އެމްޑީޕީ

އިންތި ގަދަ، ޕާޓީ ހިންގާލަން އަޅުގަނޑު މާ ގަދަވާނެ: ފައްޔާޒު

ފައްޔާޒު ވިދާޅުވަނީ ޗެއާޕާސަން ހޮވުމުގައި ރައީސް ސޯލިހާއި ނަޝީދާ ދެމެދު 'ރައިވަލްރީއެއް' ނެތް ކަމަށް
17 ފެބްރުއަރީ 2022
1

"ސަރުކާރުގެ ބައެއް އިދާރާތައް އަދިވެސް އެބަ ހިންގާ އެކްސެލް ޝީޓަކުން."

މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ފޯރަމެއްގައި ޕެނަލިސްޓެއްގައި ގޮތުގައި ބައިވެރިވެވަޑައިގެން ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވީ ސަރުކާރުގެ އެތެރޭގެ ހިންގުމުގައި އަދިވެސް ގެންގުޅޭ "ބޯދާ ވިސްނުން" ހާމަކުރެއްވުމުގެ ގޮތުންނެވެ. މިއޮތް ފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނުގައި، ކޮންމެ ކަމަކަށް އެޕަކާއި ސޮފްޓްވެއާއެއް ލިބެން ހުރި ޒަމާނެއްގައި ސަރުކާރު ހިންގުން ފަދަ މުހިންމު ކަމަކަށް އެކްސެލް ކަހަލަ "އާދައިގެ" އެއްޗެއްގެ ބޭނުން ހިފާތީ އެ ކަމަށް ފާޑުވިދާޅުވީ އެވެ.

އެ ތަނުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ ހިންގުމަށް ފައްޔާޒު ފާޑުވިދާޅުވީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ، އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅާގެ ގޮތުގައި ހުންނަވަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެހެން ވިދާޅުވި އިރު އޭނާއާ ޖެހިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިންނެވި އެވެ. އެކަމަކު އެކުގައި މަސައްކަތްކުރައްވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ވެސް އަމާޒުވާ ގޮތަށް ފައްޔާޒު އެ ހާމަކުރެއްވީ ސަރުކާރުގެ ބައެއް ތަންތަނުގެ އެތެރޭގައި ކަން އޮތް ގޮތެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/އިބްރާހިމް އާދަމް)

ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވަން އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒަށް ތާއީދުކުރާ އެ ޕާޓީގެ ގިނަ މެމްބަރުން ފާހަގަކުރަމުން އަންނަ އެއް ސިފައަކީ ވެސް އެއީ އެވެ. އޭނާގެ ޖެހިލުން ކުޑަ ކަމެވެ. ކޮންމެ ކަމަކަށް ވެސް ކެރިވަޑައިގެން ކުރިމަތިލައްވާނެ ކަމުގެ ޔަގީންކަން އޮތުމެވެ. ލޮލަކަށް، ކަނދުރާއަކަށް ބެއްލެވުމެއް ނެތި ހަގީގަތް ހާމަކުރެއްވުމެވެ. މޫނުމަތި ރީތިކުރުމުގެ ބަދަލުގައި، ކަން އޮތް ގޮތަށް ކޮންމެ ތަނެއްގައި ވެސް ވާހަކަދެއްކެވުމެވެ.

'މައިގަނޑު ގަބޫލުކުރުުންތަކުގައި ހިލާފެއް ނެތް'

އެމްޑީޕީގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ފައްޔާޒު ވާދަކުރައްވާއިރު، އެ ޕާޓީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް "ރީތިކުރައްވާކަށް" އޭނާ ނޫޅުއްވަ އެވެ. އޭނާގެ ނަޒަރުގައި، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ތެރޭގައި އަބަދުވެސް ހިޔާލު ތަފާތުވުންތައް އޮންނާނެ އެވެ. ކަންކަމުގައި ދެބަސްވާނެ އެވެ. ދެ މީހަކު އެކައްޗެއް ނުކިޔާ ފަހަރު ވަރަށް ގިނައިން ފެންނާނެ އެވެ. އެއީ، ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި، އެމްޑީޕީ އަކީ އޭގެ ޒާތުގައި ތަފާތު ހިޔާލުގެ މީހުން އެއްވެގެން އުފައްދާފައިވާ "ކޯލިޝަނަކަށް" ވާތީ އެވެ.

އެކަމަކު، ފައްޔާޒު ވިދާޅުވާ ގޮތުގައި، މައިގަނޑު ގަބޫލުކުރުންތައް އެންމެންގެ ވެސް އެއްގޮތެވެ. އޭނާ ވެސް، އެމްޑީޕީގައި ދެން ތިބި މެމްބަރުން ވެސް ބޭނުންވަނީ އެއް ކަންތައްތަކެއް ހާސިލްކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒާ ދެކޮޅު ފަރާތްތަކުން ފައްޔާޒަށް ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކޮށް އޭނާ އަކީ "ބްރޯއެއް" ކަމަށް ސިފަކުރިޔަސް، ފައްޔާޒު ވިދާޅުވާ ގޮތުގައި، ކޮރަޕްޝަނާއި ފަސާދަ ނައްތާލައި ހެޔޮ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަކީ، އެމްޑީޕީގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް، އޭނާ ވެސް ގެންގުޅުއްވާ ފަލްސަފާ އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު ފިލޯސަފީއަކީ ޑިމޮކްރެޓިކް ވެއްޓަކާއި ރޫލް އޮފް ލޯ އާއި މި ކަހަލަ ކަންތައްތަކެއް. އޭގައި އަޅުގަނޑުމެން އެންމެން ވެސް ގާތްގަނޑަކަށް އެކައްޗެއް ކިޔާނެ،" 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގައި އޭނާ ވާދަކުރައްވަނީ ރައީސްގެ ރުހުމާ އެކު ކަމަށް ފައްޔާޒު ވިދާޅުވި. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ހިޔާލު ތަފާތު ވަނީ، ފައްޔާޒު ވިދާޅުވި ގޮތުގައި، ކަމެއް ހާސިލުކުރަން ހިނގަން އޮންނަ މަގާ ގުޅޭ ގޮތުންނެވެ. މިސާލަކަށް، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ތަފާތުވެދާނެ އެވެ. ބަރުލަމާނީއަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލައްވަން ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ ނިޒާމަށް ރާއްޖެ އަދި ތައްޔާރު ނޫން ތަން ފައްޔާޒަށް ފެނިވަޑައިގަންނަވަ އެވެ. ނުވަތަ އިގްތިސާދީ ގޮތުން ގެންގުޅޭނެ ސިޔާސަތަކާ މެދު ހިޔާލު ތަފާތުވެދާނެ އެވެ.

'ވާދަކުރަނީ ރައީސް ފަޅިއަކުން ނޫން، އެކަމަކު ރުހުން އެބައޮތް'

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ގުޅެނީ ޕާޓީގެ އެންމެ މަތީ ފަޑިއާ އެވެ. އެ ހިޔާލުތަފާތުވުންތައް ހަގީގަތުގައި އޮތީ، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރާއްޖޭގެ ރައީސްކަން ކުރައްވާތީ އެ ޕާޓީގެ އިސް ލީޑަރުގެ ލަގަބު ލިބިވަޑައިގެންފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސްކަން ކުރައްވާ ކުރީގެ ރައީސް ނަޝީދާ ހަމައިގަ އެވެ.

ޗެއާޕާސަންގެ ރޭހަށް ނުކުމެވަޑައިގެން ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން ފައްޔާޒު ފާހަގަކުރެވެނީ ރައީސް ސޯލިހުގެ ފަޅިން ވާދަކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާއާ ވާދަކުރައްވާ، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ފާހަގަކުރެވެނީ ނަޝީދުގެ ފަޅިން ވާދަ ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ރައީސް ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ތެރެއިން 2023ގެ ޓިކެޓް ހޯއްދަވާނީ ކޮން ބޭފުޅެއްތޯ ކަނޑައެޅުމުގައި އެމްޑީޕީގެ ޗެއާޕާސަންއަކީ މުހިންމު ރޯލެއް އަދާކުރައްވާނެ ބޭފުޅެއް ކަމަށް ގަބޫލުކުރެވެ އެވެ.

އަޅުގަނޑުމެންގެ މައިގަނޑު ފިލޯސަފީއަކީ ޑިމޮކްރެޓިކް ވެއްޓަކާއި ރޫލް އޮފް ލޯ އާއި މި ކަހަލަ ކަންތައްތަކެއް. އޭގައި އަޅުގަނޑުމެން އެންމެން ވެސް ގާތްގަނޑަކަށް އެކައްޗެއް ކިޔާނެ.

ފައްޔާޒު އިސްމާއިލް / އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވިގޮތުގައި ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމުގައި، ރައީސް ސޯލިހާއި ނަޝީދާ ދެ ބޭފުޅުން ދެ ފަޅިން މަސައްކަތް ކުރައްވާ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ އެ ޕާޓީގެ ބޮޑެތި މަގާމުތަކަށް ގާބިލު ގިނަ ބަޔަކު ވާދަކުރާ ޕާޓީއަކަށް ވާތީ ޗެއާޕަސަންގެ ރޭސް ވެސް ވާދަވެރިވަނީ ކަމަށެވެ. ފައްޔާޒު ނުކުންނަވަނީ ރައީސް ސޯލިހުގެ ފަޅިން ކަމަށް އިއުތިރާފުވެވަޑައިގަތުމަށް އޭނާ އިންކާރު ކުރައްވަ އެވެ.

"ދެ ރައީސުންގެ ރައިވަލްރީއެއް ނެތް. ނަމަވެސް ރައީސް ސޯލިހުގެ ކެބިނެޓްގައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރިމަތިލައިގެން މި އުޅެނީ ރައީސް ސޯލިހުގެ އިޒުނައާ އެކު،" ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާ ވާހަކަ ނަޝީދަށް ވެސް ދެންނެވިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.

"ދެން އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ ގޮތުގައި ރައީސް ނަޝީދު ތާއީދު ކުރައްވާނީ އިންތިއަށް."

ޑިސެމްބަރު 2019ގައި ބޭއްވި މަހާސިންތާއެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: ނަޝީދު ތާއީދުކުރައްވަނީ ފައްޔާޒާ ވާދަކުރައްވާ އިމްތިޔާޒު ފަހުމީއަށް. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ފައްޔާޒު ވިދާޅުވީ ދެ ފަރާތުން ކެމްޕޭން ކުރާ އިރު އެއްވެސް ބޭފުޅެއްގެ ޒާތީ ކަންކަމާ ނުބެހުމަށް އަދި ވަކިން ހާއްސަކޮށް އިމްތިޔާޒާ ބޭހޭ ގޮތުން ޒާތީ ގޮތުން ކެމްޕޭން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ޕާޓީގެ ކޮންމެ ބޭފުޅަކު ވެސް ހުންނަވާނީ ވަކި ފަރާތެއް ނަންގަވައިގެން ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. ހަމަ ރީތި ކެމްޕޭނެއް ކޮންމެ ބޭފުޅަކު ވެސް ކުރައްވަންވީ ކަމަށެވެ.

'ހިންގާލަން އަޅުގަނޑު މާ ގަދަވާނެ'

އެމްޑީޕީގެ މެޖޯރިޓީ ސަރުކާރަކުން ވެރިކަން ކުރަމުން އަންނަތާ ތިން އަހަރު ވެފައި ވާއިރު، ކޮވިޑުގެ އުނދަގޫ ހާލަތާ އެކު ވެސް ގިނަ ލަނޑުދަނޑިތަކެއް ހާސިލުކުރެވިފައިވާ ކަމަށް ފައްޔާޒު ގަބޫލުކުރައްވަ އެވެ. އެ ކާމިޔާބީތައް ދަމަހައްޓައި ރާއްޖެ އެހެން ލެވެލްއަކަށް ގެންދަން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން، ފައްޔާޒުގެ ނަޒަރުގައި، އެމްޑީޕީއަށް މަޖުބޫރެވެ.

"އާ ގާނޫނުއަސާސީގެ ދަށުން ކޮންމެ ޕާޓީއަކަށް ވެސް ވެރިކަން ކުރަން ލިބިފައި ވަނީ ކުރު މުއްދަތެއް. އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުތަކުން ކޮށްފައިވާ ރަނގަޅު ކަންކަން ދެމެހެއްޓިފައެއް ނުވޭ،" ފައްޔާޒު ވިދާޅުވި އެވެ.

އެކަމަކު، އެމްޑީޕީއަށް 2023 ލިބެން އޮތީ، ފައްޔާޒު ގަބޫލުކުރައްވާ ގޮތުގައި، "ޕާޓީ ރަނގަޅަށް ހިންގާލައިގެން"ނެވެ. ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ، އޭނާ ވިދާޅުވި ގޮތުގައި، އިތުރު ދައުރެއް ޔަގީންކުރެވޭ ވަރަށް ޕާޓީ ހިންގާލެވޭނީ އޭނާއަށް ކަމަށް ގަބޫލުކުރައްވާތީ އެވެ.

ދެ ރައީސުންގެ ރައިވަލްރީއެއް ނެތް. ނަމަވެސް ރައީސް ސޯލިހުގެ ކެބިނެޓްގައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރިމަތިލައިގެން މި އުޅެނީ ރައީސް ސޯލިހުގެ އިޒުނައާ އެކު.

ފައްޔާޒު އިސްމާއިލް / އިކޮނޮމިކް މިނިސްޓަރު

އޭނާއާ ވާދަކުރައްވާ އިމްތިޔާޒަކީ، ފައްޔާޒު ސިފަކުރެއްވި ގޮތުގައި، "ވަރަށް ގަދަ" އަދި އޭނާ ތާއީދު ވެސް ކުރައްވާ ބޭފުޅެކެވެ. ފައްޔާޒުގެ ނަޒަރުގައި އިމްތިޔާޒަކީ އެމްޑީޕީގެ "މުހިންމު ތަނބެކެވެ". ނަމަވެސް "ޕާޓީ ހިންގާލައި" އިދާރީ ގޮތުން ކަންކަން އިންތިޒާމުކުރަން އިމްތިޔާޒަށް ވުރެ އޭނާ "ގަދަވާނެ"ކަމުގެ ފުރިހަމަ ޔަގީންކަން ފައްޔާޒަށް އެބައޮތެވެ. "އެކި މީހުން ގަދަ ވާނީ އެކި ކަންކަމަށް" ކަމަށް ވާއިރު، އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، ޕާޓީއަށް ވެރިކަން ދަމަހައްޓައިދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން އޭނާ "ގަދަވާނެ" ކަމަށް ފައްޔާޒު ގަބޫލުކުރައްވަ އެވެ.

ރަށްރަށުގައި އެމްޑީޕީ 'އަލުން ރުކުރުވާލުމުގެ' އަމާޒު

އެމްޑީޕީގެ ތެރޭގައި މިވަގުތު އޮތް އެންމެ ބޮޑު އަދި ފައްޔާޒު އެންމެ ކަންބޮޑުވެވަޑައިގަންނަވާ މައްސަލައަކީ ޕާޓީގެ ލީޑަޝިޕާއި އެކި ދާއިރާތަކުގައި ތިބި އާންމު މެމްބަރުންނާ ދެމެދު އޮތް ގުޅުން ކުޑަވުމެވެ.

"އަޅުގަނޑުގެ ކަންބޮޑުވާ ކަމަކަށް އޮތީ ޕާޓީ އާއި ދާއިރާތަކާ އޮތް ގުޅުން އެހާ ފޯމަލައިޒު ގޮތަކަށް ނޫން މި އޮންނަނީ. ޝެޑިއުލް ގޮތަކަށް އެ ތަންތަނުގައި ހުންނަ ކަންކަމާ ބެހޭ ގޮތުން ޕާޓީގެ ހެޑް އޮފީހާ މަޝްވަރާ ކުރެވި، ކިހިނެއްތޯ ވަނީ ... އަދި ސަރުކާރުގެ ތެރޭގައި އެ ކަންކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައި ކަމާއި މި ކަންކަން އޮތީ ތަންކޮޅެއް ދޫވެފައި މިހާރު،" ފައްޔާޒު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ހަމަ އެންމެ އިސްކަމެއް ދޭނީ، އަޅުގަނޑު މި މަގާމަށް އާދެވިއްޖެ ކަމަށް ވަނީ ނަމަ، ދާއިރާތަކުގެ، ރަށްތަކުގެ އެމްޑީޕީ އަލުން ރުކުރުވާލާއި ޝެޑިއުލް ގޮތެއްގައި ޕާޓީ އާއި ދާއިރާތަކުގެ ރައްޔިތުން [ގުޅުވާލުން]."

މި މަހުގެ ކުރީކޮޅު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ފައްޔާޒު ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)
މި ހަފްތާގައި ބޭއްވި މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގައި ފައްޔާޒު ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ މެންބަރުން އޭނާ ހޮވައިފި ނަމަ އޭނާގެ މަސްއޫލިއްޔަތަކަށް ވާނީ، މަޝްވަރާގެ މޭޒަށް މައްސަލަތައް ގެނެސް، އެ ކަންކަމާ މަޝްވަރާކޮށް، ގޮތް ނިންމުން ކަމަށެވެ. މަޝްވަރާއަށް އިސްކަންދޭ ބަޔަކަށް އެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އޭނާގެ އެންމެ ބޮޑު އެއް ތަސައްވުރެވެ. ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައިި، ކަންކަން ކުރިއަށް ދާނީ އާންމު މެންބަރުން ބޭނުންވާ ގޮތަށެވެ.

ސަރުކާރާއި ޕާޓީ އާއި މެންބަރުންނާ ދެމެދު ހުރި މައްސަލަތައް ހައްލުކުރުމަށް، ސަރުކާރަށް ނިސްބަތްވާ މީހަކު ޗެއާޕާސަން ފަދަ ޕާޓީގެ އިދާރީ މުހިންމު މަގާމެއްގައި ހުރުން މުހިންމު ކަމަށް ފައްޔާޒު ގަބޫލުކުރައްވަނީ އެހެންވެ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އާންމު މެންބަރުންގެ އަޑުއަހައި އެ މީހުންގެ އިހުސާސްތަކަށް އިޖާބަދެވޭނީ ސަރުކާރުގެ އެތެރޭގައި ހުރި މީހަކަށެވެ. އަދި ޕާޓީ އާއި ސަރުކާރުގެ ގުޅުން ބަދަހިކޮށް، ގުޅިލާމެހިފައިވާ ގޮތެއްގައި ދެ ގުނަވަން "ގަދައަށް ހިންގާލައި" 2023އަށް އެމްޑީޕީ ފައްކާކުރަން އެމްޑީޕީގެ އާންމު މެންބަރުންނަށް ހިޔާރުކުރެވޭނެ އެންމެ ރަނގަޅު ޗޮއިސް އަކީ އޭނާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް (1)

ހުސެން

18 ފެބްރުއަރީ 2022
އެމްޑީޕީ އެއްމެ ބޮޑަށް އެގޭ ނީ އިންތިއަށް ފައްޔާޒަކަށް މިޕާޓީގެ ކަންތައް ތަކެއްނޭގޭނެ. ޕާޓީގެ ހުރިހާ ކަމެއްގައި އިންތި އުޅޭނެ ހަމަ އިންތި ވަރެއްނެތް ހަބޭސް
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް