ކުރިން ބޭއްވި ޖައިޕޫރު ލިޓްރޭޗަ ފެސްޓިވަލެއްގެ ތެރެއިން. (ފައިލް ފޮޓޯ/ޖޭއެލްއެފް)

އަދަބިއްޔާތު

މަޝްހޫރު ޖައިޕޫރު ލިޓްރޭޗަ ފެސްޓިވަލް ރާއްޖެ އަށް

ސޮނޭވާ ފުށި ރިސޯޓާ ގުޅިގެން ބާއްވާ ފެސްޓިވަލް އޮންނާނީ އަންނަ މޭ 13 އިން 22 އަށް
19 ސެޕްޓެމްބަރު 2021

މަޝްހޫރު ޖައިޕޫރު ލިޓެރޭޗަ ފެސްޓިވަލް (ޖޭއެލްއެފް)ގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފެސްޓިވަލްގެ ތެރެއިން ފެސްޓިވަލެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސޮނޭވާ ފުށި ރިސޯޓާ ގުޅިގެން އަންނަ މޭ 13 އިން 22 އަށް ބާއްވާ "ޖޭއެލްއެފް ސޮނޭވާ ފުށި" ފެސްޓިވަލުގައި އަދަބިއްޔާތާއި މިއުޒިކާއި ޕާފޯމިން އާޓްސްގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. ސޮނޭވާ ފުށީގެ އެކި ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތީމްތަކުގެ ތެރޭގައި:

  • ޓްރެވަލް

  • ފުޑް

  • ހިޔާލީ ވާހަކަ

  • ފަންނުވެރިކަން

  • ވެލްނެސް

  • މޫސުމަށް އަންނަ ބަދަލުތައް

  • ތިމާވެށި

ޖޭއެލްއެފް ސޮނޭވާ ފެސްޓިވަލާ ގުޅޭ ވީޑިއޯއެއް

ބުނީ ކީކޭ؟ - ޖޭއެލްއެފްގެ ކޯ-ޑިރެކްޓަރު އަދި މަޝްހޫރު ލިޔުންތެރިޔާ ނަމިތާ ގޯކަލް އާއި ވިލިއަމް ޑަލްރިމްޕްލް ވިދާޅުވި ގޮތުގައި ރާއްޖޭގައި މި ފެސްޓިވަލް ބާއްވަން އެ މީހުން ތިބީ ކެތްމަދުވެފަ އެވެ.

"މިއީ ޖޭއެލްއެފްގެ ތާރީހުގައި ވެސް ބާއްވާ އެންމެ ހިތްގައިމު އަދި އުފާ ލިބޭ އިވެންޓު،" އެ ދެ ބޭފުޅުން ވިދާޅުވި ކަމަށް ސޮނޭވާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވަނީ، ރާއްޖޭގައި ޖޭއެލްއެފްގެ ފެސްޓިވަލެއް ބާއްވާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ޖޭއެލްއެފް މެދުވެރިކޮށް، އިންޑިއާ އާއި އިންޑިއާގެ ސަގާފަތާއި އަދަބިއްޔާތުގެ ކަންކަަން ދެނެގަތުމުގެ އިތުރަށް، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ. ރާއްޖެ އަކީ އިންޑިއާގެ އަވަށްޓެރިންގެ ތެރެއިން ޖޭއެލްއެފްގެ ފެސްޓިވަލެއް ބާއްވާ ފުރަތަމަ ގައުމު،" ސުދީރު ވިދާޅުވި އެވެ.

ސޮނޭވާގެ ބާނީ ސޯނޫ ޝިވްދަސާނީ ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ލިޔުންތެރިންނާއި އާޓިސްޓުން ރާއްޖެ ގެނެސް މިފަދަ ފެސްޓިވަލެއް ބޭއްވުމަކީ ސޮނޭވާ ބްރޭންޑުގެ ދަށުން އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"ރާއްޖޭގެ މާހައުލުގެ ހިތްގައިމުކަމާއި ރީތިކަމުގެ ތެރެއިން އަމިއްލަ ނަފްސު މުއްސަނދިކޮށްލަން އެހީވެދޭނެ،" ސޯނޫ ވިދާޅުވި އެވެ.

ޖޭއެލްއެފް ފެސްޓިވަލާ ގުޅޭ ގޮތުން ސޯނޫ ވާހަކަދައްކަވާ ވީޑިއޯއެއް

ތަފްސީލް - ރާއްޖޭގައި ބާއްވާ ފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި:

  • އެންޑްރޭ އަކިމަން: އިޓަލީ އަދި އެމެރިކާގެ މަޝްހޫރު ލިޔުންތެރިއެއް

  • ނަމިތާ ގޯކަލް: ފެސްޓިވަލްގެ ކޯ-ޑިރެކްޓަރު އަދި މަޝްހޫރު ލިޔުންތެރިއެއް

  • ޕީޓާ ފްރެންކޯޕަން: 'ދަ ސިލްކް ރޯޑްސް: އަ ނިއު ހިސްޓްރީ އޮފް ދަ ވޯލްޑް'، 'ދަ ފަސްޓް ކުރްސޭޑް: ދަ ކޯލް ފްރޮމް ދަ އީސްޓް' އަދި 'ދަ ނިއު ސިލްކް ރޯޑްސް' ފަދަ މަޝްހޫރު ފޮތްތައް ލިޔުއްވާފައިވާ ލިޔުންތެރިޔާ

  • ޑރ. ޝަޝި ތަރޫރު: އިންޑިއާގެ ސިޔާސީ ލީޑަރެއް އަދި މަޝްހޫރު ލިޔުންތެރިއެއް

  • ޝޮބާ ޑީ: ލިޔުންތެރިއެއް

  • ވިލިއަމް ޑަލްރިމްޕްލް: ފެސްޓިވަލްގެ ކޯ-ޑިރެކްޓަރު؛ މަޝްހޫރު ލިޔުންތެރިއެއް އަދި ތާރީހީ އިލްމުވެރިއެއް

ޖޭއެލްއެފް ސޮނޭވާ ފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން (ކ-ވ): ވިލިއަން ޑަލްރިމްޕްލް، ނަމިތާ ގޯކަލް، ޝޮބާ ޑީ، ޕީޓާ ފްރެންކޮޕާން އަދި އެންޑްރޭ އަކިމަން.

އެނގުން މުހިންމު - މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސޮނޭވާ އިން މިހާރު ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. ޓެކްސްތަކާއެކު ޖުމްލަ 2،310 ޑޮލަރު (35،620ރ.) އަށް ވިއްކާ މި ޕެކޭޖުގައި ހިމެނެނީ:

  • ފެސްޓިވަލުގެ މުއްދަތުގެ ތެރޭގައި ސޮނޭވާ ފުށީގެ ވިލާއެއްގައި ހުރުން

  • ފެސްޓިވަލުގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވުން

  • ފުލްބޯޑު (ހެނދުނު ސަޔާއި މެންދުރު އަދި ރޭގަނޑުގެ ކެއުން)

  • ސީޕްލޭން ދެކޮޅު ދަތުރު

ޖައިޕޫރު ލިޓްރޭޗަ ފެސްޓިވަލް:

  • މައި ފެސްޓިވަލް ބާއްވަނީ އަހަރަކު އެއް ފަހަރު އިންޑިއާގެ ރާޖަސްތާނުގެ ޖައިޕޫރުގައި

  • ޖޭއެލްއެފްގެ ފެސްޓިވަލްތައް ކޮންމެ އަހަރަކު ވެސް އެމެރިކާ (ނިއު ޔޯކު، ކޮލަރާޑޯ، ހިއުސްޓަން އަދި ޓޮރޮންޓޯ)، އިނގިރޭސިވިލާތް (ލަންޑަން އަދި ނޮތަން އަޔަލަންޑުގެ ބެލްފަސްޓް)، އޮސްޓްރޭލިއާ (އެޑެލައިޑް) އަދި ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ

  • މިއީ ދުނިޔޭގައި ބާއްވާ އެންމެ މަޝްހޫރު އެއް ލިޓްރޭޗަ ފެސްޓިވަލް

އިތުރު އާޓިކަލް

އިތުރު އާޓިކަލް