ބުނީ އަހަރެންގެ މައިންބަފައިންނަށެވެ.
ކޮޓަރިއަށް ވަދެ، މިއަދު ކިޔަވައިދިން ފިލާވަޅުތައް މުތާލިއާކޮށްލަން އިށީނީމެވެ. އަހަރެންނަކީ ވަރަށް ކިޔަވާ ހިތްވާ ކުއްޖެކެވެ. ކޮންމެ ދުވަހަކު ވެސް އެ ދުވަހަކު ދީފައިވާ ފިލާވަޅުތައް ދަސްކޮށް، ގިނަ ވަގުތު ފޮތްތަކުގެ ތެރޭގައި އުޅޭހިތްވެއެވެ. އަހަރެން ޓިއުޝަނަށް ވެސް ދަމެވެ. އަދި ލައިބްރަރީގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަ ކުރަމެވެ.
ގަޑިއަށް ބަލާލި އިރު ޓިއުޝަނަށް ދާ ގަޑި ވަރަށް ކުޑަތަންވެއްޖެއެވެ. ވުމާއެކު މޭޒުމަތީގައި ހުރި ފޮތްތައް ދަބަހަށް އަޅާލާފައި ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުތީމެވެ. ދަބަސް ހިފައިގެން ކޮޓަރިން ނުކުމެވުނީ ބައްޕަ ކުރިމައްޗަށެވެ. ވަގުތުން އިސްދަށަށް ޖެހީމެވެ. ބައްޕަ އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަންފަތުގައި ޖަހައިގެން ބައްޕަގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ. ބައްޕަ ދެކެ އަހަރެން ޖެހިލުންވެއެވެ. ބިރުގަނެއެވެ. ބައްޕައަކީ ވަރަށް އަޑުގަދަ އަދި އެހާމެ ރުޅިގަދަ މީހެކެވެ. ބައްޕަގެ ކުރިމަތީގައި އަހަރެން ވާހަކަ ދައްކަނީ މަޖުބޫރު ވެގެންނެވެ. އަހަރެން ދެނީ ބައްޕަ އެހި ސުވާލަކަށް ޖަވާބު އެކަންޏެވެ.
ޑްރައިވަރާ އެކު ކާރުގައި އަހަރެން ދިޔައިރު ޓްރެފިކް ބާރުބޮޑެވެ. ގަޑިޖެހިގެން ދެވުމުން އަހަރެން ހުރީ ބިރުންނެވެ. ޓިއުޝަން ޓީޗަރު ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ކްލާސް ދޮރު މައްޗަށް އެރުމުން ހުރިހާ ކުދިން ބަލައިލިއެވެ. އަދި އެކަކު އަނެކަކާ ސިއްރު ވާހަކަ ދެއްކިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލީމެވެ.
"ވަދޭ އެތެރެއަށް. އެކަމަކު ގަޑި ޖެހުމަކީ އާންމު ކަމަކަށް ނުހަދާތި." ޓީޗަރު ހަމީދު އެހެން ބުނުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަދި އަހަރެން ކްލާހަށް ވަދެ އިށީނީމެވެ.
ކިޔަވައިދެމުން ގެންދިޔައިރު އަހަރެން ވަރަށް ޝައުގުވެރިކަމާ އެކު އަޑުއަހަމުން ދިޔައީމެވެ. ޓީޗަރުން ކިޔަވައިދޭ އިރު އާންމުކޮށް ކްލާސް ތެރޭގައި ހިނގާނެއެވެ. ޓީޗަރު ހިނގަމުން، އަހަރެން އިން ގޮނޑިއާ ހިސާބަށް އާދެވުމާއެކު ޓީޗަރުގެ އަތުގައި އޮތް ފަންސުރު ވެއްޓުނެވެ. ނޫނީ ވައްޓާލީ ހެއްޔެވެ؟ ފަންސުރު ނަގަން ތިރިވެފައި އަހަރެންގެ ފައިގައި އަތް ޖައްސާލިއެވެ. އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ވަރަށް ބޮޑަށް ސިއްސައިގެން ވެސް ދިޔައެވެ. މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. ހަމަ އެވަގުތު އިށީނުމަށް ޓީޗަރު އަހަރެންގާތު ބުންޏެވެ. އަހަރެން މަޑުމަޑުން އިށީނީމެވެ. އެއީ އަހަރެންނަށް ހީވި ގޮތެއް ހެއްޔެވެ؟ ނުވަތަ ހަގީގަތުގައި ވެސް އޭނާ އެކަން ކުރީ ހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟
ގެއަށް ދިޔަ މަގުމަތީގައި އަހަރެންނަށް ވިސްނުނީ ދިރިއުޅުމުގައި ދިމާވާ ކަންކަމާއެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން މީހުން ނަސޭހަތްދެއެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި އުންމީދީ ވިސްނުމެއް ގެންގުޅުމަށް ވެސް ނަސޭހަތްތެރިވެއެވެ. އެކަމަކު ކަންކަމުން އަރައިގަތުމަށް ތިމާއަށް އެހީތެރިވާނެ އަތެއް ނެތް މީހުން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއް ބަޔަކު އަރާމާއި އުފަލުގައި މަޖާ ކުރަނީއެވެ. އަނެއް ބަޔަކު ދުނިޔޭގެ އެދުންވެރިކަން ނުލިބިގެން ރެ އާއި ދުވާލު މަސައްކަތް ކުރަނީއެވެ. އަދި ހެއްލުމާއި ގެއްލުމުގެ ތެރޭގައި ނެތިދާ ބަޔަކު ވެސް އުޅެއެވެ. އެއް ބަޔަކު ތިމާގެ ހުރިހާ އުފަލެއް ގުރުބާންކޮށްފައި ތިމާގެ ލޯބިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރަނީއެވެ. މީގެ ތެރެއިން އަހަރެން ނިސްބަތްވަނީ ކޮން ބަޔަކަށް ހެއްޔެވެ؟
އަހަރެން ގެއަށް ވަދެ، ފަޅުވެފައިވާ ގޭތެރެއަށް ނަޒަރު ހިންގާލީމެވެ. އެއްވެސް އަޑެއް ނީވެއެވެ. ގޭތެރެ ކިތަންމެހާ ވެސް ބޮޑެވެ. އަގު ބޮޑު، ރީތި ޑިޒައިންތަކުގެ ފަރުނީޗަރެވެ. އަހަރެން ވަރަށް ކުޑައިރުގެ ފޮޓޯ ފުރޭމްތަކެވެ. ބޭރު ފެންނަ ގޮތަށް ޖަހާފައިވާ ބިއްލޫރިތަކެވެ. ކުޑަދޮރުތަކުގައި ހަރުކޮށްފައިވާ ދޮރުފޮތިތައް ވެސް މަހަކު އެއް ފަހަރު ބަދަލު ކުރެއެވެ. ސީލިންގުގައި ހަރުކޮށްފައިވާ އެކި ވަރުގެ ބޮކިތަކެވެ. ސީލިންގު ފަރުމާ ކޮށްފައިވަނީ ރަން ކުލައިންނެވެ. އެހާ އުސް ވެސް މެއެވެ. ގޭތެރޭގެ މެދުގައި ބަހައްޓާފައި ހުރީ ބިއްލޫރި މާޓުކުރިއެކެވެ. ގެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ވަކިން ތިބެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ގޮނޑިތަކާއި މޭޒެވެ. ގޭތެރޭގެ އެކި ހިސާބުގައިވާ ކޮޓަރިތަކުގެ އަގު ބޮޑު ދޮރުތަކެވެ. ފާރުތަކުގައި ކަނޑާނަގާފައިވަނީ އެ މަސައްކަތްކުރަން ކުޅަދާނަ ބަޔަކުކަން ދޭހަވެއެވެ. ހަތަރު ފަންގިފިލާއަށް ގެ އިމާރާތް ކޮށްފައި ވުމުން މެދު ގޭތެރެއިން ދެ ފަރާތަށް ދެ ސިޑި ވެސް ހުރެއެވެ. ބަދިގެ އާއި ކާ ކޮޓަރި ވަނީ ފުރަތަމަ ފަންގިފިލާގައެވެ. އަހަރެންގެ ކޮޓަރި އާއި މައިންބަފައިންގެ ކޮޓަރި ހުންނަނީ ދެވަނަ ފަންގިފިލާގައެވެ. ޖެހިގެން ހުރި ބައިތަކުގައި ބޮޑު ސްވިމިން ޕޫލަކާއި ޖިމެއް ވެސް ހުރެއެވެ. އަދިވެސް މުނިފޫހިފިލުވުމުގެ ކަންކަން ހިމެނޭ ގޮތަށް ތަނެއް ހުރެއެވެ.
އިންސާނުންގެ ހިތަކީ ފުރޭ އެއްޗެއް ނޫނޭ މީހުން ބުނާތީ އަހަމެވެ. އެއީ ތެދެއް ބާވައެވެ؟ ކިތަންމެ ތަނަވަސް، މުއްސަނދި މީހެއް ވިޔަސް ބޭނުންވާނެ ކިތަންމެ އެއްޗެއް ހުރެއެވެ. ބޭނުން ވާނެ ކިތަންމެ ކަމެއް ނުވެ ހުރެއެވެ. އިންސާނާއަށް އެންމެ މުހިއްމު ވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ފައިސާ އާއި ތަނަވަސްކަން ނުވަތަ ލޯތްބާއި އެހީތެރިކަން ހެއްޔެވެ؟
އަހަރެންގެ ކޮޓަރިއަށް ވަންނަމުން ކޮޓަރިއަށް ބަލާލީމެވެ.
- ނުނިމޭ -