ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މާލޭގައި މިއަދު ބޭއްވި ހިނގާލުން. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)

އިދިކޮޅުގެ އިހުތިޖާޖު: 'ޔާމީންގެ ނަން ނެތި އިންތިހާބު ބާއްވަން ދިވެހިން ފުރުސަތެއް ނުދޭނެ'

އަބްދުއްރަހީމް ވިދާޅުވީ ޔާމީން ޖަލަށް ލީ، އިންޑިއާގެ ނުފޫޒާ ދެކޮޅަށް ތެދުވެވަޑައިގެންނެވި ހަމައެކަނި ލީޑަރަކީ އެމަނިކުފާނު ކަމަށް ވުމުން އެކަމާ 'ކެތްނުވެގެން' ކަމަށް
30 ޑިސެމްބަރު 2022

އެގާރަ އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ނެތި ރާއްޖޭގައި ދެން ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީން ދޫކޮށްލަން ގޮވާލާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހިންގަމުންދާ ސިލްސިލާ ހަރަކާތްތަކުގައި ފުލުހުންގެ ހުއްދަ ނަގައިގެން މިއަދު މާލެ އާއި ރަށްރަށުގައި ހިނގާލުންތައް ގެންދަނީ ބާއްވަމުންނެވެ. މިއީ މިހާތަނަށް އެންމެ ގިނަ އިދިކޮޅު ސަޕޯޓަރުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށްދާ ހަރަކާތެވެ.

އެ މަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ނުދޭން ވެގެން ހަރާމް ހުކުމެއް ކޮށްގެން ގެންގޮސް ޖަލަށް ލާފަ އެ އޮތީ. ދިވެހި ރައްޔިތުން ބުނަނީ ހަމަ ހިލާ އެހެން ވިޔަކަ ނުދޭނަމޭ، ރައީސް ޔާމީންގެ ނަންފުޅާ ނުލާ މި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ދެން ބޭއްވިޔަކަ ނުދޭނަމޭ.

އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ރައީސް

"ހަރާމް ހުކުމް ބާތިލް ކުރޭ! ރައީސް ޔާމީން މިނިވަން ކުރޭ!" ލިޔެފައިވާ ބޮޑު ބެނާއެއްގެ ފަހަތުގައި މުޒާހަރާގެ ބައިވެރިން މާލޭގައި ހިނގާލުން ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

އެ ހިނގާލުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް އޮތް ތާއީދު މިއަދުގެ ހިނގާލުމުން ވެސް ސާފުވާ ކަމަށާއި ދިވެހިން، ޔާމީނަށް ވާދަނުކުރެއްވޭ އިންތިހާބެއް ބޭއްވިޔަ ނުދޭނެ ކަމަށެވެ.

"އެއީ ދިވެހި ރައްޔިތުންގެ އަޑު، ދިވެހި ރައްޔިތުންގެ ވިންދު ހުރި ގޮތް. އެއީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތް،" އޭނާ ވިދާޅުވި އެވެ.

ހިޔާނާތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކުރަމުންދާ މުޒާހަރާގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)

މައްސަލައިގެ ފެށުން - އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށް ކްރިމިނަލް ކޯޓުގައި ސާބިތުވެގެން އާދީއްތަ ދުވަހު ޔާމީން ވަނީ ޖަލަށް ލައިފަ އެވެ.

އެއީ "ސިޔާސީ ދައުވާއެއް" ކޮށް، އިއްވި "ހަރާން ހުކުމެއް" ކަމަށާއި 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުވާލަން އިންޑިއާގެ ނުފޫޒުން ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް އިދިކޮޅުން ގެންދަނީ ބުނަމުންނެވެ.

އަބްރުއްރަހީމް މިއަދުގެ ހިނގާލުމުގައި ވިދާޅުވީ ޔާމީން ޖަލަށް ލީ، އިންޑިއާގެ ނުފޫޒާ ދެކޮޅަށް ތެދުވެވަޑައިގެންނެވި ހަމައެކަނި ލީޑަރަކީ އެމަނިކުފާނު ކަމަށް ވުމުން އެކަމާ "ކެތްނުވެގެން" ކަމަށެވެ.

ބުނީ ކީކޭ؟ - "އެނގިވަޑައިގަންނަވާނެ، ވެގެން މި އުޅޭ ގޮތަކީ މި މަންޒަރު މި އަށް ވުރެ މާ ރީއްޗަށް އިންޑިއާއަށް އެބަ ފެނޭ،" އަބްރުއްރަހީމް މިއަދުގެ ހިނގާލުމުގައި ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ދިވެހިރާއްޖޭގައި އޮތް ތާއީދު އިންޑިއާއަށް އެބަ އެނގޭ. އެހެންވީމާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ނުދޭން ވެގެން ހަރާމް ހުކުމެއް ކޮށްގެން ގެންގޮސް ޖަލަށް ލާފަ އެ އޮތީ. ދިވެހި ރައްޔިތުން ބުނަނީ ހަމަ ހިލާ އެހެން ވިޔަކަ ނުދޭނަމޭ، ރައީސް ޔާމީންގެ ނަންފުޅާ ނުލާ މި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ދެން ބޭއްވިޔަކަ ނުދޭނަމޭ." 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ "ނިމުން ކައިރިވީ" ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ދިވެހި ރައްޔިތުންނަށް، އެއްގޮތަކަށް ވެސް މާޔޫސްވެވަޑައިނުގަންނަވާށޭ، ކުރިއަށް އޮތީ އަޅުގަނޑުމެންގެ އުއްމީދޭ، ކުރިއަށް އޮތީ އަޅުގަނޑުމެންގެ ރިޔާސީ އިންތިހާބޭ، އެ އިންތިހާބުގައި އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މިނިވަންކޮށްގެން އެ އިންތިހާބުގައި ރައީސް ޔާމީން މި ރާއްޖޭގެ ވެރިކަމަށް، އަޅުގަނޑުމެން ދިވެހި ރައްޔިތުން ގެންނާނަމޭ،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ މުޒާހަރާގައި ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)

ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް ކުރީ:

  • ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށް ލުމަށް

  • މަނީ ލޯންޑަރިންގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް

  • 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް

ކުށް ސާބިތުވި 1 މިލިއަން ޑޮލަރާ ބެހޭގޮތުން ދިފާއުގައި ޔާމީން ވިދާޅުވެފައި ވަނީ، އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ހުކުމްގައި ބުނެފައިވަނީ، އެމަނިކުފާނު ހުށަހެޅުއްވި ބައެއް ހެކިތަކަކީ ސައްހަ ނޫން ހެކިތަކެއް ކަމަށާއި އެއީ ނުހިނގާ ކަމެއް ހިނގި ކަމަށް ދެއްކުމަށް ކުރި ކަމެއް ކަމަށެވެ. 

ޔާމީންގެ ވަކީލުން ވަނީ އެއީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ހުކުމެއް ކަމަށާއި އެ ހުކުމް ބަލައިނުގަންނަ ކަމަށް ވިދާޅުވެފަ އެވެ. މި މައްސަލަ އިސްތިއުނާފީ ކޯޓުތަކުގައި ކާމިޔާބު ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް ވެސް އެ ވަކީލުން ވިދާޅުވެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް