ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މައުމޫން، ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

އެމްއާރުއެމް

މައުމޫން މާލޭގައި ނެތުމުން ރައީސްގެ ދައުވަތާ މެދު އަދި ގޮތެއް ނުނިންމޭ: އެމްއާރުއެމް

މައުމޫން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ މެދެއްހާ ހިސާބުގައި ކަމަށް އެމްއާރުއެމް އިން ބުނޭ

މޯލްޑްވިސް ރީފޯމް މުވްމަންޓް (އެމްއާރުއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މި ވަގުތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ، ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވާތާ ގުޅިގެން އަދި ގޮތެއް ނުނިންމާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑިޕީގެ ރިޔާސީ ޓިކެޓްގައި އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހް މިދިޔަ އާދިއްތަ ދުވަހު ވަނީ އެމްއާރުއެމް ހިމެނޭ ގޮތަށް ކޯލިޝަން ޕާޓްނަރުންނަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ރައީސް އެދިވަޑައިގެންފައި ވަނީ 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި ތިބުމަށްޓަކައި މަޝްވަރާކުރުމަށެވެ.

ތަފްސީލު - އެ ސިޓީއާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެމްއާރުއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އަލީމް މިއަދު 'ދައުރު'އަށް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީން މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.  އަދި ސިޓީއާ ގުޅޭ ގޮތުން ވެސް މިހާތަނަށް ޖަވާބެއް ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޓީއަށް ވަރަށް އަވަހަށް ޖަވާބެއް ދޭނެ... ރައީސް މައޫމުން މިވަގުތު ރާއްޖޭގައި ނެތް. އެ މަނިކުފާނު ވަޑައިގަންނަވާނީ އަންނަ މަހުގެ ދެ ވަނަ ހަފްތާގެ ތެރޭގައި،" އަލީމް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ރައީސް ފޮނުއްވި ސިޓީއަށް ކޯލިޝަން ޕާޓްނަރުންގެ ތެރެއިން މިހާތަނަށް ގޮތެއް ނިންމާފައި ވަނީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީންނެވެ. ރައީސް ސޯލިހާ އެކު އަދާލަތުން ކުރި މަޝްވަރާތަކަށް ފަހު، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިއްޔެ ނިންމީ އެ މަނިކުފާނަށް ތާއީދުކުރުމަށެވެ.

ފަސް މަންޒަރު - ރައީސް ސޯލިހަށް 2018 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންވީ އެމްއާރުއެމް އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއާ އެކު ހެދި ކޯލިޝަންގެ ތެރެއިންނެވެ. އާ ގާނޫނުއަސާސީގެ ފަހުން މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް އިންތިހާބު ކާމިޔާބުކޮށްފައިވަނީ ކޯލިޝަނެއްގެ ތެރެއިންނެވެ. 

މި ސަރުކާރަށް ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ނުރޫޅި މިހާ ގިނަ ދުވަހު ކޯލިޝަނެއްގައި ދެމި ތިބެވުނީ މި ވެރިކަމުގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް