ބ. ސޮނޭވާ ފުށި ރިސޯޓް: ރާއްޖޭގެ ފުރަތަމަ 'ޓެޑްއެކްސް' ހަރަކާތް އޮންނާނީ މި ރިސޯޓުގައި. (ފޮޓޯ/ސޮނޭވާ)

ރާއްޖޭގެ ފުރަތަމަ 'ޓެޑްއެކްސް' އިވެންޓް ސޮނޭވާ އިން އަންނަ މަހު ބާއްވަނީ

މާޗު 19ގައި ބާއްވާ ހަރަކާތުގައި ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކުން ޕްރެޒެންޓޭޝަންތައް ދޭނެ
26 ފެބްރުއަރީ 2022

ތަފާތު އެކި އިޖާދީ ހިޔާލުތައް ބަދަލުކޮށް، އެފަދަ މަަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ މަޝްހޫރު 'ޓެޑް ޓޯކްސް'ގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ 'ޓެޑްއެކްސް' ސިލްސިލާގެ އިވެންޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އެނގުން މުހިންމު - 'ޓެޑް ޓޯކްސް'ގެ މައި ކޮންފަރެންސް ބާއްވަނީ އަހަރަކު އެއް ފަހަރު އެމެރިކާގަ އެވެ. 'ޓެޑްއެކްސް' އަކީ 'ޓެޑް ޓޯކްސް'ގެ ދަށުން ލައިސެންސެއް ނަގައިގެން ދުނިޔޭގެ އެކި ގައުމުތަކުގައި އެ ގައުމެއް ނުވަތަ ސިޓީއެއްގެ އަމިއްލަ ބަޔަކު އިސް ނަގައިގެން އިންތިޒާމުކުރާ ކޮންފަރެންސެކެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ބާއްވާ ފުރަތަމަ 'ޓެޑްއެކްސް' ހަރަކާތް އިންތިޒާމުކުރަނީ ބ. އަތޮޅުގައި ހިންގާ ސޮނޭވާ ފުށި ރިސޯޓުންނެވެ. 'ޓެޑްއެކްސް ބާ އެޓޯލް'ގެ ނަމުގައި، އަންނަ މަހުގެ 19ގައި އެ ރިސޯޓުގައި ބާއްވާ ހަރަކާތުގައި ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކުން ޕްރެޒެންޓޭޝަންތައް ދޭނެ އެވެ.

ތަފްސީލް - އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ސޮނޭވާ ގްރޫޕުގެ ބާނީ ސޯނޫ ޝިވްދަސާނީ - އޭނާ ވާހަކަދައްކަވާނީ ވިޔަފާރިތަކުން ހަަމައެކަނި މާލީ ފައިދާއަށް ވުރެ ދުރަށް ވިސްނައި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރެވޭނެ ފަދަ ގޮތަކަށް މަތީ ފެންވަރުގެ ޓޫރިޒަމް ކުރިއެރުވުމާ ގުޅޭ ގޮތުން

  • 2-

    ތަޖުރިބާކާރު ދިވެހި ރާޅާއެޅުންތެރިޔާ ޝާޒިޔާ ސައީދު (ޝާޒް) - އޭނާ ވާހަކަދައްކާނީ މޫދާއި ކަނޑާ ގުޅުންހުރި ކަންކަމުން ދުޅަހެޔޮ އަދި އުފާވެރި ހަޔާތެއް ބިނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން

  • 3-

    އެންޓޮމޮލިޖްސްޓް އަކިބް ޖާހިރު - އޭނާ ވާހަކަދައްކަވާނީ ގުދުރަތީ ވެއްޓަށް ގެއްލުން ލިބޭ ފަދަ ކެމިކަލްތައް ބޭނުން ނުކޮށް ވެސް މަދިރީގެ އުނދަގުލުން ސަލާމަތްވެވޭނެ ގޮތްތަކާ ގުޅޭ ގޮތުން

  • 4-

    ދިވެހި ދަރިވަރު ޔާލާ ޝަމީމް - އުމުރުން އެންމެ 13 އަހަރުގެ ޔާލާ ވާހަކަދައްކާނީ ކުރިމަގުގެ ލީޑަރުން ބިނާކުރެވޭނެ ގޮތަކަށް ތައުލީމީ ނިޒާމު ބައްޓަންކުރުމާ ގުޅޭ ގޮތުން

  • 5-

    ތަޖުރިބާކާރު ސީއެފްއޯ ބްރޫސް ބްރޮމްލީ - އޭނާ ވާހަކަދައްކަވާނީ ކުންފުނިތަކުގެ މާލީ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތް ކަމަށްވާ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)، އެ ކުންފުންޏެއްގެ ވިޔަފާރި ދެމެހެެއްޓެނިވި ގޮތެއްގައި ބިނާކުރުމުގެ އެންމެ އިސް ޒިންމާ ނެގުމުގެ މުހިންމުކަމާ ގުޅޭ ގޮތުން

  • 6-

    ތަޖުރިބާކާރު ދިވެހި ޑައިވަރު ހުސައިން ރަޝީދު (ސެންޑީ) - އޭނާ ވާހަކަދައްކާނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި މޫދުވިނަ އަދާކުރާ މުހިންމު ދައުރާ ގުޅޭ ގޮތުން

  • 7-

    ސޮނޭވާގެ ޗީފް ކޮމާޝަލް އޮފިސަރު ކަރިއްސާ ނިމާ - އޭނާ ވާހަކަދައްކަވާނީ އަދާކުރާ މަގާމަށް ދޭ ނަމުގެ މުހިންމުކަމާއި އެއީ ކުރާ ހިތުން މަސައްކަތް ކުރަން ހިތްވަރު ލިބޭ ފަދަ ނަމަކަށް ހެދުމުގެ މުހިންމުކަމާ ގުޅޭ ގޮތުން

'ޓެޑްއެކްސް ބާ އެޓޯލް'ގައި ބައިވެރިވާ ބައެއް ފަރާތްތައް:- މަތީގައި (ކ-ވ): ސޯނޫ ޝިވްދަސާނީ، ޝާޒިޔާ ސައީދު، އަކިބް ޖާހިރު؛ ތިރީގައި (ކ-ވ): ޔާލާ ޝަމީމް، ބްރޫސް ބްރޮމްލީ އަދި ހުސައިން ރަޝީދު.

މި ހަރަކާތުގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. ބައިވެރިވާން ބޭނުންވާ މީހުންނަށް މި ލިންކު މެދިވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ގުޅުންހުރި ކަމެއް - ސޮނޭވާ އިން ވަނީ، މަޝްހޫރު ޖައިޕޫރު ލިޓެރޭޗަ ފެސްޓިވަލް (ޖޭއެލްއެފް)ގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފެސްޓިވަލްގެ ތެރެއިން ފެސްޓިވަލެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ވެސް އިސް ނަގާފަ އެވެ. މި ފެސްޓިވަލް އޮންނާނީ އަންނަ މޭ މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް