ސާއިދު އޭނާގެ އެކުވެރިންނާ އެކު ކޮފީއެއްގައި: ކިޑްނީ ދޭނެ މީހަކު ލިބި އޭނާ މިހާރު ހުރީ ލަންކާގައި

ސާއިދު ސާބިތުކޮށްދިނީ އުއްމީދަކީ ދިރުމެއްކަން

ރަހުމަތްތެރިން ބުނާ ގޮތުގައި އުފުލި ވޭންތަކާ އެކު ވެސް އޭނާ ގެންދިޔައީ މަސައްކަތްކުރަމުން

ރަޝިޔާގައި 2018 ގައި އޮތް ވޯލްޑް ކަޕަށް ޕީއެސްއެމްގެ ސްޕޯޓްސް ޓީމުން އައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ އެފަދަ ކަވަރޭޖެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ސާއިދު އަހުމަދުގެ ހުވަފެންތައް އަދި މާ މައްޗެވެ. އެކަމަކު ވޯލްޑް ކަޕް ފެށެން މަހެއްހާ ދުވަހަށް ވެފައި އޮއްވާ އޭނާއަށް ޑޮކްޓަރުން ދިނީ އެ ހިތާމަވެރި ހަބަރެވެ. ދެ ކިޑްނީ ވެސް ފެއިލްވުމުގެ ހަގީގަތާ އެކު، ސިއްހަތު ނުރައްކަލުގެ ތެރެއަށް ވެއްޓުމުން ޒުވާން ނޫސްވެރިޔާއަށް ގެއްލުނީ ވޯލްޑް ކަޕްގެ ކަވަރޭޖް އެކަންޏެއް ނޫނެވެ.

އޭނާގެ މުޅި ދުނިޔެ ވެސް އެކޮޅުކޮޅުން ޖެހުނީ އެވެ.

"އޭނާ އެންމެ ބޮޑަށް ދެރަވީ ކުރިއަށް ދާން ލިބުނު ފުރުސަތުތަކަށް ވަރަށް ބޮޑު މަޑުޖެހުމެއް އައިމާ. އޭނާ އުއްމީދުތަކަށް އެކަމުން ހުރަސް އެޅިގެން ދިޔަ،" ސާއިދާ އެކު ޕީއެސްއެމްގެ އިސް ޕްރެޒެންޓަރެއްގެ ގޮތުން އޭރު މަސައްކަތްކުރި ހަފުސީ އަބްދުﷲ ބުންޏެވެ.

ނޫސްވެރިއެއްގެ ގޮތުގައި ދުށް ހުވަފެންތަކާއި ހަޔާތުގެ މުޅި މިސްރާބު ބަދަލުކޮށްލި ސިއްހީ އެ މައްސަލާގައި މިދިއަ ހަތަރު އަހަރު ސާއިދު ހޭދަކުރީ ހިތްވަރުގެ ދުވަސްތަކެކެވެ. އޭނާގެ ރަހުމަތްތެރިން ސިފަކުރި ގޮތުން ނަމަ އޭނާ ސާބިތުކޮށްދިނީ 'އުއްމީދަކީ ދިރުމެއް' ކަމެވެ. ހަފުސީގެ އިތުރުން ޕީއެސްއެމްގައި މަސައްކަތްކުރި އެކުވެރިންނާއި ގާތް އެހެން ބައެއް މީހުންނަށް އޭނާ ދައްކަމުން އައީ ހަޔާތާ މެދު އުއްމީދު ކަނޑާނުލާނެކަމުގެ ސާބިތުކަމެވެ. ގިނަ ޝަކުވާތައް ހިތު ތެރޭގައި ފޮރުވައިގެން ހުރެ، އޭނާ ފެނުނީ ހިނިތުންވުމުގަ އެވެ.

ސޯދިގު (ކ) އާއި ސާއިދު: އެހާ ހިތްވަރު ގަދަ މީހުން މަދުވާނެ ކަމަށް ސޯދިގު ދެކޭ

ފުރަތަމަ ދުވަހުން ފެށިގެން ކިޑްނީއެއް ދޭނެ މީހެއް ވޭތޯ ކުރި މަސައްކަތް އެންމެ ފަހުން ކާމިޔާބުވެ، މިއަދު ސްރީ ލަންކާގައި އެ މުހިންމު އޮޕަރޭޝަނަށް ގޮސް ސާއިދު ހުރި އިރު، މާލޭގައި ތިބި އެކުވެރިން އާކުރީ އޭނާގެ ހިތްވަރު ގަދަކަމުގެ ހަނދާންތަކެވެ.

"އެއީ އެއްކޮށް މަސައްކަތްކުރި ރަހުމަތްތެރިންގެ ތެރެއިން އެންމެ ހިތްވަރު ގަދަ އެކެއްގެ ގޮތުގައި ފާހަގަކުރެވެނީ،" ޕީއެސްއެމް ސްޕޯޓްސްގެ ކުރީގެ ހުށައެޅުންތެރިޔާ އަދި މިހާރު ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވި އެވެ.

ކުރިން ޕިއެސްއެމްގެ ސްޕޯޓްސްގެ އިސް އެއް ހުށައެޅުންތެރިޔާ އަބްދުﷲ އަޒުމީން ބުނި ގޮތުގައި ޑައިލަސިސް ހެދުން ފަދަ ބޮޑު ވޭނެއްގައި އެހާ ދުވަހު އުޅެމުން ސާއިދު ކުރިއަށް ދިޔައީ "މަސައްކަތުގެ މާހައުލުން ދިމާވި ދަތިތަކާއި އުނދަގޫތަކަށް ވެސް ވަރަށް ބޮޑަށް ބަލައިގެން"ނެވެ.

ކިތައްމެ ބޮޑު ބައްޔެއް ވިޔަސް ހެއްދެވި ފަރާތް ހަނދުމަކޮށް ކުރިއަށް ދިޔައިމާ ކާމިޔާބުވާނެކަން އޭނާ ސާބިތުކޮށްދިނީ

މުހައްމަދު ސޯދިގު، ގާތް އެއް ރަހުމަތްތެރިޔާ

"އޭނާގެ ހިތްވަރުން ކޮޅަށް އެހުރީ މިދިއަ ހަތަރު އަހަރު،" އަޒުމީން ބުންޏެވެ.

އެންމެ ކައިރިން މަސައްކަތްކުރި އެކުވެރިން އެންމެ ފާހަގަކުރި އެއް ކަމަކީ އެހާ އުނދަގޫ ހާލަތުގައި ވެސް އެކަން ނުދައްކައި، ކުރަމުން އައި މަސައްކަތެވެ. ހަފުސީ ސިފަކުރި ގޮތުން ނަމަ ސާއިދަކީ 'ކުރާ ކަމެއްގައި 100 ޕަސެންޓް ދޭ މީހެކެ"ވެ.

"ޓީމު ވޯކް ރޭޓް ވަރަށް ހައި މީހެއް. ކޮމެންޓްރީ ދޭން ފެށީ ވެސް އަމިއްލައަށް. އެކަން ވެސް އޭނާ އެހާ ރަނގަޅަށް ކުރާނެ،" ހަފުސީ ބުންޏެވެ.

40-30 މީހުންގެ ފަހުން...

ސާއިދުގެ ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން އޭނާ ދިރިހުރުމަށް ކުރަމުން އަންނަ އުއްމީދުތައް އެނގޭނެ އެވެ. އިންސާނަކަށް ވީތީ އެހެން އިންސާނެއްގެ ފަރާތުން ލިބުން އެދޭ އެހީތަކެއް ހުރިކަން އިހުސާސްކުރެވޭނެ އެވެ. އޭނާގެ ގާތް ރަހުމަތްތެރިން ބުނި ގޮތުގައި ކިޑްނީ ދޭން އެންމެ ފަހުން ސާއިދުއާ ދިމާވި ނުދަންނަ އެ ޒުވާނާގެ ކުރިން 30-40 ވަރަކަށް މީހުންގެ ފަރާތުން އެކި އުއްމީދުތައް ލިބި ވާހަކަ ދެކެވިފައި ހުންނާނެ އެވެ. އޭގެ ތެރެއިން ކިޑްނީ ދީފާނެކަމުގެ ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް އުފެދުނު ލިސްޓްގައި ސާއިދު ހިމަނަނީ 14 މީހެކެވެ. ސްރީ ލަންކާއަށް އޭނާއާ އެކު އެކަން ފުރިހަމަކޮށްދޭން އެ ފުރީ އެ ލިސްޓްގެ 15 ވަނަ މީހާއާ އެކު އެވެ.

ސާއިދަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމުގެ އުއްމީދުގައި އޭނާގެ އުފަން ރަށް ގދ. ތިނަދޫގެ ޒުވާނުންކޮޅެއް އެކުވެގެން ހިންގި 'ލެޓްސް ހެލްޕް ސާއިދު' ހަރަކާތް ފާހަގަކޮށްލެވެ އެވެ. ޑޯނާއެއް ހޯދުމާއި އޮޕަރޭޝަނާއި އޮޕަރޭޝަނަށް ފަހު ހޭދަވާ ދުވަސްތަކަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރަން މުހިންމު ރޯލެއް އެ ގްރޫޕުން އަދާކުރި އެވެ. އެކަމަކު އެހާ ހިސާބަށް ދަންދެން ވެސް ސާއިދު ކުރި ހިތްވަރާއި އާ ދުވަހަކަށް އާ އަލިކަމެއް ފެންނާނެކަމުގެ އުއްމީދުގައި ހުރި ހުރުން، ގާތް ރަހުމަތްތެރިން ފާހަގަކުރަނީ މިސާލެއް ފަދައިންނެވެ.

އެންމެ ފަހުން ސާއިދުއާ އެކު އޮޕަރޭޝަނަށް ފުރަން ކުރިމަތިލި ޒުވާނާގެ އެ ނިންމުން، އެ ރަހުމަތްތެރިން ނަގަނީ، އިންސާނިއްޔަތުކަމުގެ އާދަޔާ ހިލާފު ގުޅުމެއްގެ ގޮތުގަ އެވެ.

ހަފުސީ (ކ) އާއި ސާއިދު، ލަންކާއަށް ފުރުމުގެ ކުރިން އެއާޕޯޓްގައި

"ޑޯނާއަކީ ކާކުކަން ހާމަކުރާކަށް އޭނާ ވެސް ބޭނުމެއް ނުވޭ. އަސްލު އަހަރެމެން ވެސް ނާހަން އެއީ ކާކުތޯ ވެސް،" ހަފުސީ ބުންޏެވެ.

"އެއީ އެ ޒުވާނާ އިންސާނިއްޔަތުކަމުގެ ގޮތުން ކޮށްދޭ ކަމެއް."

ހަޔާތުގެ އެންމެ ހިތްދަތި ހަބަރު ސާއިދަށް ލިބުނީ ވޯލްޑް ކަޕް ފެށެން އޮއްވަ އެވެ. އަދި ހަޔާތުގެ އުއްމީދި އާ ދަތުރަކަށް އޭނާ އެ ދިޔައީ އަނެއް ވޯލްޑް ކަޕަށް ދުވަސްތައް ގުނަމުން ދަނިކޮށެވެ. މިފަހަރު ވެސް އޭނާއަށް ވޯލްޑް ކަޕްގެ ކަވަރޭޖް ގެއްލުން ކައިރި އެވެ. އޮޕަރޭޝަނަށް ފަހު އެނބުރި ރާއްޖެ އަންނަން ސާއިދު ބޭނުންވަނީ، ގާތް އެކުވެރިން ބުނާ ގޮތުގައި، އަށެއްކަ މަސް ފަހުންނެވެ.

"ހުރިހާ ކަމެއް ބަރާބަރު ވަންދެން ލަންކާގައި ހުންނަން ސާއިދު ބޭނުންވަނީ،" ހަފުސީ ބުންޏެވެ.

ސާއިދަކީ އަދި 33 އަހަރުގެ ޒުވާނެކެވެ. އޭނާގެ ދިރިއުޅުން ކުރިއަށް އޮތީ އެވެ. އެހެންކަމުން ކިޑްނީ ލައްވައިގެން ސިއްހަތު ހަމަޔަކަށް އެޅުމުން އޭނާގެ ނޫސްވެރިކަމުގެ ހަޔާތަށް ވެސް އާ ދިރުންތަކެއް އަންނާނެ އެވެ. އެ ދުވަހަކަށް ރަހުމަތްތެރިން ތިބީ ދުއާކޮށްކޮށެވެ.

"ފާހަގަކުރަން ޖެހޭ ކަމަކީ ސާއިދަކީ އެހެން ހުރިހާ އެންމެންނަށް ނަމޫނާއެއްކަން،" ސޯދިގު ވިދާޅުވި އެވެ.

"ކިތައްމެ ބޮޑު ބައްޔެއް ވިޔަސް ހެއްދެވި ފަރާތް ހަނދުމަކޮށް ކުރިއަށް ދިޔައިމާ ކާމިޔާބުވާނެކަން އޭނާ ސާބިތުކޮށްދިނީ."

އިތުރަށް ކިޔާލަން 

ކޮމެންޓް (1)

މާއިން

9 މޭ 2022
އިންޝާ ﷲ ރަގަޅު ވާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް