އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (ކ) އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިމްތިޔާޒް ފަހުމީ.

ފައްޔާޒާއި އިމްތިޔާޒު ޗެއާޕާސަންގެ ރޭހަށް ރަސްމީކޮށް ނުކުންނަވައިފި

އިންތިހާބަށް ކުރިމަތިލެއްވުމުގެ ގޮތުން ފައްޔާޒު މިއަދު ފޯމު ހުށަހެޅުއްވިއިރު، އިމްތިޔާޒް ވަނީ އިއްޔެ ރޭ ފޯމު ހުށަހަޅުއްވާފައި
17 ފެބްރުއަރީ 2022

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ފޯމު ހުށަހަޅުއްވައި އިންތިހާބީ ރޭހަށް ނިކުންނަވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒް ރަސްމީކޮށް ކުރިމަތިލެއްވީ އިއްޔެ ރެ އެވެ. އަދި ފައްޔާޒު ފޯމު ހުށަހެޅުއްވީ މިއަދެވެ.

ތަފްސީލު - ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވަން އަންނަ އޭޕްރީލް 16ގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ފައްޔާޒު ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް، އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުމެވެ. އަދި ޗެއާޕާސަންގެ އިންތިހާބާ އެކު އެ ޕާޓީ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ ކޮރަޕްޝަނާއި ފަސާދަ ނައްތާލައި ހެޔޮ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަކީ، އެމްޑީޕީގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް، އޭނާ ވެސް ގެންގުޅުއްވާ ފަލްސަފާ ކަމަށެވެ.

"އަޅުގަނޑުމެންގެ މައިގަނޑު ފިލޯސަފީއަކީ ޑިމޮކްރެޓިކް ވެއްޓަކާއި ރޫލް އޮފް ލޯ އާއި މި ކަހަލަ ކަންތައްތަކެއް. އޭގައި އަޅުގަނޑުމެން އެންމެން ވެސް ގާތްގަނޑަކަށް އެކައްޗެއް ކިޔާނެ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް، އިމްތިޔާޒް ވަނީ އެމްޑީޕީގެ ތަރުޖަމާނުކަމުން ވެސް އިއްޔެ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އެ މަގާމުގައި 10 އަހަރު ހުންނެވި އެވެ.

އިމްތިޔާޒް 'ދައުރު'އަށް ވިދާޅުވެފައިވާ ގޮތުގައި، އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީ "އޭގެ އަސްލަށް ރުޖޫއަކުރާ"ށެވެ.

"މިއީ ވަރަށް ގިނަ ބައެއްގެ ވިންދާ ގުޅިފައިވާ ވަރަށް ޕްރިންސިޕަލް ބޭސްޑް ޕާޓީއެއް. އެކަމަކު މިފަހަކަށް އައިސް ޕާޓީ އޭގެ އަސްލުތަކާ ދުރަށް ދާ ތަން، ދުރުވާ ތަން އެބަ ފެނޭ. މިކަހަލަ އިހުސާސްތަކެއް އަޅުގަނޑަށް ކުރެވެން ފެށީމާ މި ނުކުތީ. އެ މާޔޫސްކަމުގައި އެތައް ބަޔަކު ޕާޓީއާ ފެޔަށް ވެސް އެބަ ޖެހޭ. އަޅުގަނޑު މި ނުކުތީ އެމްޑީޕީ އޭގެ އަސްލަށް ރުޖޫއަކުރަން. އެ މީހުންނަށް އުންމީދު ހޯދައިދޭން. އެ ފޯރި، އެ އުސޫލުތައް އަނބުރާ ގެންނަންް،" އިމްތިޔާޒް ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް