މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް، ސިޓީ ކައުންސިލްގެ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ: ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނަނީ ދޮގުހެކިބަސް ދެއްވި ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެންމެން ހައިރާންކޮށްލި ނަރީޝްގެ ހެކިބަހަކީ ދޮގު ހެކި

ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ނަރީޝް އާއި އަބްދުﷲ ރަޝީދު ދިން ހެކިބަހަކީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުންކަން ހުކުމުގައި ފާހަގަކުރި
26 ޑިސެމްބަރު 2022
2

މުހިންމު ނުކުތާތައް

ނައީމް އަތަށް 15.4 މިލިއަން ރުފިޔާ ގެންގޮސްދިނީ ދުވާލުކަމެއް ނުވަތަ ރޭގަނޑު ކަމެއް ނޭނގުނު

ނަރީޝް އާއި ރަޝީދުގެ ހެކިބަހުގައި ވެސް ބޮޑެތި ތަފާތުތަކެއް ހުރި

ޑޮލަރު ގަނެވިއްކުމުގެ ސައްހަ މުއާމަލާތެއް ނަމަ ޔާމީނާއި ނައީމް އެކަން ތަހުގީގުގައި ވިދާޅުވީސް

އާރަށް ކުއްޔަށް ދިނުމުގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ހިއްޕަވައި އަދި އެ ފައިސާ ލޯންޑަކުރެއްވިކަމުގެ ދައުވާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ އިރު އެމަނިކުފާނުގެ ދިފާއުގައި ހެކިބަސް ދެއްވި އެއް ބޭފުޅެއްގެ ވާހަކައިން އެތައް ބަޔަކު ހައިރާންވި އެވެ. އެ ހައިރާންކަން އުފެދުނީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ޔާމީނުގެ ހިމާޔަތުގައި ހެކި ބަސް ދެއްވައިގެންނެއް ނޫނެވެ: ފަނަރަ މިލިއަން ރުފިޔާ އަތުން ގުނި ވާހަކަ، ކޯޓުގައި ބުނީމަ އެވެ.

އެކަމަކު އިއްޔެ ޔާމީންގެ މައްޗަށް ސާބިތުވި ހުކުމުގައިވާ ގޮތުން އެއީ ދިފާއުން ހަދާފައިވާ ދޮގު ހެކިތަކެކެވެ. އެހެންކަމުން އޭރު ނަރީޝްގެ 'ކުޅަދާނަ ފައިސާ ގުނުމު'ގެ ހުނަރާ އެކު ހައިރާންވި އެތައް ބަޔަކަށް ހީވި ގޮތަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލަށް ގަބޫލުކުރެއްވުނީ ނަރީޝް އާއި ރަޝީދުގެ ހެކިބަސް ދޮގު ކަމަށެވެ. އެގޮތަށް ގަބޫލުކުރެއްވީ ދައުލަތުން ހުށައެޅި އެހެން ގިނަ ހެކިތަކަށް ވެސް ރިއާޔަތްކުރެއްވުމުގެ އިތުރުން، ތަހުގީގު މަރުހަލާގައި ޔާމީނާއި، އެމަނިކުފާނަށް ރިޝްވަތު ދެއްވި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ޔޫސުފް ނައީމް ވެސް އެކަހަލަ ވާހަކައެއް ވިދާޅުވެފައި ނުވުމުންނެވެ.

ނަރީޝް އާއި ރަޝީދުގެ ހެކިބަސް

ކޯޓުގައި ނަރީޝް ވިދާޅުވި ވާހަކަތަކަށް ބަލާއިރު އާންމުންނަށް ފާހަގަކުރެވުނު އެއް ކަމަކީ 1 މިލިއަން ޑޮލަރަށް، ރަސްމީ ރޭޓުން ޖެހޭ ރުފިޔާގެ އަދަދު ކަމަށްވާ 15 މިލިއަން ހަތަރު ލައްކަ 20،000ރ. އަތުން ގުނި ކަމެވެ. ނަމަވެސް އެކަމަށް ހޭދަވީ ކިހާ ވަގުތެއް ކަމެއް ނަރީޝްއަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

ޔާމީންގެ ގެކޮޅު ގ. ދޫވަހީގައި އެ ފައިސާ ގުނުއްވާފައި ކާރެއްގައި ރަޝީދާ އެކު ނަރީޝް ވަޑައިގަތީ ނައީމްގެ ގެއަށެވެ. ދެ ދަ ބަހެއްގައި ހުރި ފައިސާއާ ހަވާލުވެ ނައީމް ވެސް އެ ފައިސާ ހަމަތޯ ގުނުއްވި ކަމަށް ނަރީޝް އާއި ރަޝީދުގެ ހެކިބަހުގައި ބުންޏެވެ. 

އިއްޔެގެ ޝަރީއަތުގެ ހުކުމް އިއްވާ މަޖިލިހަށް ހާޒިރުވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއިން ނުކުމެވަޑައިގަންނަވަނީ: އާރަށު މައްސަލައިގެ ތަހުގީގުގައި ހުންނެވީ ހަނު

އެކަމަކު ނަރީޝް އާއި ރަޝީދުގެ ދިމާނުވާ ވާހަކަތައް ހެކި ބަހުގައި ހުއްޓެވެ. އެގޮތުން ނަރީޝް ވިދާޅުވާ ގޮތުގައި އޭނާ ދޫވައްސަށް ވަޑައިގެންނެވި އިރު އެގޭގައި ރަޝީދު އިނެވެ. ރަޝީދުގެ ހެކިބަހުގައި ބުނި ގޮތުން ނަމަ އޭނާ އެގެއަށް ވަން އިރު ޔާމީން އާއި ނަރީޝް ހުންނެވި އެވެ.

ތައްޔާރުވެގެން އައި ކަންކަމުގެ ބޭރުން، ނުވަތަ ކުރިމަތިވެދާނެ ސުވާލެއް ކަމަށް ވިސްނާލެވިފައި ނުވާ ކަމެއްގެ ބޭރުން ސުވާލެއް ކުރުމުން، ހެކިވެރިޔާއަށް ސުވާލަށް ޖަވާބުދޭން ނޭނގުނުކަން ގަބޫލުކުރެވެ އެވެ.

އިސް ގާޒީ އަހުމަދު ޝަކީލް، ކްރިމިނަލް ކޯޓު

ނަރީޝް ވިދާޅުވީ އަތުން އެ ހުރިހާ ފައިސާއެއް ގުނި ކަމަށެވެ. އެކަމަކު ރަޝީދުގެ ހެކިބަހުގައި ބުނީ އޭނާ ގުނީ 50،000ރ ގެ އެއް ބޮނޑި ކަމަށެވެ. އެއީ 500ރ ހިމެނޭ ނަގުދު ފައިސާގެ ބޮނޑިތަކެވެ. އެ ހުރިހާ ބޮނޑިތަކެއް ހުރީ، ބަލައިބެލުމަށް އެއްވަރަށް ކަމަށް ރަޝީދު ބުނެފައިވެ އެވެ.

ޔޫސުފް ނައީމްގެ ގެ ހުންނަނީ ކޮން ތާކު ކަމެއް، ދިޔައީ ކިހިނެއް ކަމެއް، ވަނީ ކިތައް ވަނަ ބުރިއަށް ކަމެއް ބުނެއެއް ނުދެވެ އެވެ. އަދި ނައީމް އެ ހުރިހާ ފައިސާއެއް ގުނުއްވީ އެގޭގެ ކޮން ތަނެއްގައި ހުންނަވައިގެން/އިންނަވައިގެން ކަމެއް ވެސް، ހަނދާނަކު ނެތެވެ. 

އެހެންކަމުން ނަރީޝް އާއި ރަޝީދުގެ އެއްވެސް ވާހަކައެއް އިސް ގާޒީ ޝަކީލަކަށް ގަބޫލެއްނުކުރެއްވުނެވެ. 

ހެކި ބަސް ދިނީ ވަކި ގޮތަކަށް ތައްޔާރުވެގެން

"ޔޫސުފް ނައީމްއާ ފައިސާ ހަވާލުކުރުމަށް ދިޔަ ކާރުގެ ކުލަ އާއި އެ ކާރުގައި އިށީނދެގެން އިން ތަން ހަމައަށް ސާބިތުކަމާ އެކު ހަނދާން ހުރެގެން ހެކިބަސް ދެވުނު އިރު، އެއީ ދުވާލުގެ ވަގުތެއްގައި ހިނގި ކަމެއް ކަމެއް ނުވަތަ ރޭގަނޑު ވަގުތެއްގައި ހިނގި ކަމެއް ކަމެއް އެ ހެކިވެރިންނަށް ބުނެނުދެވުން، މި ހެކިންގެ ހެކިބަހަކީ ސައްހަ ހެކި ބަހެއް ކަމާ މެދު ސުވާލު އެފެދޭނެކަން އެނގެ އެވެ،" ހުކުމުގައި ލިއުއްވި އެވެ.

ނަރީޝް އާއި ރަޝީދުގެ ވާހަކަތަކަކީ ދޮގުކަން އިސް ގާޒީއަށް ގަބޫލުކުރެއްވޭ އެހެން ބައެއް ޕޮއިންޓްތައް ވެސް ހުކުމުގައި ހިމެނުއްވި އެވެ. އޭގެ ތެރޭގައި އާރަށުގެ މައްސަލަ ތަހުގީގުކުރި އިރު ޔާމީން ހަނުހުންނެވުން ހިމެނެ އެވެ. އެއީ، އިސް ގާޒީ ޝަކީލް ފާހަގަކުރެއްވި ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލާއިރު، ދިފާއުއަށް ލިބޭ މަސްއޫލިއްޔާއާ ވެސް ހިލާފުވުމެކެވެ.

ތަހުގީގުގެ "މަރުހަލާގައި ދައުވާ ލިބޭ ފަރާތާ އެއްކޮޅަށް ހެއްކެއް ހުރި ކަމަށް ހާމަނުކޮށް ހުރުމަށް ފަހު، އޭގެ ފަހުން ޝަރީއަތަށް ހުށައަޅާފައިވާ ހެކިންގެ ހެކި ބަހަށް ބަލާއިރު، ޝައްކު އުފެދޭ އަދި ސުވާލު އުފެދޭ މިންވަރަށް ވާހަކަ ބައްޓަންކޮށްފައިވާ ކަމަށް، މި ހެކިން [ނަރީޝް އާއި ރަޝީދު] ދެއްކި ވާހަކަތަކުން ޝަރީއަތަށް ގަބޫލުކުރެވެ އެވެ،" ހުކުމުގައި އިސް ގާޒީ ޝަކީލް ލިއުއްވި އެވެ.

ޔަމީންގެ ސަޕޯޓަރުން އިއްޔެ ކްރިމިނަލް ކޯޓު ކައިރީގައި: ޔާމީންގެ ދިފާއުގައި ނެގި ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތް، ކޯޓަށް ގަބޫލެއް ނުކުރެވުނު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދެން އިސް ގާޒީގެ ހުކުމުގައި ހިމެނުއްވީ އާންމުކޮށް އެންމެންނަށް ވެސް ގަބޫލުކުރެވޭނެ ވާހަކައެކެވެ. އެއީ އެ 1 މިލިއަން ޑޮލަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ނަމަ ތަހުގީގު މަރުހަލާގައި ޔާމީނާއި ނައީމް ވެސް އެހެން ވިދާޅުވެފައި ނުވުމެވެ. އިސް ގާޒީ ގަބޫލުކުރައްވާ ގޮތުގައި އެއީ "ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ނަމަ، އެ ހެކިތައް އެ ފަރާތުން ހާމަނުކޮށް ނުހުންނާނެ" އެވެ.

"އެހެނީ މައުސޫމް މުއާމަލާތަކާ ގުޅިގެން ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތެއް ކުރުމުން، ސަބަބުވެރި އިންސާނާ އަވަސްވެގަންނާނީ، އެ ތުހުމަތުން ބަރީއަވެވޭނެ ހެކި އަތުގައި ހުރީތީ، އެ ހެކިތައް ވަގުތުން ހާމަކުރުމަށެވެ،" ހުކުމުގައި ބުންޏެވެ.

"ޖިނާއީ ބޮޑު ތުހުމަތަކުން ދިފާއުވާނޭ ސާބިތު ހެކި އަތުގައި ހުރެ، އެ ހެކި ހާމަނުކޮށް ހަނުހުންނާނެ ސަބަބުވެރި އެއްވެސް އިންސާނެއް ހުރެދާނެ ކަމަށް ބުއްދި ގަބޫލެއްނުކުރެ އެވެ. މި ހެކިތައް ތަހުގީގު މަރުހަލާގައި ހާމަނުކޮށް، ޝަރީއަތުގައި ހެކި ހާމަކޮށްފައިވުމުގެ އިތުރަށް، ހެކިން ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު، ހެކިންގެ ސައްހަކަމާ މެދު ސުވާލު އުފެދެ އެވެ."

އެހާ ހިސާބަކުން ވެސް އިސް ގާޒީ، އެ މައްސަލަ ނިންމައެއް ނުލައްވަ އެވެ. ޝަރީއަތުގައި ނަރީޝްއަށް ވިދާޅުވާން އެނގިވަޑައިނުގެންނެވި މުހިންމު ބައެއް ކަންކަން (މިސާލަކަށް ނައީމްގެ ގެއަށް ވަޑައިގަތީ ދުވާލުކަން ނުވަތަ ރޭގަނޑުކަން) ހުރުމުން އިސް ގާޒީ ނިންމެވީ "ހެކިވެރިޔާ ހެކިބަސް ދީފައި ވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން" ކަމަށެވެ.

"ތައްޔާރުވެގެން އައި ކަންކަމުގެ ބޭރުން، ނުވަތަ ކުރިމަތިވެދާނެ ސުވާލެއް ކަމަށް ވިސްނާލެވިފައި ނުވާ ކަމެއްގެ ބޭރުން ސުވާލެއް ކުރުމުން، ހެކިވެރިޔާއަށް ސުވާލަށް ޖަވާބުދޭން ނޭނގުނުކަން ގަބޫލުކުރެވެ އެވެ،" އިސް ގާޒީ ޝަކީލްގެ ހުކުމުގައި ފާހަގަކުރެއްވި އެވެ. އެގޮތަށް ވިދާޅުވެފައި އެވަނީ ޔާމީންގެ ދިފާއުގައި ނަރީޝް ދެއްކެވި ވާހަކަތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވުމުންނެވެ.

މާނައަކީ މާތްﷲ ގަންދީ ހުވާކުރުމަށް ފަހު ނަރީޝް އާއި ރަޝީދު، ޝަރުއީ ކޯޓެއްގައި ދޮގުހެކިބަސް ދިން ކަމެވެ. ހަމަ ޔަގީނުން ވެސް ކްރިމިނަލް ކޯޓުގެ ހުކުމުން ކަނޑައަޅާފައި އެ ވަނީ އެގޮތަށެވެ. މަތީ ކޯޓަކުން އެ ވާހަކަތައް ގަބޫލުނުކުރާހާ ހިނދަކު އެކަން އޮންނާނީ ވެސް ދެން އެހެންނެވެ.

ކޮމެންޓް (2)

ސްމޭޝް ފުވައްމުލައް

27 ޑިސެމްބަރު 2022
ޝުކުރިއްޔާ! ވަރަށް ފަސޭހައިން ގެޓްވެއްޖެ!
2 0

ޢަލީބެ

27 ޑިސެމްބަރު 2022
ދޮގުހެކިދީ ހުކުމަށް ބަދަލުގެންނަށް އުޅުނު މީހުނަށްވެސް އަދަބު ލިބިގެން އިންސާފު ގާއިމްވާނީ
13 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް