ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ކ) އައްޔަން ކުރެއްވި ހާއްސަ މަންދޫބު، އައްބާސް ފާއިޒް ރައީސާ ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

މޭ 6ގެ ހަމަލާ

މޭ 6 ހަމަލާގެ ތަހުގީގު ރަނގަޅަސް ފަންޑުކުރި މީހުން ނުހޯދޭތީ ކަންބޮޑުވާ ކަމަށް އައްބާސް ވިދާޅުވެއްޖެ

ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތައް ލަސް ކަމަށާއި އެކަމާ މެދު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އައްބާސް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރު ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ކުރިއަށް ގެންދިޔައީ ރަނގަޅަށް، ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށާއި އެކަމަކު އެ ހަމަލާއަށް ހަރަދުކުރި މީހުން ހޯދުމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވާ މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފަސްމަންޒަރު - ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި އާއިލީ ގެ، ގ. ކެނެރީގެއިން މޭ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ނުކުމެވަޑައިގެން ކާރަށް އަރުއްވަނިކޮށް އެ ސަރަހައްދުގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނުން ފަރުވާ ހޯއްދެވި އެވެ.

ވީ ކިހިނެއް؟ - އެ ހަމަލާއަށް މިއަދު އަހަރެއް ފުރުނު އިރު އައްބާސް އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޓެރަރިސްޓު ހަމަލާ ދިނުމާއި އެކަން ކުރަން ފަންޑު ކުރި މީހުން ހޯދަން ފުލުހުން ތަހުގީގު ކުރީ، ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ. އެކަމަކު ފަންޑު ކުރި މީހުން ހޯދުމުގައި މިހާތަނަށް ކުރިއެރުމެއް ލިބިފައި ނުވާތީ އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި އެ ތަހުގީގު ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ:

  • 1-

    ހަމަލާ ތަހުގީގު ކުރުން

  • 2-

    ހަމަލާއާ ގުޅިފައި ތިބި މީހުންނާއި ހަމަލާ ދިނުމަށް ފައިސާ ހަރަދުކުރި ގޮތް ތަހުގީގު ކުރުން

އޭނާ ވިދާޅުވި ގޮތުގައި ނަޝީދަށް ހަމަލާ ދިން މީހުން ހޯދައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅީ އެ މީހުންނާ ދެކޮޅަށް ވަރުގަދަ ދައުވާއެއް އުފުލޭ ވަރަށް މައުލޫމާތު ހޯދައިފަ އެވެ. އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ހުރިތޯ ޕީޖީ އޮފީހުން ބަލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އޭނާ ކަންބޮޑުވެ ވަޑައިގެންނެވީ، ހަމަލާގެ އަސްލު ދެނެގަތުމުގައި މުހިއްމު ރޯލެއް ކުޅޭ، އެކަމަށް ފަންޑު ކުރި މީހުން ދެނެގަނެވިފައި ނުވާތީ އެވެ.

"މިހާތަނަށް ތުހުމަތުކުރެވޭ މީހުންގެ ބޭރުން ފައިސާގެ އެހީ އާއި ހިތްވަރު ނުލިބި މިފަދަ ހަމަލާއެއް ރާވައި އަދި ދިނުމަކީ ނުކުރެވޭނެ ކަމެއް ކަމުގެ ސައްހަ ކަންބޮޑުވުންތައް ރާއްޖޭގައި އެބައުޅޭ،" އައްބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަމަލާއާ ގުޅުންހުރި އިތުރު މީހުން ތިބިތޯ ބަލައި ހަމަލާގެ ފަހަތުގައިވާ މާލީ މަގްސަދުތައް ދެނެގަތުން މި ތަހުގީގުގެ މުހިއްމު ބައެއްގެ ގޮތުގައި ދެމިއޮތުން މުހިއްމުވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

އައްބާސް ވިދާޅުވީ ފަންޑު ކުރި މީހުން ހޯދުމަށް ފުލުހުން އަދިވެސް ތަފްސީލީ އަދި ފުރިހަމަ ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ. އެ މީހުން ހޯދައި، ތަހުގީގު ކާމިޔާބުކުރުމަކީ، މިފަދަ އިތުރު ހަމަލާއަކުން، ސިޔާސީ މީހުންނާއި އާއްމުންނަށް ލިބޭނެ ރައްކާތެރިކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި އަދުހަމް ކޯޓަށް ހާޒިރު ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތައް ލަސް ކަމަށާއި އެކަމާ މެދު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އައްބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަމެއް ކަމަށާއި މި ހަމަލާގެ ޝަރީއަތްތައް އަވަސްކުރުން މުހިއްމު ކަމަށެވެ. މި ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ މެމްބަރުންނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ޝަރީއަތްތައް ލަސްވާތީ އައްބާސް މިދިޔަ ފެބްރުއަރީ މަހު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެނގުން މުހިއްމު - ބޮމުގެ ހަމަލާއާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. ނަމަވެސް އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގޮސް ނިމިފައި ވަނީ، ދައުވާއަށް އިއުތިރާފުވި އަދުހަމް އަހުމަދު ރަޝީދުގެ ޝަރީއަތް އެކަންޏެވެ.

ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި އަދުހަމް ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުވާތަކަށް އިއުތިރާފުވުމުން، އޭނާއަށް 23 އަހަރުގެ ޖަލު ހުކުމެއް ޑިސެމްބަރު 14ގައި ވަނީ އިއްވައިފަ އެވެ.

ކޮމެންޓް (1)

ޢައްބާސް

6 މޭ 2022
6 މޭގަ ވެސް، އަފުރާސިމް ގެ މަރަށް ވެސް އަދި ރިލުވާން ގެ މަރަށް ވެސް ފަންޑު ކުރި މީހުން ހޯދަން ޖެހޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް