ދާންދޫގެ ދޯނި ބިންދައިގެން ގޮސް ދެބުރި ވަކިވެފައި. (ފޮޓޯ/މިފްކޯ)

މަރާމާތަށް ފަހު ދޯނި ކަނޑަށް ނުކުތް ފުރަތަމަ ދަތުރުގައި ދިޔައީ ބިންދައިގެން

ލިބުނު ގެއްލުން 3-4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ

މަހަށް ނުކުމެ އުޅުނު ގއ. ދާންދޫގެ އެންމެ ބޮޑު އެއް ދޯނި މެދުން ބިންދައިގެން ހިނގައްޖެ އެވެ. 

ވީ ކިހިނެއް؟ - 'ފެހިރޯދި' ކިޔާ އެ ދޯނި ބިންދައިގެން ދިޔައީ، ރޭ ދަންވަރު ހުވަދޫ ކަނޑު ބޭރުންނެވެ. އޭރު ދޯނީގައި 19 ފަޅުވެރިން ތިއްބެވެ. ދޯނި ބިންދައިގެން ދިޔަ ވަގުތު ވިއްސައިގެން ދިޔަ ދަގަނޑަކުން ޖެހި އެކަކަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފަ އެވެ. 

ތަފްސީލު - ދޯނީގެ އެއް ވެރިޔާ، ޒުބައިރު މުހައްމަދު ބުނި ގޮތުގައި:

  • 97 ފޫޓުގެ އެ ދޯނި ބިންދައިގެން ދިޔައީ، ފުވައްމުލަކުގައި ދޯނި މަރާމާތު ކުރުމަށް ފަހު މަހަށް ނުކުތް ފުރަތަމަ ދަތުރުގައި 

  • މީގެ 17 އަހަރު ކުރިން، ޒުބައިރު އާއި އޭނާގެ ބޭބެ ބަން އެ ދޯނި ބުރިވުމުން ލިބުނު ގެއްލުނު 3-4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ

"އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް މި ހަރަދު ކުރީ ދޯނީގެ މަރާމާތަށް. އޭގެ ފަހުން ފުރަތަމަ ދަތުރުގައި އެ ދިޔައީ ބިންދައިގެން." ވަރަށް މާޔޫސްވެ ހުރެ، ޒުބައިރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ދޯނި ބިންދައިގެން ދިޔައީ ކަނޑުގަދަވެގެން ކަމަށް ބެލެވެ އެވެ. ދޯނި ބިންދައިގެން ގޮސް ދެ ބުރިވުމާ އެކު، އެހީއަށް އެންމެ ފުރަތަމަ ފަޅުވެރިން ގުޅީ މާދުރު ނޫން ހިސާބެއްގައި އޮތް އެ ރަށުގެ އެހެން ދޯންޏަކަށެވެ. އަދި އެ އަތޮޅު ކަނޑުހުޅުދޫ ދޯންޏަކާއި ގެމަނަފުށީ މަސް ދޯންޏެއްގެ އިތުރުން މިފްކޯގެ ދޯންޏަކާއި ކޯސްޓްގާޑުން ވެސް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ދާންދޫގެ ދޯނި ބިންދައިގެން ގޮސް ދެބުރި ވަކިވެފައި. (ފޮޓޯ/މިފްކޯ)

'ފެހިރޯދީ'ގައި ތިބި މީހުން ވަނީ އެއިން އެއް ދޯންޏަށް ނަގާފަ އެވެ. އަދި ދޯނީގެ ދެ ބުރި، ކަފު ޖަހައިގެން ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޒުބައިރު ބުނި ގޮތުގައި، ދެ ބުރި ގުޅުވައިގެން އަދި އެ ދޯނި ބޭނުން ކުރެވޭ ވަރުވާނެ އެވެ. އެހެންވެ، ދެން މަސައްކަތް ކުރާނީ ދޯނި މަރާމާތު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.

"އެކަމަށް އަދި ހައެއްކަ އަށެއްކަ މަސް ވަރު ނަގާނެ،" ޒުބައިރު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް