މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިިން. (ފޮޓޯ/ކައުންސިލް)

މައުލޫމާތު ހޯދަން މާލޭ ސިޓީ ކައުންސިލުގައި އެދޭތީ އިންޒާރު ދީފި: އައިމަން

މޭޔަރު މުއިއްޒު ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެ ކަމަށް ވިދާޅުވެފައި
7 އޭޕްރީލު 2022

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެކިއެކި އިދާރާތަކުން މައުލޫމާތު ހޯދައި އާންމުކުރަމުން އަންނަ އައިމަން ލަތީފް، މާލޭ ސިޓީ ކައުންސިލާ ގުޅޭ މައުލޫމާތު ހޯދަން އެދިފައިވާތީ އެ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރަކުން އޭނާއަށް ގުޅައި އިންޒާރު ދީފައިވާ ކަމަށް އޭނާ އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - އައިމަން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފައި އޭނާ މަސައްކަތް ކުރަމުން އަންނަތާ މިހާތަނަށް ތިން އަހަރު ވީއިރު، މިއީ އެ މަސައްކަތާ ގުޅިގެން އިންޒާރެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

ބުނީ ކީކޭ؟ - އައިމަން ބުނީ:

  • އޭނާއަށް ފޯނުން ގުޅައި އިންޒާރު ދިނީ މާލޭ ސިޓީ ކައުންސިލްގެ މީހެއް ކަމަށް 

  • ގުޅާފައި ވަނީ ލޭންޑްލައިން ނަންބަރަކުން

  • ދިރާގުގެ ޑައިރެކްޓްރީގައިވާ ގޮތުން، އެއީ މާލޭ ސިޓީ ކައުންސިލްގެ އޮފީހުގެ ނަންބަރެއް

އެ ކޯލަށް 10 މިނެޓު ހޭދަވި އިރު ވެސް ގުޅި މީހެއްގެ ނަން ނުބުނި ކަމަށް އައިމަން ބުންޏެވެ.

"އަހަންނަކީ ކާކުކަން އަދި ވަރަށް ރަނގަޅަށް އެނގޭނެ. އަދި ރަނގަޅު ގޮތަކަށް ބައްދަލުވާނެ،" ފޯނުކުރި މީހާ ބުނި ކަމަށް އައިމަން ބުންޏެވެ.

އައިމަން ބުނީ މައުލޫމާތު ހޯދާއި އާންމުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ސިޓީ ކައުންސިލުން ވެސް ގިނަ މައުލޫމާތު ހޯދަން އެދުނު ނަމަވެސް، ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށެވެ. ކައުންސިލުން މައުލޫމާތު ނުދީގެން، ދެ ފަހަރެއްގެ މަތިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވެސް މައްސަލަ ހުށަހަޅާފައި ވާނެކަން އޭނާ ފާހަގަކުރި އެވެ.

އައިމަން ބުނީ ކައުންސިލުން "މާ ގިނަ" މައުލޫމާތު ހޯދަން އެދޭތީ، އޭނާއަށް ފޯނުކުރި މީހާ ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ. އަދި ހޯދަން އެދިފައިވާ މައުލޫމާތު އެއްކުރުމަށް ގިނަ ވަގުތު ނަގާނެ ކަމަށް އެ މީހާ ބުނި ކަމަށް ވެސް އައިމަން ބުންޏެވެ.

އައިމަން ވަނީ ކައުންސިލުން ހޯދަން އެދިފައިވާ މައުލޫމާތުގެ ތަފްސީލު ވެސް އާންމުކޮށްފަ އެވެ. އައިމަން ބުނީ އެއީ މީހަކު އެދިގެން ދޭން ޖެހޭ މައުލޫމާތު ވެސް ނޫން ކަމަށާއި، އެއީ އާންމުންނަށް ފެންނާނެހެން ހުރިހާ އިދާރާތަކުން ވެސް އާންމުކޮށްފައި ހުންނަން ޖެހޭނެ މައުލޫމާތު ކަމަށެވެ.

ކައުންސިލްގެ ބަސް - އައިމަންގެ ޓުވީޓަށް ޖަވާބުދެއްވައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "ތެދަކަށް ވާނަމަ" އެއީ ވަރަށް ސީރިއަސް އަދި ބަލައިނުގަނެވޭނެ ކަމެއް ކަމަށެވެ. މުއިއްޒު ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

"ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތިކަން ބަލާނެކަމުގެ ޔަގީންކަން އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.

އެނގުން މުހިންމު - އައިމަން ބުނީ އިއްޔެ އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް، އެއީ އިތުރަށް ތަހުގީގު ކުރާ ވަރަށް "ސާފު އިންޒާރަކަށް" ނުވާ ކަމަށް ފުލުހުން ބުނި ކަމަށް އައިމަން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް