ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމް ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަނީ: އާރަށުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ވަނީ ކުށްވެރިވެފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އާރަށުގެ 'އާދަޔާ ހިލާފު' މުއާމަލާތް: ވެރިންގެ ބޮޑު ރޭވުންގަނޑެއް

ޔާމީނަށް ދިން 1 މިލިއަން ޑޮލަރު އެޗްއެސްބީސީގެ އެކައުންޓަށް ޖަމާކުރަން އެދިވަޑައިގަތީ އެއީ ސިޔާސީ ކެމްޕެއިންގެ ފައިސާ ކަމަށް ވިދާޅުވެ. ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެކޭ އަންގަވާފައެއް ނެތް
27 ޑިސެމްބަރު 2022
9

މުހިންމު ނުކުތާތައް

އާރަށާ ގުޅޭ 10 ކަމެއް އެންމެ ދުވަހަކުން، 9 ސެޕްޓެމްބަރު 2015 ގައި، ހިންގާފައިވޭ

އާރަށް ރިސޯޓަކަށް ހަދަން ޓޫރިޒަމް މިނިސްޓްރީއަށް ދޭން ނިންމީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން

ކެމްޕޭންގެ ފައިސާ ކަމަށް ޔާމީން ވިދާޅުވި އިރު ޔާމީންގެ އެކައުންޓުން ޕީޕީއެމްއަށް އެއްވެސް ފައިސާއެއް ދީފައެއް ނުވޭ

ރިސޯޓަކަށް ހަދަން ވ. އާރަށް ކުއްޔަށް ދިނުމުގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ހިއްޕަވައި އެ ފައިސާ މަނީ ލޯންޑަރިންއަށް ބޭނުންކުރެއްވިކަމުގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، ކްރިމިނަލް ކޯޓުގައި ސާބިތުކުރީ ގާނޫނާއި އުސޫލުތަކާ ހިލާފަށް ކަމަށް، އެމަނިކުފާނުގެ ވަކީލުން ވިދާޅުވިޔަސް، ދައުލަތުން ހުށައެޅި ހެކިތަކަށް ބަލާއިރު، ހައިރާންވާވަރުގެ ކަންކަން ފެނެ އެވެ. އޭގެ އިތުރުން 1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެޗްއެސްބީސީގެ އެކައުންޓަށް ޖަމާކުރަން، އެ ބޭންކަށް ފޮނުއްވި ސިޓީފުޅާއި ކޯޓުގައި ދިފާއުއަށް ފަހުން ކުރި ކަންކަން އެއްގޮތަކަށް ވެސް ދިމައެއް ނުވެ އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުޅި މުއާމަލާތުން ވެސް ފެންނަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އަދި ފަހަތުގައި ވަރަށް ބޮޑު ގޯސް ރޭވުމެއް އޮވެގެން ކަންކަން ކުރި ގޮތެވެ. ޔާމީންގެ ދިފާއުގައި ކުރީގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދު ވެސް ކޯޓުގައި ހެއްދެވީ އިތުރުފުޅެއް ކަމާއި، ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަކީ ވެސް، އެ ކައުންސިލްގެ ބައްދަލުވުންތަކުގައި ދައުލަތަށް ހިޔާނާތްތެރިވުމުގެ ކިތައްމެ ކަމެއް ހިންގާފައިވާ، މިނިސްޓަރުންގެ 'ކުޑަ ގްރޫޕެއް' ކަން ސާބިތުވެ އެވެ.

އެންމެ މަތިން ފެށިގެން ވަޒީރުންނާ ހަމައަށް، ނުވަތަ އެންމެ މަތިން ފެށިގެން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ ހަމައަށް ވެސް، އެމްއެމްޕީއާރުސީން ރަށްރަށް ދޫކުރުމުގައި އޮތީ ކޮރަޕްޝަނެވެ. މިއީ މިހާރު ދިވެހި ރައްޔިތުން އަޑުއަހަން ފޫހި މައުލޫއެއް ނަމަވެސް، އާރަށުގެ ދައުވާ ސާބިތުކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ހުށައެޅި ހެކިތަކުން އެނގެނީ، ދިވެހި ސަރުކާރު، ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާ ކަމެވެ.

9 ސެޕްޓެމްބަރު 2015: އާދަޔާ ހިލާފު ދުވަހެއް

މިއީ ޔާމީނާއި އޭރުގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓްރީ ހިންގަވަން ހުންނެވި އަހުމަދު އަދީބާއި ޒިޔަތު އަދި، އާރަށް ކުއްޔަށް ހިފަން ނުކުންނެވި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މެދުގައި އޮތް 'ހިޔާނާތުގެ ރޭވުންތައް' ދައްކައިދޭ 'ލާމަސީލު ދުވަހެކެ'ވެ.

އާރަށާ ގުޅޭ ބޮޑު 10 ކަމެއް އެދުވަހު ހިންގާފައިވާކަން، ސަރުކާރުގެ ލިއުންތަކުން ސާބިތުވެ އެވެ. އެއީ؛

  • 1-

    ރިސޯޓަކަށް ހަދަން އާރަށް ޓޫރިޒަމް މިނިސްޓްރީން، އެމްއެމްޕީއާރުސީއަށް ދިނުން

  • 2-

    ނައީމްގެ ޓޫ.ޖީ ކުންފުންޏަށް އާރަށުގެ ލީސް ހޯލްޑް ރައިޓްސް ދިނުމުގެ ހުއްދައަށް، އެމްއެމްޕީއާރުސީގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި އެދުން

  • 3-

    އެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއަށް ދިނުން

  • 4-

    ލީސް ހޯލްޑް ރައިޓްސް 2 މިލިއަން ޑޮލަރަށް ޓޫ.ޖީއަށް ދޭން އެމްއެމްޕީއާރުސީ އާއި ޓޫ.ޖީއާ ދެމެދު 'ސޭލްސް އެންޑް ޕާޗޭސް އެގްރިމެންޓް' ހަދައި، އޭގައި ނައީމް އާއި ޒިޔަތު ސޮއިކުރެއްވުން 

  • 5-

    އާރަށުގެ ލީސް ހޯލްޑް ރައިޓްސް، ޓޫ.ޖީއަށް ދިންކަމަށް ޓޫރިޒަމް މިނިސްޓްރީން ނިންމުން

  • 6-

    ޓޫ.ޖީގެ ފަރާތުން އެމްއެމްޕީއާރުސީއަށް 1 މިލިއަން ޑޮލަރުގެ ޗެކެއް، އެލް.އޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ދިނުން 

  • 7-

    އަނެއް 1 މިލިއަން ޑޮލަރު، އެއް އަހަރު ފަހުން ދައްކަން އެއްބަސްވުން

  • 8-

    ހަމަ އެދުވަހު، އެލް.އޭ އިން ޔޫސުފް ނައީމަށް ވެސް 1 މިލިއަން ޑޮލަރުގެ ޗެކެއް ދިނުން. އެ ޗެކް ބީއެމްއެލްގައި އޮތް ނައީމްގެ އެކައުންޓަކަށް 10 ސެޕްޓެމްބަރު 2015ގައި ޖަމާކުރަން، ބޭންކަށް ހުށައެޅުން

  • 9-

    ޓޫ.ޖީ ކުންފުނީގައި އޮތް ނައީމްގެ %99 ހިއްސާގެ ތެރެއިން %90 ހިއްސާ، އެލް.އޭއަށް ބަދަލުކުރުން

  • 10-

    ޓޫ.ޖީގައި އެހެން މީހަކަށް އޮތް، (ބެލެވެނީ ނައީމްގެ އަނބިކަނބަލެއް)%1 ހިއްސާ ނައީމްގެ ނަމަށް ބަދަލުކޮށް، ޓޫ.ޖީގެ %10ގެ ހިއްސާދާރަކަށް ނައީމް ވުން

ދެން އަންނަނީ ނައީމަށް ލިބިވަޑައިގަންނަވާ 1 މިލިއަން ޑޮލަރަށް ހައްދަވާ ގޮތެވެ. އެ ޗެކް ބީއެމްއެލްގެ އެކައުންޓަށް ޖަމާވަނީ 14 ސެޕްޓެމްބަރު 2015ގަ އެވެ. އޭގެ އަނެއް ދުވަހު 15 ސެޕްޓެމްބަރު 2015ގައި، ނައީމްގެ އެ އެކައުންޓުން ޔާމީނަށް 1 މިލިއަން ޑޮލަރުގެ ޗެކެއް ދެއްވަ އެވެ. އެ ޗެކް ޖަމާކުރަން ޔާމީން ފޮނުވަނީ އެޗްއެސްބީސީގައި އޮތް އެމަނިކުފާނުގެ އެކައުންޓަކަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު (ވ) އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު: އެމްއެމްޕީއާރުސީގެ މުއާމަލާތްތަކުގައި އޮތީ ބޮޑެތި އޮޅުވާލުންތައް

ނަމަވެސް އޭރު އެ އެކައުންޓްގެ ހަރަކާތްތައް ނެތި އޮތީ ބަންދުކޮށްފަ އެވެ. އެހެންކަމުން ޗެކް ޖަމާކުރަން މައްސަލަތަކެއް ދިމާވި ކަމަށް ބެލެވެ އެވެ. އެކަން އެނގެނީ، 17 ސެޕްޓެމްބަރު 2015ގައި، އެޗުއެސްބީސީއަށް ޔާމީން ފޮނުއްވި ސިޓީފުޅަކުންނެވެ. އޭގައި އެމަނިކުފާނު ލިއުއްވާފައި އޮތީ، ޝަރީއަތަށް ހުށައެޅި ލިއުންތަކުން އެނގޭ ގޮތުގައި، ވީހާވެސް އަވަހަކަށް އެކައުންޓް ރީ-އެކްޓިވޭޓްކޮށްދިނުމަށާއި އެއީ 'ސިޔާސީ ކެމްޕެއިންއަށް އެހީތެރިވާން' ލިބިވަޑައިގެންނެވި ފައިސާ ކަމަށެވެ.

އެ ސިޓީފުޅަށް ބަލާއިރު، އެއީ ޝަރީއަތުގައި ފަހުން ޔާމީންގެ ދިފާއުގައި ނެންގެވި 'ޑޮލަރު ގަނެވިއްކުމު'ގެ މުއާމާލެއް ނޫންކަން އެނގެ އެވެ.

28 ސެޕްޓެމްބަރު 2015ގައި 'ފިނިފެންމާ' ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ: މިއީ އެމްއެމްޕީއާރުސީގެ ހިޔާނާތް ވެސް ފަޅާ އަރަން މެދުވެރިވި ހާދިސާ (ފޮޓޯ/ހަވީރު)

'ފިނިފެންމާ' ލޯންޗުކޮޅުގައި 28 ސެޕްޓެމްބަރު 2015 ގައި އެއްޗެއް ގޮއްވާލައި، އޭގެ ތުހުމަތުގައި އަދީބު ހައްޔަރުކުރުމުން ފަޅާއެޅި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބީއެމްއެލް އިން، އެމްއެމްޕީއާރުސީއާ ގުޅޭ މުއާމަލާތްތަކުގެ ފަހަތުން ދުއްވައިގަތެވެ. އެގޮތުން ނައީމްގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ މަސްދަރާއި އެ ފައިސާ އޭނާއަށް ލިބެންވީ ގޮތުގެ ސަބަބު ހޯދަން، ބީއެމްއެލްއިން ނައީމަށް، 19 އޮކްޓޯބަރު 2015ގައި، ސިޓީއަކުން އެދެ އެވެ. ނަމަވެސް ނައީމްގެ ޖަވާބަކަށް ވީ "އެއީ ވިޔަފާރީގެ މުއާމަލާތެއް ކަމާއި ލިއުމުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ނުދެކެން" ކަމަށެވެ. އެގޮތަށް ބީއެމްއެލް އިން ބުނެފައިވަނީ، އާރަށުގެ ތަހުގީގަށް ބީއެމްއެލްއިން 9 އޮގަސްޓް 2020ގައި ފޮނުވި ސިޓީއަކުންނެވެ.

ޔާމީންގެ އެކައުންޓް ރީ-އެކްޓިވޭޓްކުރަން އެޗްއެސްބީސީއަށް ފޮނުއްވި ސިޓީފުޅުގައި އެއީ ސިޔާސީ ކެމްޕެއިންއަށް ލިބިވަޑައިގެންނެވި ފައިސާކަމަށް ވިދާޅުވެފައި އޮތް އިރު، ބީއެމްއެލްއަށް ނައީމް މި އަންގަވަނީ، ޔާމީނަށް 1 މިލިއަން ޑޮލަރު ދެއްވީ ވިޔަފާރީގެ މުއާމަލާތެއްގައި ކަމެވެ. އެންމެ ފަހަރަކު ވެސް އެއީ ޑޮލަރު ގަނެވިއްކުން ކަމަށް، ދެ ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެ އެވެ. އާރަށުގެ ތަހުގީގުގައި ވެސް އެ ވާހަކަ ނުނަންގަވަ އެވެ.

ދެން އަންނަނީ މަނީ ލޯންޑަރިން

އެޗުއެސްބީސީއަށް 1 މިލިއަން ޑޮލަރު ޖަމާކުރެއްވުމަށް ފަހު، އެ އެކައުންޓުން ދެން މުއާމަލާތްތަކެއް ޔާމީން ފައްޓަވަނީ އޭގެ ފަސް މަސް ފަހުންނެވެ. ނައީމް ދެއްވި 1 މިލިއަން ޑޮލަރުން މަނީ ލޯންޑަރިންގެ ހަރަކާތްތައް ފައްޓަވަނީ، ދައުލަތުގެ ހެކިތަކުން އެނގޭ ގޮތުގައި، 22 ފެބްރުއަރީ 2016ގަ އެވެ. އެ ދުވަހު އެޗްއެސްބީސީގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ބީއެމްއެލްގެ އެކައުންޓަކަށް ޖަމާކުރެ އެވެ. 

އޭގެ ފަހުން ފާހަގަކުރެވޭ އެހެން ކަންކަން؛

  • 22 ފެބްރުއަރީ 2017: ބީއެމްއެލްގެ އެކައުންޓުން 1.2 މިލިއަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓަކަށް ޖަމާކުރޭ

  • 17 މާޗު 2017: އެމްއައިބީގެ އެ އެކައުންޓުން އެ ބޭންކްގައި އޮތް ޔާމީންގެ ސޭވިން އިންވެސްޓްމަންޓް އެކައުންޓަށް 3.4 މިލިއަން ޑޮލަރު ޖަމާކުރޭ

ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވި ނިންމެވުމުގައި ފާހަގަކުރެއްވި އެއް ކަމަކީ، އެޗްއެސްބީސީއަށް، ސިޔާސީ ކެމްޕެއިންގެ ނަމުގައި، ޖަމާކުރެއްވި ފައިސާއަކީ ގާނޫނުއަސާސީގެ 119 މާއްދާއާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެ 1 މިލިއަން ޑޮލަރަކީ ވިޔަފާރީގެ މުއާމަލާތެއް ކަމަށް، ބީއެމްއެލްއަށް ނައީމް އެންގެވި އެންގެވުމަށް ބިނާކުރައްވާ އިސް ގާޒީ ގަބޫލުކުރެއްވީ، ވިޔަފާރީގެ މުއާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަކީ، ގާނޫނުއަސާސީން މަނާ ކަމަކަށް ވާތީ، ޔާމީންގެ އަމަލް ގާނޫނާ ހިލާފު ކަމަށެވެ.

ޔާމީންގެ ކެމްޕެއިންއަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށް ވާ ނަމަ، އެ ފައިސާ ޕީޕީއެމަށް ލިބެން ޖެހޭނެ އެވެ. އެކަމަކު ޕީޕީއެމްގެ 2016، 2017 އަދި 2018ގެ އޮޑިޓް އެއްވެސް ރިޕޯޓަކުން ޔާމީންގެ އެކައުންޓަކުން ޕީޕީއެމަށް އެއްވެސް ފައިސާއެއް ލިބިފައި ނެތްކަން، ކޯޓަށް ސާބިތުވެ އެވެ.

ޔާމީނަށް ހުކުމް އިއްވުމުން ޕީޕީއެމްގެ ސަޕޯޓަރުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޔާމީންގެ މައްޗަށް މާނީ ލޯންޑަރިންގެ ދައުވާ، ކްރިމިނަލް ކޯޓުގައި ސާބިތުކުރީ، އެމަނިކުފާނުގެ އެކައުންޓްތަކުގެ މުއާމަލާތްތަކަށް ބިނާކޮށެވެ. އަދި ޔާމީންގެ ދިފާއުން ފަހުން ނެގި ޑޮލަރު ގަނެވިއްކުންކަން ސާބިތުކުރަން ހުށައެޅި، މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި، އަބްދުﷲ ރަޝީދުގެ ވާހަކަތައް، އިސް ގާޒީ ޝަކީލް ގަބޫލެއްނުކުރައްވަ އެވެ. ހުކުމުގައި އޭނާ ވިދާޅުވި އެއީ 'ނުހިނގާ ކަމެއް ހިނގި ކަމަށް ދައްކަން' ހުށައެޅި ހެކިތަކެއް ކަމަށެވެ. 

އާރަށުގެ މައްސަލައިން ހަގީގަތުގައި ފެންނަނީ އޭރު އެމްއެމްޕީއާރުސީން ރިސޯޓްތައް ހަދަން ރަށްރަށް ދެމުން ގެންދިޔައީ 'ހިތުހުރި ގޮތަކަށް' ކަމެވެ. ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށް އިކިއުޒިޝަން ކޮސްޓް ވެސް ދަށްކުރަމުން ގެންދިޔަ ކަމެވެ. އާރަށަށް އެމްއެމްޕީއާރުސީން ފުރަތަމަ ބޭނުންވީ 5 މިލިއަން ޑޮލަރެވެ. އެކަމަކު އެ އަދަދު 3 މިލިއަން ޑޮލަރަށް އަދި ފަހުން 2 މިލިއަން ޑޮލަރަށް ކުޑަކުރީ، ޔާމީންގެ އެންގެވުމަށް ކަމަށް، ކޯޓުގައި އަދީބު ވިދާޅުވެފައިވެ އެވެ.

ފެންނަ މަންޒަރަކީ މި އެވެ: އެ 2 މިލިއަން ޑޮލަރުގެ ތެރެއިން 1 މިލިއަން ޑޮލަރު ދިޔައީ ޔާމީންގެ އެކައުންޓަށެވެ. އެމްއެމްޕީއާރުސީއަށް މަދުވާ 1 މިލިއަން ޑޮލަރު ދައްކަން ޓޫ.ޖީ ކުންފުންޏަށް އެއް އަހަރުގެ މުއްދަތެއް ދިނެވެ.

އެމްއެމްޕީއާރުސީއަށް އެ ދުވަހު ދިން 1 މިލިއަން ޑޮލަރުގެ ޗެކް ދިޔައީ ކޮން ތަނަކަށް ކަން ލަފާކުރާށެވެ. އާއެނކެވެ. ތިޔަ ލަފާކުރުން ރަނގަޅެވެ: އެސްއޯއެފްއިން ބީއެމްއެލްގައި ހުޅުވާފައި އޮތް އެކައުންޓަށެވެ. އެ ފައިސާ އެ އެކައުންޓަށް ޖަމާވީ 10 ސެޕްޓެމްބަރު 2015 ގަ އެވެ.

ދިވެހި ރައްޔިތުންގެ ތިޖޫރިއަށް ވަންނަން ޖެހޭ ފައިސާއަށް އޭރު ހެދި ގޮތްތަކުން، ދިވެހި ރައްޔިތުން ހަގީގަތުގައި ކަރުނަ އަޅަން ޖެހެ އެވެ. އެކަމަކު ދިވެހިންގެ ވަރަށް ގިނަ ބަޔަކު އެދަނީ އެ ހުރިހާ ކަމެއް ވެސް ދިފާއުކުރަމުންނެވެ. މާތް ﷲ ގަންދީ ހުވާކޮށް، ކޯޓުގައި ދޮގު ހެކިބަސް ދޭން ވެސް ތިބީ ތައްޔާރަށެވެ.

ކޮމެންޓް (9)

އުސްމާން

27 ޑިސެމްބަރު 2022
ތިއަހާތަފުސީޅްކޮން ވެންޓިލޭޓަރު ވާހަކަކިޔައިދީބަލަ؛؛ނޭވާހޮޅިން ކިތައްމިލިއަންކަން އެގޭހެއްޔެވެ؟
6 1

އިބުރާހިމް މސ

27 ޑިސެމްބަރު 2022
މިސަރުކާރުން ކުރާ ވައްކަންވެސް މިހާ ސާފުކޮށް ތިލަކޮށްދިނުން ވަރަށް މުހިންމު
9 0

ފެންތަށި

27 ޑިސެމްބަރު 2022
ހުސް ޑްރެކިއުލާ.
9 0

ޖުހާޖުހާ

27 ޑިސެމްބަރު 2022
މާ ގިނަ ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތް. ޔާމީން ގޯސްކޮށް ކަންތައް ކުރި ކަމަށް އަހަރެން ގަބޫލުކުރަން. ކުށްވެރިވެސް ވާން ޖެހޭ. އެކަމަކު މި ބުނަނީ ޔަގީން ކަމާއެކު ދައުލަތަކަށް އާރަށުގެ މައްސަލަ ސާބިތުކޮށެއް ނުދެވޭ، ހުކުން ރަނގަޅެއް ނޫން. ކުރުކޮށް މި ބުނީ. ސަބަބުތައް ވަރަށް ގިނަ. ޖިނާއީ މައްސަލަތައް ސާބިތުވާ ގޮތް ފުރަތަމަ ބަލަން ޖެހެނީ. ބެލީމާ ވަރަށް ސާފުކޮށް އެނގޭނެ ދައުލަތަށް އެކަން ނުކުރެވޭކަން. ގާނޫނަކީ ބުއްދިއެއް ނޫން. ބުއްދިއަށް ފެންނަ ގޮތެއްވެސް ނޫން. އެހެންވީމާ މިހެންވީ އޭ ކިޔާފައި ނޫސްވެރިން ލިޔާ ބުއްދި ގަބޫލު ކުރެވޭ ކަހަލަ ވާހަކައެއްވެސް ނޫން. ގާނޫނު ދަންނަނީ ހެއްކާއި ގަރީނާގެ އަލީގައި ސާބިތުކުރުން. އެކަން ނުވާކަން ޔަގީން.
6 11

ފާތުމަ

27 ޑިސެމްބަރު 2022
ޔާނު ދޮންބެއަށް ހީނުވޭ ކެހަރު ވަކެކޭ ވެސް. އެ ސޮރު އޮތީ ވަރަށް ހިތްހަމަޖެހިލައިން ކުޑަ ގޮޅިއަށް ވަދެ
8 0

ކުޑަ ކަލޯ

27 ޑިސެމްބަރު 2022
ދުވަސް ކޮޅަކުން އަޑީ ބަތާނާއެއްކޮށް އެނގޭނެ. އަދި ތިޔަ ހާމަ ވީ ކުޑަ މިންވަރެއް
10 2

އަބްދުﷲ

27 ޑިސެމްބަރު 2022
ހިތާމައިގެ ކޮޅެއް ނެތް. މިވަރުންވެސް މިކަން ދިފާއުކުރާ ބަޔަކު އުޅޭތީ. މީހަކަށް ތާއީދު ކުރަނީ ތިމާ ގަބޫލުކުރާ ރަނގަޅު ސިފަތަކެއް އޭނާގައި ހުރީތީ. އެމީހަކު ކުރާ ހުރިހާ ކަމަކަށް ރުހި ކުރާ ގޯސްކަންތައްތައް ދިފާއު ކުރަން އުޅުމަކީ ގިނަ މީހުންނަށް ކުރެވޭ ވަރަށް ދެރަ ކަމެއް. ކުރަންވީ ކަމަކީ ހެޔޮ ކަންކަމަށް ވާގިވެރިވެ ނުބައި ކަންކަން އިސްލާހުވޭތޯ އުޅުން. އެކަން ނުވާނަމަ ކުޑަމިނުން އެފަދަ މީހުންނަށް ވާގިވެރިނުވެ ދުރުވެގަތުން.
16 0

ޙަހަހަ

27 ޑިސެމްބަރު 2022
ކަލޭމެން އާޓިކަލް ލިޔަން ވީނު އެމްއެމްޕީއާރްސީ ލާރި ކައިގެން ގޭގަ ތިބި މީހުނާ ބެހޭ؟
9 8

ދިވެހި އިލްމީ ހަސަން

27 ޑިސެމްބަރު 2022
މައުމޫނާ ޔާމީނުގެ ވެރިކަމުން ކާމިނީ އާއިލާއަށް މާތްކަމާ ގަދަރު ލިބިއްޖެ. ދިވެހި ދައުލަތުން ވައްކަންކުރުމުގެ ގައުމީ ރެކޯޑް ކާމިނީ އާއިލާއަށް ހޯއްދަވައިދެއްވީ މި ދެ ލީޑަރުން. މި މާތް ލަގަބާއެކު ތާރީހުން ބުނެދެނީ ކާމިނީ އާއިލާގެ އިތުރު އެތައްބަޔަކު މިގަމުމުގައި ވެރިކަންކުރާނެކަން. މިއީ ވަގުންނާ ފަސާދަވެރިންގެ ގައުމު "ދިވެހިރާއްޖެ"
13 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް