މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝާ އަލޮމް މިއާ (ސާލިމް). (ފޮޓޯ/ޕޮލިސް)
މަހުމޫދު މަރާލިކަމަށް ސާލިމް އިއުތިރާފުވެއްޖެ؛ އަންނަ ހަފްތާގައި ދައުވާކޮށްދޭން ފޮނުވަނީ
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އިއުތިރާފުވެފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ނިންމައި އަންނަ ހަފްތާގައި ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އޮކްޓޯބަރު މަހުގެ 14ގައި މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ ދަނގެތީގެ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއިންނެވެ. އެ މައްސަލައިގައި ސާލިމް ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުން، އޮކްޓޯބަރު 16ގަ އެވެ.
ތަފްސީލް - އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު ނިންމައި އަންނަ ހަފްތާގެ ތެރޭގައި ދައުވާކުރަން ފޮނުވާނެ ކަމަށެވެ. ފުލުހުން ބުނީ މަހްމޫދު މަރާލި ކަމަށާ އަދި މަހްމޫދަށް ހަމަލާ ދިން ގޮތް ވެސް ސާލިމް ތަހުގީގަށް ކިޔައިދީފައިވާ ކަމަށެވެ.
މަހްމޫދު މަރާލުމުގައި ސާލިމް ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން މިއަދު ވެސް ބުންޏެވެ.
އެނގުން މުހިންމު - މަހްމޫދު މަރާލީ "ފައިސާގެ ބޭނުމުގައިކަން" ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަބަދު ވެސް ގިނަ އަދަދެއްގެ ފައިސާ އަތުގައި ބަހައްޓާ މަހްމޫދުގެ ފައިސާ ދަބަސް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން މިއަދު ބުނީ ސާލިމްގެ ގެއިން ފެނުނީ 500ރ.ގެ 20އަށް ވުރެ މަދު ނޫޓު ކަމަށެވެ.
ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަކީ މަހުމޫދުބެ ގެއަށް ގެންދަން ވެގެން ސާލިމް ވާހަކަތަކެއް ދެއްކި. އެ ވާހަކަތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މަހުމޫދުބެ އެ ގެއަށް ގޮސްދާނެ ކަމަށް.
ބުނީ ކީކޭ؟ - ފުލުހުން ބުނީ މަހްމޫދަށް ޓާގެޓް ކޮށްފައި ވަނީ އޭނާ އަކީ ވިޔަފާރިވެރިޔަކަށް ވުމުގެ އިތުރުން، އަބަދު ވެސް އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހަކަށް ވާތީ ކަމަށެވެ. އަދި މިއީ ދުރާލާ ރާވައިގެން ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭނެ ފަދަ ހެއްކެއް ވެސް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.
"ފެންނަން ހުރި ހަގީގަތްތަކުން ވެސް އެނގޭ ކަމަކީ މީ ސްޕޮންޓޭނިއަސް ޕްލޭނެއްގެ ތެރެއިން ގޮސް ހުރި ކަމެއް ކަން،" ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި އެވެ.
ހަސަން ސައީދު ވިދާޅުވީ ސާލިމް މަހުމޫދަށް އެންމެ ފުރަތަމަ ހަމަލާދިނީ މަހުމޫދު އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށް ބަލައިގެން ކަމަށެވެ. އަދި ސާލިމް ދިރިއުޅޭ ނެދުންގެ ތެރޭގައި ދެ މީހުންގެ ދެމެދު ދެބަސްވުމެއް ހިނގިކަން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
'ދެ މީހުންގެ ގުޅުމެއް ނެތް'
'ދައުރު' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ސައީދު ވިދާޅުވީ މަހުމޫދާއި ސާލިމަކީ ދެކެފަރިތަ، ގުޅުމެއް އޮތް ދެ މީހުން ނޫން ކަމަށެވެ. ނަމަވެސް، މަހުމޫދުގެ ފޯނަށް ރަށުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ގުޅާ ކަމަށާއި މަހުމޫދުގެ ބެލުމުގެ ދަށުގައި ހުންނަ ކާޑު ގުދަނަކަށް އެއްޗެއް ލާން ނުވަތަ ނަގަން އެދި މީހުން ގުޅުމުން، އެ ތަން ހުޅުވައިދޭން ގޮސް ހަދާ ކަމަށެވެ.
އެ ރޭ ސާލިމް ގުޅީ އެ ގުދަނުގެ ބޭރުގައި ޖަހާފައި އިންނަ ނަންބަރަށް ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ. ސާލިމް ގުޅުމުން މަހްމޫދު ފުރަތަމަ ދިޔައީ އެ ގުދަނަށެވެ. ސާލިމް ދިރިއުޅޭ ގެއަށް ދިޔައީ އޭގެ ފަހުން، ސާލިމް ދިން ދައުވަތަކަށެވެ.
"ސާލިމް އެ ނަންބަރު ބޭނުންކޮށްގެން އެ ހިސާބަށް ގެންގޮސް، މަހުމޫދުބެއަށް އެ ގެއަށް ދާން ދައުވަތެއް ދެނީ. ދައުވަތު ދެނީ ކީއްވެގެންކަން ތަހުގީގަށް ފާހަގަވެފައި އެބަ ވޭ. އެއީކީ ޖިނާއީ އެއްވެސް ކުށެއް ވެސް ޖިނާއީ އެއްވެސް އަމަލެއް އެކުލެވޭ ކަމެއް ނޫން،" ހަސަން ސައީދު ވިދާޅުވި އެވެ.
"ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަކީ މަހުމޫދުބެ ގެއަށް ގެންދަން ވެގެން ސާލިމް ވާހަކަތަކެއް ދެއްކި. އެ ވާހަކަތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މަހުމޫދުބެ އެ ގެއަށް ގޮސްދާނެ ކަމަށް."
ހަސަން ސައީދު ވިދާޅުވީ ދެމީހުން ދެއްކި ވާހަކަތަކުގެ ތަފްސީލް ހާމަކުރެވެން ނެތް ނަމަވެސް، މަހުމޫދު އެހާ ފަސޭހަ އިން ސާލިމް ދިރިއުޅޭ ގެއަށް ދިޔައީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށެވެ.
"ސާލިމް އާއި މަހުމޫދުބެ އާ ވަކި ތަފާތު ގުޅުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ފާހަގަ ކުރެވިފައެއް ނެތް،" ހަސަން ސައީދު ވިދާޅުވި އެވެ.
'އާއިލާއަށް ފައިސާ ބޭނުންވޭ'
ސާލިމަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ. އޭނާގެ މައްޗަށް ތުހުމަތުކުރާ ވައްކަމުގެ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް، އޭގެ އިތުރުން އެހެން ކުށުގެ ރެކޯޑެއް ނެތެވެ.
ފެންނަން ހުރި ހަގީގަތްތަކުން ވެސް އެނގޭ ކަމަކީ މީ ސްޕޮންޓޭނިއަސް ޕްލޭނެއްގެ ތެރެއިން ގޮސް ހުރި ކަމެއް ކަން.
ބަންގްލަދޭޝްގައި ދިރިއުޅޭ ސާލިމްގެ އާއިލާއަށް ފައިސާގެ ބޭނުން ޖެހިފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ހަސަން ސައީދު ވިދާޅުވި އެވެ.
ނެދުންގެއަށް މަހުމޫދު ވަނުމަށް ފަހު ގޭގެ ތެރޭގައި ފަސް ގަޑިއިރު ހޭދަވި ކަމަށާއި އޭގެ ފަހުން މަހުމޫދުގެ ހަށިގަނޑު ގެއިން ނެރުނީ ސާލިމްގެ ކޮނޑުމަތީގައި ކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ކިޔާލަން -