ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ: އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅައިފައި (ފޮޓޯ/ މިވެށި)

ތިމާވެށި

ގުޅީފަޅު މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި

މައްސަލައިގައި ބުނެފައި ވަނީ އެ މަޝްރޫއުއަކީ ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއްނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފު މަޝްރޫއުއެއް ކަމަށް
23 ސެޕްޓެމްބަރު 2021

ކ. ގުޅިފަޅުން ބައެއް ހިއްކަން ފަށާފައިވާ މަޝްރޫއުގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ ކޯޓަށް ހުށަހެޅީ އެކްޓިވިސްޓެއް ކަމަށްވާ، ހުމައިދާ އަބްދުލްގަފޫރެވެ. ޕްލޭނިން މިނިސްޓްރީ އާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އަދި އެންވަޔަރަމެންޓް މިނިސްޓްރީއަށް ރައްދުވާ ގޮތަށް 2 ސެޕްޓެމްބަރުގައި ހުށަހެޅި މައްސަލަ ބަލައިގަތީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަދި މިއަދު ޑިސްޕިއުޓް ރިޒޮލިއުޝަން އަޑުއެހުމެއް އޮންނާނެ އެވެ.

ބުނީ ކީކޭ؟ - އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުމައިދާ ވަނީ އޭނާގެ އާންމު ސިޓީ އިއްވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށްޓަށް ނުހަނު ބޮޑު ގެއްލުންތަކެއް ދީގެން ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި އޭޕްރީލް 2020 ގައި ތައްޔާރުކުރި މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ވެސް އެ މަޝްރޫއުގެ ސަބަބުން މުޅި ސަރަހައްދަށް ލިބޭނެ ގެއްލުންތައް ބަޔާންކޮށްފައިވާ ކަމަށް ހުމައިދާ ބުންޏެވެ.

"މި މަޝްރޫއުގެ ސަބަބުން ގުޅީފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ގުދުރަތީގޮތުންނާއި ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއްކަމުގައިވާ 'ހާންސްހާސް ޕްލޭސް' ނުވަތަ 'ކިކި ރީފް' ފަނާވެގެންދާނެކަން ސާފުވެ އެވެ." ހުމައިދާގެ އާންމު ސިޓީގައި ބުނެފައިވެ އެވެ.

ތަފްސީލް - މިދިޔަ އަހަރު އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ފެށުމުން ގުޅީފަޅާ ޖެހިގެން އޮތް ވިލިމާލެ ފަރަށް ބޮޑު ކިސަޑުފަށަލައެއްގެ ނުރައްކަލާ ކުރިމަތިވެގެން ދިޔަކަމާއި، އެކަމުގެ ސަބަބުން ވިލިމާލޭގެ ފަރުގެ ވެށީގެ ހާލަތާދޭތެރޭ ކަންބޮޑުވުން އުފެދި، އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"ނަމަވެސް އެ މަޖިލިހުން މައްސަލަ ބެލުމަށްފަހު ނިންމީ، ގުޅީފަޅު މަޝްރޫއުގެ ސަބަބުން ސަރަހައްދުގެ ތިމާވެށްޓަށް ކުރާނެ އިޔާދަނުކުރެވޭނެ ގެއްލުންތަކަށް ރިއާޔަތްކުރުމުގެ ބަދަލުގައި، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިތުރު ހުއްޖަތެއް އުފައްދާ، ގުޅީފަޅުގައި ގެދޮރުއެޅުން ލާޒިމުކުރާ ނުކުތާއެއް މަޝްރޫއުގައި ހިމަނާ، މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ." ސިޓީގައިވެ އެވެ.

ހުމައިދާ ބުނީ، އެ މަޝްރޫއު އަކީ އެކަށީގެންވާ މިންވަރަށް ކަންކަން ނުބަލައި، އަދި ވަގުތާއި، ހާލަތާއި، ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކުރުމެއްނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފުވާ މަޝްރޫއުއެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. މަޝްރޫއު ހުއްޓުވަން އޭނާ ކޯޓަށް ދިޔައީ އެހެންވެ އެވެ.

"ދިވެހިރާއްޖެއަށް ހެޔޮގޮތްއެދޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެން ގަބޫލުކުރަނީ، ރާއްޖޭގެ ތިމާވެށްޓާ، ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމާ، މާހައުލީ ނިޒާމުތަކާ، ފައިސާއިން އަގުނުކުރެވޭ މި އެންމެހާ ނިއުމަތްތައް، ދިވެހި ދައުލަތާ ސަރުކާރުން، އެކަށީގެން ވާވަރަށް ދިރާސާކުރުމެއް ނެތި، 'ތަރައްގީ'ގެ ނަމުގައި ފަނާކޮށް، ނެތިކޮށް، ގެއްލުން ދިނުމަކީ އޭގެ ނުރައްކާ އިންތިހާއަށް ބޮޑު، އަދި އެކަމުގެ ނޭދެވޭ އަސަރު ޖީލުތަކަކަށް ތަހައްމަލު ކުރަންޖެހޭ ފަދަ އިހުމާލެއް ކަމުގައެވެ." ސިޓީގައިވެ އެވެ.

އެނގުން މުހިންމު - މާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާ ބްރިޖާއެކު ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ގާއިމު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ގުޅިފަޅު ހިއްކުމަށް ފަހު އެތަނުން މާލޭގެ ރައްޔިތުންނަށް 1،200 ބިން ދޫކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް