އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުން (ފޮޓޯ/އޭސީސީ)

އޭސީސީ

ޝިއުނާ ގޮވާލެއްވީ މިނިވަންކަމާ އެކު މަސައްކަތްކުރާނެ ޖާގައަށް

އޭސީސީގެ މަސައްކަތް ކުރިއަށް ގެންދަން ނިޒާމީ ބަދަލުތަކާއި ވަސީލަތް ވެސް ބޭނުންވާ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވާ މިއަދު ކުއްލިއަކަށް މިނިވަން މުއައްސަސާތާ ބެހޭ ކޮމިޓީ ބައްދަލުކޮށް، އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމި އެވެ. މިރޭ އޮތް ހަފުލާއެއްގައި، ކޮމިޓީގެ އެ ނިންމުމުގެ ވާހަކަ ނުގެންނަވައި އެކަމަކު މިނިވަންކަމާ އެކު އޭސީސީއަށް މަސައްކަތްކުރާނެ ޖާގަ ނެތްކަން ދޭހަވާ ގޮތަށް، ކޮމިޝަން ރައީސް މަރިޔަމް ޝިއުނާ ވާހަކަ ދައްކަވައިފި އެވެ.

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ޝިއުނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާއެއްގެ މިނިވަންކަން ވަރަށް މުހިންމު ކަމަށެވެ. އަދި މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ޖާގަ ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް އޮތީ އަހަރުގެ ފަހު ދައުރަށް ފަހު ޗުއްޓީގަ އެވެ. އެކަމަކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ފަށަން ނިންމީ އޮޑިޓް އޮފީހުން ހެދި އޭސީސީގެ ޕާފޯމަންސް އޮޑިޓް ރިޕޯޓް ހުށައެޅުމުން އެއަށް ބަލައިފަ އެވެ.

ސިއްރުކޮށްގެން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެގޮތަށް ފާސްކުރީ އޭސީސީގެ މަސައްކަތްތަކާ މެދު އޮޑިޓްގައި ހުރި ކަންބޮޑުވުންތަކަށް ބަލައިފައި ކަމަށްވެ އެވެ.

ބުނީ ކީކޭ؟ -  ކޮމިޓީން އެގޮތަށް ނިންމިތާ ހައެއްކަ ގަޑިއިރު ފަހުން ބޭއްވި އޭސީސީގެ ރަސްމީ ހަފުލާއެއްގައި ޝިއުނާ ވިދާޅުވީ އޭސީސީގެ މަސައްކަތް ކުރިއަށް ގެންދަން ނިޒާމީ ބަދަލުތަކާ އެކު މަސައްކަތް ކުރާނެ ޖާގަ އާއި ވަސީލަތް ވެސް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް މި މަގާމުގައި  މަސައްކަތް ކުރަނީ، މާދަމާ ވެސް ވަކިވެގެން ދާން ޖެހޭނެ ކަމަށް،" ކޮމިޓީގެ ނިންމުމަށް އަމާޒުކުރައްވައި، ޝިއުނާ ވިދާޅުވި އެވެ.

"މިތަނަށް އަންނަ ފަސް މެންބަރުންނަކީ ޓެމްޕޮރަރީ ފަސް މެންބަރުން. އެކަމަކު މުއައްސަސާ އަކީ ދެމިގެންދާނެ އެއްޗެއް."

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭނެ އެވެ. އޭނާގެ ބަދަލުގައި އެހެން ބަޔަކު 'މި މަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތްކުރާނެ ޖާގަ ލިބިގެން' ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން "ވަސީލަތްތައް ލިބި އަދި ނިޒާމީ ބަދަލުތަކެއް އައިސްގެން،" ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ނިޒާމް ހިނގާ ގައުމުތަކުގެ ބައެއް މިސާލު ގެންނަވައިފަ އެވެ. އެގޮތުން ވިދާޅުވީ އެފަދަ ގައުމުތަކުގައި ދެ ކަމެއް ފުރިހަމަ ކަމަށެވެ: މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ޖާގަ އޮތުމާއި ވަސީލަތްތައް ފުރިހަމަވުމެވެ.

ދެން އޭނާ ވިދާޅުވީ އޭސީސީއަށް ރަނގަޅަށް މަސައްކަތްކުރެވޭނެ ގޮތަށް 'ޕޮލިޓިކަލް ވިލް ވެސް މުހިންމު ދައުރެއް އަދާކުރާ' ކަމަށެވެ. 

ތަފްސީލް - ރާއްޖޭގައި ވެސް ކޮރަޕްޝަން ހިނގިޔަ ނުދިނުމަށްޓަކައި ސިސްޓަމެޓިކް އަދި ގަވަނަންސްގެ ގޮތުން ބަދަލުތަކެއް ގެނެވޭ ކަމަށް ޝިއުނާ ގަބޫލުކުރައްވަ އެވެ. ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވަން ކުރަން ޖެހޭ ކަންކަން ގިނަ ކަމަށް ވިދާޅުވި އެވެ.

"ގާނޫނު ތަންފީޒުކުރަން ކެޕޭސިޓީ ބިލްޑުކޮށް ވަސީލަތްތައް ބޭނުންވޭ. އަދި ގާނޫނުތަކަށް އާންމުން ހޭލުންތެރިކޮށް ކަމާ ބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" ޝިއުނާ ވިދާޅުވި އެވެ.

"ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުވައްސަސާއެއްގެ މިނިވަން ކަމަކީ ވަރަށް މުހިއްމު ކަމެއް. މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖާގަ ލިބެން ޖެހޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ގިނަ ޗެލެންޖުތަކަކާ އެކު."

އިތުރު އާޓިކަލް

އިތުރު އާޓިކަލް