ކޯލިޝަން ލީޑަރުންނާއެކު ރައީސް ސޯލިހް (ފޮޓޯ/ ޕީއެސްއެމް)
އިންތިހާބުގައި އެކުގައި ތިބުމަށް އެދި ރައީސްގެ ސިޓީއެއް ކޯލިޝަން ޕާޓްނަރުންނަށް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި ތިބުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޯލިޝަން ޕާޓްނަރުންނަށް ސިޓީއެއް މިއަދު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މިިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވާފައިވާ ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހުން އޮތީ ދީފަ އެވެ. ގައުމީ މަޖިލީޙުން މިގޮތަށް ފާސްކޮށްފައި ވަނީ، މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. އެއާ އެކު، ކޯލިޝަން ހެދުމުގެ މަޝްވަރާތައް ރައީސް ވަނީ ފައްޓަވައިފަ އެވެ.
ތަފްސީލު - ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ 'ދައުރު'އަށް ވިދާޅުވީ، އެމްޑީޕީއާ އެކު މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ އިސް ބޭފުޅުންނަށް ރައީސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި ރިޔާސީ އިންތިހާބަށް އެކުގައި ނުކުތުމަށް ރައީސް ދައުވަތު ދީފައިވާކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.
ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްއިން އަދި މިހާތަނަށް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަމަލު ކުރާނެ ގޮތެއް ނިންމާފައެއް ނުވެ އެވެ.
ރައީސް، ކޯލިޝަންގެ ލީޑަރުންނަށް ސިޓީ ފޮނުވި އިރު، އެ ކޯލިޝަންގައި ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް އަދި ކޮންމެ ރިޔާސީ އިންތިހާބެއްގައި ނަތީޖާ އަބުރާލުމަށް މުހިންމު ރޯލެއް އަދާ ކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްއާ އެމަނިކުފާނުގެ އަރިސް ބޭފުޅުން ރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އިތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.
'ގާސިމްގެ ބައްދަލުވުން ވަރަށް ޕޮޒިޓިވް'
އަސްލަމް މިރޭ 'ދައުރު'އަށް ވިދާޅުވީ، ގާސިމްއާ އެކު ބޭއްވި ބައްދަލުވުމަކީ އެމްޑީޕީއާ އެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ވަކި ހުށަހެޅުމެއް ނެތް ކަމަށާއި އަދި ވަކި ކަމަކަށް އެއްބަސްވެފައި ނުވާ ކަމަށެވެ.
"[ނަމަވެސް]ބައްދަލުވުން ވަރަށް ޕޮޒިޓިވް. މަޝްވަރާތައް ވެސް ވަރަށް ޕޮޒިޓިވް. އަދި ގާސިމް ވެސް ހުންނެވީ ވަރަށް ޕޮޒިޓްކޮށް،" ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލަކަށް ނުގޮސް އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި - ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީން މީގެ ކުރިން ބުނެފައިވާ ގޮތުން، ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެޕާޓީން ގޮތެއް ނިންމާނީ، މިމަހު 24ގައި އެޕާޓީގެ ގައުމީ ޖަލްސާގައި އިންތިހާބު ކުރާ އާ ކައުންސިލުންނެވެ.
ކޮމެންޓް (1)
މުޖުތާޒު