ސާއިދު: ބަލީގައި އެންމެ ހިތްމަރުވީ، އާއިލާ އާއި ރަހުމަތްތެރިން އޭނާއާ މެދު އަމަލު ކުރި ގޮތުން ކަމަށް ސާއިދު ބުނޭ (ފޮޓޯ/ލެޓްސް ހެޕް ސާއިދު ޓީމް)

ސާއިދުގެ ވޭނީ ހަތަރު އަހަރުން ކެއްސާއި އުއްމީދު

ސާއިދު ބުނިގޮތުގައި ދެ ކިޑްނީ ފެއިލްވެ، މީހުންގެ ލޯތްބާއި އޯގާތެރިކަމަށް ބޭނުންވި އިރު އާއިލާ އާއި ރަހުމަތްތެރިން އޭނާ ބާކީކޮށްލީ؛ ކިޑްނީ ދޭނަމޭ ބުނެ، އެތައް ބަޔަކު ލަނޑުދިން
21 ފެބްރުއަރީ 2022
2

ސާއިދު އަހުމަދު ކޮންމެ ދުވަހަކު ވެސް ހޭލަނީ އުފާވެރި، ރަނގަޅު ހަބަރެއްގެ އިންތިޒާރުގަ އެވެ. ދެ ކިޑްނީ ފެއިލްވެ، ޑޯނަރެއް ހޯދުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބި، ބަލިން ޝިފާ ލިބިދާނެ ކަމުގެ އުއްމީދުގަ އެވެ. އެއް ދުވަހު ޑޯނަރެއް ލިބިއްޖެ އެވެ. އެކަމަކު ވަރަށް އުއްމީދާ އެކު އޭނާއާ ބައްދަލުކުރުމުން ފުރަތަމަ ވެސް ކީ ކިޑްނީއަށް އަގެކެވެ؛ 900،000ރ. އެވެ.

މިއީ އާއިލާގެ އެހީތެރިކަމެއް ނެތި، އެކަނިމާއެކަނި ބައްޔާ ހަނގުރާމަ ކުރާ ސާއިދު، 33، އަށް ކުޅަދާނަ މިންވަރެއް ނޫނެވެ. އޭނާ ސުވާލު ކުރެ އެވެ؛ އިންސާނެއްގެ ގުނަވަނެއް އަގު އެ ކުރަނީ ކިހިނެއްބާވަ އެވެ؟ 

މީގެ ހަތަރު އަހަރު ކުރިއްސުރެ ބައްޔާ ހަނގުރާމަ ކުރަމުން އަންނަ ޓީވީއެމްގެ ކުޅިވަރު ނޫސްވެރިޔާއަށް މިފަދަ 14 މީހުންނާ ދިމާވެއްޖެ އެވެ. ކިޑްނީ ދޭނެ ކަމަށް ބުނުމުން، އެއިން ކޮންމެ މީހަކާ ސާއިދު ބައްދަލު ކުރަނީ، އެއީ އޭނާ ދިރިހުންނަން އެހީވެދޭނެ މީހާ ކަމުގެ އުއްމީދުގަ އެވެ. އޭނާ އެ މީހުންނާ އެކު ގިނަ ވަގުތުތަކެއް ހޭދަ ކުރެ އެވެ. އެކަމަކު ވަރަށް ގިނަ ވާހަކަތަކަށް ފަހު، ކްރޮސްމެޗު ދިމާވޭތޯ ބެލުމަށް ޓެސްޓު ކުރަން އޮންނަ ދުވަހު ގިނަ މީހުން ފިލަނީ އެވެ. ގުޅީމައި ފޯނެއް ނުނަގަ އެވެ. ދެން ތިބި މީހުން ޓެސްޓު ހެދުމަށް ފަހު ގެއްލެނީ އެވެ. ނުވަތަ އާއިލާގެ މީހަކު ނުގަބޫލުވެގެން ކަމަށް ބުނެ، ދަނީ އެވެ.

އަނެއްކާވެސް ސާއިދުގެ އުއްމީދުތައް ފުނޑުފުނޑުވީ އެވެ.

އެކަމަކު ސާއިދު ބުނިގޮތުގައި އޭނާގެ ހިތްވަރު ބަލިކޮށްލައި މާޔޫސްކޮށްލީ ކިޑްނީ ދީފާނަމޭ ބުނި މީހުން އެކަންޏެއް ނޫނެވެ. 

އަހަންނަށް އެނގިއްޖެ އިންސާނަކު ބަދަލުވާން ބޭނުން ވަނީ ކިހާ މަދު ވަގުތުކޮޅެއްކަން. އިއްޔެ ހެވިފައި ވާހަކަ ދެއްކި މީހުން، އެންމެ ބޭނުން ޖެހޭ ވަގުތަކު ނުތިބޭކަން،

ސާއިދު

އުއްމީދު ކުރި ދިރިއުޅުންވީ ސުންނާފަތި

ސާއިދު ބަލިވީ ކުއްލިއަކަށެވެ. ނޫސްވެރިއެއްގެ ގޮތުންނާއި ޓީވީ ޕްރެޒެންޓަރެއްގެ ގޮތުން ގިނަ ބަޔަކަށް ފެނިދެނިވެ، ގިނަ ބައެއްގެ ތެރޭގައި އުޅެނިކޮށެވެ. ހަތަރު އަހަރު ކުރިން، 2018 ވަނަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި މާގަދައަށް ހުން އައިސް، ކުޑަކަމުދާއިރު ލޭ އަންނާތީ ގޮސް ޓެސްޓުތައް ހެދި އިރު ކިޑްނީ މަސައްކަތް ކުރަނީ %13 އަށެވެ. އޭގެ މަހެއްހާ ދުވަސް ކުރިއްސުރެ އޭނާ އުޅުނީ ވަރުބަލިވެ، އެއްގޮތަކަށް ވެސް ކާހިތް ނުވާތީ އެވެ.

އެންމެ ހަފުތާއެއްގެ ތެރޭގައި ހާލަތު އިތުރަށް ގޯސްވި އެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ، އިންޑިއާގެ އެންޔޫ ހޮސްޕިޓަލަށް ދިޔައިރު، ހާލު ސީރިއަސްވެ، ތިން ހަފުތާ ވަންދެން އައިސީޔޫގައި ފަރުވާ ދޭން ޖެހުނެވެ.

އިންޑިއާގައި ތިން މަސް ދުވަސް ހޭދަ ކުރުމަށް ފަހު ސާއިދު އެނބުރި މާލެ އައީ އޭނާއަކީ ކިޑްނީ ފެއިލްވެފައިވާ ބަލި މީހެއްކަން ގަބޫލުކޮށްގެންނެވެ. ބައްޔާ އެކު ވެސް ކުރިންހެން، އާދައިގެ ދިރިއުޅުމެއް އުޅެވިދާނެ ކަމުގެ ހީގަ އެވެ. ދެން ނަގަން އޮތް ނަގަން އޮތް ރާޅު އޭނާއަށް ވަޒަން ވެސް ނުކުރެވެ އެވެ. 

ސާއިދު އޭނާގެ ޑަޔަލިސިސް ހެދުމަށް އެހީވި ނަރުހަކާ އެކުގައި: އިންސާނިއްޔަތުކަމުގެ ނަމޫނާ ބައެއްގެ ގޮތުގައި އޭނާ އެ ނަރުހުން ފާހަގަ ކުރޭ (ފޮޓޯ/ލެޓްސް ހެޕް ސާއިދު ޓީމް)
ސާއިދު އޭނާގެ ޑަޔަލިސިސް ހެދުމަށް އެހީވި ނަރުހަކާ އެކުގައި: އިންސާނިއްޔަތުކަމުގެ ނަމޫނާ ބައެއްގެ ގޮތުގައި އޭނާ އެ ނަރުހުން ފާހަގަ ކުރޭ (ފޮޓޯ/ލެޓްސް ހެޕް ސާއިދު ޓީމް)

ސާއިދު ކިޔައިދިން ގޮތުގައި، އޭނާ އެނބުރި މާލެ އައުމާ އެކު ކުރިމަތިވީ ސުންނާފަތި ދިރިއުޅުމެކެވެ.

ކިޑްނީ ބަދަލު ކުރުމަށް އާއިލާގެ ހަތް މީހަކު މެޗުވި ނަމަވެސް ގޭގެ އެންމެ ހަގު މީހާއަށް ކިޑްނީ ހަދިޔާ ކުރާނެ މީހެއް ކަނޑައެއް ނޭޅުނެވެ. ސާއިދުގެ ބަހުން ނަމަ އެއްވެސް މީހަކަށް އެކަން މުހިއްމެއް ނުވި އެވެ. އެ ދުވަސްތަކުގައި އިތުރަށް އޭނާ ނަފްސާނީ ގޮތުން ބަލިކަށި ކޮށްލީ، އެކުގައި އުޅުނު ރައްޓެހިން ގެއްލުމުންނެވެ.

އަހަންނަށް ދަސްވެއްޖެ ތިމާ ދިރިހުންނަން، އުފާވެރި ދިރިއުޅެއް ހޯދަން ތިމާ ނުކުރި މަސައްކަތެއް އެހެން މީހަކު ނުކުރާނެކަން. 

ސާއިދު އަހުމަދު

މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ ސާއިދަކީ ކުރިން ރައްޓެހިން ގިނަ މީހެކެވެ. އޭނާ ބުނިގޮތުގައި ކޮންމެ ދުވަހަކު ވެސް، ހަތަރު ފަސް ރައްޓެހިންނާ ދިމާކޮށް، ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވެ އެވެ. އެކަމަކު ބަލި އެނދަށް ވެއްޓުމުން، ބަރާބަރު އަށް މަސް ތެރޭގައި، އޭނާގެ %90 ރައްޓެހިން ގެއްލިއްޖެ އެވެ. ވަރަށް މަދު މީހަކު ނޫނީ ގުޅައެއް ނުލަ އެވެ. ކައިވެނި ނިމުމަކަށް އައިސް، ދިރިއުޅުން ހަމަ ސުމަކަށް ވެއްޓުނެވެ.

"ބުނޭ ދޯ އިމްތިހާނެއްގެ ތެރޭގައި އުޅޭއިރުއޭ މީހުންގެ ހަގީގަތް އެނގޭނީ؟ ފެމެލީ ތެރެއިން ވެސް އަހަންނަށް ލިބުނު މެސެޖަކީ އެ މީހެއްގެ ކަމަކާ އުޅޭނީ އެ މީހެކޭ. އެ މީހެއްގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރާނީ އެ މީހަކު އަމިއްލައަށޭ،" ސާއިދު ބުންޏެވެ.

"އެ ހިސާބުން ދެން އާދަޔާހިލާފު ހިތްވަރެއް ލިބުނީ މި ކަމުގައި ކުރިއަށް ދާން."

ކިޑްނީ ދޭނަމޭ ކިޔާފައި 'ދިނީ ކެހި'

ސާއިދު ބުނިގޮތުގައި ކިޑްނީއެއް ހަދިޔާ ކުރާނެ މީހަކު ހޯދައި، ބަލީގައި ކާމިޔާބު ހޯދަން އޭނާ ނުކުތީ އެކަނިމާ އެކަންޏެވެ. 

ސޯޝަލް މީޑިއާގައި އޭނާގެ ބަލި ހާލަތާއި ދިރިހުރުމަށް ކުރާ އުއްމީދުތައް ކިޔައިދޭން ފެށުމުން، ކިޑްނީ ހަދިޔާ ކުރަން މީހުން އޭނާއަށް ގުޅި އެވެ. ގިނަ މީހުންގެ މަގްސަދު އޭރު މަތިވެރި އެވެ؛ ބޭނުމީ ސާއިދަށް އެހީވުމެވެ.

ކިޑްނީ ހަދިޔާކުރާނަމޭ ބުނާ މީހަކު ލިބުމުން، އެއިން ކޮންމެ މީހަކާ ވެސް ސާއިދު ބައްދަލު ކުރީ އުއްމީދާ އެކު އެވެ. ކޮފީ މޭޒުމަތިން ބައްދަލުކޮށް، ސާއިދު އެ މީހުންގެ މަގްސަދު އޮޅުންފިލުވި އެވެ. އާއިލާގެ މީހުންގެ ރުހުން އޮތްތޯ ބެލި އެވެ. ދެން ކުރިއަށް ދާނެ ގޮތާ ގުޅޭގޮތުން އެތައް ގަޑިއިރުތަކެއް ވާންދެން މަޝްވަރާ ކުރި އެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އޭނާގެ ސިކުނޑި ވިސްނައިދިނީ، އެއީ އޭނާއަށް އެހީވާން ހުރި މީހާ ކަމަށެވެ. އެ މީހުން ވެސް ސާއިދަށް ދިނީ އެ އުއްމީދެވެ.

ހުރިހާ މަޝްވަރާތަކަށް ފަހު، ކިޑްނީގެ ހާލަތު ބެލުމާއި އެހެން ޕްރޮސީޖާތައް ކުރިއަށް ގެންދަން ޓެސްޓު ކުރުމުގެ ދުވަސް އައިސް ޖެހެ އެވެ؛ އެކަމަކު ގިނަ މީހުން ފޯނެއް ނުނަގަ އެވެ. ފޯނު ނެގި މީހަކު ވިއްޔާ އެންމެ ފަހު ވަގުތު ދެއްކީ އުޒުރެވެ.

"މި 14 ޑޯނަރުންގެ ތެރެއިން ފަސް މީހަކު ފިޔަވައި އެހެން އެންމެން ވެސް ދިނީ ހަމަ ކެހި،" ސާއިދު ކިޔައިދިނެވެ.

"ޓެސްޓު ހަދަން ނިންމަނީ، ވަރަށް ގިނަ ވާހަކަތަކެއް ދެއްކުމަށް ފަހު އެކަމަށް ފެހި ސިގްނަލް ދިނުމުން. އެކަމަކު އެންމެ ފަހު ވަގުތު އެ މީހުން ދިނީ ލަނޑު."

ސާއިދު (ކ-3) އޭނާއަށް އެހީވެދޭ، 'ލެޓްސް ހެލްޕް ސާއިދު'ގެ ޓީމާ އެކުގައި

ކިޑްނީ ހަދިޔާ ކުރަން ބައްދަލު ކުރި މީހުންގެ ތެރެއިން ބައެއް މީހުން، ވަރަށް ބޮޑު އަގުގައި ކިޑްނީ ވިއްކާލަން ވެސް ހުށަހެޅި އެވެ. ދިރިއުޅުމަށް ފައިސާ ހޯދަން ޖެހޭނެ ކަމަށް ބުނެ، ލައްކައިން އަގު ކިޔެވެ. އެކަމަކު އެ މީހުންނަށް އޭނާ ބުނެދިނީ، "ކިތަންމެ ބޮޑު އަގެއް ކިޔަސް، ބޮޑު ކަމަކަށް ޑިމާންޑެއް ކުރިޔަސް، ބަދަލުގައި ދެވޭނެ އެއްޗެއް އަތުގައި ނެތް" ކަމެވެ.

ކިޑްނީ ދޭނެ ކަމަށް ބުނެ ބައްދަލުކޮށް، ފަހު ވަގުތު ލަނޑުދިން ނަމަވެސް، ދެން ވެސް ސާއިދު އުއްމީދު ކަނޑައެއް ނުލަ އެވެ. އޭނާ އަބަދުވެސް ގަބޫލު ކުރީ، މާދަމާ ރަނގަޅު ވާނެ ކަމަށެވެ. މާދަމާ ޑޯނަރެއް އަދި ކިޑްނީ އެއްވެސް ލިބޭނެ ކަމަށެވެ.

އެކަމަކު އެކަނިމާ އެކަނި އެފަދަ ހަނގުރާމައެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި 530 ފަހަރު އޭނާ ޑަޔަލިސިސް ހެދި އެވެ. ފުރަތަމަ ތިން އަހަރު، ދެ ދުވަހުން އެއް ދުވަހު އެކަން ކުރި އެވެ. ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރު އެނދުމަތިވެގެން އޮންނަން ޖެހެ އެވެ. އެ ދުވަސްތަކުގައި ހާލު ގޯސްވެގެން ތިން ފަހަރު އައިސީޔޫގައި އެޑްމިޓް ކުރި އެވެ. ކިޑްނީ ހަދިޔާ ކުރުމަށް 14 ޑޯނަރުން ހޯދައި، އެ އެންމެން އަތުން ދޫވި އެވެ.

އެކަމަކު އޭރު ވެސް އޭނާ ގަބޫލުކުރަމުން އައީ، މާދަމާ އިރު އަރާއިރު އަނެއްކާވެސް ރަނގަޅުވާނެ ކަމަށެވެ.

އެންމެ ފަހުން ޑޯނަރެއް ލިބި ފުރަން ތައްޔާރު

ސާއިދުގެ އުއްމީދުގެ ހުޅުކޮޅު ރޯވީ، ބަލީގެ ތިންވަނަ އަހަރު އުފަން ރަށް، ގދ. ތިނަދޫގެ އެކުވެރިންތަކެއް އޭނާގެ އަތުގައި ހިފުމުންނެވެ. 'ލެޓްސް ހެލްޕް ސާއިދު'ގެ ނަމުގައި ސޯޝަލް މީޑިއާގައި ފުޅާކޮށް ހިންގި ކެމްޕޭނުން، މި އަހަރު އޭނާއަށް 15 ވަނަ ޑޯނަރަކު ލިބުނެވެ. އެ ޒުވާނާއާ ކްރޮސްމެޗު ވެސް ދިމާވި އެވެ.

ހިލޭ ސާބަހަށް ކިޑްނީ ހަދިޔާ ކުރި ޑޯނަރާ އެކު، އޮޕަރޭޝަން ކުރުމަށް އަންނަ ހޮނިހިރު ދުވަހު ސާއިދު އިންޑިއާއަށް ފުރާނެ އެވެ. ހަތަރު އަހަރަށް ފަހު އޭނާގެ ހުރިހާ ތަކުލީފަކަށް ނިމުން އައުމުގެ ހަގީގީ ފުރުސަތެއް ލިބުނީ އެވެ.

އެކަމަކު ސާއިދު ބުނިގޮތުގައި އެއީ ވޭން ހުރި ހަތަރު އަހަރެވެ. ފުރާނަ ސަލާމަތް ވާނެ ކަމުގެ އުއްމީދު އާވި އިރު، ދުނިޔެއާ މެދު އޭނާ ދެކޭ ގޮތް ބަދަލުވެއްޖެ އެވެ. ސާއިދުގެ ބަހުން ނަމަ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދުނިޔޭގެ "ކުލަ" އޭނާއަށް ދަސްވެއްޖެ އެވެ.

ހަތަރު އަހަރަށް ފަހު ކިޑްނީގެ އޮޕަރޭޝަން ކުރުމަށް އަންނަ ހޮނިހިރު ދުވަހު ސާއިދު ފުރާނެ

"އަހަންނަށް އެނގިއްޖެ އިންސާނަކު ބަދަލުވާން ބޭނުން ވަނީ ކިހާ މަދު ވަގުތުކޮޅެއްކަން. އިއްޔެ ހެވިފައި ވާހަކަ ދެއްކި މީހުން، އެންމެ ބޭނުން ޖެހޭ ވަގުތަކު ނުތިބޭކަން،" ސާއިދު ކިޔައިދިނެވެ. 

"އަހަންނަށް ދަސްވެއްޖެ ތިމާ ދިރިހުންނަން، އުފާވެރި ދިރިއުޅެއް ހޯދަން ތިމާ ނުކުރި މަސައްކަތެއް އެހެން މީހަކު ނުކުރާނެކަން." 

ކޮމެންޓް (2)

އިބްރާހިމް

21 ފެބްރުއަރީ 2022
ހިތްވަރުގަދަ ހަމަ ނަމޫނާއެއް. ކެއްތެރިކާމާއެކު ތިކުރީ ޖިހާދެއްކަން ގާއިމު
15 0

ނައްވިރު

21 ފެބްރުއަރީ 2022
އިންސާނިއްޔަތަށްޓަކައި ކުރާކަންކަމަށްވެސް އެންމެންގެ ރުހުން ނުލިބޭނެ ކަން ދުނިޔެމަތިން ހާމަވެގެންދެ.. އެހީތެރިކަމުގެ އަތް ދިއްކޮށްލާ ފަރާތައް ހުރަސް އަޅާ އެތައްބަޔަކުވޭ... ތިބާ ރަނގަޅު ސިއްހަތަށް އެދޭ ފަދައިން އަނެކާގެ ސިއްހަތަށް އެހީތެރިވާ ފަރާތްތަކަށް ހުރަސް ނާޅުއްވާ..ﷲ ކުޅަދުންވަންތަ ކަމާއެކު އިންސާނާ ހަށިގަނޑު ގައި ދެ ކިޑްނީ އޮވެފައި އޭގެން އެކަތިންވެސް ދުނިޔޭގައި ދިރިއުޅެވޭނެހެން އިންސާނާ ހަށިގަނޑު ގައި ކަންތައްތައް ރޭވިފައިވަނީ ވެސް އިންސާނުން އިމްތިހާނު ކުރެއްވުމަށް
16 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް