ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރިސޯޓް މުވައްޒަފުން މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ޗައިނާ ޓޫރިސްޓުންނާ މެދު ހާއްސަ ގޮތަކަށް އަމަލެއް ނުކުރާނެ: ސަރުކާރު

ޗައިނާގައި ކޮވިޑް ވަރަށް ބާރަށް ފެތުރެމުން ދާތީ، ޔޫރަޕާއި އެމެރިކާ ވެސް ހިމެނޭ ގޮތަށް ބައެއް ބޮޑެތި ގައުމުތަކުން ވަނީ، ޗައިނާ އިން އެ ގައުމުތަކަށް ދާ މީހުން ވެކްސިން ސެޓްފިކެޓާއި ޕީސީއާރު ޓެސްޓުގެ ނަތީޖާ ގެންދަން ޖެހުން ފަދަ ފިޔަވަޅުތައް އަޅަމުން
10 ޖެނުއަރީ 2023

މި މަހުގެ 18ގައި ޗައިނާ އިން ރާއްޖެއަށް ސީދާ ފްލައިޓްތައް ފެށުމާ އެކު ރާއްޖެއަށް ގިނަ އަދަދެއްގެ ޗައިނާ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންނާ މެދު ހާއްސަ ގޮތްތަކަކަށް އަމަލުކުރުމުގެ ވިސްނުމެއް ނެތްކަން އިދާރާތަކުން މިއަދު ހާމަކޮށްފި އެވެ.

އެނގުން މުހިންމު - ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ އިން ރާއްޖެއަށް ސީދާ ފްލައިޓްތައް ފަށަން ހަމަޖެހިފައި އޮތީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެގޮތުން:

  • އެ ދުވަހު ރާއްޖެ އަންނާނީ ބެއިޖިން ކެޕިޓަލް އެއާލައިނުން

  • އަދި ޗައިނާ އީސްޓާންގެ ޝެޑިއުލް ދަތުރުތައް މި މަހު 28ގައި ފެށުމަށް ހަމަޖެހިފައިވޭ

ޗައިނާގެ އެއާލައިންތަކުން ރާއްޖޭގެ ދަތުރުތައް މި ފަށަނީ ޗައިނާއަށް އެތެރެވާ މީހުން ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ މަހުގެ ފަހުކޮޅު އެ ގައުމުން އުވާލައި ބޯޑަރު އެއްކޮށް ހުޅުވާލުމާ އެކު އެވެ.

ޗައިނާގައި ކޮވިޑް ވަރަށް ބާރަށް ފެތުރެމުން ދާތީ، ޔޫރަޕާއި އެމެރިކާ ވެސް ހިމެނޭ ގޮތަށް ބައެއް ބޮޑެތި ގައުމުތަކުން ވަނީ، ޗައިނާ އިން އެ ގައުމުތަކަށް ދާ މީހުން ވެކްސިން ސެޓްފިކެޓާއި ޕީސީއާރު ޓެސްޓުގެ ނަތީޖާ ގެންދަން ޖެހުން ފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި އެއާޕޯޓް ރެޕެއް ފަތުރުވެރިންތަކަކާ އެކު. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން 'ދައުރު'ން މިއަދު ސުވާލުކުރުމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި މަހުގެ 18ގައި ޗައިނާގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުފެށުމާ އެކު، ކޮވިޑްގެ ކުރިއެކޭ އެއްގޮތަށް ރާއްޖެއަށް ވަރަށް ގިނައިން ޗައިނާ ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ:

  • އެހެން ގައުމުތަކުން ޗައިނާ ޓޫރިސްޓުންނާ މެދު ފިޔަވަޅުތައް އެޅި ނަމަވެސް، ރާއްޖެއިން އެފަދަ ކަމެއް ނުކުރާނެ 

  • ރާއްޖޭގެ ޓޫރިޒަމަކީ ވަކި ބައެއް ތަފާތުނުކޮށް، އެންމެންނަށް މަރުހަބާ ކިޔާނެ ސިނާއަތެއް އޮތް ގައުމެއް 

  • ޗައިނާ ޓޫރިސްޓުންނަށް ރާއްޖެ މި ވަނީ ކެތްމަދުވެފައި

"ރާއްޖެ އިން ވަކި ޗައިނާ ޓޫރިސްޓުންނެކޭ ކިޔާފައި ވަކި ފިޔަވަޅުތަކެއް ނާޅާނެ. އަޅުގަނޑުމެން މި ތިބެނީ ޖުލައި 2021 އިން ފެށިގެން ޗައިނާ ޓޫރިސްޓުން އައުމަށް ކެތް މަދުވެފައި. ރާއްޖެ އިން މި އޮތީ ފުރިހަމައަށް ތައްޔާރަށް ޗައިނާ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރިސޯޓްތައް ވެސް ޗައިނާ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މުޅި މި ސިނާއަތް ވެސް އޮތީ ޗައިނާ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމުގެ ޔަގީންކަން އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ދެއްވި ޔަގީން ކަމަކީ ރާއްޖޭގެ ސިއްހީ ދާއިރާ ވެސް އޮންނާނީ ކޮންމެ ކްރައިސިސްއަކަށް ވެސް ތައްޔާރަށް ކަމަށެވެ.

"ޓޫރިޒަމް ކުރިއަށް ދާއިރު އެ އިރެއްގައި ކުރިމަތިވާ ކަމަކަށް ކޭޓާ ކުރެވޭ ވަރަށް ރާއްޖޭގެ ޓޫރިޒަމް އޮންނާނީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ބަސް - ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޝަތުފާ ޝަފީއު މިއަދު ވިދާޅުވީ ޗައިނާ ޓޫރިސްޓުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރަން އަދި ނިންމާފައި ނެތް ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ޗައިނާ ޓޫރިސްޓުންނާ މެދު އަމަލުކުރާނީ މިހާރު ވެސް ހުރި ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް 

  • ޗައިނާ ޓޫރިސްޓުން ވެސް އަންނަ ވަރު ކުރިއަށް އޮތް ތަނުގައި އިތުރުވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރުމާ މެދު އިދާރާތަކާ މަޝްވަރާކޮށްފައިވޭ

"އާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެއް ނެތް،" ޝަތުފާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް