ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ (ވ) ރާއްޖެއަށް ވަޑައިގެން 8 ޖެނުއަރީ 2022ގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ސަލާމް ކުރައްވަނީ: ވިސާގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރީ މި ދަތުރުގައި.
ދިވެހިންނަށް ވިސާއާ ނުލާ މިހާރު ޗައިނާއަށް ދެވޭނެ
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ ގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން ޗައިނާއިން ރާއްޖެއާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ކުރެއްވި ދަތުރެއްގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގައި އޮތް ގޮތުން، އެ އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުންނެވެ.
ތަފްސީލް - އެކަން މިހާރު ފަށާފައިވާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ޓްވިޓާގައި ވަނީ އިއުލާންކުރައްވައިފަ އެވެ.
ފަސްމަންޒަރު - ރާއްޖެ އާއި ޗައިނާ އިން މިދިޔަ އަހަރު ވަނީ ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކޮށްފަ އެވެ. އެ މުނާސަބަތާ ދިމާކޮށް ވަންގް ޔީ މިދިޔަ އަހަރު ކުރެއްވި ދަތުރުގައި ދެ ގައުމުން އިތުރު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެއީ:
-
1-
ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުން ކުރިއަށް ގެންދިޔުމަށް
-
2-
އިގްތިސޯދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޗައިނާއިން ރާއްޖެއަށް 62.8 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް
-
3-
ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމުގެ އެއްބަސްވުމެއް
-
4-
ޗައިނާގެ އެހީގައި ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމަށް
ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 15 އެޕްރީލް 1972ގަ އެވެ.