އެމެޑް ޕްރޮޖެކްޓްގެ ނިންމުން ފާހަގަކުރުމަށް އެމްއެންޔޫއިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ އެމްއެންޔޫ)

އެމްއެންޔޫގެ އެމެޑް މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލަނީ

މިއީ ރާއްޖޭގައި ދޭ މަތީ ތައުލީމު، އީ-ލާނިން މެދުވެރިކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ހިންގި މަޝްރޫއެއް

ރާއްޖޭގައި ދޭ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއާ އެކު ކުރިއަށްގެންދާ 'އެޑްވާންސިން ހަޔާ އެޑިއުކޭޝަން އިން ދަ މޯލްޑިވްސް ތުރޫ އީ-ލާނިން ޑިވެލޮޕްމެންޓް (އެމެޑް)' މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމުން މިއަދު ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަޝްރޫއު ނިންމުން ފާހަގަކުރުމަށް މިއަދު ހެނދުނު އެމްއެންޔޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި، މި މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުން ވަނީ އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރައްވާފަ އެވެ.

އެމެޑް ޕްރޮޖެކްޓް:

  • ފެށީ 2019ގައި

  • ރާއްޖޭގައި ދޭ މަތީ ތައުލީމު، އީ-ލާނިން މެދުވެރިކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ހިންގި މަޝްރޫއެއް

  • މިއީ ސްޕެއިންގެ 'ދަ އޯޕަން ޔުނިވާސިޓީ އޮފް ކެޓަލޯނިއާ އާއި ކްރޮއޭޝިއާގެ 'ދަ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އެންޑް އިންފޯމެޓިކްސް އެންޑް ކުރޮއޭޝިއަން އެކަޑެމިކް އެންޑް ރިސާޗް ނެޓްވޯކް'އާ ގުޅިގެން ހިންގި މަޝްރޫއެއް

  • ޖުމްލަ 720،592 ޔޫރޯ (12.3 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވޭ

ތަފްސީލް - އެމްއެންޔޫއިން ބުނީ، މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހަތް ވޯކް ޕެކޭޖަކަށް ބަހާލައިގެން ހަދާފައިވާ ޕްލޭނެއްގެ ދަށުން ކަމަށެވެ. އެގޮތުން:

  • ތިން ވޯކް ޕެކޭޖެއް ތިން އަހަރަށް ދެމިގެންދިޔަ 

  • ހަތަރު ވޯކް ޕެކޭޖެއްގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަސައްކަތް ފެށުމާއި ނިންމުމަށް ވަކި ތާރީހުތަކެއް ކަނޑައަޅައިގެން

އެމެޑް މަޝްރޫއު ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)
އެމެޑް މަޝްރޫއު ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

މި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމަން ކަނޑައަޅަފައި ވަނީ އަންނަ ޖުލައި މަހު އެވެ. މި ޕްރޮޖެކްޓްގެ ދަށުން:

  • އީ-ލާނިންގެ ދާއިރާއިން ކަމަށް ބޭނުންވާ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް، މަތީ ތައުލީމު ދޭ އިންސްޓްޓިއުޓްތަކުގައި ކިޔަވައިދޭ ބޭފުޅުންނަށް ފަރުމާކޮށްގެން ޕްރޮގްރާމެއް ހިންގާފައިވޭ

  • ތައުލީމީ ދާއިރާގައި އައިސީޓީގެ ބޭނުން އިތުރުކުރުމަށް، ޕްރޮގްރާމެއް ފަރުމާކޮށް ޕައިލެޓް ޓެސްޓް ކޮށްފައިވޭ

  • އެމްއެންޔޫގެ އީ-ލާނިން ފްރޭމްވާކް އެކުލަވާލައި އައިޓީ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށްފައިވޭ

ގުޅުންހުރި ކަމެއް - މާދަމާ މި ޕްރޮޖެކްޓްގެ އެންމެ ފަހު ކޮންފަރެންސް ބާއްވާއިރު، އެ ކޮންފަރެންސް ބާއްވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ. މާދަމާ މެންދުރު 2:30 އިން ހަވީރު 4އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އީ- ލާނިންގެ ބެސްޓް ޕްރެކްޓިސްގެ ކޭސް ސްޓަޑީތަކާ ގުޅިގެންނެވެ.

މި މަޝްރޫއުގެ ދަށުން އެމްއެންއެންޔޫއަށް މައިގަނޑު ތިން ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ކަމަށް އެ ޔުނިވަސިޓީން މީގެ ކުރިން ބުނެފައިވެ އެވެ. އެއީ:

  • ހިޔާލު ބަދަލުކުރުމާއި މަޝްވަރާކުރުމުގެ ތެރެއިން މުވައްޒަފުން ބާރުވެރިކުރުމާއި ތަމްރީނުކުރުން

  • އީ-ލާނިންއާ ބެހޭ މަގުޗާޓެއް އެކުލަވާލުމާއި ވަސީލަތްތައް ދެނެގަތުމާއި ހޯދުން

  • މުވައްޒަފުން ހޭލުންތެރިކޮށް، އެ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދިނުން

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް